ކުށްވެރިންގެ ޙައްޤުތަށް މާގިނަ ނުކުރައްވާށެވެ.

މަދުފަހަރެއްގައި މީހަކު ކުށަކާނުލާ ނުވަތަ ނުހައްޤުން ހައްޔަރުކުރެވުނުކަމުގައިވިއަސް ގިނަފަހަރަށް މީހުން ހައްޔަރުކުރެވިފައި ހުންނަނީ ބޮޑެތިކުށްތައް ކޮށްގެން ކަމާމެދަކު ޝައްކެއްނެތެވެ. މިފަދަ ބޮޑެތި ކުށްވެރިން ހައްޔަރުކުރުމަށް ފަހު އެމީހުންގެ ޙައްޤުތަކުން ކުޑަމިންވަރެއްވެސް އުނިވޭތޯ ފާރަވެރިވާ އެތައްބަޔަކުތިބެއެވެ. ނަމަވެސް ހިތާމަޔަކީ ކުށްވެރިންގެ ސަބަބުން އެބައިމީހުންގެ ހައްޤުތައް ގެއްލިފައިތިބި އެތައްބަޔަކު މުޖުތަމަޢުގައި ތިބިއިރު އެފަރާތްތަކުގެ ހައްޤުތަކަށް އެއްވެސް ސަމާލުކަމެއްނުދީ ހަމައެކަނި ބޮޑެތި ޖަރީމާތައް ހިންގައިގެން ބަންދުކުރެވޭ ކުއްވެރިޔާގެ ހައްޤުތަކުގެވާހަކަ މާ އަޑު ހަރުކޮށް ދެއްކޭކަމެވެ.
މިފަދަ ބޮޑެތި ކުށްތަކުގެ ތެރެއިން ހަމައެކަނި މަސްތުވާތަކެތީގެ ވަގު ވިޔަފާރިއަށް ވިސްނާލިއަސް މިކަމުގެ ސަބަބުން އެތަށްބަޔަކަށް ގެއްލުމާއި ކުރިމަތިލާންޖެހޭކަން ހާމަކަން ބޮޑެވެ. މައިންބަފައިން ނުހަނު އުންމީދާއެކު ބޮޑުކުރަމުން އަންނަ އެބައިމީހުންގެ ދެލޮލުގެ ކޮއިފަދަ، މޭގެ އެތިކޮޅުފަދަ، ލޯބިވާ ދަރިފުޅު މިވަބާގައި ޖެއްސުމުން ގެއްލިގެން ދަނީ ހަމައެކަނި އެދަރިފުޅުގެ މުސްތަޤްބަލެއްނޫނެވެ. އެމައިން ބަފައިންގެ ހުރިހާ އުންމީދެއްފެނަށްދެއެވެ. އެދަރިފުޅު މައިމީހާގެ ބަނޑުގައި ޣަރުބަގަތީންސުރެ ދެކެމުން އައި ހުރިހާ ހުވަފެނެއް ބިލާހަކަށްވެ އެދަރިފުޅު ދުނިޔެއިންނާއި އާޚިރަތުންވެސް ގެއްލިހަލާކުވެދެއެވެ.
ބޮޑެތި މާރާމާރީތައް ހިންގާ އަދި މީހުންގެ ފުރާނައަށްދޭ ގެއްލުންތައްވެސް ހަމަ މިފަދައެވެ. ފައިސާގެ ބޭނުމުގައި ނުވަތަ ޒާތީމައްސަލައެއްގައި ނަމަވެސް އެއްވެސް ޖެހިލުމެއްނެތި ތޫނު ހަތިޔާރުގެ ޝިކާރަޔަކަށް މަގުމަތިން ހިނގާފައިދާ ޒުވާނަކު ހަދާލާއިރު އެ ޒުވާނާ ދުނިޔެއިން ވަކިވުމުން ދުނިޔެއަށް ބިކަވަނީ ކިތައްމީހުންތޯއެވެ. ހަމަގައިމުވެސް ނިޔާވެގެން އެދާ މީހާގެ މައިންބަފައިންނަށް އޭނާގެ ފަރާތުން ދެމުންދިޔަ އެހީތެރިކަން އެއްކޮށްހުއްޓުނީއެވެ. އަދި ހަމަ އެފަދައިން އޭނާއަކީ މީހަކާ އިނދެގެން އުޅޭ މީހެއްނަމަ، އަނބިމީހާހުވަފަތްވެ، ދަރިންތިބިނަމަ އެކުންދިން ޔަތީމް ވީއެވެ. އެނގޭކަމަކީ އެގޮތަށްމަރާލެވޭ ކޮންމެ މީހަކު ނެތިދިއުމުންވެސް އެކަމުގެ ހިތާމަ ތަހައްމަލްކުރާނެ އެތައްބަޔަކު ދުނިޔޭގައި ތިބޭނެކަމެވެ.
ކުށްވެރިން ދިގުމުއްދަތަކަށް ހައްޔަރުކުރެވޭ އަނެއް މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމެވެ. މިނުބައި ޢަމަލުގެ ޝިކާރައަކަށް ވެގެންދާ ކުޑަކުއްޖާގެ މުސްތަޤުބަލާމެދު ވިސްނާލަމާތޯއެވެ. އެފަދަކުށްޖެއްގެ ދާދި ތުއްތު ޢުމުރުގައި ކުރިމަތިވެގެންދާ ބޮޑުމައްސަލައިގެ ސަބަބުން އެޖުއްޖާގެ މުޅި މުސްތަޤުބަލް ބަނަވެގެންދެއެވެ. ނަފްސާނީ ބަލިމަޑުކަމަކަށް ކުއްޖާ ހުށައެޅެއެވެ. މުޖުތަމަޢު އެކުއްޖާއާ ދޭތެރޭ ދެކޭގޮތް ބަދަލުވެއެވެ. ބައެއްފަހަރު އެ ޢަމަލު އެހިންގި މީހާގެ ސަބަބުން އެކުއްޖާއަކީވެސް ވިޔާނުދާ އެތައްކަމަކަށް އަރައިގަންނަ ކުއްޖަކަށް ވެގެންދެއެވެ. މިކަމުން މިގެއްލުނީ ކިތައްމީހުންގެ ހައްޤުތޯއެވެ. އެތުއްތު ކުއްޖާގެ އިތުރުން އޭނާގެ މައިންބަފައިންގެ ހުރިހާ އެއްޗެއް ވެއްޔާމޮޑެވުނީއެވެ.
ވައްކަމާ ފޭރުމުގެ ޢަމަލުތަކަށް ބަލައިލިކަމުގައިވިއަސް ފެނިގެންދަނީ ހަމަ މިފަދަ މަންޒަރުތަކެކެވެ. މީހުން އެތައް ބުރައެއް އުފުލާ ގައިން އެތައް ދަލެއް އޮހޮރައިގެން ހޯދާ ފައިސާކޮޅު ޖަހަގަނެގެން އެދާ ވަގުކަލޭގެ ހިތުގައި ރަހްމުގެ ކަންފުޅެއްވެސް ނުހުރެއެވެ. އެފައިސާ ބޭނުންކޮށްގެން ކުރަންރާވާފައިވާ އެތައްކަމެއް ފެނަށްވެ އެދުވަހުގެ ކާއެތިކޮޅުވެސް އަގަޔަށްނުލެވޭފަދަ ހާލު ބައެއްމީހުންނަށް ދިމާވެފައި އެބަހުއްޓެވެ. މިސާލަކަށް ރާއްޖެތެރެއިންމާލެދާ ދަތުރުވެރިޔާގެ ފައިސާކޮޅު ޖަހައިގަތުމުން އެދަތުރުވެރިޔާގެ ބޭނުންތައް ފުއްދޭނެތޯއެވެ. ޔަޤީނުންވެސް އޭނާ މާލެ އައުމުގެ ބޮޑުބޭނުމެއް ވާނެއެވެ. އޭނާފައިސާހޯދަން ބުރަމަސައްކަތްތަކެއް ކުރާނެއެވެ.
ކަންމިހެން ހުރިއިރު އިންސާނުންނަށް މިފަދަ ބޮޑެތި ދުއްތުރާތައް ކޮށްގެން ހައްޔަރު ކުރެވޭ ކުށްވެރިޔާއަށް ލިބޭ ހައްޤާއި ނުލިބޭ ހައްޤު އަޅާކިޔާ މީޑިޔާތަކުގައި ކެނޑިނޭޅި މިވާހަކަތައްދައްކާ އަދި ބޮޑެތި ރިޕޯޓްތައް އެކުލަވާލާއިރު ކުރިންބަޔާންކުރި ފަރާތްތަކުގެ ހައްޤުތަކުގެ ވާހަކަ ދައްކާނެބަޔަކު ތިބެންއެބަޖެހެއެވެ. އެބައިމީހުންގެ ހާލާމެދު ހަމްދަރުދީވެ އެފަރާތްތަކުގެ ފަސްމަންޒަރު ދެކެން އެބަޖެހެއެވެ. ކުށްވެރިޔާގެ ކިބައިން އުނިވެފައިވާ ކުޑަކަމެއްގެ ވާހަކައަށްވުރެ ބޮޑަށް އެކުއްވެރިޔާ ކުރިކުށުގެ ވާހަކަދައްކާ އާމުކުރުމަށް މީޑިޔާތަކަށް އަޅުގަނޑު ގޮވާލަމެވެ. އަދި ހަމައެފަދައިން އެކުއްވެރިޔާ އެކުރިކުށުގެ ސަބަބުން ހައްޤުގެއްލުނު ފަރާތްތަކާ ގެއްލުނު ހައްޤުތަކުގެވާހަކަ އަޑުހަރުކޮށްދައްކާ ޢާންމުކުރުމަށްވެސް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

ރަމްޒީނާ މުޙައްމަދު / ޅޮހި
ރަމްޒީނާ މުޙައްމަދުއަކީ ދިވެހި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި 15 އަހަރަށްވުރެ ގިނަދުވަސް ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ޓީޗަރެކެވެ.

    You may also like

    ދީން

    رمضان مبارك

     އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

    Leave a reply

    Your email address will not be published. Required fields are marked *