ކޮންމެ އިންސާނަކުވެސް އުފައްދަވާފައިވަނީ އަމިއްލަ ސިފަތަކަކާއިއެކުގައެވެ

ﷲ ކޮންމެ އިންސާނަކުވެސް އުފެއްދެވީ އެންމެ ރިވެތި ސިފައިގައި އެއް އިންސާނަކާ އަނެއް އިންސާނެއްގެ މެދުގައި ތަފާތުތަކަކާއި އެކުގައެވެ. އިންސާނާގެ އަތުގެ އިނގިލިތަކަށް ވިސްނާލަމާ ހިނގާށެވެ. ފަސް އިނގިލީގައިވެސް ތަފާތުތަކެއް ވެއެވެ. ހަމަ އެގޮތައް ކޮންމެ އިންސާނަކުވެސް އުފެދިފައިވަނީ ސިފަތަކާއިއެކުއެވެ.
މި ގޮތުން އެމީހެއްގެ އުޅުމާއި އެމީހެއްގެ ބޭރުފުށުން ފެންނަފެނުންވެސް ތަފާތެވެ. ހަމަ އެފަދައިން އިންސާނާގެ ވިސްނުމާއި އަދި އެންމެހާ ސިފަތަކަކީވެސް ތަފާތު ސިފަތަކެކެވެ.

އިންސާނާގެ ސިފަތަކަށް ބަލާއިރު އިންސާނާގެ ވިސްނުމާއި ހިޔާލަކީވެސް ތަފާތު އެއްޗެކެވެ. ވިސްނުމުގެ ގޮތުންނާއި ހިޔާލުތައް މުޅިން އެއްގޮތް 2 ވަނަ މީހެއް ދުނިޔޭގައި ނުވެޔެވެ. ހަމަ އެފަދައިން އިންސާނާގެ ބޭރުފުށުގެ ސިފަތަކަށް ބަލާއިރުވެސް އެއް އިންސާނެއްގެ ސިފަޔާ އަނެއް އިންސާނެއްގެ ސިފަތައް ފެންނަފެނުމުގައި އެއްގޮތްކަމައް ފެނުނުކަމުގައިވިޔަސް ތަފާތުތަކެއް ވާނެއެވެ. ކޮންމެ އިންސާނަކީވެސް އަމިއްލަ ސިފަތަކެއް ލިބިފައިވާ މީހެކެވެ. މި ގޮތުން އިންސާނާގެ ކޮންމެ ގުނަވަނެއްގައިވެސް އެތަފާތުތައްވެއެވެ.
އިންސާނާގެ އަތްތިލަޔާއި އިނގިލި ތަކުގެ ނިޝާނާއި އިނގިލީގެ ބައްޓަންވެސް ތަފާތެވެ. ފަހަރެއްގައި ފެންނަފެނުމުގައި 2 އިންސާނެއްގެ އަތްތިލައިގެ ބައްޓަން ނުވަތަ އިނގިލީގެ ބައްޓަމާއި ނިޝާން އެއްގޮތްހެން ހީވެދާނެއެވެ. ނަމަވެސް އެއީ ކުއްހީއެެވެ. އިނގީލީގެ ނިޝާނަކީ އޭގައި ފޮރުވިފައިވާ އާދަޔާހިލާފު މައުލޫމާތުތަކެއް އެކުލެވޭ ބައެކެވެ. އެ ނިޝާންތައް އެތްގޮތް ދެވަނަ އިންސާނަކު ދުނިޔޭގައި ނުވާނެވެ. އެހެންކަމުން ވަގުންނާއި ފޭރޭމީހުންނާއި އެހެނިހެން ކުއްވެރިން ހޯދުމައް ވަރަށްބޮޑު އެހީއަކަށް އިނގިލީގެ ނިޝާންވެއެވެެ

އިންސާނާގެ އިނގިލީގެ ނިޝާން ވަކިކޮށް އޭގައިވާ ތަފާތުތައް ހޯދާ ދެނެގަތުމުގެ ނިޒާމް 19 ވަނަ ގަރުނުގައި ދުނިޔެއައް ތާރަފްވުން ވެގެންދިޔައީ ވަގުންނާ ނުބައި އަމަލުތައް ހިންގާ މީހުންނައް ކުރިމަތިވި ވަރަށްބޮޑު ބިރަކަށެވެ. 19 ވަނަ ގަރުނުގައި ދުނިޔެއައް ތައާރަފްވެގެން ދިޔަ މި ނިޒާމްގެ ދަށުން އެ ތަފާތުތައް ފާހަނގަ ކުރެވެންފެށުން ވެގެންދިޔައީ އިނގިލީގެ ނިޝާނުގައި މާ ބޮޑު ސިއްރެއްނުވާކަމާއި ތަފާތެއްނުވާކަމާއި މަރުވުމައްފަހު އަލުންދިރުއްވުމާއި ދެކޮޅައް ވަކާލާތުކުރަމުން ދިޔަ ފަރާތްތަކުގެ ބަސްތައް ބަލިކަށިވެ އެބައިމީހުންގެ ދައުވާގެ ދޮގުކަން ސާބިތުވެގެން ދިޔަކަމަކަށެވެ.

އިންސާނާގެ އިނގިލީގެ ނިޝާނުގައި ވާ ތަފާތުތަކުން އެއް އިންސާނާކާއި އަނެއް އިންސާނަކު ދެނެގަތުމަކީ ނުހަނު ފަސޭހަކަމެކެވެ. އެހެންކަމުން ވަގުންނާއި ފޭރޭމީހުން،އަދި އެހެނިހެން ކުއްތައް ކުރާ ފަރާތްތައް ފާހަނގަކޮށް ދެނެގަތުމައް އިނގީލީގެ ނިޝާން ބޭނުންކުރެވެއެވެ. އިނގިލީގެ ނިޝާނައްބަލާ އެފަދަ ކުއްވެރިން ފާހަނގަކޮށް ދެނެގަންނަން ފެށުމުން އެފަދަ ވަގުން އެ ނިޝާންތައް ބަދަލުކުރުމަށާއި ފޮހެލުމައް މަސައްކަތްކޮށްފައިވެއެވެ. މި ގޮތުން 1930 ވަނަ އަހަރު އެމެރިކާގެ ޗިކާގޯގެ ބޭންކުތައް ލޫޓުވުމުގެ މަސައްކަތްކުރި ޖޯން ޑިލިންގާރ އޭނާގެ އަތުގެ އިނގިލިތަކުގެ ކޮޅުތައް އެސިޑް އަޅާ އަންދާލިއެވެ. ނަމަވެސް އެކަމަކީ މާކާމިޔާބު ކަމަކަށް ނުވުމުން ފަހުގެ އަހަރުތަކުގައި އެފަދަ މުޖުރިމުން އިނގިލިތަކުގެ ކޮޅު ބުރިކޮށްފައިވެއެވެ. އިނގިލީގެ ނިޝާނަކީ މަށައިގެން ދިޔަކަމުގައިވިޔަސް ފިހުނަސް ނޮޅާލިޔަސް ބަދަލުވާނެ އެއްޗެއް ނޫނެވެ. އާދެ އިނގީލީގެ ނިޝާން އުފެދިފައިވާ ގޮތައް ވިސްނާލަމާ ހިނގާށެވެ. އެ ނިޝާންތައް ބިނާވެފައި ވަނީ ވަކިން ހާއްޝަގޮތަކަށް އެތުރި އުފުލިފައިވާ ރޮނގުތަކެއްގެ މައްޗަށެވެ. އެ ހަންގަނޑު އުފެދިފައިވަނީ މައިގަނޑު ދެ ފަށަލައެއްގެ މައްޗަށެވެ. އެންމެ ބޭރުފަށަލަ އުފެދިފައިވަނީ ދިރުންނުވާ ސެލްތަކެއްގެ މައްޗަށެވެ. ދިރުންނުވާ އެ ސެލްތައް އަބަދުވެސް އަންނާނީ ހަށިގަނޑާ ވަކިވަމުންނެވެ. ބޭރުފަށަލަ ވަކިވަމުންދާ ނަމަވެސް އެތެރޭގައިވާ ފަށަލަ އާވަމުންދާނެއެވެ. މި ގޮތުން އިނގިލިތަކުން ފާޅުވާ ދެވަނައެއްނުވާ އެ ނިޝާން ދޫކޮށްލަނީ އެ ސެލްތަކުގެ އެހީގައެވެ.

އިންސާނާގެ އަތްތިލައިގެ ސިފަތަކާއި ބައްޓަން އެއްގޮތް ނުވާފަދައިން އިންސާނާގެ ހަށިގަނޑުގެ ލޭނާރުތަކުގެ ސިފަވެސް އެއްގޮތް 2 މީހަކު ނުވެޔެވެ. ހަމަކޮންމެ މީހެއްގެ ވެސް ހަށިގަނޑު ނާރުތަކުގައިވެސް ތަފާތުތަކެއްވެއެވެ. ނާރުތަކުގެ ސިފަޔާއި ބައްޓަންވެސް ތަފާތެވެ. އިންސާނާގެ ހަށިގަނޑުގެ އެހެންބައިތަކެކޭ އެއްގޮތައް އިންސާނާގެ ލޮލުގެ ބައްޓަމާއި ކަޅީގެ ބައްޓަންވެސް އެއް އިންސާނަކާއި އެއްގޮތް 2 ވަނަ އިންސާނަކު ނުވެއެވެ.

އިންސާނާޔާ އެއްގޮތް ދެވަނަ އިންސާނަކު ނުވާކަން އަދުގެ ސައިންސްވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ޖެނެޓިކްސް އިލްމު ދައްކާ ގޮތުން އިންސާނާ އުފެދިފައިވަނީ މަންމަގެ ފަރާތުން ވާރުތަވާ 23 ކުރޮމޮޒޯމްއާއި ބައްޕަގެ ފަރާތުން ވާރުތަވާ 23 ކުރޮމޮޒޯމްގައިވާ މައުލޫމާތުގެ މައްޗައް ބިނާކޮށެވެ. އަދި ތިމާއަށް ލިބިފައިވާ 46 ކުރޮމޮޒޯމްގައި ތިމާގެ ސިފަތައް ކޯޑުކުރެވިފައިވެއެވެ. އިންސާނާގެ އުފެދުން ބިނާވެފައިވާ މި އިން ކޮންމެ ކުރޮމޮޒޯމެއްގައި އެތައް ސަތޭކަ ޖީންއެއްވެއެވެ. އެ ޖީންތަކުގައި ﷲ އިންސާނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލެވޭފަދަ ބާރު ލައްވާފައިވެއެވެ. އެއް ކުއްޖަކާއި އެއްގޮތް 2 ވަނަ ކުއްޖަކު މަންމަޔަކާއި ބައްޕަޔަކަށް ލިބުމުގެ ފުރުސަތެއްނެތެވެ. ފަހަރެއްގައި 2މީހަކު އެއްގޮތް ސިފައެއް ހުރެދާނެއެވެ. ނަމަވެސް ހުރިހާ ގޮތަކުން އެއްގޮތް ދެވަނަ އިންސާނަކު އުފަން ވުމުގެ ފުރުސަތަކީ 300ބިލިއަނުން 1 ކެވެ. އެޭގެ މާނަޔަކީ މަންމަޔަކާއި ބައްޕަޔަކު އެމީހުންގެ ދަރިޔަކާއި އެއްގޮތް ކުއްޖަކު ހޯދުމައް 300 ބިލިއަން ކުދިން ހޯދުމުން އެތަނުން އެފަދަ އެއް ކުއްޖަކު ލިބުމެވެ. އެކަމަކު ދުނިޔެވީ ހަމަތަކާއި ސިއްހީގޮތުން ބަލާއިރު އެއީ ވާނެކަމެއް ނޫނެވެ. ސަބަކީ މި އުންމަތުގެ މީހުންގެ މީހެއްގެ އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 60-70 އަހަރުކަން . ނަމަވެސް ބައެއްމީހުންގެ އުމުރު އެޔައްވުރެވެސް ދިގެވެ. އެހެންކަމައްވިޔަސް އަންހެނަކަށް އެ އުމުރަށް ދާއިރު ދަރިން ހޯދުމުގެ ގާބިލްކަން ލިބިގެން ނުވާއިރު ދެން ވިސްނަންވީ އަންހެނާ 16 އަހަރުން ފަށައިގެން 50 އަހަރުވަންދެން ކޮންމެ މަހަކު ކުއްޖަކު ހޯދުމުންވެސް 300 ބިލިއަން ހަމަވޭތޯއެވެ. އާދެ އޭރަށްވެސް 300 ބިލިއަން ހަމަވާން ގާތްވެސް ނުވާނެއެވެ. ދެން އަނެއްކޮޅުން މަހަކު ކުއްޖެއް 16 އަހަރުންފަށައިގެން އެ އުމުރަށް ދާންދެން ވިހެއުމަކީ އަންހެނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. މި ކަމުންވެސް ދޭހަވަނީ ހުރިހާ ގޮތަކުން އެއްގޮތް 2 އިންސާނަކަު ދުނިޔޭގައި ނުވާނެކަމެވެ.

މާތް ﷲ އަކީ އެންމެހާ ކަންތައްތައް ކުރެއްވުމައް ކުޅަދުންވަންތަ އިލާހެވެ. އެންމެހާ އިންސާނުން ތަފާތު ގޮތުގައި ލެއްވެވީ ﷲ އެވެ. ކޮންމެ އިންސާނަކުވެސް ﷲ ހައްދަވާފައިވަނީ އެންމެ ފުރިހަމަ ސޫރާގައެވެ. ކޮންމެ އިންސާނަކީވެސް ތަފާތު މީހެއް ނަމަވެސް އެއް އިންސާނެއްގައި ހުންނަ ސިފަޔެއް އަނެއް އިންސާނެއްގައި ހުރެދާނެއެވެ. ހަމަ އެފަދައިން އެކަކު ގައިގަ ހުންނަ ސިފަޔެއް އަނެކާގެ ގައިގަ ނުހުރެ ދާނެއެވެ. އެންމެންނަކީ ހުރިހާ ގޮތަކުން އެއްގޮތް ބައެއް ނޫނެވެ. ނަމަވެސް ހިތާމަޔަކީ ބައެއް މީހުން މިކަންކަން ގަބޫލު ނުކުރާކަމެވެ. އެއްވެސް ބަލައިލުމެއް ވިސްނުމެއް ނެތި އަނެކާގެ އުނިސިފަތައް ކިޔާ މަލާމާތް ކުރުމަކީ އާންމުވެފައިވާކަމެކެވެ. އެފަދަ ބަސްތަކާއި އެފަދަ މަލާމާތްތައް މީހުނައް ރަށްދުކުރާ ފަރާތްތަކުން މި ކަންކަމާއި މެދު ވިސްނާށެވެ. ތިމާ އަނެކާ އައް މަލާމާތް ކުރާއިރު ތިމާގައިގަވެސް އުނި ސިފަތަކެއް ހުންނާނެއެވެ. ބޭރުފުށުން އުނި ސިފަތަކެއް ފެންނަން ނެތްކަމުގައިވިޔަސް އެތެރެ ފުށުގައި ނުވަތަ ވިސްނުމުގައިވެސް އުނިސިފަތަކެއް ހުރެދާނެއެވެ. އެއް އިންސާނަކު އަނެއް އިންސާނަކަށް މަލާމާތްކޮށް އުނި ސިފަތައް ގޮވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މި ކަމުގެ ބައެއް ހެކިތައް މި ދިވެހި ގައުމުންވެސް ފެނެޔެވެ. މީހުންގެ އުނި ސިފަތަކަށް މަލާމާތް ކުރަމުން އައި ބައެއް މީހުނައް ދަރިން ލިބުނު އިރު އެމީހުންގެ ކުދިންނައް އެބައިމީހުން މަލާމާތް ކުރި ކުދިންނާއި އެއްގޮތް ބައެއް ސިފަތައް ލިބިފައި ވެއެވެ. އުނިސިފައެއް ގޮވާ މަލާމާތްކުރުމުން އެއްވެސް މީހަކު ދެރަވާކަށް ނުޖެހެއެވެ. ސަބަބަކީ އެ ސިފަޔަކީ އެމީހަކު އަމިއްލަޔައް ލިބިގަން ސިފަޔަކަށް ނުވާއިރު މަލާމާތުގެ ސަބަބުން މަލާމާތް ކުރާ މީހާ ފަފަވެރިވެ ރައްދުވާ މީހާޔައް އޭގެ ބަދަލު އާހިރުގައި ﷲ ދެއްވާނެއެވެ.

ﷲ އިންސާނާޔައް ގެއްލުން ހުރި އެންމެހާ ކަންކަން ނަހީ ކުރެއްވިއެވެ. އަދި އެކަކު އަނެކާޔައް މަލާމާތްކޮށް އުނިސިފަތަކުގެ ވާހަކަދެއްކުން ނަހީކުރެއްވިއެވެ. ކޮންމެ ކަމެއްގައިވެސް ހިކުމަތެއް ވާނެއެވެ. ﷲ އެންމެހާ އިންސާނުން ތަފާތުކުރެއްވުމުގައިވެސް ހިކުމަތެއް ވާނެ ކަން ޔަގީނެވެ.

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    ދީން

    رمضان مبارك

     އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

    Leave a reply

    Your email address will not be published. Required fields are marked *