ނޭފަތަށް އެލަރޖިކް ވުމުގެ އަސަރު ކުރުން

އެލަރޖީ އަކީ ވަރަށް ޢާއްމުކޮށް ދިމާވާ މައްސަލައެކެވެ. ކޮންމެ އެއްޗަކަށް ވެސް އެލަރޖިކް ވެދާނެއެވެ. އެލަރޖިކް މައްސަލަ އުފޭ އެއްޗެހިތަކުގެ ތެރޭގައި މަލުގެ ކުނޑި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ތަކުން ފައިބާ ހަންކޮޅުކޮޅު (ޕެޓް ޑެންޑަރ)، ހައުސް ޑަސްޓް މައިޓް (ގޭގެ މާޙައުލުގައި ދިރިއުޅޭ ކުޑަ ސޫތްޕެއް)، އަދި ފުސް (މޯލްޑް) ހިމެނެއެވެ. މިއިން އެއްވެސް އެއްޗަކީ ޢާއްމުގޮތެއްގައި ގެއްލުމެއް ހުރި އެއްޗެއް ނޫނެވެ. އެހެންނަމަވެސް، އެލަރޖިކް މައްސަލަ ހުންނަ މީހުންގެ ދިފާޢީ ނިޒާމަށް މި އެއްޗެހިން އަސަރު ކުރެއެވެ.

ދިފާޢީ ނިޒާމު ޢާއްމުކޮށް ޙަމަލާ ދެނީ ވައިރަސް އާއި ބެކްޓީރިއާ ފަދަ ޖަރާސީމު ތަކަށެވެ. އެހެންނަމަވެސް، އެލަރޖިކް މައްސަލަ ހުންނަ މީހަކު އެ އެލަރޖިކްވާ އެއްޗިއްސަކީ ހަށިގަޑަށް ހުރި ނުރައްކަލެއްކަމުގައި ހަށިގަޑުގެ ދިފާޢީ ނިޒާމު ދެކެއެވެ. އެހެންކަމުން މަލުގެ ކުނޑިއަށް އެލަރޖިކް މީހެއްގެ ހަށިގަޑަށް، މަލުގެ ކުނޑީގެ އަސަރު ކުރުމުން ދިފާޢީ ނިޒާމު އެއަށް ޙަމަލާ ދިނުމަށް ތައްޔާރު ވެއެވެ.

އެލަރޖިކްވާ އެއްޗެހީގެ އަސަރު ވަރަށް ފަސޭހައިން ހަށިގަޑަށް ކުރެއެވެ. އެގޮތުން ގޭތެރޭގައި ހުންނަ ހިރަފުސް ފޮޅުން، ޖަނަވާރު އެއްޗިއްސާއި ކުޅުން، ނުވަތަ މަލުގެ ކުނޑި ޖައްވުގައި ހުންނަ އިރު ބޭރަށް ނިކުމެލުން ފަދަ ކަންތަކުން ވެސް އެއެއްޗެހީގެ އަސަރު ހަށިގަޑަށް ކުރެއެވެ. އެލަރޖީ އުފެދެނީ މިއިން އެއްޗެއް ހަށިގަޑުގައި ހޭކިގެން، ދިރުވާލެވިގެން ނުވަތަ ނޭވާލާ ވަޔާއިއެއްކޮށް ހަށިގަޑަށް ވަދެގެންނެވެ.

މަލުގެ ކުނޑި ނޭފަތުގެ އެތެރޭގައި ހުންނަ ދުލިފަށުގައި ނުވަތަ ވައިނޮޅީގައި ހަރުލައެވެ. މަލުގެ ކުނޑި ހަށިގަޑަށް ވަނުމާއިއެކު އެ ހޯދާ އަދި ހަލާކުކޮށްލުމައްޓަކާ ހަށިގަޑުގެ ދިފާޢީ ނިޒާމު އެންޓިބޮޑީޒް އުފައްދައެވެ.

އެންޓިބޮޑީޒް އަށް، އެލަރޖިކް މައްސަލަ އުފައްދާ އެއްޗެއް ހަށިގަޑުން ފެނުމާއިއެކު އެކަން މާސްޓް ސެލް ތަކުގެ ސަމާލުކަމަށް ގެނެއެވެ. މި ޚާއްޞަ ސެލްތަކުން އުފައްދާ ކެމިކަލްތަކުގެ ތެރޭގައި ހިސްޓަމީން ކިޔާ މާއްދާއެއް ހިމެނެއެވެ. ދުޅަވެ ރަތްވުމާއި އަދި އެލަރޖިކް މައްސަލަތަކުގެ އެހެނިހެން ޢަލާމާތްތައް ފެނުމުގައި އިސް ދައުރެއް އަދާ ކުރާ ކެމިކަލް އަކީ ހިސްޓަމީން އެވެ. މީގެ ސަބަބުން ނޭފަތުން ފައިބާ، ނޭފަތުގެ އެތެރޭގައި ހުންނަ ދުލިފަށް ދުޅަވެ އަދި ނޭފަތް ބެދޭގޮތް ވެއެވެ.

އެލަރޖިކް މައްސަލަތައް ޢާއިލާތަކުގައި ދެމިގެން ދާގޮތް ވެއެވެ. ތިބާގެ މަންމަ ނުވަތަ ބައްޕައަކީ އެލަރޖިކް މައްސަލަ ހުންނަ މީހެއްނަމަ ތިބާ އަށް ވެސް އެލަރޖިކް މައްސަލަ ނުވަތަ ނޭވާއަށްއުދަގޫވުމުގެ މައްސަލަ ކުރިމަތި ވުމުގެ ނުރައްކާ ބޮޑެވެދާނެއެވެ. މަންމައާއި ބައްޕައާއި ދެމީހުންގެ ތެރެއިން އެކެއްގެ އެލަރޖިކް މައްސަލަ ހުންނަނަމަ ދަރިންނަށް އެ މައްސަލަ ދިމާވުމުގެ %25 ފުރުޞަތު އޮވެއެވެ. އަދި ދެމީހުންގެ މިފަދަ މައްސަލައެއް އުޅޭނަމަ އެ ފުރުޞަތު ދެގުނައަށް އިތުރު ވެދާނެއެވެ.

އެލަރޖިކް މައްސަލަ ޖެހޭ އެއްޗެހި ފާހަގަ ކުރެވޭނަމަ އެ އެއްޗެހިން ސަލާމަތް ވުމަށް މަސައްކަތް ކުރަން ވާނެއެވެ. ނިދަން އޮށޯތުމުގެ ކުރިން ފެން ވެރުމާއި ނިދާތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ވެސް އެލަރޖިކް މައްސަލައިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތަކެވެ. ހަފުތާއަކު އެއްފަހަރު ނުވަތަ ދެ ފަހަރު ކޮޓަރި ވެކިއުމް ކްލީން ކުރުމުން ވެސް އެލަރޖިކް މައްސަލަ ޖެހޭ މިންވަރު ދަށަށް ދެއެވެ.

އެލަރޖިކް މައްސަލަ ރަގަޅު ކުރުމަށް ބޭނުންކުރާ ބޭސް ތަކުގެ ތެރޭގައި އެންޓިހިސްޓަމީން، ޑީކޮންގެސްޓަންޓް، އަދި ލޮލަށް އަޅާ ބޭހާއި، ނޭފަތަށް އަޅާ ބޭހާއި ސްޕްރޭ ހިމެނެއެވެ. ބޭސް ބޭނުން ކުރަން ވާނީ ޞިއްޙީ ޚިދުމަތްތެރިއެއްގެ މަޝްވަރާގެ މަތިންނެވެ.

ގިނަފަހަރަށް އެލަރޖިކް ވަނީ ކޮންއެއްޗަކަށް ކަމެއް ނޭނގޭނެއެވެ. އަދި ބައެއް މީހުނަށް އެލަރޖިކް މައްސަލަ ވަރަށް ގަދަޔަށް ޖެހެއެވެ. މިފަދަ ޙާލަތްތަކުގައި ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންވާނެއެވެ. ނުވަތަ މިކަމުގެ ޚާއްޞަ ޑޮކްޓަރަކަށް ވެސް ދެއްކިދާނެއެވެ. ޑޮކްޓަރުން ހަދާ ޓެސްޓް ތަކުން އެލަރޖިކް މައްސަލަ މެދުވެރިވާ އެއްޗެހި ދަނެގަތުމަށް އެހީވެދެއެވެ. މިފަދަ އެއްޗެއް ފާހަގަ ވެއްޖެނަމަ ފަރުވާ ކުރަންވެސް އަދި އެ އެއްޗަކުން ރައްކާތެރިވުމަށް ވެސް ފަސޭހަވެގެން ދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *