ދިވެހި ޖޯކުތަކެއް

މިނެރަލްވޯޓަރ

ބޭރު ގައުމަކަށް ދަތުރުވަރެއްގައި ދިޔަ ދިވެއްސެކެވެ. މިބޭބެގެ ހަޔާތުގައިވެސް މިއީ ބޭރުގައުމަކަށް ކުރާ ފުރަތަމަ ދަތުރެވެ. އެހެންކަމުން މިބޭބެ ނިންމީ އެގައުމުގެ ތަންތަން ބަލާލަން ދިޔުމަށެވެ. ބޭބެ ތަންތަން ބަލަމުން އެތަންތަނަށް ފާޑުކިޔަމުން އެބަހަރަދެއެވެ. މިހެން އުޅެނިކޮށް މިބޭބެ ކާރުގައި ތަނަކަށް ދަނިކޮށް ފަރުބަދައެއް މަތިން ފެން ފައިބަނިކޮށް ފެނިއްޖެއެވެ.

މިބޭބެ ހައިރާންވެގެން އަންތަރީސްވެއްޖެއެވެ. އަވަސް އަވަހަށް ކައިރީގައި އިން އެހެން މީހެއްގެ ގައިގައި ކޮއްޓާލައިފައި އެބަބުނެއެވެ.

ބޭބެ: ކޮއްކޯ.. ކޮއްކޯ އެފައިބަނީ މިނެރަލްވޯޓަރ ދޯ….

ކާރަށް ކާން އެޅުން

އެންމެ ފުރަތަމަ އިހުޒަމާނުގައި ގަޑި އުފެއްދީ މުސްލިމުންނެވެ. އަދި ފުރާންސުގެ އޭރުގެ ރަސްގެފާނަށް ހަދިޔާއަކަށް ގަޑިއެއްދިނުމުން ރަސްކަމުގެ ކޮއިލުތެރޭގައި ތިބި މީހުން ބިރުން ފިލިކަމަށްވެއެވެ. ސަބަބަކީ ގަޑީގެ ކަށި އަމިއްލަ ބާރުގައި ހިނގާތީއެވެ. އެމީހުންބުންޏެވެ. ތިޔައިގެ ތެރޭގައި އެވަނީ ޝައިތާނާއެވެ. ގަޑި އެހިނގަނީ އެހެންވެގެންނެވެ.

މިހެން ކަންތައްވެފައި އޮއްވައި ޒަމާން ތަރައްޤީވެ މުސްލިމުން ފަހުގެ ޓެކްނޮލޮޖީތަކުގައި ދައްވެފައި ވަނިކޮށް ކާރު އުފެއްދި ދުވަސްވަރު ޢަރަބިންގެ ވެރިއަކަށް ހަދިޔާއަކަށް ޔޫރަޕުގެ ގައުމަކުން ކާރެއް ލިބިއްޖެއެވެ. ފުރަތަމަވެސް މިރަސްގެފާނު ކުރިކަމަކީ އެގައުމުގެ ޤަބީލާތަކަށް ދައްކާލަން ޤަބީލާތަކަށް ކާރުގައި ޒިޔާރަތް ކުރަން ފެށީއެވެ.

ރަސްގެފާނު އަންނަން ވާއިރަށް ކޮންމެ ޤަބީލާއަކުންވެސް އޮންނަނީ ކާން ތައްޔާރު ކޮށްފައެވެ. މިހެން ރަސްގެފާނު އުޅުއްވަނިކޮށް އެއް ޤަބީލާއަކުން ކޭންބައްލަވައި ނިމިގެން ނުކުންނެވި އިރު އެޤަބީލާ މީހުން ހުރީ ކާރަށްވެސް ކެއުން ހާޒިރުކޮށްފައެވެ.

އެމީހުން ބުންޏެވެ. މީތި ނުކައި ދުވާނީ ކިހިނެއްހެއްޔެވެ؟ ދަނގަޑު ގަނޑެއްނޫން ހެއްޔެވެ؟ ކާން އެޅީ އެހެންވެއެވެ.

ބުއްދިވެރި ދިވެއްސެއް

ތުއްތު ކިޔާ މީހަކު ކުޑަ ކުއްޖެއް އަތުގައި ހިފައިގެން ދަނިކޮށް ތުއްތުގެ ރައްޓެއްސެއް ނުފެންނަތާ ގިނަދުވަސްވެލާފައި ދިމާވެއްޖެއެވެ.

އެމީހާ: އަނހާ ތުއްތާ. މިއީ ތުއްތުގެ ކުއްޖެއްހެއްޔެވެ؟

ތުއްތު: އާނ. މިއީ ތުއްތު ކުއްޖެއް އެކަމަކު އަހަރެންގެ ކުއްޖެއް ނޫން..

ނޯޓު: މިއީ އެކިއެކި ބޭފުޅުން ކިޔައިދެއްވާފައިވާ ވާހަކަތައް އަޅުގަނޑުގެ އަމިއްލަ އިބާރާތުން އިބާރާތްކޮށްފައެވެ.

ޢަބްދއްރަޙީމް މުޙައްމަދު / ނ.ޅޮހި
އަބްދުރަޙީމް އަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެކެވެ. އަބްދުރަހީީމް ގެ ލިއުންތައް ލިޔަމުންއައިސްފައިވަނީ ޅޮހި އަބްދުއްރަހީމްގެ ނަމުގައެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *