ވާހަކަ

ކޮންމެ ނެވާއެއް

އިންސާނުންނަށް ބުއްދިއާއި ފިކުރުކުރުމުގެ ތަނަވަސްކަން ދެއްވާފައިވަނީ ހެވާއި ނުބައި ދެނެގަނެ، ދެ ދުނިޔެ އާރާސްތު ކުރުމަށް މަސައްކަތްކުރުމުގެ މައްޗަށް ވިސްނާ ފިކުރު ކުރުމަށެވެ. މަދު ބަޔަކު ނޫނީ ލިބިފައިވާ ބުއްދީގެ ބޭނުމެއް ނުކުރެއެވެ. އަވަދިނެތި ދުނިޔޭގެ އުފަލާއި، އަރާމު ހޯދުމުގައި ވަގުތުތައް ހޭދަކުރަމުން ދާއިރު، އެފަދަ ނެތް އެތައްބަޔަކު ދުނިޔެއަށް ނޭވާލާކަމާމެދު ފިކުރު ކުރަނީ ކިތައް މީހުން ބާވައެވެ.

ދުނިޔޭގެ ދަޅަތަކުގައި ޖެހި، އެ އުފާތަށް ހާސިލުކުރުމުގައި ވަގުތު ނަގާލަނީ ކިތައް މީހުންތޯއެވެ. ލިބިފައިވާ ގިނަގުނަ ތަކެއްޗާއި، ބޯހިޔާވަހިކަމާއި، ކެއުމާއި ބޯނެ ސާފު ފެންފޮދު ލިބޭ ކަމާމެދު ޝުކުރު ނުކުރަނީ ކިތައް މީހުން ހެއްޔެވެ. މިފަދަ ނެތް އެތައް ބަޔަކު ދުނިޔޭގައި އުޅޭ ކަމާމެދު ވިސްނާ ފިކުރު ކުރާނަމަ ހަމަ ގައިމުވެސް ޝުކުރު ކުރާނެއެވެ. ދުނިޔެއަށް އިރުއަރާ ކޮންމެ ދުވަހަކީ ތިމާއަށް ލިބޭ އަގުހުރި ފުރުޞަތެއްކަމަށް ދެކޭ ބަޔަކު އޭގެ ބޭނުން ހެޔޮގޮތުގައި ހިފާނެއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް ގަދައަޅާ މަސައްކަތްކުރާނެއެވެ.

މަންފާ އާއި ލާބައިން ކަންކަން މިނުމަކީ އިންސާނުންގެ އާދައެވެ. އެ މީހަކަށް ފައިދާއާއި ލާބައެއް ނުލިބޭ އެއްވެސް ކަމެއް ކުރުމަކީ އިންސާނީ ތޮބިއްޔަތެއް ނޫނެވެ. ދުނިޔެވީ ކަންކަން މަންފާ އާއި ލާބައިން ކިރަމުންދާއިރު، މި ދުނިޔެއަކީ ވަގުތީ ތަނެއްކަމާމެދު ފިކުރު ނުކުރަނީ ހެއްޔެވެ. ދުނިޔެއަށް ނޭވާލަން ލިބޭ ކޮންމެ ވަގުތަކީ އަގުހުރި ނިޢުމަތެކެވެ. އާޚިރަތަށްޓަކައި މަސައްކަތް ކުރުމަށް ލިބޭ އަގުހުރި މި ފުރުސަތު ނަގާނުލަމާހެވެ. ދުނިޔެ ދޫކޮށް ދާއިރު، އެއްކުރިހާ ތަކެއްޗާއި، މުދަލާއި ފައިސާ ގެންދެވޭނެހެއްޔެވެ. ގެންދެވޭނެ އެއްޗަކީ ތިމާ ކުޅަ އަމަލެވެ. އާޚިރަތަށްޓަކައި ތިމާގެ އަމަލުތައް ސީދާކުރުމާމެދު ވިސްނުމަކީ ދެއްވާފައިވާ ބުއްދީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ.

ދާދި ގާތުންނެވެ. ތިމާއަށް ދެއްވާފައިވާ ނިއުމަތްތަކާމެދު ވިސްނާލަބަލާށެވެ. ލޮލުގެ ފެނުމާއި، އަޑުއިވުން، މީހެއްގެ އެހީތެރިކަމެއްނެތި ހިނގާ ބިނގާވެ އުޅުމަކީ، ތިމާއަށް ﷲ ތަޢާލާ ދެއްވި އަގުހުރި ނިޢުމަތްތަކެއް ނޫންހެއްޔެވެ. މިކަންކަމާއި ފިކުރުކޮށް ނަޒަރު ހިންގުމުން ޝުކުރު ނުކުރަންވީ އެއްކަމެއްވެސް ނެތެވެ. ހެޔޮ ސިއްހަތެއް ލިބިފައިވާ، ދަރިންނާއި މެދު ވިސްނާލިޔަސް ފުދެއެވެ. ކިތައް މައިން، އެމީހުނަށް ލިބިފައިވާ ދަރިންގެ ނިކަމެތިކަމާމެދު ރެއާއި ދުވާލު ގިސްލާ ކަރުނަ އަޅާހެއްޔެވެ. އުފަންވީންސުރެ އެކަނި ހާލާ ނޫޅޭވޭ ކިތައް ކުދިން މި ބިމުގައި ވޭހެއްޔެވެ. ވިސްނާ ފިކުރުކުރާނަމަ މިއިން ކޮންމެ ކަމަކުންވެސް ފިލާވަޅެއް ލިބޭނެއެވެ.

ލޯތްބާއި އޯގާތެރިކަން ނުލިބެއޭ ބުނެ ޝަކުވާނުކުރާށެވެ. ލިބޭ ތަކެތިން ނުފުދޭ ކަމަށް ބުނެ އެ ޝަކުވާ ކުރަނީ ކިތައް މީހުންހެވެ. ޝަކުވާ ކުރަން އަނގަހުޅުވާލާނެ ފަދަ، ކަރުހިއްކުން ފިލުވާލުމަށް ފެނފޮދެއް ނުލިބޭފަދަ އަރާމު ދާނަކާއި، މައިންބަފައިންގެ އޯގާތެރިކަން ނުލިބޭ ހާލުގައި ދިރިއުޅޭ ކިތައް ނިކަމެތިން މި ބިމުގައި އުޅޭތޯއެވެ. ލިބިފައިވާ ނިޢުމަތްތަކާމެދު ކުޑަނަމަވެސް ފިކުރެއް ހިންގާލަބަލާށެވެ. ހެޔޮ ސިހައްތެއްގައި ހުރެ، ހެޔޮ ޢަމަލު ކުރުމަށް ދުނިޔައަށް  ނޭވާލާން ލިބޭ ކޮންމެ ވަގުތަކީ އެފަދަ ދެވަނައެއް ނެތް ނިޢުމަތްތަކުގެ ތެރެއިން ވާ އެންމެ ފުރިހަމަ އެއް ނިޢުމަތެވެ. ﷲއަށް ހަމްދު ކުރުމަށް މިވަރު ފުދޭނެއެވެ.

What's your reaction?

Excited
0

You may also like

More in:ވާހަކަ

Leave a reply

Your email address will not be published. Required fields are marked *