މަސްތުވާތަކެތީގެ ނުރައްކަލާމެދު ބެލެނިވެރިން ހޭލުންތެރިވާންވީ ކީއްވެ؟

ގޭގެ ދޮރުހުޅުވާލާފައި މަގުމައްޗަށް ނިކުމެއްޖެނަމަ، ފެންނާނީ މަސްތުވާ އެއްޗެހި ބޭނުންކުރާކަމަށް ތުހުމަތު ކުރެވި، ނުވަތަ ފަރުވާލިބި އެޢަމަލު ކުރަމުންދާކަމަށް ޝައްކުކުރެވޭ ޒުވާނެއް، ބިރުގަނޭ އަހަރެންގެ ދަރިފުޅުވެސް ހަލާކުވެދާނެ، ދެންކިހިނެއް އަހަރެން ހަދާނީ”

އާދޭހެވެ. ރޭޑިއޯއިން ޓީވީން، އަދި  ނޫސްތަކުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިންގޭ އެތައް ޕްރޮގުރާމް ތަކަކުން އަޅުގަނޑުމެންނަށް އަބަދުހެން މިއިވެމުންދަނީ މަސްތުވާތަކެތީގެ ނުރައްކަލުގެ ވާހަކަތަކެވެ. އެނުރައްކާތައް ދެނެގަނެ ދަރިފުޅު ސަލާމަތްކުރަން ކަންތައް ކުރަންވީގޮތުގެ ވާހަކަ ތަކެވެ.

މިވާހަކަތައް ކަންފަތުގައި ޖެހޭލެއް ގިނަކަމުން މިކަމާ ނުރުހުންވެ، ހޭލުންތެރިކަން އުފައްދަން އުޅޭ ފަރާތްތަކުގެ މަޤުސަދާއި ނިޔަތާއިމެދު ސުވާލުކުރާ ބަޔަކުވެސް މިވަގުތު އެބައުޅެއެވެ. މިފަދައިން ހޭލުންތެރިކަން އުފައްދާ ފަރާތްތަކުން ދައްކާވާހަކަތައް އަޑުއެހުމެއްނެތި ، ނަފްރަތާއި ނުރުހުން، އަދި ފާާޑުކިއުންތައް  ފާޅުކޮށްފައި މިމަޢުލޫއަށް ވިސްނުމަށް އިންކާރުކުރާ މަދުނަމަވެސް ބަޔަކު އެބައުޅެއެެވެ. ހަމަ މިއާއި އެކު މިދެވޭ މައުލޫމާތުތަކަށް މަރުޙަބާކިޔާ، ދަރިފުޅުގެ އުޅުމަށް ހަމަކިރިޔާ ބަދަލެއް އަތުވެއްޖެނަމަ، ދަރިފުޅު އިސްލާޙްކޮށް ސަލާމަތްކުރުމަށް ރެޔާއި ދުވާލު މަސައްކަތްކުރާ އެތައް ޒިންމާދާރު ބެލެނިވެރިންނެއް އަޅުގަނޑުމެންގެ  ތެރޭގައި  ހަމަހަމަ މިވަގުތުވެސް އެބަތިއްބެވެ.

“އެއީ އަހަރެމެން ހާދަ ލޯބިންބަލާ ބޮޑުކުރާ ކުއްޖެކޭ! މާތްﷲގެ ރަޙްމަތްފުޅުން އޭނާ އެކަހަލަ ކަމެއްގެ ތެރެއަކަށް ނުވަންނާނެ. އެކަމަކު އޭނާއަށް އެބަގޮތްތަކެއްވޭ. އޭނާ މަސްތުވާ އެއްޗެހި ބޭނުންކުރަނީނަމަ އެކަމުން އޭނާ ސަލާމަތްކުރަން ނުކުރާނެ ހަމައެއްކަމެއްވެސް ނެތް.ބުނެދީބަލަ،  އަހަރެން ހަދާނީ ކިހިނެތް.؟

މިއީ ބެެލެނިވެރިޔާގެ އާދޭހެވެ.

ފާއިތުވި 14 އަހަރު ތަފާތު ބެލެނިވެރިންނާއި، ރާއްޖޭންނާއި ރާއްޖޭންބޭރުން ބައްދަލުކުރެވިއްޖެއެވެ. އެންމެ ހައިރާންވި އެއްތަޖުރިބާ އަކުން އަޅުގަނޑަށް ވިސްނުންއެއްޗެއް ލިޔެލަން ބޭނުމެވެ.

އެއީ 1997 ވަނައަހަރެވެ. ބެންގައްލޫރުގެ ހޮސްޕިޓަލްއެކެވެ. މަންމައަކު އޭނާގެ ދަރިފުޅު ހޮސްޕިޓަލްގެ ޕޯޓިކުގައިއޮތް ސްޓްރެޗަރ އެއްގައި ބާއްވާއިގެން ގާތުގައި ހުރެ ރޮނީއެވެ، ދަރިފުޅަށް އޮތީ ހޮޑުލެވިފައެވެ. ފިޓްޖެހިފައެވެ. އެމަންމަ އަކަށް އިނގިރޭސިން ވާހަކަދައްކާ ކަށް ނޭގެއެވެ. އޭނާ ރޮއިރޮއިފައިި އަޅުގަނޑަށް ކިޔައިދިނެވެ. ” އަޅެ – އަހަންނަށް މީނާ އަވަހައް ޑޮކްޓަރަށް ދަށްކައިދީބަލަ ނޫނީ މިއެތިކޮޅު އޭނާއަށް ދެވިދާނެ ގޮތެއް ހަދައިދީބަލަ.”

އެމަންމަ ދިއްކޮށްލީ އޭނާގެ ދަރިފުޅުނަގާ މަސްތުވާތަކެތީގެ ބާވަތުން އެތިކޮޅެކެވެ. އަޅުގަނޑު ހައިރާންވެގެން އެހީމެވެ. ތި ހޯދީ ކިހިނެއްތޯ އެވެ. އޭނާބުނީ މީ ރޭ އަހަންނަށް ކެތްނުކުރެވިގެން މިވެނި މަގަކަށްގޮސް މީސްމީހުން ކައިރީ އާދޭސްކޮށް ޑޮލަރ ދަށްކައިގެން ހޯދި އެއްޗެކެވެ. އަޅުގަނޑަށް ނުރޮވުނީ ހަމަކިރިޔާއެވެ. ދިގުހެދުމެއްގައި ހުރި ނިކަމެތި ދިވެހިބަހުން ނޫނީ ވާހަކަދަށްކަން ނޭނގޭ މަންމައަކު އޭނާގެ ދަރިފުޅުގެ ގައިގާ އަޅަމުންދިޔަ ވޭން ލުއިކޮށްދިނުމަށް އަޅަން އެނގުނު އިންތިހާ ފިޔަވަޅެކެވެ.

ހަމަ އެހެން ބެލެނިވެރިޔެކެވެ.

“އެއީ މަށަށް ބައްޕަކިޔާ މީހެއްނޫން. އޭނާމަރުވިޔަސް މަށަށް އެންމެ ރަނގަޅު. ހަމަނުލަފާކަމުން ލިބުނު ބޮނޑިއެއްއެއީ ދުވަހަކުވެސް ރަނގަޅެއްނުވާނެ.” ބެލެނިވެރިޔާއަށް ބުނެވުނު ވާހަކައިން ދޭހަކޮށްދެނީ އޭނާއަށް ކޮށްފައިވާ އަސަރެވެ.  މިޙާލަތާއި އޭނާ ކުރިމަތިލާންޖެހުމުން އިޙްސާސް ކުރެވެމުންދިޔަ ނަފްރަތާއި ރުޅިއެވެ.

ވީމާ، މިފަދައިން ވިސްނަވާ ބެލެނިވެރިންނަށް ތިޔަ ބޭފުޅުންނުވާށެވެ.

*” އަހަރެންގެ ކުދިންނެއް ތިޔަކަމެއް ނުކުރާނެ. އެއީ ބަސްއަހާކުދިން ” ދަންނަވަންތޯއެވެ. ވަރަށްގިނަކުދިން މަސްތުވާތެކެތީގެ ބޭނުންކުރަންފެށުމުގެ ކުރިން އެއީ ހަމަ ބަސްއަހާ ކުދިންނެވެ.

*” މުއްސަނދިންގެ، ފައިސާހުރި މީހުންގެ އަޅާނުލާ ކުދިންތަކޭ ފަތްބޮއިގެން އެއުލެނީ” އެހެން ހީނުކުރައްވާށެވެ. ފައިސާގެ ތަނަވަސްކަންހުރި މީހުންނާއި ، ނެތްމީހުންގެ ކުދިންވެސް ދަނީ މަސްތުވާ އެއްޗެހި ބޭނުންކުރަމުންނެވެ.

*” އަހަރެންގެ ކުދިންނަށްވާނީ ފުރިހަމަ ދީނީ ތަރުބިއްޔަތު ދީފަ. އެކުދިންނެއް ތިޔަވަވަރުގެ ނުބައިކަމެއް ދުުވަހަކުވެސް ނުކުރާނެ” މިނުފޫޒުން ރައްކާތެރިވެ ތިބުމަށް އެޅެންއޮތް ހުރިހާ ރައްކާތެރިވެ ތިބުމަށް އެޅެންއޮތް ހުރިހާ ރައްކާތެރި ވުމުގެ ފިޔަވަޅުތަކެއް އަޅާށެވެ.

މިއީ އިތުރުވެ، ބޮޑުވަމުންދާ މައްސަލައެކެވެ. ” ތިޔައެއްޗެހި ގެންނަ މަގުތައް ހުއްޓުވާލީމާ މައްސަލަ ނިމުނީ.”  މިގޮތައް ޚިޔާލު ފާޅުކޮށްފައި އަމިއްލަ ޒިންމާތަކުގައި ކޮޅުފައިން ނުޖައްސަވާށެވެ.

 އަޅުގަނޑުމެންގެ ކުދިންއެތިބީ މިކަމުންސަލާމަތްވެފައޭ “ހިތާ ނުތިއްބަވާށެވެ. އަދި އިރާދަފުޅުން އަޅުގަނޑުމެންގެ ކުދިން މިއަދު ބޭނުންކުރާނަމަ،..” މިއޮތީ ސާބިތުވެފަތާއޭ މީ އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭކަމެއް ނޫނޭ ” ހީފުޅުނުކުރައްވާށެވެ.

މިވޭން ތަހައްމަލު ކުރަމުން ގެންދާ ގިނަ އާއިލާތަކާއި މިކަން ކުރިމަތިވީ މިފަދަ ޚިޔާލުތައް ނޭގުމެއްގެ ތެރެއިން ނަމަވެސް ގެންގުޅެވިިފައިވާތީ އެވެ. ގޮތެއް ނިންމާނީ  އަޅުގަނޑުމެންނެވެ. ވިއްކާމީހާ ބުޙުތާން ގޮދުހަދައިގެން އޭގެ ފައިދާތަކަށް ދަރިފުު ހެއްލުވުުގެ ކުރިން، އޭގެ ގެއްލުންތައް އެނގޭބަޔަކު ދަރިންނަށް ކިޔައިދޭންވީއެވެ. އެބަޔަކީ ބެލެބިވެރިންކަމުގައި ވަމާތޯއެވެ.

ތައްޔާރުވެލައްވާށެވެ. ބަދަލުވަމުންދާ އަޅުގަނޑުމެންގެ މި މުޖުތަމައުގައި މިކަމުން ސަލާމަތްވެތިބި ކުދި ބަޔަކު ބޮޑުކުރުމަކީ މިއަދު މާފަސޭހަކަމަކަށް ނުވާނޭކަން ޤަބޫލުކުރައްވާށެވެ. އަދި، މުޖުތަމައުގެ ތެރޭގައި ހޭލުންތެރިކަން އިިތުރުކުރަންކުރެވެމުންދާ މަސައްކަތްތަކަށް ތަރުހީބުދެއްވުމާއިއެކީ، މިކަމުން އަޅުގަނޑުމެންގެ ދަރިން ސަލާމަތްކުރަމާ ހިނގާށެވެ. މިއީ އަޅުގަނޑުމެން އެންމެގެ ޒިންމާއެކެވެ.

ނޯޓް: މިލިއުމަކީ ޑރ އައިޝަތު ނާޒް ހެޔޮބަސް އަށް ހަދިޔާކޮށްދީފައިވާ ވަރަށް އިލްމީ ފޮތެކެވެ. އަދި މިހާރު ރާއްޖޭގައި ބޮޑުވެފައިވާ މަސްތުވާތަކެތީގެ ވަބާއިން އާއިލާތަށް ސަލާމަތްކުރުމަށް ގިނަގުނަ އިލްމީ މައުލޫމާތުތައް ހިމެނެއެވެ. މި ފޮތުގެ ބައިތަށް ސިލްސިލާކޮށް މި ސައިޓުން ފެންނަމުންދާނެއެވެ.

What's your reaction?

Excited
0
ޑރ. އައިސަތު އަލީ ނާޒް
ނާޒްއަކީ ނަފްސާނީ އިލްމުގެ ދާއިރާއިން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި އެދާއިރާގެ ތަހުޖިރިބާހުރިފަރާތެކެވެ. އަދި ނާޒް ތައުލީމު ހާސިލްކޮށްފައިވަނީ އިންޑިއާގެ ބައެއް ޔުނިވަރސިޓީއިންނާއި މެންޗެސްޓާރ ޔުނިވަރސިޓީއިންނެވެ. ނަފްސާނީ އިލްމުގެ ދާއިރާގެ އިތުރަށް ސޯސިއޮލޮޖީއާ ނޫސްވެރިކަމުގެ ދާއިރާއިންވެސް މަތީ ތައުލީމް ހާސިލްކޮށްފައިވެއެވެ

    You may also like

    Leave a reply

    Your email address will not be published. Required fields are marked *