ރީތި އަންހެނެއްގެ ސިފަތަކަކީ ކޮބައިބާ؟

(ހ) ރީތިކަމުގެ މިންގަނޑަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. ޒަމާނާއި ތަނާއި ދުވަސްވަރު ބަދަލުވުމާ ގުޅިގެންނެވެ. ޚާއްޞަކޮށް އަންހެނެއްގެ ރީތިކަމާ މެދުގައެވެ. ޔޫނާނީ ފަލްސަފާ ވެރިއަކު ވިދާޅުވާ ގޮތުގައި

ތިން ސިފައެއް ޖަމާވެގެން ނޫނީ ރީތި އަންހެނެއްކަމުގައި ނުބެލެވޭނެއެވެ. އެތިން ސިފައަކީ:

(1) ފުރަތަމަ ސިފައަކީ، މީހާ ދޮންވުމެވެ. އަތްތިލަ އޮމާންވެފައި ރީތިވުމެވެ. އަދި ދަތްޕިލާ ހުދުވުމެވެ. ދެލޮލުގެ ކަޅި ކަޅުވުމެވެ. ބުމަ ހިމަވެފައި ކަޅުވުމެވެ. ދެތުންފަތާއި ކޯތާފަތާއި ނިޔަފަތީގައި ރަތްކުލަ ހުރުމެވެ.

(2) ދެވަނަ ސިފައަކީ، މޭކަށިގަނޑުގެ ދެމެދު ފުޅާ ނުވުމެވެ. ނިތާއި ދެލޮލާއި ދެމެދު މާތަނަވަސް ނުވުމެވެ.

(3) ތިންވަނަ ސިފައަކީ، ދިގު ހަށިގަނޑެއްގެ ވެރިއަކަށް ވުމެވެ. އަދި ބޮލުގެ އިސްގަނޑު ދިގުވެ، ބޮޑުވުމެވެ. ތިމާގެ ދިގުމިނާ އެއްވަރަކަށް ދެއަތުގެ ދިގުމިންވަރު ހަމަހަމަވުމެވެ……..

(ށ) ޔޫނާނީ ފަލްސަފާވެރިންގެ ނަޒަރުގައި ރީތި އަންހެނެއްގެ ސިފައަކީ މިއީ ކަމުގައި ވިއަސް މިއަދު އަންހެނުންގެ ރީތިކަން ބައްޓަންކުރަމުންދާ މީހުން، އަންހެނާގެ ރީތިކަން ސިފަކުރަނީ މިފަދައިންނެވެ.

(1) އެއްވެސް އަންހެނަކީ ހުތުރު މީހެއްނޫނެވެ. އެހެން ޢިބާރަތަކުން ބުނާނަމަ އެއްވެސް އަންހެނަކީ ވަކި ރީތިކަމެއް ޚާއްޞަވެގެންވާ މީހެއްނޫނެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް ރީތިކަން ހުންނާނެއެވެ. އަދި ޢައިބުވެސް ހުރެދާނެއެވެ. ތިމާއަށް ޤުދުރަތުން ދެއްވާފައިވާ ރީތިކަމުގެ މައްޗަށް ޒީނަތްތެރިކަން އިތުރުކުރުމުން ޢައިބުތައް ފޮރުވި، ރީތިކަން އަތުވެދާނެއެވެ. މީގެ ސަބަބެއްކަމުގައި އެމީހުން ދެކެނީ ކޮންމެ އަންހެނަކީވެސް ކިތަންމެ ކުޑަނަމަވެސް އެމީހަކު ރީތިވުމުގައި ވަކި ކަންތައްތަކެއް މިލްކުވެފައިވާ މީހެކެވެ. އެކަންކަން އެމީހެއްގެ ކިބައިގައި ހުރިހާ ހިނދަކު އެމީހާއަކީ ރީތި މީހެކެވެ. މީގެ މިސާލަކީ، ހަންގަނޑު ރީތި އޮމާން އަންހެނެއްގެ ތުންފަތް ބޯވެފައި ލޯބޮޑުވެފައި ލޯ ވަޅުވަދެފައިހުންނަ ހުރުމެވެ. ހަމައެހެންމެ އަންހެނެއްގެ އޮމާން، ރީތި ހަންގަޑެއް ހުރެފައި، ހިނިތުން މޫނެއްގެ ވެރިއަކަށްވެފައި، ދެތުންފަތް ތުނިވެފައި އަނެއްކޮޅުން ނޭފަތް ނުލާހިކު ބޮޑުކޮށް ހުންނަތަންވެސް އާދެއެވެ. އެހެންކަމުން މިއިން ކޮންމެ މީހަކީ، ވަކި މީހަކެވެ. މިއިން އެކަކީވެސް އެއްބައި ސިފަ ރީތިވެފައި އަނެއްބައި ސިފަ ހުތުރޭ ބުނެވޭ ކަހަލަ މީހެކެވެ. ކޮންމެ މީހަކީވެސް ޢާއްމުކޮށް ރީތި މީހެކޭ ބުނެވުނަސް މިކަހަލަ ޢައިބު ކިޔާލެވޭ ބައެއް ސިފަ އެއިން ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނާނެއެވެ. ހަމަ އެއާއެކު ލޮލުގައި އަޅައިނުގެނެވޭ ކަހަލަ މީހުންގެ ކިބައިގައިވެސް ވަރަށްބޮޑަށް އިމްތިޔާޒުވެ ޚާއްޞަކުރެވޭ ކަހަލަ ރީތި ކަންތައްތަކެއް ހުރެދެއެވެ. އެހެނީ ރީތިކަން ތަޞައްވުރަށް ގެނައުމުގައި ޢާއްމުކޮށް ބެލެވެނީ މުޅި ހަށިގަނޑަށް އެއްފަހަރާއެއް ނޫނެވެ. އެކިއެކި ގުނަންތަކަށް ވަކިވަކިންނެވެ. މިއިން ކޮންމެ ގުނަނަކީ ނިސްބީގޮތުން އެކިމީހުންނަށް އެކިއެކި ގުނަނުން އިމްތިޔާޒުކަން ލިބޭ ބައެކެވެ. އެގޮތުން އެއްބައި ގުނަނުން އިމްތިޔާޒުކަން ލިބިފައި އަނެއްބައި ގުނަނުން އެފުރިހަމަކަން ނުލިބި ހިނގައިދާނެއެވެ.

(2) ކަންމިހެން ހުރުމާއެކު ވަރަށްގިނަ ފަހަރަށް އަންހެނާއަށް ތިމާގެ ކިބައިގައި ރީތިކަން ހުރީ ކޮންތަނެއްގައިކަމާއި އެގުނަން ރީތިކުރަންޖެހެނީ ކިހިނެއްކަމާއި ރީތި ނޫންކަމުގައި ބެލިދާނެ ތަންތަން ރީތިކޮށްލުމުގައި ބޭނުންކުރެވޭނީ ކޮންކަހަލަ ހުނަރުވެރިކަމެއްކަމާއި ބޭނުންކުރުން ރަނގަޅީ ކޮން ވައްތަރެއްގެ ކުލައަކާއި ފުށެއްކަން ދެނެގަތުމަށްޓަކައި ކަމާބެހޭ މާހިރުންނާއި ތަޖުރިބާކާރުންގެ ކިބައިން މަޢުލޫމާތު ލިބިގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެފަދަ ފޮތްތައް ކިޔާލައި، ޕްރޮގްރާމުތަކުން ފައިދާ ލިބިގަނެ، ތިމާގެ މަޢުލޫމާތު މުއްސަނދި ކޮށްލަންޖެހެއެވެ.

(3) ހަމައެއާއެކު ތިމާއަޅާ ހެދުމަކީވެސް ރީތިކަން އިތުރުކޮށް ޢައިބު ފޮރުވާލާ އެއްޗެކެވެ. މޫސުމާއި ތަނަކީ ހެދުން ބަދަލުކޮށްލަންޖެހޭ ވަސީލަތެކެވެ. ހަމައެއާއެކު ތިމާގެ ހަށިގަނޑުގެ ހަމަކީވެސް ވަކިކަހަލަ ހެދުމެއްނޫނީ ޤަބޫލުނުކުރާ އެއްޗެކެވެ. ތިމާގެ ޢާއިލީ އަފްރާދުންގެ ވިސްނުންވެސް ހެދުން އިޚްތިޔާރު ކުރުމުގައި މަގުދައްކައިދޭނެއެވެ. އެމީހުންގެ ވިސްނުމާއި ވައްޓަފާޅިއެވެ. ތިމާގެ މާޙައުލެވެ. ޒަމާނަށް އަންނަ ބަދަލަކާއި ފެށަނެކެވެ. ތަރައްޤީއާއި ތަހްޛީބު ވެސް ހެދުން ކުރަހައިދޭނެއެވެ. ޢުމުރާއި ހަށިގަނޑުގެ ބައްޓަމަކީވެސް ހެދުމުގެ ވައްޓަފާޅި ބަދަލުކޮށްލަން ބާރުއަޅައިދޭ ވަސީލަތެކެވެ.

(4) އެމެރިކާގެ މާހިރުން ދެކޭގޮތުގައި އިންސާނާގެ ތުންފަތުގެ މިނަކީ ފިރިހެނުން ކަމުގައި ވިއަސް އަދި އަންހެނުން ކަމުގައިވިއަސް، އޭނާގެ ރީތިކަމާއި ޖާޛިބިއްޔަތު ދައްކުވައިދީ، އަނެކުންގެ ކުރިމަތީގައި ތިމާގެ ބުރުސޫރަ ކުރަހައިދީ، ތިމާގެ ސިފަ ހާމަކޮށްދިނުމުގައި ވަރަށް ބޮޑު ދައުރެއް ކުޅެދޭ ގުނަނެކެވެ.

(5) އެމެރިކާގެ ލޮއިސްފެއިލް ޔުނިވަރސިޓީގެ ނަފްސާނީ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މީހާގެ ތުންފަތް ބޮޑުވާ ވަރަކަށް އޭނޭގެ ކިބައިގައި ޖާޛިބިއްޔަތު ގަދަވެގެންދާނެއެވެ. ޚާއްޞަގޮތެއްގައި އަންހެނާގެ ތުންފަތް ބޯވުމަށް ލޯބިކުރާ ފިރިހެނުންގެ ކުރިމަތީގައެވެ. ކަން މިހެން އޮތްކަމުގައިވިއަސް ގިނަ އަންހެނުން ދެކޭ ގޮތުގައި އެކަނބަލުންގެ މެދުގައި އައުލާކަން ދެވެނީ ފިރިހެނުންގެ ތުންފަތް ބޯވެފައި އިޙްސާސުވުން ބޮޑުވެފައި ތުންފަތުގެ ހަކަތަ ގަދަވާ މިންވަރަކަށެވެ. ގިނަ އަންހެނުން ބުރަވަނީ މެދުމިނުގެ ތުންފަތަށެވެ.

(6) ކަމާބެހޭ ދިރާސާތައް ކުރަށްވާ ބޭފުޅުންގެ ދިރާސާތަކުން ސާބިތުވާ ގޮތުގައި އިންސާނާގެ މޫނު ކުޑަވުމަކީ މޫނުގައިހުންނަ ކަޝިޝްކަމާއި ޖާޛިބިއްޔަތަށް ބަދަލު އައުމުގައި އަސަރުކުރުން ގަދަކޮށްދޭކަމެކެވެ. އެހެންކަމުން ރީތި ތުންފަތުން މޫނުގެ ޖާޛިބިއްޔަތުކަން އިތުރުކޮށްދޭނެއެވެ. މިހެން އޮތްކަމުގައި ވިއަސް ތުންފަތް ކިތަންމެ ރީތިވި ކަމުގައިވިއަސް މޫނުގައި ޖާޛިބިއްޔަތުކަމެއް ނެތްމީހެއްގެ ތުންފަތުގައި ހުންނަ ކަޝިޝްކަމެއްގެ ފައިދާ ނުކޮށްފާނެއެވެ.

(7) ކޮންމެއަކަސް އިންސާނާގެ ތުންފަތަކީ އޭނާގެ ޙަޤީޤީ އިޙްސާސާއި ޢާޠިފިއްޔަތު އަނެކާގެ ކިބައަށް ފޯރުކޮށްދީ، އޭނާގެ ޝުޢޫރާއި ވިސްނުން އަނެކާއާ ހަމައަށް ތަޢުބީރުކޮށްދީ ފޯރުކޮށްދޭން ހުންނަ އެންމެ މުހިއްމު ގުނަނެވެ.


(ނ) ރީތިކަމަކީ ވަރަށް ގިނަ ފަހަރު ނިސްބީ ކަމެކެވެ. އެކަކަށް ރީތިވީ މީހަކު އަނެކަކަށް ރީތިނުވެވެސް ހިނގައިދާނެއެވެ. ދިގުވުމަކީ ވެސް އެކަހަލަ ކަމެކެވެ. ހުޅަނގުގައި ނުވަތަ ގްރީސް ގައި އަންހެނާ ދިގުވުމަށް ލޯބިވިއަކަސް ސައުތު އޭޝިޔާގައި އަންހެނާ ދިގުވުމަކަށް ލޯތްބެއް ނުކޮށްފާނެއެވެ. ބައެއް މީހުންނަށް އަންހެނާ ދޮންވުމަކީވެސް ރީތިވާ ކަމެއްނޫނެވެ. ކަޅުވުމަކީވެސް ހުތުރުވާކަމެއްވެސް ނޫނެވެ. ވަރަށް ގިނަ މީހުންނަށް ކަޅާއި ދޮނާއި އެއްވެ ޚައްޗަރުވުމަކީވެސް ވަރަށް ރީތިވާ ސިފައެކެވެ.

(ރ) ރީތިވުމަކީ އިސްލާމް ދީން ވެސް އެކަމަށް ބާރުއަޅާފައިވާ ކަމެކެވެ. އެކަމަށް ތަރުހީބުދޭ ސިފައެކެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރަށްވާފައި ވެއެވެ. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلاَ تُسْرِفُوا إِنَّهُ لاَ يُحِبُّ الْمُسْرِفِينَ (الأعراف: 31) މާނައީ: އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުންނަށް ޒީނަތެއްގެ ގޮތުގައި ﷲ ލައްވާފައިވާ ހެދުމުގައި، ޒީނަތްތެރިވެތިބެ ނަމާދުކޮށް އުޅޭށެވެ! އަދި ޙަލާލު ތަކެތީން ކައިބޮއި ހަދާށެވެ! އެކަންކަމުގައި އިސްރާފު ނުކުރާށެވެ! އެހެނީ އިސްރާފުކުރާ މީހުންދެކެ ﷲ ލޯބިވެ ވޮޑި ނުގަންނަވައެވެ. މިއެވެ. އަދިވެސް އެއިލާހު ވަޙީކުރަށްވާފައި ވެއެވެ. قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ (الأعراف: 32) މާނައީ: މާތް ﷲ އެއިލާހުގެ އަޅުތަކުންނަށް ޒީނަތެއްގެ ގޮތުގައި ދެއްވާފައިވާ ހެދުމާއި، ޙަލާލުކޮށް ދެއްވާފައިވާ ރޯދި، ޙަރާމްކުރުމުގެ ޙައްޤުދިނީ ކާކުހެއްޔެވެ؟ މިއެވެ. ލޮބުވެތި ރަސޫލާގެ ޙަދީޘުފުޅެއްގައި މިފަދައިން އައިސްފައި ވެއެވެ. “މާތް ﷲއަކީ ބޮޑަށް ރިވެތިވޮޑިގެންވާ ފަރާތެވެ. ރީތިއްޗަށާއި ރިވެތިކަމަށް އެއިލާހު ލޮބުވެތިވެ ވޮޑިގަންނަވައެވެ.” މިއެވެ.

(ރ) އަންހެނާގެ ރީތިކަމާއި ޒީނަތަކީ މާތް ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. އެނިޢުމަތް ދެއްވީތީ އެކަން ފިލައިގެން ދިޔަނުދީ ބަލަހައްޓައި، އެކަން ހިފަހައްޓަންޖެހެއެވެ. ހަށިގަނޑުގެ ގުނަންތަކަށް ސަމާލުކަންދީ ބަލަހައްޓާ ފަދައިން ތިމާގެ ގައިގެ ހަމާއި ހަންގަނޑު ބަލަހައްޓައި، އެތަކެއްޗަށް ކާނާއާއި ފަރުވާދީ، ޒީނަތްތެރި ކުރަންޖެހެއެވެ. ތިމާގެ ރީތިކަން ތިމާއަށް އިޙްސާސުވާ ފަދައިން އެރީތިކަން ދައްކަންޖެހޭ މީހުންނަށް އެރީތިކަން، ރީތިކަމުގެ ގޮތުގައި ދައްކަންވެސްޖެހޭމެއެވެ. ޙަރާމްކުރެއްވި ގޮތުގައި އެރީތިކަން ބޭނުންކުރުމަކީ ﷲ ދެއްވި ނިޢުމަތަށް ކުފުރުވެރިވެ، ނާޝުކުރީވުމެވެ.

(ބ) އަންހެނާވެސް އަދި ފިރިހެނާވެސް ރީތިވެ ޒީނަތްތެރިވުމަކީ ނެތްކަމެއްނޫނެވެ. އަދި ދީން މަނާކުރާ ކަމެއްވެސް ނޫނެވެ. އާދެ، ދީން އެކަމަށް ބާރުއަޅާ ކަމެކެވެ. ޚާއްޞަކޮށް އަންހެނާއަކީ ޒީނަތެއްކަމުގައިވާތީ އެޒީނަތް، ޒީނަތެއްގެ ގޮތުގައި ދަމަހައްޓަންޖެހެއެވެ. މާތް ﷲ އައްނޫރު ސޫރަތުގައި ބުރުގާގެ އާޔަތުގައި އަންހެނާގެ ޒީނަތުގެ ވާހަކަ ތަކުރާރުކޮށް ބަޔާންކޮށްފައި ވެއެވެ. އެއާޔަތް ނިންމާލައްވަމުން މިފަދައިން އަންގަވާފައި ވެއެވެ. وَلاَ يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمِ مَا يُخْفِينَ مِنْ زِينَتِهِنَّ  މާނައީ: އެކަނބަލުންގެ ޒީނަތުގެ ތެރެއިން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ފޮރުވަން ވާޖިބުވާ ތަނެއް ފާޅުވެދާފަދަ ގޮތަކަށް، އެބައިމީހުންގެ ތެރޭގައި އެކަނބަލުން ހިނގައިބިނގައި ނުހަދާށެވެ. މިއެވެ.

(ޅ) އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީތީ، މުސްލިމުން ކޮންމެކަމެއްވެސް ކުރާން އޮންނަ ރީތި ގޮތަށް އެކަމެއް ކުރުމަށް އިސްލާމު ދީން އަނަގައެވެ. އެއިންކަމެއް ކުރުމުގައިވެސް ހައްދުން ބޭރުވެގެންނުވާނެއެވެ. މިގޮތުން ރީތިވުމާއި ތިމާގެ ހަށިގަނޑާއި ހަމުގެ ބުރުސޫރަ ދެމެހެއްޓުމާއި ތިމާގެ ރީތިކަން ހިފެހެއްޓުމަކީ ކުރާންއޮތް ކަމެއް ކަމުގައިވިއަސް އެކަމުގައި ހައްދުފަހަނަޅައި ދިއުމެއް އިސްލާމް ދިނަކު ނޯވެއެވެ. ދީނުގައި މަނާކުރެވިގެންވާ އެއްވެސް ކަމެއް، އެއީ ރީތިކަމެއް ކަމުގައި ބަޔަކު ދުށްކަމުގައިވިއަސް އެކަން ރީތިކަމެއްކަމުގައި ދެކިގެންނުވާނެއެވެ.

(ކ) ކޮންމެ ވެއްޓަކީވެސް އަދި ކޮންމެ މުޖްތަމަޢަކީވެސް ވަކި މުސްތަޤިއްލު ވެއްޓަކާއި މުޖްތަމަޢެއް ކަމުގައިވާތީ، އެވެއްޓަކާއި މުޖްތަމަޢެއްގެ މެދުގައި ވަކިކަހަލަ، އަމިއްލަ ޘަޤާފަތަކާއި އާދަކާދައެއް އޮންނާނެއެވެ. އެމީހުންގެ މެދުގައި ރީތިކަން ދެކޭ މިންގަނޑަކާއި ފަންތިއެއްވެސް ނޯވެ ނުދާނެއެވެ. އެއްބަޔަކަށް ދިގުވުން ރީތިވާއިރު އަނެއް ބަޔަކަށް ކުރުވުން ވެސް ރީތި ވާންވާނެއެވެ. ކުލަ ކުލައަކީ ވެސް ނިސްބީ އެއްޗެކެވެ. ބައެއްފަހަރު ދޮންވުން ރީތިވާއިރު އަނެއްބައިފަހަރު ކަޅުވުން ވެސް ރީތިވެއެވެ. ތިމާއަށް ﷲ ދެއްވި ކުލައަކަށް ޝުކުރު އަދާކުރަންވާނެއެވެ. އެކުލައެއްގެ މަތީ ތިމާގެ ރީތިކަން ހިފެހެއްޓޭތޯ ބެލުމީ އެންމެ ބުއްދިވެރި ގޮތެވެ. ﷲ ދެއްވި ނިޢުމަށް ޝުކުރުވެރިވުމަކީ އެއީއެވެ.

(އ) ރީތިކަން އެންމެ ބޮޑަށް ބޭނުންވަނީ އަންހެނާއަށެވެ. އަދި އެކަން ދަމަހައްޓަން މަސައްކަތްކުރަނީ ވެސް އޭނާއެވެ. ޖިންސުއްލަޠީފަކަށް ވީތީއެވެ. ޒީތަނަކަށް ވީތީއެވެ. ޖާޛިބިއްޔަތުގެ އަޞްލަށް ވީތީއެވެ. ޖޯޑެއް ފުރިހަމަވުމުގެ ޙަޤީޤީ މަންޒިލަށް އަންހެނާ ވީތީއެވެ. އެހެންނަމަވެސް ދަންނަންޖެހޭ ވަރަށް ބޮޑު ޙަޤީޤަތެއް އެބަ އޮވެއެވެ. އެއީ ޖިންސުއްލަޠީފެއްގެ ޙަޤީޤީ ރީތިކަމަކީ ކޮބައިކަމެވެ. އަރަބި ޅެންވެރިޔާ ބުނެފައިވާ ފަދައިންނެވެ. زِينَةُ الْبِنْةِ الأَدَبُ ، لاَ بِحُسْنٍ وَذَهَبٍ މާނައީ: އަންހެންކުއްޖާގެ ރިވެތިކަމަކީ އޭނާގެ ކިބައިގައި ހުންނަ އަޚްލާޤަކާއި އަދަބުވެރިކަމެކެވެ. ހަމައެކަނި އޭނާ އަޅާފައި ހުންނަ ގަހަނާއަކާއި ލިބިފައިހުންނަ ރީތިކަމެއްގެ ސަބަބަކުން ނޫނެވެ. މިއެވެ. އާދެ، އަންހެނާގެ ރީތިކަމަކީ އަޚްލާޤު ރީތިކަމެވެ. ތިމާއަށް ލިބިފައި ހުންނަ މުރާލިކަމެކެވެ. ތިމާގެ ކިބައިގައި ހުންނަ ވަފާތެރިކަމަކާއި ޢިއްފަތްތެރިކަމެކެވެ. ތިމާގެ ޠަބީޢަތް އެއަށް ހޭނިފައިވާ ކިޔަމަންގަތުމަކާއި ކިޔަމަންކުރުވުމުގެ ސިފައެކެވެ. ތިމާ ހޯދާފައިވާ ހިނިތުން މޫނެކެވެ. އެއިރުން އެފަދަ އަންހެނާއަކީ ދެދުނިޔެ ލިބިއްޖެ އަންހެނެކެވެ. ދެދުނިޔޭން ކާމިޔާބު ހޯދައިފި މީހެކެވެ. އެންމެ ރީތި ޖިންސުއްލަޠީފެވެ.

(ވ) މިތާގައި ހަނދުމަކޮށްލަންޖެހޭ އެހެން ނުގުތާއެއްވެސް އޮބަ އޮވެއެވެ. އެއީ ސުވަރުގެއިން އެންމެ މަތީ މަޤާމު ޙާޞުލުކުރެވޭ މީހަކީ ކޮބައިކަން ދަތުމެވެ. އާދެ، އެއީ އަޚްލާޤީ ގޮތުން ކީރިތި ރަސޫލާއާ އެންމެ ކުއްތަންބޮޑު ހިނދުކޮޅެއްގެ ވެރިއަކީ، އެންމެ ބުރުސޫރަ ރީތި މީހާ ކަމުގައި ކީރިތި ރަސޫލާގެ ޙަދީޘުފުޅުގައި އައިސްފައި ވެއެވެ. އެހެންކަމުން އެކަމަށް ފަރުވާތެރިވާންޖެހެއެވެ. އަންހެނާއަށް ސުވަރުގެއިން ލިބޭނެ އެންމެ މަތިވެރި އެއް ނިޢުމަތަކީ އޭނާއަށް ދުނިޔެމަތީގައި ބޭނުންވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެއީ ރީތިކަމެވެ. ދަންނާށެވެ! ދުނިޔެމަތީގައި ޞާލިޙުގޮތުގައި، ރީތި އަޚްލާޤާއެކު އުޅޭ އަންހެނާއަށް އޭނާގެ އަޚްލާޤާ އެއްވަރަކަށް ސުވަރުގޭގައި ރީތިކަން ދެއްވާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އާދެ، އެއީ މަތިވެރި މާތްﷲގެ ދީލަތިވަންތަ ކަމުގެ ބޮޑުކަމެވެ. އާޚިރަތް ދުވަހު ސުވަރުގެ ވެރިންގެ ގޮތުގައި ލައްވާފައިވާ އަންހެނުންނަށް މާތް ދެއްވާނެ ނިޢުމަތަކީ ޙޫރުލްޢީނުންނަށް ވުރެން އެފަދަ ޖިންސުއްލަޠީފުން ރީތިވެފައި ޖާޛިބިއްޔަތު ގަދަވުމެވެ. އެކަނބަލުންނަށް ބޭނުންޖެހޭ އެންމެ ބޮޑު ނިޢުމަތަކީ ރީތި މޫނެއްގެ ވެރި، ލޫޅާފަތި ހަށިގަނޑެއްގެ ވެރިއަކަށް އޭނާ ވުމެވެ.

You may also like

ދީން

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

Leave a reply

Your email address will not be published. Required fields are marked *