إنا لله، وإنا إليه راجعون..

بسم الله الرحمن الرحيم

إنا لله، وإنا إليه راجعون..

ހައްގަކައި ނުލައި މީހަކު ގަތުލު ކުރުމަކީ މުޅި އިންސާނިއްޔަތު ގަތުލުކުރުން ފަދަ ނުބައިކަންބޮޑު ކުށެކެވެ. ބިންމަތީގައި ހިންގޭ އެއްމެ ބޮޑު ފަސާދައެކެވެ. އަދި މުސްލިމެއްގެ ލޭ އޮހޮރުވުމަކީ ކަޢުބަތު ﷲ ގެފުޅު މުގުރައިލުން ފަދަ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އެއްވެސް ތަނެއްގައި އެގައުމެއްގެ ދީނީ ޢިލްމުވެރިއަކު މަގުމަތީގައި އަނިޔާލިބިގެން ވާ ހާލު މަރާލެވުމަކީ ވާކަންކަމެއް ނޫނެވެ. މުސްލިމުންގެ ތެރޭގައި ދީނީ ޢިލްމު އުނގެނިގެން ހުރި ޢިލްމުވެރިއަކު އަނިޔާވެރިގޮތަކަށް މަރާލެވުމަކީ މުޅި ގައުމާއި މުޖްތަމަޢަށް ލިބުނު ނިކަމެތި ކަމެކެވެ.

ޑރ. އަފްރާޝީމް –رحمه الله وغفر له- ގެ މަރަކީ ދިވެހި މުސްލިމުން ހިތާމަކުރުން ހައްގު ކަމެކެވެ. އެއީ އަނިޔާވެރި ނުބައި ބަޔަކު ކުރި ޢަމަލެކެވެ. އެއީ ރާއްޖޭގައި އެއްވެސް މީހަކަށް އަމާންކަން ނެތްކަމުގެ ހެއްކެކެވެ. އަދި ދީނީ ޢިލްމުވެރިންގެ ޢަދާވާތްތެރިކަމުން ފުރިފައިވާ ކަޅު ހިތުގެ ވެރި، ޖާހިލު ބަޔަކު މެނުވީ ނުކުރާނެ ކަމެކެވެ.

ﷲ މެނުވީ ހައްގުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށާއި ތިމަން (މުޙަންމަދުގެފާނީ) ﷲ ގެ ރަސޫލާ ކަމުގައި ހެކިވާ މުސްލިމެއްގެ ލޭ ތިންކަމުން ކުރެ ކަމެއް ކޮށްފުމުން މެނުވީ ޙަލާލު ނުވާނެ ކަމުގައި رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވާފައި ވެއެވެ. އެއީ ((النَّفْسُ بِالنَّفْسِ، وَالثَّيِّبُ الزَّانِي، وَالمَارِقُ مِنَ الدِّينِ التَّارِكُ لِلْجَمَاعَةِ )) البخاري ومسلم. “ނަފްސެއްގެ ބަދަލުގައި ނަފްސެއް، (މަރަށް މަރު ހިފުމުގެ ގޮތުން މެރުން) އަދި ކައިވެންޏަށް ފަހުގައި ޒިނޭ ކުރާ މީހާ (ޒިނޭގެ ހައްދުގެ ގޮތުގައި މެރުން) އަދި މުރުތައްދުވެ، ދީނުން ބޭރުވެ، މުސްލިމުންގެ ޖަމާޢަތް ދޫކޮށް ކާފަރުންނާއި ގުޅިއްޖެ މީހާއެވެ.”

ޑރ. އަފްރާޝީމްގެ މަރަކީ މިއިން އެއްވެސް ސަބަބަކާއި ހުރެ އެކަން ކުރަން ޖެހޭ ފަރާތުން ކުރި ކަމެއް ނޫނެވެ. އަދިކިޔެއް، އެ އަނިޔާވެރިކަން ހިންގާފައިވަނީ ޚަބަރު ލިބިފައިވާގޮތުން، ކުރީގައި އޮޅުން އަރާގޮތަށް ބުނެވިފައިވާ ބައެއް ބަސްތަކާއި ސުންނަތްޖަމާޢަތުގެ ޢިލްމުވެރިންގެ ބަސްފުޅާއި ޚިލާފަށް ބުނެވިފައިވާ ޤައުލުތަކުން ރުޖޫޢަވެވަޑައިގަނެ އެކަން އިއުލާނު ވެސް ކުރެއްވި ފަހުންނެވެ.

ހައްގަކާއި ނުލައި މުއުމިނެއް ގަތުލު ކުރާ މީހާއަށް ހުރި ކޯފާގެ ވާހަކަ އަންގަވައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {{وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا}} النساء 93. މާނައަކީ: “ގަސްތުގައި މުއުމިނަކު ގަތުލުކޮށްފި މީހާގެ ޖަޒާއަކީ ޖަހަންނަމައެވެ. އެތަނުގައި އޭނާ ދެމި ހުންނާނެއެވެ. އަދި އޭނާގެ މައްޗަށް މާތް ﷲ ގެ ކޯފާ އާއި އެކަލާނގެ ލަޢުނަތް ހުއްޓެވެ. އަދި އޭނާއަށްޓަކައި ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ.”

އުޑުތަކާއި ބިމުގެ ވެރި، ގަދަ ކީރިތިވަންތަ ކުޅަދުންވަންތަ އިލާހުއެވެ. މުޖުރިމުންގެ ކިބައިން ބަދަލު ހިތްޕަވައި އަޅަމެންގެ ޚާއްޞުންނާއި ޢާންމުން، ޢިލްމުވެރިންނާއި މުޞްލިޙުންގެ ލެއާއި އަބުރު ރައްކާތެރި ކޮށްދެއްވައި އަޅަމެންގެ ގައުމުގައި އަމާންކަން ލައްވައި ފިތުނަ ފަސާދަ ނެތި ކުރައްވާންދޭވެ! އަފްރާޝީމްގެ ފާފަ ފުއްސަވައި އޭނާއަށް ޢަފޫ ކުރައްވައި އިބަ އިލާހުގެ ސުވަރުގޭގެ ނިޢުމަތުގައި އޭނާ ލައްވާންދޭވެ! އޭނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި ދަރުމަ ދެއްވާންދޭވެ! އަޅަމެންނަށް ހިދާޔަތް ދައްކަވައި ދީނުގައި ސާބިތުކަން ދެއްވާންދޭވެ! އާމީން، އާމީން…

އާދަމް ޝަމީމް ބިން އިބްރާހީމް

Leave a Reply

Your email address will not be published. Required fields are marked *