ވާހަކަ

މަގޭ ދަރިފުޅާ(2 ވަނަބައި)

ލިޔުއްވީ: މާޝާ

އެއީ މީގެ ދެ ދުވަސް ކުރިއެވެ. ނަމަވެސް އަހަންނަށް ހީވަނީ އޭގެ ފަހުން އެތައް އެތައް ދުވަހެއް ވެއްޖެ ހެންނެވެ. އެހެން ނަމަވެސް އެހަނދާން އަހަރެންގެ ހިތުގައި ވަނީ ދެންމެ ވީ ކަމެއް ހެންނެވެ.

 އަހަރެންގެ ހަ އަހަރުގެ ފިރިހެން ދަރިފުޅު އަޔާން އެއީ އަހަރެންގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އަށް އަހަރު ކުރިން އަހަރެންނާ ޝިފާޒް ކައިވެނިކޮށް، އޭގެ ދެއަހަރު ފަހުން އަޔާން ލިބުނުތާ އަހަރެއްވެސް ނުވެ ޝިފާޒް ވަނީ ނިޔާވެފައެވެ. އޭގެ ފަހުން އަހަރެންނާ އަޔާން އުޅެނީ އަހަރެންގެ މަންމައާ ބައްޕަ ގާތުގައެވެ.

އަޔާން ކުރިއަށް ވުރެން ހަލަނި ވެގެން އުޅޭތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. ކާގަޑިގައި ކާކަށް ބޭނުމެއް ނުވެއެވެ. ކިޔަވަން ބުނުމުން އެތައް ބޮޑައެއް ހާކައެވެ. އެދުވަހު އަހަރެން ރުޅި އައީ ތިން ހަތަރު ފަހަރު ބުނުމުންވެސް އަޔާން ގުރުއާން ކިޔަވަން ނައުމުންނެވެ.

“އަޔާން، މަންމަ މިހާރު ވަރަށް ރުޅި އައިއްސި އިނގޭ! ތިހެން ހަދަންޏާ މާދަމާ ސްކޫލް ޓްރިޕް އަކު ނުދެވޭނެ” އަހަރެން ރުޅި އައިސްގެން ބުނީމެވެ.

“ނޫން، ފޮނުވަން ވާނެ، އެހެން ނޫނީ ވަނީ މަންމަ ދޮގު ހެދި ކަމަށް، އިއްޔެވެސް މަންމަ އާންޓީ ކައިރީ ބުނީމެއްނު ޔާން ފޮނުވާނަމޭ…” އަޔާން ބުންޏެވެ.

“ހެވޭ އެހެން ބުންޏަސް، ނުކިޔަވަންޏަކާ ނުފޮނުވާނަން” އަހަރެން ބުނީމެވެ.

“ނޫން، ފޮނުވަން ވާނެ” އަޔާން ބޮޑާ ހާކާލިއެވެ.

“މި ބުނީނު ނުކިޔަވަންޏަކާ ނުފޮނުވާނަމޭ؟” އަހަރެންވެސް ގޮތުގައި ހިފަހައްޓާލީމެވެ.

“މަންމައާ ރުޅި!” އަޔާން ކޮޓަރިއާ ދިމާއަށް ދުއްވަގަތެވެ.

“އަޔާން، ހަމަ މިހާރު އަންނަން ވީ ކިޔަވަން” އަހަރެން ގާތަށްވެސް ރުޅިއައެވެ.

“ނުކިޔަވާނަން!” ދޮރުން ބެރަށް ބޯ ދިއްކޮށްލަމުން އަޔާން ބުނެލިއެވެ.

އަހަންނަށް ހައިރާން ވެފައި ބަލަން ހުރެވުނެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އަޔާން ވާހަކަ ދެއްކި ގޮތެއް ނޫނެވެ. އައި ރުޅީގައި ފުރަތަމަވެސް ހިތަށް އެރީ އަޔާންގެ އަނގަމަތީގައި ޖަހާށެވެ. ނަމަވެސް އެޚިޔާލު ހިތުން ފޮހެލީމެވެ. އަޔާން ގައިގައި ޖަހާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިވީހާ ތަނުގައިވެސް އެއްފަހަރުވެސް އަޔާން ގައިގައި އަހަންނެއް ނުޖަހަމެވެ. ވީއިރު މިއަދަކުވެސް ނުޖަހާނަމެވެ.

“އެންމެ ރަނގަޅޭ، ނުކިޔަވާ ހުރޭ. މަންމަ ލޯތްބެއް ނުވާނަން ނުކިޔަވާ ކުދިން ދެކެއެއް. ދެން ޓްރިޕްއަކުވެސް ނުދެވޭނެ. އަޔާން ބޭނުން އެއްވެސް ކަމެއް ނުވާނެ… މަންމަ ދެން އަޔާންއާ ވާހަކައެއްވެސް ނުދައްކާނަން. ވަރަށް ފޫހިވޭ ބަސްނާހާ ކުދިން ދެކެ” އަހަރެން ހިތްހަމަ ނުޖެހުނު ވަރުން އިތުރަށް އެވާހަކަ ނުދައްކާ ސޯފާގައި އިށީނީމެވެ.

ބައިގަޑިއެއްހާ އިރު ފަހުން އަޔާން ކޮޓަރިން ނިކުތެވެ. އަހަންނާ ދިމާއަށް ބަލަން ކޮޓަރީ ދޮރު ކައިރީ އިރުކޮޅަކު ހުރެފައި އައިސް އަހަރެން ގާތު ހުއްޓުނެވެ. އަހަރެން އަޔާންއާ ވާހަކަ ނުދައްކާ ގިނަ އިރު ވުމުން އޭނަ ދެރަވީއެވެ. އެކަން އެނގުނު ނަމަވެސް އަހަރެން ރުޅި އައިސްފައި އިން ވަރުން އަޔާންއާ ދިމާއަށް ބަލައެއް ނުލަމެވެ.

“މަންމާ…” އަޔާން މަޑުމަޑުން ގޮވާލިއެވެ.

އަހަރެން އަޑު އިވޭ ކަމަކަށްވެސް ނަހަދަމެވެ.

“މަންމާ…” އަހަރެންގެ ފައިގައި ހިފާ ހަލުވާލަމުން އަޔާން ދެވަނަ ފަހަރަށް ގޮވާލިއެވެ. ދެންވެސް އަހަރެން އަޅައެއް ނުލަމެވެ.

އަޔާންގެ ތުން ފިތެން ފެށިއެވެ. އަހަރެން އަޅައެއް ނުލަމެވެ.

އަހަރެން ވާހަކަ ނުދައްކަންޏާ އަޔާން ވަރަށް ދެރަވާނެ ކަން އަހަންނަށް އެނގެއެވެ. އަޔާންއާ ވާހަކަ ނުދައްކާ ހުރުން އެއީ އަހަންނަށްވެސް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެގޮތަށް ވާހަކަ ދެއްކުމުންނާ، އެރޭ ގުރުއާން ނުކިޔެވުމުން އަހަރެން ބޭނުންވީ އަޔާންއަށް ފިލާވަޅެއް ދޭށެވެ. އޭނަ ކުޑަޔަސް ބޭނުންހާ ގޮތަކަށް ކަންތައް ނުވާނެކަން އޭނައަށް ބުނެދޭށެވެ.

އަޔާންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. ދެންވެސް އަހަރެން ބަލާނުލުމުން އަޔާން އެއްޗެއް ނުބުނެ އަހަރެން ގާތު މަޑުމަޑުން އިނެވެ.

އެރޭ ހަތެއް ޖެހުމުން އަހަރެން ކާން ހަދާފައި އަޔާން ގާތު ކާން ބުނީވެސް އަހަރެންގެ ކޮއްކޮ ރީނާ ލައްވައެވެ. އަޔާން ކާން އިންނަ އިރު ކޮންމެ ފަހަރަކުވެސް އޭނަ ގާތުގައި އިންނަ ނަމަވެސް އެރޭ އަހަރެން އިނީ ދުރުގައެވެ. އެރޭ އަޔާން ގާތު އިނީ ރީނާއެވެ.

ކައި ނިމިގެން ރީނާއާ އެކު ގޮސް ގައި ދޮވެ ނިދަން ތައްޔާރު ވެގެން އަޔާން ނިކުތެވެ. އެރުވެސް އަހަރެން އިނީ ސިޓިންގރޫމްގައެވެ. އޭރު އަޔާން އަތުގައި ޚަތިމް އޮތެވެ. އަހަރެން ވާހަކަ ނުދައްކާ ހުރުމުން ދެރަ ވެގެންނާ ރީނާ ނަސޭހަތް ދިނުމުން އަޔާން ކިޔަވަން އައީއެވެ.

“މަންމާ، މިއައީ ކިޔަވަން” އަޔާން ބުންޏެވެ.

އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. މަންމައާ ރީނާ ކައިރީގައި ބަލަން ތިއްބެވެ. އަހަރެން އެއްޗެއް ނުބުނުމުން އަޔާން އެމީހުންނާ ދިމާއަށް ބަލާލިއެވެ. މަންމަ ބޯޖަހާލަމުން އަޔާންއަށް ކިޔެވުމަށް ބުނެލިއެވެ.

އަހަރެން ގާތު އިށީނދެ އަޔާން ކިޔަވަން ފެށިއެވެ. އެހެން ފަހަރުވެސް ކިޔަވާ ފަދައިން ހަތް ފަހަރު ފިލާވަޅު ކިޔާފައި އަޔާން އަހަންނަށް ބަލާލިއެވެ.

“މަންމާ… މިހާރު ރުޅިއެއް ނޫން ދޯ؟ ޔާންއަށް މާދަމާ ޓްރިޕް ދެވޭނެ ދޯ؟” އަޔާން އަހާލިއެވެ.

އަހަރެން ޖަވާބެއް ނުދެމެވެ.

“ލީނާ، ދެން ޔާންއާ ވާހަކަ ދައްކަބަލަ…. މިހާރު ގުރުއާންވެސް ކިޔެވީއެއްނު؟” މަންމަ އަހަންނަށް ގޮވާލާފައި ބުންޏެވެ.

“އަޔާން ކިޔެވީ އަހަރެން ވާހަކަ ނުދައްކާތީކީ ނޫނޭ، އަޔާން ކިޔެވީ މާދަމާ ޓްރިޕް ދާން ބޭނުން ވާތީ. މަންމަ ބުނޭ އަޔާން ކައިރީ، ގުރުއާން ކިޔެވީމަ މާދަމާ ދެވޭނެޔޭ، އެކަމަކު މަންމަ އަޔާންއާ ވާހަކައެއް ނުދައްކާނަމޭ. މިއަދު މަންމަ ވަރަށް ދެރަ ވެއްޖެ އަޔާން މަންމަގެ ބަސް ނޭހީމަ، މަންމަ ބޭނުމެއް ނޫން ބަސް ނާހާ ކުދިންނާ ވާހަކަ ދައްކާކަށް، ލޯތްބެއް ނުވޭ ބަސް ނާހާ ކުދިން ދެކެއެއް…” އަހަރެން ބުނީމެވެ. އަދި އެތަނުން ދުރަށް ދާން ތެދުވީމެވެ.

ނަމަވެސް އެވަގުތު އަޔާން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.

“ސޮރީ މަންމާ… ޔާން ދެން އެހެންނެއް ނޫޅޭނަން… ޔާން ދެން މަންމަގެ ބަސް އަހާނަން… ކިޔަވާނަން… ޔާން ބޭނުމެއް ނޫން ޓްރިޕް ދާކަށް، ޔާން ބޭނުމީ މަންމަ ޔާންއާ ވާހަކަ ދައްކަން، ޔާން ދެކެ ލޯބި ވާން…” ރޮވިފައި ހުރެ އަޔާން ވާހަކަ ދެއްކިއެވެ.

އަޔާން ރޯތަން ފެނުމުން އަހަރެންގެ ހިތަށް ތަދުވިއެވެ. ނަމަވެސް އަހަރެން ބޭނުންވީ އެވަގުތު އެކަން އަޔާންއަށް ނުދައްކާށެވެ. ބަސް ނޭހުމަކީ އަދަބު ލިބޭނެ ކަމެއްކަން އަޔާންއަށް އަންގާށެވެ.

“އަދިވެސް ޔާން އުޅޭނެ އެހެން، މަންމަ އެއް ފަހަރު ބުނީމަ ބަސް ނޭހީމަ މަންމައަށް އެނގިއްޖެ އަޔާން ދެންވެސް ހަދާނީ އެހެން ކަން، އެހެން ނޫނަސް މިހާރު ޓްރިޕް ދާން ހުއްދަ ދީފީމެއްނު؟ މަންމަ ވާހަކަ ނުދެއްކިޔަސް އަޔާންއަށް ހެޔޮ ވީމަ އަޔާން އެހެން އުޅުނީ…” އަހަރެން އަޔާންގެ އަތް ދުރަށް ޖައްސާލަފައި ހިނގައިގަތީމެވެ.

އެވަގުތު ބާރަށް ރޮއެގެންފައި އަޔާން އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފެހެއްޓިއެވެ.

“މަންމާ… ޕްލީޒް… ސޮރީއޭ… ޔާން ދެކެ ލޯބި ވެބަލަ މަންމާ… ޔާން ބަސް އަހާނަމޭ… ކިޔަވާނަމޭ… މަންމަ ބުނާބަސް އަހާނަމޭ… މަންމަ ޔާންއާ ވާހަކަ ދައްކަބަލަ… ޕްލީޒް… ބުނެބަލަ މަންމަ ޔާން ދެކެ ލޯބި ވެޔޭ…” އަޔާން ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އަހަރެން ގޮތް ދުލެއް ނުކުރަމެވެ.

“މަންމާ… ޕްލީޒް، ޔާން ބަސް އަހައިގެންނޭ މިހިރީ… ވާހަކަ ދައްކަބަލަ ޔާންއާ… ޔާން ދެން ކޮންމެ ރެއަކުވެސް ގުރުއާން ކިޔަވާނަމޭ… މަންމަ ބުނާ ބަސް އަހާނަމޭ… ޔާން ދެކެ ލޯބިވެޔޭ ބުނެބަލަ މަންމާ… ޕްލީޒް…” އަޔާން ރޮމުން ދިޔައެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ނަމަވެސް އަހަރެން އަޔާންއާ ދިމާއަށް ބަލައެއް ނުލަމެވެ.

އަޔާން ރޮމުން ވާހަކަ ދައްކަމުން، އަތުން ލޮލާ ނޭފަތް ފޮހެމުން އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފައިގެން ހުރެ އަހަރެންގެ ފަހަތުން އަހަރެން ދާހާ ތަނަކަށް ހިނގަމުން ދިޔައެވެ. ފަނަރަ ވަރަކަށް މިނެޓް ފަހުން މަންމަ އައިސް އަޔާން އުރާލައިގެން ދިޔައެވެ. އޭރުވެސް އަޔާން ހުއްޓައެއް ނުލައެވެ. އޭރު އަޔާން ނިދާ ގަޑި ފާއިތު ވެގެން ހިނގައްޖެއެވެ. ފަސް ވަރަކަށް މިނަޓް ވަންދެން އަޔާން ރޯއަޑު ކޮޓަރި ތެރެއިން އިވިއވި ހުއްޓެވެ. ފަނަރަ މިނަޓެއްހާ އިރު ފަހުން އަޔާންއަށް ނިދުމުން މަންމަ ނިކުތެވެ. އޭރުވެސް އަހަރެން ސޯފާގައި އިނީމެވެ. އަޔާން އެވަރަށް ރޮއްވުނީތީ ދެރަވެ އަހަންނަށްވެސް ރޮވެނީއެވެ.

“އެވަރަށް އެކުއްޖާ ރޮއްވާކަށް ނުވާނެއެއްނު ލީނާ” އަހަރެން ގާތު އިށީންނަމުން މަންމަ ބުންޏެވެ.

“އޭނަ ބަސް ނޭހީމަ އަދަބުވެސް ދޭން ޖެހޭނެއެއްނު މަންމާ” ލޮލުން އައި ކަރުނަ ފޮހެލަމުން އަހަރެން ބުނީމެވެ.

އަހަރެން އަޔާން ދެކެ ލޯބިވާ ވަރު މަންމައަށާ އަހަރެންގެ އާއިލާގެ އެންމެންނަށްވެސް އެނގޭނެއެވެ. ޝިފާޒް ނިޔާވުމަށް ފަހު އަޔާންއަށް ލޯބި ދިނީ އަހަރެންގެ އާއިލާއިންނެވެ. އެކުއްޖާއާ މެދު ޝިފާޒްގެ އާއިލާގެ އެކަކުވެސް އެއްވެސް އަޅާލުމެއް ނުބަހައްޓައެވެ. މަގުމަތިން ފެނުނިއްޔާ ގޮވާލުން ފިޔަވާ އެމީހުންނަކާ އަޔާންއަކާ އެއްވެސް ގުޅުމެއް ނެތެވެ. ވީއިރު މަންމައާ ބައްޕައެއްގެ ލޯބި އަޔާންއަށް ދެނީ އަހަރެން އެކަންޏެވެ. އަޔާންއަށް ކިތަންމެ ކުޑަ ކަމެއް ދިމާ ވިޔަސް އަހަރެންގެ ހިތް ހަލާކު ވެދާނެއެވެ.

އެހެން ނަމަވެސް އަޔާން ރަނގަޅު ކުއްޖެއް ގޮތުގައި ބޮޑު ކުރުން އެއި އަހަރެންގެ ޒިންމާއެކެވެ. އެޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރަން ބޭނުން ނަމަ ބައެއް ފަހަރު އަމިއްލަ ހިތް ހަރު ކުރަން އަހަންނަށް ޖެހޭނެއެވެ. އަމިއްލަ ހިތަށް ތަދުވި ނަމަވެސް، އަޔާން ރޮއްވައިގެން ވިޔަސް އަހަރެން ބޭނުން ވަނީ އެއީ ބަސްއަހާ ކުއްޖަކަށް ހެދުމަށެވެ.

އެރޭ އަހަންނަށް ނިދުނީ ވަރަށް އުނދަގުލުންނެވެ. ނިދަން އޮށޯތުމުގެ ކުރިން އަހަރެން އަޔާންގެ އެނދު ކައިރިއަށް ގޮސް އަޔާންގެ މޫނުގައި ފިރުމާލީމެވެ. އެމައުސޫމް މޫނުގައި ބޮސްދިނީ ރޮވިފައި ހުރެއެވެ. އަޔާން ހޭލައްވާފައި އެރޭ ކަންތައް ކުރެވުނު ގޮތުން މާފަށް އެދެން ބޭނުން ވިއެވެ. އަހަރެން އަބަދުވެސް އަޔާން ދެކެ ލޯބި ވާނެކަން އަންގައިދޭން ބޭނުން ވިއެވެ. ނަމަވެސް އެވަގުތުވެސް އަހަރެން ނިންމައިގެން ހުރީ އަނެއް ދުވަހުންވެސް އަޔާންއާ ކޮންމެވެސް ވަރަކަސް ދުރުދުރުން އުޅުމަށެވެ.

ނިދަން އެނދުގައި އޮވެވެސް އަހަންނަށް ރޮވެނީއެވެ. އަޔާންއަށް ނިދުނީވެސް އަހަރެން އޭނަ ދެކެ ލޯބި ނުވެޔޭ ހިތަށް އަރާ އޮވެކަން ޔަގީނެވެ. އެފަދަ ޚިޔާލުތަކުގައި އޮވެ އަހަންނަށް ނިދުނީ އެތައް އިރެއް ވީފަހުންނެވެ. ނިދީގައިވެސް އަހަންނަށް އެދުވަހުގެ ކަންތައް ހަނދާން ވަމުން ދިޔައެވެ. އިރުއިރުކޮޅާ ހޭލެވެއެވެ. އެއީ އެގޮތަށް އަޔާން ދެކެ ނުރުހުންވެފައި އެހާ ގިނަ އިރު އަހަރެން ހުރި ފުރަތަމަ ފަހަރު ކަމަށް ވުމުން ކަންނޭނގެއެވެ.

އަނެއް ދުވަހު ހެނދުނު ދިހައެއް ޖެހި އިރަށް ރީނާ އަޔާން ގޮވައިގެން ދާން ނިކުތެވެ. ސްކޫލްގެ ފަރާތުން ކުދިން ގޮވައިގެން އެއަރޕޯޓް ދައްކާލަން ދާ އެދަތުރުގައި ބެލެނިވެރިއަކާ އެކުގައި ނޫނީ ކުދިން ނުފޮނުވުމަށް އަންގާފައި ވާތީ އެދުވަހު އަޔާންއާ އެކީގައި ދަނީ ރީނާއެވެ. އަހަންނަށް ނުދެވުނީ އެދުވަހު އަހަރެންގެ އޮފީސް ޑިޔުޓީ އޮތީ އެގާރަ ޖަހާ އިރަށް ކަމަށް ވާތީއެވެ.

ބޭރަށް ނިކުންނަމުން އަޔާން އަހަންނާ ދިމާއަށް ބަލާލިއެވެ. އެވަގުތުވެސް އަހަރެން އެއްޗެއް ބުނޭތޯ ކަންނޭނގެއެވެ.

“ރީނާ، އަޔާން ގާތު ބުނޭ ބަސް އަހައިގެން ހުންނާށޭ، މަންމަ ބުނާ ބަސް ނޭހިޔަސް އާންޓީމެން ބުނާ ބަސް އެހިދާނެއެއްނު؟”

އަހަރެން ބުނީމެވެ.

“މަންމާ، ޔާން ބަސް އަހާނަމޭ” އަޔާން ބުނެލިއެވެ. އަދި އަހަރެންނާ ދިމާއަށް އަތުން ހަނާ އަޅާލާފައި ރީނާގެ އަތުގައި ހިފައިގެން ނިކުތެވެ.

އެދުވަހު ގަޑި ހިނގާލެއްވެސް ލަސް ހެން އަހަންނަށް ހީވިއެވެ. ނަމަވެސް ގަޑި ހިނގަނީ ހަމަ އެހެން ދުވަސް ދުވަހުވެސް ހިނގާ ވަރަށެވެ. އެދުވަހާ އެހެން ދުވަސްތަކާ ތަފާތެއް ނެތެވެ. ނަމަވެސް އެއީ އެހެން މީހުންނަށެވެ. އެދުވަހަކީ އަހަންނަށް ވަރަށް ތަފާތު ދުވަހެކެވެ. އަހަރެންގެ ހަޔާތުގައި އައި އެންމެ “ތަފާތު” ދުވަހެވެ.

އެހެން ދުވަސް ތަކެކޭ އެއްގޮތަށް އެދުވަހު ދޭއް ޖަހަން ދެން އަހަރެން މަސައްކަތުގައި އަވަދި ނެތި އުޅުނީމެވެ. ނަމަވެސް އެހާ އިރު ވީތަނާ އަހަންނަށް ތަފާތު އިހުސާސެއް ކުރެވެން ފެށިއެވެ. އަވަހަށް ގެޔަށް ދާން ބޭނުން ވިއެވެ. އަޔާން ނިމޭނީ ދެގަޑި ފަނަރައިގައެވެ. ނަމަވެސް އެކަމާ އަހަރެން ހާސްވާކަސް ނުޖެހޭނެއެވެ. އަޔާން ގޮވައިގެން ރީނާ ގެޔަށް އަންނާނެއެވެ. އެހެން ނަމަވެސް ހަމަ އެވަގުތު އަޔާންއަށް ގުޅާލަން އަހަރެންގެ ހިތް ބޭނުން ވާން ފެށީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެއެވެ.

އެޚިޔާލާ ދުރަށް ދާން މަސައްކަތް ކުރަމުން އަހަރެން ކުރަން އިން ކަމަށް ބޮޑަށް ސަމާލުވެވޭތޯ އަހަރެން ބެލީމެވެ. ނަމަވެސް އެއްވެސް ގޮތަކަށް މަސައްކަތާ ގަޔާވެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ދެގަޑި ފަންސަވީސް ވީތަނާ ފޯން ނަގާ ރީނާއަށް ގުޅާލީމެވެ. ނަމަވެސް ތިން ހަތަރު ފަހަރަށް ގުޅި އިރުވެސް ރީނާ ފޯނެއް ނުނެގިއެވެ.

ކީއްވެ ކަމެއް ނޭނގެއެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. އެވަގުތު އަހަރެން ބޭނުންވީ ކޮންމެ ގޮތަކުން ވިޔަސް އަޔާން ހުރި ތަނެއް ބެލުމަށެވެ. އަހަރެން އަވަހަށް އަޔާންގެ އާންޓީގެ ނަމްބަރަށް ގުޅާލީމެވެ. އާންޓީވެސް ފޯނެއް ނުނެގިއެވެ. ދެން އަހަރެން ގުޅީ ގެޔަށެވެ. މަންމަ ފޯން ނަގާފައި ކުޑަ އިރުކޮޅެއް ކުރިން ރީނާ ގުޅާފައި މާލެއަށް އަންނަން ފެރީއަށް އަރާ ތިބި ވާހަކަ ބުންޏެވެ. އަހަރެން އަޔާންގެ ވާހަކަ އެހީމެވެ. މަންމަ އަޔާންއާވެސް ވާހަކަ

ދެއްކިން ކަމަށް ބުންޏެވެ. އަދި އޭނަ އަދިވެސް ހުރީ ދެރަ ވެފައި ކަމަށްވެސް ބުންޏެވެ.

އަހަރެން ފޯން ބޭއްވީމެވެ. ހާސްވާން ޖެހޭ ކަމެއް އެބަ އޮތް ހެއްޔެވެ؟ އަމިއްލަ ހިތާ އަހަރެން ސުވާލުކޮށްލީމެވެ. ނޫނެކެވެ. ނެތެވެ. ޖަވާބު އައެވެ. ނަމަވެސް އަހަރެންގެ ހިތްހަމައެއް ނުޖެހުނެވެ. ހާސްވާންވީ ކަމެއް ނެތް ކަމަށް ހިތުން ޖަވާބު އައި ނަމަވެސް އެކަމާ އަހަރެންގެ ވިސްނުން އެއްބަހެއް ނުވިއެވެ. ރީނާއާ އަޔާންގެ އާންޓީ ފޯން ނުނަގނީ ކީއްވެ ހެއްޔެވެ؟

އަނެއްކާވެސް ފޯން ނަގާ ރީނާއަށް ގުޅާލީމެވެ. މިފަހަރުވެސް ރީނާ ފޯނެއް ނުނެގިއެވެ. އާންޓީއަށް ގުޅާލީމެވެ. އާންޓީވެސް ނުނެގިއެވެ.

ފުން ނޭވައެއް ލާފައި އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ. ގޮޑީގައި ލެނގިލާފައި ލޯމަރާލަމުން ބޭރަށް ނޭވައެއް ލީމެވެ. އަހަރެންގެ ދަރިފުޅާ އަވަހަށް ބައްދަލު ކޮށްދެއްވުން އެދި ދުޢާކޮށްލީމެވެ. އަދި ހިންދީ ފިލްމް “ތްރީ އިޑީއަޓްސް” ގައި އާމިރް ޚާން ބުނާހެން މޭގައި އަތް ޖައްސާލާފައި “އޯލް އިޒް ވެލް” އޭ ހިތާ ހިތާ ބުނެލީމެވެ.

އެދުވަހު ޑިޔުޓީ ނިމެން ދެން އޮފީހުގައި އަހަންނަކަށް ކެތެއް ނުވާނެއެވެ. އަޔާން ދެކިލާ ހިތުން އިތުރަށް ކެތް ނުކުރެވޭނެކަން އެނގޭތީ އެދުވަހު ބޮސް ގާތުން ހުއްދަ ހޯދައިގެން އަވަހަށް ގެޔަށް ދިޔުމަށް ނިންމީމެވެ. އަދި އަޔާން ފެނުނުހާ އަވަހަކަށް އަޔާން ގާތު މަންމަ މިހާރު މިހިރީ ރުޅި އައިސްފައި ނޫންކަމަށާ، އަޔާން ދެކެ މަންމަ ވަރަށް ލޯބި ވާކަމަށް ބުނަން ނިންމީމެވެ. ގެޔަށް ގޮސް ހަވީރު ސަޔަށް އަޔާންއަށް އެންމެ މީރު ކްލަބް ސޭންޑްވިޗް ހަދަންވެސް ނިންމީމެވެ.

އެހެން ނަމަވެސް އެހުރިހާ ކަމެއް ކުރާކަށް އަހަންނަކަށް ފުރުސަތެއް ނުލިބުނެވެ. އެޚިޔާލުގައި އިންދާ ރިންގްވި ފޯން ނެގީވެސް އަޔާންގެ ޚިޔާލުގައި އިންދައެވެ.

“ދޮންތާ…” ފުރަތަމަވެސް އިވުނީ ރީނާގެ އަޑެވެ. ކުރިން ކުރެވުނު އިހުސާސްތައް އަނެއްކާވެސް އައިސް އަހަރެންގެ ހުރިހާ ހިއްސެއް ވަށާލިއެވެ.

“ކިހިނެއްވީ ރީނާ؟” އަހަންނަށް އެހެން އަހާލެވުނީ ފޯންގެ އަތްގަނޑުގައި ބާރަށް ހިފާލެވުމާ އެކުގައެވެ.

“ދޮންތާ…” އަނެއްކާވެސް ރީނާއަށް ބުނެވުނީ އެވަރަށެވެ. ރީނާ ރޯކަން އަހަންނަށް އެނގުނީވެސް އެހިސާބުންނެވެ.

“ރީނާ! ކިހިނެއްތަ ވީ؟ ކީއްވެތަ ތި ރޮނީ؟” އަހަންނަށް ވަރަށް ބާރަށް އަހާލެވުނެވެ.

“ދޮންތާ… އަޔާން…”

“އަޔާން ކޮބާ؟ އަހަރެން އެވަރަށް ގުޅި އިރުވެސް ރީނާ ފޯން ނުނެގީ ކީއްވެތަ؟ އާންޓީވެސް ނުނެގިއޭ ފޯނެއް… އަޔާން އަތަށް ފޯން ދީބަލަ!” ރީނާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ އަހަރެން ވާހަކަ ދެއްކީމެވެ.

ރީނާއަށް ބާރަށް ރޮއެގަނެވުނެވެ. އެއަޑު އަހަންނަށް އިވުނެވެ.

“ހަލޯ؟ އަޔާންގެ މަންމަތޯ؟” އެހެން މީހަކު ރީނާގެ އަތުން ފޯން އަތުލާފައި އެހިއެވެ. އަހަރެން އާއެކޭ ބުނީމެވެ. ދެން އެމީހާ ބުނި ޖުމްލައިން އަހަރެންގެ މުޅި ދުނިޔެ އަނދިރި ވެގެން ދިޔައެވެ. އަތުން ފޯން ދޫވެގެން ވެއްޓުނެވެ. އަހަރެންގެ މޫނުމައްޗަށް އަނދިރިވިއެވެ. ކައިރީގައި ތިބި އެހެން މީހުންގެ އަޑު އަހަންނަށް އިވުނެވެ. ނަމަވެސް ކީއެއްޗެއް ސާފެއް ނުވިއެވެ.

އަހަންނަށް ލޯހުޅުވާލެވުނު އިރު މަންމަ އަހަރެން ގާތުގައި އިނެވެ. މަޑުމަޑުން ހަނދާން ވިއެވެ. އަހަރެން އޮތީ ގޭގައި އަހަރެންގެ ކޮޓަރީގައިކަން އެނގުނީވެސް ތެދުވެ ވަށައިގެން ބަލާލުމުންނެވެ.

އަހަރެން އެނދުން ތެދުވެގެން ގޮސް އަޔާން ނިދާ އެނދު ކައިރީގައި ހުއްޓުނީމެވެ. ދެއަތުން އެނދުގައި ފިރުމާލީމެވެ. ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ އަންނަމުން ދިޔައވެ.

އަހަރެންގެ އަޔާން އަހަންނާ އުމުރަށް ވަކިވީއެވެ. ދެން ދުވަހަކުވެސް އަހަންނާ އަޔާން ވާހަކައެއް ނުދައްކާނެއެވެ. އެހީލުމުގެ އަޑެއް ނީވޭނެއެވެ. އެލޯބި ވާހަކައިގެ އަޑެއް ނީވޭނެއެވެ. އަހަރެންގެ އަޔާން އަހަންނާ ވަކިވީއެވެ.

އަހަރެންގެ ދަރިފުޅު މަރުވީއެވެ.

އަޔާންމެން އައި ފެރީގައި ލޯންޗެއް ޖެހި އެކްސިޑެންޓެއް ވީއެވެ. ގިނަ ބަޔަކު މޫދަށް ވެއްޓި، އެތައް ކުއްޖަކަށް އަނިޔާ ވީ ނަމަވެސް އެހާދިސާގައި މަރުވީ އަހަރެންގެ އަޔާންއެވެ.

އަހަރެންގެ އަޔާންއެވެ. އޭނަ އެދިޔައީ އަހަރެން އޭނަ ދެކެ ރުޅި އައިސްފައި ހުރި ކަމަށް ހީކޮށެވެ. އަހަރެން އޭނަ ދެކެ ލޯބި ނުވާ ކަމަށް ހީކޮށް ހުރެއެވެ. ދެރަވެ މާޔޫސް ވެފައި ހުރެއެވެ. އޭނަ އެވަރަށް އާދޭސް ކުރި އިރުވެސް އަހަރެން އޭނަޔާ ވާހަކަ ނުދެއްކީއެވެ. އޭނަޔާ ދިމާއަށް ބަލާވެސް ނުލީއެވެ. އެންމެ ފަހުން އަހަރެން އޭނަޔާ ދިމާއަށް ބަހެއް ބުނީވެސް ނުރުހުމާ އެކުގައެވެ. އެއީ އޭނަ ހީކުރާނެ ގޮތެވެ.

އެހެން ނަމަވެސް އެއީ ކަންވީ ގޮތެއް ނޫނެވެ. އަހަރެންގެ ދަރިފުޅު ދެކެ އަހަރެން ލޯބި ވެއެވެ. ވާހަކަ ދައްކަން ބޭނުމެވެ. އެހާ ވަރަށް އޭނަ ދެރަކޮށްލެވުނީތީ މާފަށް އެދެންވެސް ބޭނުމެވެ.

މަންމަ ދަރިފުޅު ދެކެ ރުޅިއެއް ނާދެއެވެ. މަންމަ ޔާން ދެކެ ވަރަށް ވަރަށް ލޯބިވެއެވެ. އެހެން އެތައް ފަހަރަކު ބުނަން ބޭނުމެވެ. ނަމަވެސް……….

އެދުވަހު ކަންތައް ވީގޮތެއް އަހަރެން މާބޮޑަކަށް ހަނދާނެއް ނެތެވެ. ދަރިފުޅުގެ މޫނު އެންމެ ފަހު ފަހަރަށް ބަލާލި ވަގުތު އަހަރެންވެސް މަރުވާނެ ނަމައޭ ހިތަށް އެރިއެވެ. އަޔާންއާ ނުލާ އަހަރެން މިދުނިޔޭގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އެއީ އަހަރެންގެ ހިތުގެ ވިންދެވެ. ވިންދަ ނުލާ އެކަކުވެސް ދިރި ހުންނާނެ ހެއްޔެވެ؟

އަޔާންގެ މޫނު ނިވާ ކުރުމާ އެކު އަހަރެންގެ މޫނުމައްޗަށްވެސް އަނދިރިކަން ވެރި ވެގެން ދިޔައެވެ.

ދެން ހޭލެވުނީ އަނެއް ދުވަހުއެވެ. ޑޮކްޓަރު ދިން އިންޖެކްޝަންގެ އެހީގައި އެރޭ ހަތަރުދަމު އަހަންނަށް ނިދުނީއެވެ. ނަމަވެސް ހޭލެވުމާ އެކީ އަހަރެންގެ ހިތް އަޔާންގެ ހަދާންތަކުން ވަށާލިއެވެ. ހަނދާން ވަނީ އެކުއްޖާ ރޭ އަހަރެން ގާތު ކުރި އާދޭހެވެ. ރުއި ރުއިމެވެ.

އަހަންނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ. އަޔާން ދެކެ އެވަރަށް ރުޅި ނާދެވުނު ނަމައެވެ. ފަހުންވެސް އެކަން އެންގުނު ނަމައެވެ. ދެރަވެ ހުރެ އަޔާން ނުނިންދެވުނު ނަމައެވެ. އެރޭ އަޔާން ނިދުމުގެ ކުރިން އަހަރެން އޭނަ ދެކެ ލޯބިވާ ވަރު ބުނެދެވުނު ނަމައެވެ. އެވަރަށް އަޔާން ރޮމުން އާދޭސް ކުރި އިރު އަހަރެން ގޮތް ދޫކޮށް އޭނައަށް ލޯބިން ވިސްނައިދެވުނު ނަމައެވެ.

“މަންމާ… ބުނެބަލަ ޔާން ދެކެ ލޯބި ވެޔޭ… ޔާން ބަސް އަހާނަމޭ… ޔާންއާ ވާހަކަ ދައްކަބަލަ މަންމާ… ޕްލީޒް…” އެއާދޭހުގެ އަޑު މުޅި އުމުރަށްވެސް އަހަރެންގެ ކަންފަތަށް އިވޭނެއެވެ. ދުވަހަކުވެސް އެއަޑު އަހަރެންގެ ހިތުން ފިލައިގެނެއް ނުދާނެއެވެ. ނުނިމޭ

މަގޭ ދަރިފުޅާ..( 1ވަނަބައި

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *

    More in:ވާހަކަ

    ވާހަކަ

    މާ ފައްކާއެތި

    އަހަރެން ކުޑައިރުން ސުރެދެކެމުން އަންނަ އެއްޗެކެވެ. އޭގެ އަވާގައި ލައްކަރަނގަޅަށް އަހަރެން ޖެހުނު އެއްޗެކެވެ. ބަލާ ބެލުމަށް މާއަޅާގަން ގޮތްހުންނަ ...