އިޖްތިމާއީޞިއްހަތު

ތެލަސީމިއާ އަކީ ކޮބާ؟

ތެލަސީމިއާ އަކީ ލޭގައިވާ އާދަޔާޚިލާފުކަ،ކަމެކެވެ. މިއީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާކަމެކެވެ. އެހެން އެއްވަސް ގޮތަކުން ޖެހޭ ބައްޔެއް ނޫނެވެ.
ބަލީގައިވާގޮތަކީ ލޭގައި ހިމެނޭ ހީމޯގުލޯބިން(އެޗް.ބީ) ފުރިހަމައަށް އުފައްދާނުދެނީއެވެ. ހީމޯގުލޯބިންއަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާއެވެ. މިމާއްދާ އުފެދިފައިވަނީ ދެބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލްސީމިއާއަށެވެ. އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލަސީމިއާ އަށެވެ. މީގެތެރެއިން ދިވެހިރާއްޖޭގައި އެންމެ ޢާންމު ވައްތަރަކީ ބީޓާ ތެލްސީމިއާ އެވެ.
ބީޓާ ތެލްސީމިއާގެ ބާވަތްތައް
ބީޓާ ތެލަސިމިއާވާރުތަކުރާގޮތްހުރުން ނުވަތަ ކެރިއަރ:- މިފަދަމީހުންނަކީ ފުރިހަމަ ޞިއްޙަތެއްގައި ތިބެ، ލިބޭދަރިންނަށް މިކަން ވާރުތަކޮށްފާނެ މީހުންނެވެ. ކެރިއަރެއްކަން އެނގޭނެގޮތަކީ މިކަމަށް ކުރާލޭގެ ޙާއްޞަ ޓެސްޓެއްކުރުމުންނެވެ. ނުވަތަ ލޭއަޅާކުޖެއް ލިބުމުން އެދެމަފިރިންނަކީ ކެރިއަރުންކަން އެނގުނީއެވެ. (ކެރިއަރުންނަކި އެއްވެސް ގޮތަކަށް ބަލިބައެއް ނޫނެވެ.) އަދިބަލާބެލުމަށް އެހެންމީހުންނާ ތަފާތު ބައެއްވެސްނޫނެވެ. ދިވެހިރާއްޖޭގެ އާބާދީގެ %18 ބީޓާ ތެލަސީމިއާކެރިއަރުންނެވެ.
އަލްފާ ތެލްސީމިއާ ކެރިއަރ
އަލްފާތެލަސީމިއާ ކެރިއަރުންނަކީ ޞިއްޙަތުސަލާމަތުން ތިބޭބައެކެވެ. ބީޓާ ތެލަސީމިއާއެކޭ އެފަދައިން އަލްފާތެލްސީމިއާ އަކީވެސް މައިންބަފައިންގެފަރާތުން ވާރުތަކުރާކަމެކެވެ. ކެރިއަރެއްކަންއެނގެނީ މިކަމަށްކުރާ ޙާއްޞަ ޓެސްޓެއްކުރުމުންނެވެ. އަލްފާ ޒީރޯ ކެރިއަރުންނާއި އަލްފާ ޕްލަސް ކެރިއަރުން ވަކިކުރެވޭނީ ޑީ.އެން.އޭ ޓެސްޓްހަދައިގެންނެވެ. އަލްފާކެރިއަރަކާއި އެހެންބާވަތެއްގެ ކެރިއަރަކާ ކައިވެނިކުރިކަމުގައި ވިޔަސް ލޭއަޅާ ކުދިންނެއް ނުލިބޭނެއެވެ. އެހެންކަމުން އަލްފާ ތެލަސީމިއާ ކެރިއަރުންނަކީ ބީޓާ ތެލަސީމިއާ ކެރިއަރުންނަށްވުރެއް ނުރައްކާތެރިކަން ކުޑަ ވައްތަރެކެވެ.
ތަލަސީމިއާ މޭޖަރ ނުވަތަ ލޭއަޅާ ބަލިކުދިން
މިއީވަރަށް ޅަޢުމުރެއްގައި އޭގެ އަސަރު ފެންނަންފަށާ  ނުރައްކާތެރި ބައްޔެކެވެ. މިބަލި ހުންނަ ކުދިންގެ ގައިގައި ފުދޭވަރަކަށް  ހީމޯގުލޯބިން  އުފެއްދައެއްނުދެއެވެ.  މިހެންވުމުން ހަށިގަނޑަށް ބޭނުންވާ  އޮކްސިޖަން ލިބުން މަދުވެ، ކުއްޖާ ދޮންފޫޑުވެ، ހަށުގަނޑުގެ ދިފާޢީ ނިޒާމް ވަރުދެރަވެ، ކުއްޖާގެ ޙާލުދެރަކޮށްލައެވެ. އަދި މިހެންވުމުން އެކުދިން ދިރިހުރުމަށްޓަކައި ތަކުރާރުކޮށް ލޭއަޅަން ޖެހެއެވެ.(ލޭ އަޅާ ކުދިން ލިބެނީ ހަމައެކަނި ދެކެރިއަރުންނަށެވެ.)
ތަލަސީމިއާ އިންޓަރ މީޑިއާ 
މިއީ ލޭއަޅާބަލީގެ ނުރައްކާތެރިކަން ކުޑަވައްތަރެކެވެ. މިފަދަކުދިންނަށް ތަކުރާރުކޮށް ލޭއަޅާކަށް ނުޖެހެއެވެ. ނަމަވެސް މިކުދިންނަށްވެސް ޑަކްޓަރީ ފަރުވާ ގަވާއިދުން ބޭނުންވާނެއެވެ. މިކުދިންނަށްވެސް ހީމޯގުލޯބިން ހުންނަވަރު ދަށަށްދާނަމަ ލޭއަޅަންޖެހޭނެ އެވެ.
ލޭއަޅާ ކުއްޖެއްކަން އެނގޭނެ ގޮތަތަކަކީ ކޮބާ؟
·                    ޢުމުރުން 6 މަހާ 12 މަހާ ދެމެދު ކުއްޖާ ދޮންފޫޑުވެ، ލޭމަދުކަން ފާހަގަވުން،
·                    ޢުމުރާ އެކަށީގެންވާ ވަރަށް ބޮޑުނުވުން އަދި ބަލި ބުރަކޮށް ހުންނަކަން ފާހަގަ ކުރެވުން،
·                    ޗިސްމޭ އަދި ހުންކޮށި ދުޅަވެ ބަނޑު ފުއްޕާގޮތަވުން،
·                    ހަށިގަނޑުގެ ބައެއް ކަށިތައްފާޅުވުން، ޙާއްޞަކޮށް ބޮލުގެ ނާށިގަނޑު ފާހަގަ ކުރެވެއެވެ.
ލޭއަޅާކުދިންނަށް ދެވޭފަރުވާ
·                    ގަވާއިދުން ލޭ އެޅުން (މަދުވެގެން މަހަކުއެފަހަރު) ލޭ އެޅުމުގެ ސަބަބުން އިތުރުވާ ދަގަނޑުގެ ބައި ނައްތާލުމަށް ޑެސްފަރޯލްގެ ފަރުވާދިނުން، މިއީ ހަފްތާއަކު ފަށްދުވަހު ޖަހަން ޖެހޭ އިން ޖެކްޝަނެކެވެ.
·                    ދުޅަވެފައިވާ ހުންކޮށި ނަގަންޖެހިއްޖެ ހާލެއްގައި އޮޕަރޭޝަނަކުން ނެގުން.
·                    މި ބަލި މުޅިން ރަނގަޅު ކުރެވެއެވެ.  ނަމަވެސް މީ ވަރަށް އަގުބޮޑި އަދި ހަމައެހެންމެ އެހާ ނުރައްކާތެރިކަން ބޮޑު އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަން ކުރެވޭނީ ބަލި ކުއްޖާގެ ކަށީގެ މަދާ ހުރިހާ ގޮތަކުންވެސް ގުޅޭ ކަށީގެ މަދު ލިބިގެންނެވެ. މިގޮތަށް ގުޅޭނީ އެއްމާބަނޑު ނުވަތަ އެއްބަނޑު އެއްބަފާ ކުދިން ނާއެވެ. ނަމަވެސް ވަރަށް ނާދިރުގޮތެއްގައި އެބަނޑު އެއްބަފާމީހަކާވެސް ގުޅިދާނެއެވެ. މި އޮޕަރޭޝަނަށް ފަހުންވެސް ބަލި ކުއްޖާ ޑަކްޓާރުންގެ ޙާއްޞަ ބެއްލެވުމުގެ ދަށުގައި އެއް އަހަރަށްވުރެ މަދުނޫން މުއްދަތެއްގައި ގެންގުޅެން ޖެހެއެވެ.
އަލްފާ ތެލަސީމިޔާ ކެރިއަރަކާ ބީޓާ ތެލަސީމިއާ ކެރިއަރަކާ ކައިވެނީގެ ގޮތުން ގުޅުން ރަނގަޅުތަ؟
އަލްފާ ކެރިއަރަކާ ބީޓާ ކެރިއަރަކާ އިނދެގެން ލޭއަޅާ ކުއްޖެއް ނުލިބޭނެއެވެ. މީގެ ދެމީހުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެފަހަރަކު އަލްފާ ކެރއަރެއް، ބީޓާ ކެރިއަރެއް، އާދައިގެ ކުއްޖެއް، އަދި އަލްފާ-ބީޓާ ތެލަސީމިޔާ ކެރިއަރ ކުއްޖެއް ލިބުން އެކަށީގެންވެއެވެ. އަލްފާ-ބީޓާ ތެލަސީމިޔާ ކެރިއަރ ކުދިންނަކީ  ތެލަސީމިޔާ ކެރިއަރެކޭ އެއްފަދައިން ޞިއްޙަތު ސަލާމަތުން ތިބޭ ރަނަގަޅު ކުދިންނެވެ. މިއީ ލޭއަޅަންޖެހޭ ވައްތަރެއް ނޫނެވެ.
އަލްފާ ތެލްސީމިޔާ ކެރިއަރަކާއި  އަލްފާ ތެލްސީމިޔާ ކެރިއަރަކާ ކައިވެނީގެ ގޮތުން ގުޅުން ރަނގަޅުތަ؟ 
އަލްފާ ތެލަސީމިޔާ ކެރިއަރަކާ އަލްފާ ތެލަސީޔާ ކެރިއަރަކާ ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެފަހަރަކު އަލްފާ ކެރިއަރެއް، ނުވަތަ އާދައިގެ ކުއްޖެއް ނުވަތަ އެޗް ބީ އެޗް ބަލި ކުއްޖެއް ނުވަތަ ހައިޑްރޮޕްސް ފީޓާލީސް ކުއްޖެއް ލިބުމަށް ޗާންސް  އޮވެއެވެ. ޢާންމު ގޮތެއްގައި  އެޗް ބީ އެޗް ކުދިންނަކީ ޞިއްޙީ ގޮތުން މައްސަލައެއް ހުރިބައެއް ނޫނެވެ. ޢާންމުގޮތެއްގައި މިކުދިންނަށް ލޭއަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް މިވައްތަރުގެ ކުދިންގެ ތެރެއިން ވަރަށްމަދު ކުއްޖަކަށް ދިމާވާ މައްސަލައަކީ ތުއްތުއިރު ލޭ ދަށަށް ނުދިޔަ ނަމަވެސް ބޮޑުވަމުން އަންނަ ވަރަކަށް ދަށްވަމުން ދިއުމެވެ. މިހެން ދިމާވުމުން މިކުދިންނަށް ލޭ އަޅާން ޖެހެއެވެ. އެހެންކަމުން ކަށިތައް ފުޅާވެ،ހުންކޮށި ދުޅަވެ،ލޭއަޅާ ކުއްޖެއްގެ ސިފަތަށްފެނެއެވެ. ނަމަވެސް މިއީ ވަރަށް މަދުން ދިމާވާ ގޮތެކެވެ. ޢާންމު ގޮތެއްގައި އެޗް ބީ އެޗް ކުދިންގެ ލޭ ހުންނާނީ އާދައިގެ މީހުންނަށްވުރެ ތަންކޮޅެއް ދަށްކޮށެވެ. ނަމަވެސް މިކުދިންނަކި އާދައިގެ ކުދިންނެކޭ އެއްފައިން ދިރިއުޅެވޭނެ ކުދިންނެވެ.
ހައިޑްރޮޕްސް ފިޓާލިސް 
ހައިޑްރޮޕްސް ފީޓާލިސް ފުރުޞަތުއޮންނަނީ އަލްފާ ޒީރޯ ދެ ކެރިއަރުން ގުޅުމުންނެވެ. މިކުދިން ދުނިޔެއަށް އުފަންވާ އިރުވެސް ތިބޭނީ މަރުވެފައެވެ. މިހެންދިމާ ސަބަބަކީ ކުއްޖާ ބަނޑުގައި އޮންނައިރު އުފައްދާ ލޭކަމަށްވާ ފީޓަލް ހީމޯގުލޯބިން  އެކުދިން ގައިގައި ނުއުފެދޭތީއެވެ. މިފަދަ ކުދިން ތިބޭނީ ހަށިގަނޑުގެ  ގުނަވަންތައް ދުޅަވެފައި ހުރުމުގެ ސަބަބުން  ބޮޑެތިކޮށެވެ.
ތެލަސީމިއާއަށް ޓެސްޓް ކުރުމުގައި ނަތީޖާ ޔަޤީން ނުވާ ސަބަބުތައް 
ތެލްސީމިއާ ޓެސްޓް ކުރުމުގައި ބައެއް މީހުންގެ ނަތީޖާ ޔަޤީންކޮށް ނެނގޭގޮތް ދިމާވެއެވެ. މިއީ ވަރަށް މަދުބަޔަކަށް ދިމާވާ ކަމެކެވެ. މިހެން ވާންޖެހޭ ސަބަބުތަކަކީ:-
·                    ތެލަސީމިއާގެ ތަފާތު ވައްތަރުތައް ހުރުން
·                    ތެލަސީމިޔާ އާއި ގުޅުން ހުރި އެހެން މައްސަލައެއް ހުރުން
·                    ލޭމަދުވެފައި ހުރުން
·                    އެހެން މީހެއްގެގައިން ލޭ އަޅަފައިހުރުން
ތެލަސީމިއާގެ ވައްތަރުތައް
ތެލަސީމިއާ ބެހިގެންވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ބީޓާ ތެލަސީމިޠާ އާއި އަލްފާ ތަލަސީމިއާ އެވެ. ލޭ ނެގުމަށްފަހު ފުރަތަމަ ޓެސްޓް ކުރެވޭނީ ބީޓާ ތެލަސީމިއާ އަށެވެ.  މިޓެސްޓް ހެދުމަށްފަހު އަލްފާ ތެލަސީމިއާ ކެރިއަރެއްކަމުގެ ނިޝާންތައް ފެންނަނަމަ ޖެހޭނީ އަލްފާ ތެލަސީމިއާ އަށް ޓެސްޓް ކުރުމަށް އަލުން ލޭ ނަގާށެވެ.
އަލުން ލޭނަގަންޖެހޭ އެއްސަބަބަކީ އަލްފާ ތެލަސީމިއާ ކެރިއަރެއްތޯ ބެލުމަށް ހަދާ ޓެސްޓަކީ ލޭނަގާވަގުތު ހަދަންޖެހޭ ޓެސްޓެއެއްކަމަށް ވާތީއެވެ. ގިނައިރުވެފައި ހުންނަލޭ މިޓެސްޓް ހަދަން ބޭނުން ނުކުކުރެވޭތީއެވެ.
ތެލަސިމިއާއާ ގުޅުންހުރި އެހެންވައްތަރުތައް
ތެލަސީމިއާއާއި ގުޅުންހުރި އެހެންމައްސަލައެއް ހުރުމަކީވެސް އެކަށީގެން ކަމެކެވެ. މިއީ ލޭގައި ހުންނަ އުނި ކަންތައްތަކެވެ. މީގެސަބަބުން ނަތީޖާ ވަކިގޮތަކަށް ނިންމަން ނޭގޭގޮތް މެދުވެރި ވަނީއެވެ. ތެލަސީމިއާއަށް ޓެސްޓް ކުރާއިރު މިފަދަ މައްސަލަތައް ލޭގައި ހުންނަނަމަ ފާހަގަ ކުރެވޭނެއެވެ.
ލޭ މަދުވެފައި ހުރުން
މިއީ ރާއްޖޭމީހުންގެ ވަރަށް ގިނައިން ހުންނަ ކަމެކެވެ. ބައެއްފަހަރަށް ބައެއް ރަށްރަށުގައި މިކަން ބޮޑަށް ފާހަގަ ކުރެވެއެވެ. ލޭމަދިވެފައި ހުއްޓާ ތެލަސީމިއާއަށް ޓެސްޓް ކުރާއިރު ނަތީޖާ ދައްކާގޮތުން ތެލަސީމިއާ ކެރިއަރެއްކަން ޔަޤީން ނުވަނީ އެވެ. ވީމާ ރަނގަޅު ނަތީޖާ ޔަޤީންކޮށް ވަކިގޮތެއް ނިންމަށް ނޭނގޭތަން އާދެއެވެ. އެހެން ދިމާވުމުން ޖެހޭނީ ލޭ ރަނގަޅު ކުރުމަށް ފަރުވާކުރުމަށްފަހު އަލުމް ޓެސްޓް ކުރާށެވެ. މިކަމަށް ފަރުވާ ކުރުމުގެ ގޮތުން 7 ނުވަތަ 8 ހަފްތާ ވަންދެން ދަގަނޑު އެކުލެވޭ ބޭސް  ކެއްމަށްފަހު އަލުން ޓެސްޓް ކުރަންޖެހެއެވެ. ޑޮކްޓަރެއްގެ ލަފާގެ ދަށުން  ދަގަނޑު އެކުލެވޭ ބޭސް ކެއުމަށް މަޝްވަރާ ދެވޭނެއެވެ. ދަގަނޑު އެކުލެވޭ ކާނާ ކެއުމުންވެސް މިކަން ރަނގަޅޫ ކުރެވޭނެއެވެ.
އެހެންމީހެއްގެ ގައިންލޭ އެޅުން 

އެހެންމީހެއްގެ ގައިން ލޭ އެޅުމަށްފަހު ޓެސްޓް ކުރުމުން ނަތީޖާ ނޭނގޭގޮތް ދިމާވެއެވެ. ސަބަބަކީ ޓެސްޓްގެ ނަތީޖާއިން ދައްކާނީ އެހެންމީހެއްގެ ލޭގެ ނަތީޖާއެވެ. ލޭ އެޅުމަށްފަހު އޭގެ އަސަރު ދިއުމަށް ގާތްގަނޑަކަށް 120 ދުވަސް ނަގާނެއެވެ. އެމުއްދަތަށްފަހު ޓެސްޓް ކުރުން ރަނގަޅުވާނެއެވެ

http://divehiblog

ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

    You may also like

    އާންމު ލިޔުން

    ރަށްފުށުގެ ދިރިއުޅުން ތަރައްޤީ ކުރުމަށް އެންމެ ފުރިހަމަ ނިޒާމް

    އަބްދުއްރަީމް މުޙައްމަދު ދިވެހިރާއްޖެ މިވަނީ ރަށްފުށުގެ ތަރައްޤީގެ އާމަރުހަލާއެއް ފެށިފައެވެ. ރައްތަކާއި އަތޮޅު އަދި ސިޓީ ތަރައްޤީ ކުރުމަށް ވަނީ ...

    Leave a reply

    Your email address will not be published. Required fields are marked *