ނ.ޅޮހީގެ ހަނގުރާމަ ފަސްގަނޑަކީ ބޮޑު ލޭ އޮހޮރުވުމެއް ހިނގާފައިވާ ސަރަހައްދެއްބާ؟

 ޅޮހީގެ ހަނގުރާމަ ފަސްގަނޑަކީ ރަށުގެ ދެކުނުފަރާތުގައި އުސްކޮށް އޮންނަ ސަރަހައްދެކެވެ. ދިވެހ ތާރީޚްގައި މި ސަރަހައްދާއި ގުޅޭ މާ ގިނަ މައުލޫމާތެއް ފެންނަން ނެތްނަމަވެސް މި ސަރަހައްދު ބަލާލާއިރު ސަރަހައްދުގައި ދިވެހިންގެ ތާރީޚްގައި އާދަޔާ ހިލާފް ކަންތައްތަކެއް ހިނގާފައިވާކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ ތާރީޚްގައި މި ސަރަހައްދުގެ ވާހަކަ ރަސްމީ ސިފައެއްގައި މާ ބޮޑަށް ލިޔެވިފައިނުވަނީ އެކަށިގެންވާ ދިރާސާއެއް ކުރެވި ހޯދުންތަކެއް ހޯދިފައިނުވުންކަމަށް ވުން އެކަށީގެންވެއެވެ. ރާއްޖޭގެ ތާރީޚު ދިރާސަކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއްވި  ލުތުފީ ވެސް މި ސަރަހައްދު ބަލައިލުން ފިޔަވާ އިތުރު ކަމެއްކޮށްފައި ނުވާވާކަން ފާހަގަކުރެވެއެވެ.

ބައެއް މީހުން ބުނާގޮތުން ހަނގުރާމަ ފަސްގަނޑަކީ ވަރުގަދަ ލޭއޮހޮރުވުމެއް ޒަމާނެއްގައި ހިނގާފައިވާ ސަރަހައްދެކެވެ. ތާރީޚުން ފަށައިގެން ހަނގުރާމަ ފަސްގަނޑުގެ ނަމުން ނަންދެވިފައިވާއިރު ކާބަފައިންގެ ގިނަބަޔަކު އަންނަނީ އެއީ ހަނގުރާމައެއް ހިނގާފައިވާ ތަނެއްކަން ގަބޫލުކުރަމުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެބޭފުޅުން އެކަމުގެ ހެއްކެއްގެ ގޮތުގައި ދަށްކަމުން އަންނަނީ ވަކި ތަރުތީބެއްނެތި އެ ސަރަހައްދުގެ ފަސްގަނޑުގެ އަޑީގައިވާ ގަބުރުތަކެވެ. މީހުންގެ ކަށިތަކެވެ. ކަށިތަކަށް ބަލާއިރު މީހުން ވަޅުލާގޮތަށް ވަޅުލާފައިވާ ތަނެއް ނޫންކަންއެނގެއެވެ. އަދި ހަމަ އެހެންމެ އެ ސަރަހައްދުގެ ފަސްގަނޑުގެ ކުލަޔަކީވެސް މުށި ރަތް ކުލަޔަކެވެ. އާންމުކޮށް ފަސްގަނޑުތައް ހުންނަ ކުލަޔާ ތަފާތުކަން ފާހަގަކުރެވެއެވެ. ދެން ބައެއް ބޭފުޅުން އެއީ ފެތުރުނު ބަލިމަޑުކަމެއްގައި މީހުން އުޅޭ ސަރަހައްދާއި ދުރުގައި ވަޅުލާފައިވާ މީހުންތަކެއް ކަމަށްވެސް ބުނެއެވެ. މިގޮތަށް ބުނާއިރު ސުވާލަކީ އެފަދަ އެމެޖެންސީ ވަގުތެއްގައި މީހުން އެގޮތަށް ވަޅުލާފަ ރަށްދިގަށް 1000 ފޫޓުވަރުގެ ސަރަހައްދެއްގައި އުސްކޮށް ފަސްފުނި ޖަހާފާނެބާއެވެ. ލޭ އޮހެރުވުމެއް ނުވަތަ ހަނގުރާމައެއް ކަމަށް ބުނާ ފަރާތްތަކުން ބުނާގޮތުން ފަސްގަނޑު އުސްކުރެވިފައިވަނީ ދިފާއީ އައްޑަނައެއްގެ ގޮތުގައެވެ. އަޅުގަނޑަށް ފަސްގަނޑު ބަލާލުމުން އެއީ ހަމަ ބޭރުގައި ލީބިޔާފަދަ ގައުމުތަކުގައި ހަނގުރާމަތަކުގައި ދިގުކޮށް ޖަހާފައިވާ ފަސްގަނޑުތަކާއި އެއްގޮތްކަން ފާހަގަކުރެވެއެވެ.  ފަސްގަނޑު އޮތީ ރަށުގެ ގޮނޑުދަށުގައި ރަށްދިގަށް ކަމަށްވެފައި ފަސްގަޑަށް އަރާފައި ބަލާލުމުން ރަށު ތެރެއަށް އަޑިވަމުން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ހަނގުރާމަ ފަސްގަނޑު އުފެދުން ގޮތްކަމަށް ކާބަފައިންގެ ތެރޭން ގިނަ ބަޔަކު ބުނަމުން އަންނަ އަނެއްގޮތަކީ އަޅުގަނޑު ދެންމެ ބަޔާންކުރިގޮތާ މާ ބޮޑު ތަފާތެއް ނެތްގޮތެކެވެ. މިގޮތުން އަޅުގަނޑު މި ބަޔާންކުރަނީ ޅޮހި ސްކޫލްގެ ދިވެހި ޓީޗަރ ރަމްޒީނާ މުޙައްމަދު ހަނގުރާމަ ފަސްގަނޑާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުމުގެ ބައެކެވެ.  ރަމްޒީނާ މުޙައްމަދު ލިޔުއްވާފައިވާގޮތުން “ ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމުކަމަކީ އެ ފަސްގަނޑާއިބެހޭ ގޮތުން މިރަށުގެ ކާބަފައިން ދައްކަމުން އައި ވާހަކަތަކެކެވެ. އެވާހަކަތަކަކީ އަޑުއަހާމީހުންގެ ޝައުޤުވެރިކަން އިތުރުވާފަދަ ވާހަކަތަކެކެވެ. ހިތަށް ސިފަވެގެން ދަނީ ވިއެޓްނާމް ހަނގުރާމައިގާ އެރަށުގެ މީހުން ސިފައިންނަށް ޖެއްސި ޙާލެވެ. އިހުޒަމާނުގައި ރާއްޖެއަށް ވައްކަންކުރަން ފޭރޭމީހުން އަހިސްއުޅުނެވެ. އެގޮތުން މިރަށަށް އަހިސްއުޅުނު މިފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށް، ޖަހާއުޅުނު ދަންތުރައަކީ ގެތަކެއްގޮތަށް ފުރާޅުތަކެއް ހަދައި ރުއްރުކަށް ވާ އެއްސުމެވެ. އަދި ފޭރޭ މީހުން އަހިސް ވައްކަންކުރަން ފުރާޅުދޮށަށް ވަނުމުން ވާތަށް ކަނޑައި އެމީހުންގެ ބޯމައްޗަށް ފުރާޅުތައް ވައްޓާލުމަށްފަހު އެންމެންވެގެން ފުރާޅުމައްޗަށް ވެލިއަޅައި ތަން ފޮރުވާލަނީއެވެ. ތަކުރާރުކޮށް އެކި ދުވަސްމަތިން މިބީދައިން މި ދަންތުރަ ޖަހަމުންގޮސް އެ ފަސްގަނޑު އުސްވީކަމަށް ބުނެއުޅެއެވެ. އަދި “ހަނގުރާމަފަސްގަނޑު” މިނަން ކިޔުނީ މިހާދިސާއާއި ގުޅުވައިގެން ކަމަށް ބުނެ އުޅެއެވެ.“

ހަނގުރާމަ ފަސްގަނޑަކީ ބައެއް ފަރާތްތަކުން ބުނާގޮތުން ގުދުރަތީ ގޮތުން އުފެދިފައިވާ ސަރަހައްދެކެވެ. މިހެން އެ ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި އެއީ ރަށްއުފެދުމުން އައި ދުވަސްވަރު ބޮޑެތި ރާޅުނަގައި ފަސްގަނޑު އުސްވެފައިވާ ސަރަހައްދެކެވެ. އެހެންނަމަވެސް މިހެން މިކަން ނުވާނެކަމަށް ވިދާޅުވާ ބޭފުޅުން އުފައްދާ ސުވާލާއި މެދު ވިސްނާމަލާތޯއެވެ. ރަށުގެ އެންމެ ބޮޑެތި ރާޅު ނަގާ ދިމަ ނުވަތަ ސަރަހައްދުގެ ފަސްގަނޑު ތިރިކޮށް އޮވެފައި އެ ސަރަހައްދު އުސްވާންވީ ކީއްވެތޯއެވެ؟ އަދި އެސަރަހައްދުގެ ފަސްގަނޑުގެ ތެރޭގައި ގިނައަދަދަކަށް ގަބުރު ހުންނަނީ ކީއްވެތޯއެވެ.؟ ފަސްގަނޑުގެ އެކި ހިސާބުތަކުން ފެންނަމުންދާ މީހުން ކަށިތައް އެއީ ހަމަ ފަސްގަނޑާއެކު އަރާފައިވާ ކަށިތޯއެވެ. މި ސުވާލަތުކާއި މެދު ވިސްނާލާއިރު ރަށުގެ އެންމެ ބޮޑެތި ރާޅުނަގާ ސަރަހައްދުގެ ފަސްގަނޑު  ތިރިކޮށް އޮއްވަ އެ ސަރަހައްދުގެ ފަސްގަނޑު ރަށްއުފެދުމުގައި ބޮޑެތި ރާޅު ނަގައިގެން އުސްވެދާނެކަމަށް ގަބޫލުކުރެވޭކަށް ނެތެވެ. އަދި ރާޅާއި އެކު އެހާ ގިނައަދަދަކަށް ގަބުރު ލައްގާ ގަބުރު ވަޅުޖެހޭނެކަމަށް ގަބޫލެއްނުކުރެވެއެވެ. ސަބަބަކީ އެޒަމާނަކީ މިހާރަށްވުރެ ބޮޑަށް އެގޮތަށް ލައްގާ ގަބުރުފަދަ ތަކެތި ވަޅުލާ ނައްތާލުމަށް ސަމާލުކަން ދެމުންއައި ޒަމާނެކެވެ. އެގޮތަށް އައިސް މޫދުކައިރި ރާޅާތަޅާ ފަސްގަނޑުގެ ތެރެއަށް ގޮސް ވަޅުޖެހެންދެން އޮންނާނެ ކަމަށް ގަބޫލުނުކުރެވެއެވެ. އަދި އެގޮތަށް ލައްގާ ގަބުރެއް އެތައް ދުވަހަކު ރާޅާ ތަޅާ ވަޅުޖެހޭއިރު ގުނަވަންތައް ވަކިނުވެ ހުންނާނެ ބާއެވެ؟

 ދެން މިހާ ހިސާބުން ގުދުރަތީ ގޮތުން އުސްވެފައިވާކަމަށް ވިދާޅުވާ ބޭފުޅުން ސުވާލު އުފައްދަވައިފާނެވެ. ދެން ހަނގުރާމައެއް ހިނގީމައި ވަކި ކީއްވެތޯއޭ ވަޅުލާ ނައްތާނުލަނީ؟ މި ސުވާލަށްވެސް ޖަވާބެއް އެބައޮތެވެ. އާދެ އެފަދަ ބޮޑު ލޭ އޮހޮރުވުމެއް ހިނގާ ނިމޭއިރު އެ މުޖުތަމަޢުއެއް އޮންނާނީ ނުހަނު ބަލިކަށިވެފައެވެ. އަދި ވަކިން ކުޑަ އާބާދީއެއްގައި ލޭ އޮހުރުވުން ނިމޭއިރު ތިބޭނީ ވަރަށް މަދު މީސްކޮޅެކެވެ. އަދި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ގިނަބަޔަކު ބަލިކަށިވެފައިވާއިރު ރަސްމީގޮތެއްގައި ގަބުރުތައް ވަޅުލާ ނައްތާލެވޭކަށް ނޯންނާނެއެވެ. އެހެންކަމުން ލަފާކުރެވޭގޮތުގައި ކަންތައްކުރެވިފައިވާ ގޮތަކީ ހަނގުރާމައިގެ ދިފާއީ ފަސްގަޑުގައި ރަށުގައި ސަލާމަތުން ތިބި މަދުބަޔަކު ގޮސް މަރުވެފައިވާ މީހުންތައް ވަނީ ވަޅު ޖައްސާލާފައެވެ. އަދި ފަސްގަނޑުގެ ކުލަ ބަދަލުވެފައިވަނީ މަރުވެފައިވާ މީހުންގެ ގައިން އޮހެރިފައިވާ ލޭންކަމަށްވުމަކީ އެކަށީގެންވާކަމެކެވެ.

ދިވެހިންގެ ތާރީޚްގައި މިކަން މާ ރަނގަޅަށް ލިޔެވިފައިނުވާއިރު ޔަގީނުންވެސް މި ސަރަހައްދަކީ ވަރަށް ދިގު ތާރީޚެއް ވާ ސަރަހައްދެކެވެ. ސަރަހައްދުގެ ފަސްގަނޑުގެ އެކި ހިސާބުގައި ވާ ގަބުރުތަށް ނުވަތަ މީހުން ކަށިތައް ވަނީ ފީވެ ވެއްޔައްވާން ގާތްވެފައެވެ. އެ ސަރަހައްދު ގިރަމުން ފަސްގަނޑު އަންނަނީ ފައިބަމުންނެވެ. މިގޮތަށް ފަސްތައް ފައިބާއިރު ފެންނަ މީހުންގެ ކަށިވެސް ކިރިޔާ އަތް ޖެހިލިޔަސް ފުނޑުވެގެން ދެއެވެ. އެހެންކަމުން މި ފަދަ ގިނަ ޒަމާންތަކެއް ވެފައިވާ އާދަޔާ ހިލާފް މި ސަރަހައްދު ކަމާއި ބެހޭ އެންމެހާ މުއައްސަސާތަކުން ބަލާ ދިރާސާކޮށް ހިމާޔަތްކުރުމަކީ ތާރީޚައްޓަކައި މުހިންމުކަމެކެވެ.  ޒާމާނީ ޓެކްނޮލޮޖީގެ އެހީގައި ފެންނަމުންދާ މީހުން ކަށިތަކުގެ އުމުރު ބަލާ އިތުރު މައުލޫމާތު ހޯދޭނެކަމީ ޔަގީންކަމެކެވެ.  މިކަމަކީ ހަމަ ޚިޔާލީ ވާހަކައެއްގެ ގޮތުގައި ފާހަގަކޮށްލައިގެން ފުއްދާލެވޭނެ ކަމެއް ނޫންކަން ސަރަހައްދު އޮންނަގޮތާއި ފެންނަމުންދާ މަންޒަރުތައް ހެކިދެއެވެ.

ނޯޓް: މި ލިޔުމުގައި އަޅުގަނޑު ބަލާލާފައިވާނީ ރަށުގެ އެކި އުމުރުގެ މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތާއި އަދި ހަމަ އެހެންމެ ރަށުން ބޭރުން އައިސް އެ ސަރަހައްދު ބަލާފައިވާ ފަރާތްތަކުގެ ހިޔާލާއި ވާހަކަތަކުގެ މައްޗަށެވެ.

Leave a Reply

Your email address will not be published. Required fields are marked *