ރަމަޟާން މަހަށް ތައްޔާރުވުން

އިއްޔެ ރަމަޟާން މަހެއް ވަކިވެދިޔައީ އެތަކެއް މުސްލިމުންނެއް އެމަހަށް އަލުން އިންތިޒާރު ކުރުމަށް ދޫކޮށްފައެވެ. އެތަކެއް ޞާލިހު އަޅުންނެއް އެފަދަ ހެޔޮވެގެންވާ މައްސަރެއް ނިމިގެން ދިޔުމުގެ ހިތާމަކުރާ ޙާލުގައެވެ. އަދި މިއަދު އަޅުގަނޑުމެން އެންމެން އެމަހާ ކުރިމަތި ލަމުން މިދަނީ މުޅިން އައު އުންމީދު ތަކަކާއެކުގައެވެ. އައު އުފާވެރިކަމަކާއެކުގައެވެ. އަދި އެމަހުގައި ހެޔޮ ޢަމަލުތަކެއް ކުރުމުގެ ތައުފީޤު ދެއްވުން އެދި ތިބި ޙާލުގައެވެ.

ރަމަޟާން މަހާ ބައްދަލުވުމުގެ އުފާވެރިކަމާއި ޝައުޤުވެރިކަމެއް އަޅުގަނޑުމެންގެ ހިތްތަކުގައި ވިއެއް ކަމަކު، މި މައްސަރާއި ބައްދަލުވެ މި މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބުން މަޙްރޫމުވެގެންދާ އެތަކެއް ބަޔަކު އަޅުގަނޑުމެންގެ މި އިސްލާމީ މުޖްތަމަޢުގައި އެބަތިއްބެވެ. އަދި ބައެއް މީހުންނަށް އެމަހަކީ ހަމައެކަނި ނިދުމާއި މަޖާކުރުމުގެ މަހެއް ކަމުގައި މެނުވީ ނުވެއެވެ. އެމަހުގެ ރޯދައިން ބައެއް މީހުންނަށް ބަނޑުހައި ހޫނު ކަމާއި ފެންބޮވުން ފިޔަވައި އެހެން އެއްވެސް ކަމެއް ޙާޞިލެއް ނުވެއެވެ. އަޅުގަނޑުމެންގެ މުޖްތަމަޢުގެ ގިނަ އަފްރާދުންތަކަކަށް ރަމަޟާން މަހަކީ ހަމައެކަނި ކެއުމާއި ބުއިމުގެ މަހަކަށް ވަނީވެފައެވެ. އެމަހުގެ ރޭ އަޅުކަމާއި ދުވާލުގެ ރޯދައިގެ އަޅުކަމުގެ މީރުކަމާއި ފޮނިކަން އިޙްސާސްވަނީ ކިތައް މީހުންނަށް ތޯއެވެ؟

ރަމަޟާން މަހުގެ ދަރުމައާއި ޘަވާބުގެ މަތިވެރިކަމަކީ އެކަކަށްވެސް އޮޅިފައިވާނޭ ކަމެއް ނޫނެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. “އީމާން ކަންމަތީގައި ހުރެ ޘަވާބާއި ދަރުމައަށް އެދިގެން ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެތެވެ.” އާދޭހެވެ! ރަމަޟާން މަހަކީ ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުވޭ މައްސަރެވެ. އެމަހަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރެވެ. މަލާއިކަތުން ރޯދަވެރީންގެ ފާފަ ފުއްސެވުމަށް ދުވާކުރެއެވެ. އަދި އެ މައްސަރުގައި އެތަކެއް ބަޔަކު ނަރަކައިން މުއްތިކުރެއްވުން ވެއެވެ. އެއް ރަމަޟާން މަހުން އަނެއް ރަމަޟާން މަހާއި ދެމެދު ކުރެވޭ ފާފަތަކުގެ ކައްފާރާއެއް ކަމުގައި އެމަހުގެ ރޯދަހިފުން ވެއެވެ.

އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ރޯދަމަހުގެ ދަރުމައާއި ޘަވާބު މަތިވެރިވެގެންވިއެއް ކަމަކު، އެފަދަ ހެޔޮ ދަރުމައާއި ޘަވާބުން އަޅުގަނޑުމެން މަޙްރޫމުވަނީ ކީއްވެގެން ތޯއެވެ؟ އެކަމުގެ ސަބަބަކީ ކޮބައި ބާއެވެ؟ ކީރިތިވަންތަ ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “މާތް ﷲ ގެ ފަޟްލަވަންތަ ވެރިކަމާއި ރަޙްމަތް ތިޔަބައި މީހުންގެ މައްޗަށް ނުވާނަމަ، ތިޔަބައިމީހުންނަކީ ގެއްލެނިވެގެންވާ ބަޔަކު ކަމުގައި ވެއްޖައީހެވެ.އަޅުގަނޑުގެ މިލުޔުމުގައި އަލިއަޅުވާލަން ޤަޞްދުކުރަނީ ރަމަޟާންމަހުގެ ހެޔޮ ދަރުމައާއި ޘަވާބުން މަޙްރޫމުވުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ މައްޗަށެވެ.

ފުރަތަމަ ސަބަބަކީ އެމަހާއި އަޅުގަނޑުމެން ކުރިމަތިލާ ނިޔަތާއި މަޤްޞަދު ހަނދާން ނެތުމެވެ. ނުވަތަ ވަކި މަޤްޞަދެއް ބޭނުމެއްނެތި އެމައްސަރު ފާއިތުކޮށްލުމެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. “ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ. ކޮންމެ މީހަކަށްވެސް (އޭނާ ކުޅަ ޢަމަލުތެކެއް ހިސާބުކޮށް ޖަޒާ) ލިބޭނީ އޭނާ ކަނޑައެޅި ނިޔަތަކާ އެއްގޮތަށެވެ.” އިސްވެ ބަޔާންކުރެވުނު ފަދައިން ރަމަޟާންމަހުގެ ދަރުމައާއި ހެޔޮ ޖަޒާއަށް އެދިހުރެ އެމަހުގެ އަޅުކަމުގައި މަޝްޣޫލުވެގެން އުޅެއްޖެ މީހެއްގެ އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އޭނާއަށް މާޒީގެ ތެރޭގައި ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސެވޭނެތެވެ. ނަމަވެސް އެއީ އެފަދައިން ނިޔަތާއި މަޤްޞަދު ކަނޑައަޅައިގެން ވަރުގަދަ ޢަޒުމަކާއެކު އެމަހުގެ އަޅުކަމާއި ކުރިމަތިލާ މީހުންނަށް އެކަންޏެވެ.

ރަމަޟާންމަހުގެ ދަރުމައާއި ޘަވާބުން މަޙްރޫމު ވެގެންދާ އަނެއް ސަބަބަކީ ފަރުޟު ނަމާދުތަކަށް ފަރުވާ ކުޑަކުރުމެވެ. ރަމަޟާން މަހުގެ ފުރަތަމަ ދެތިން ދުވަހަކީ މިސްކިތް ފުރިގެން ދާ ދުވަސްތަކެކެވެ. ނަމަވެސް އޭގެ ފަހުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ނަމާދާމެދު ފަރުވާ ކުޑަކުރެއެވެ. އަދި ރަމަޟާން މަސް ނިމިދަނީ އެމަހުގައި ކުރެވުނު ނަމާދަށްވުރެ ފާއިތުވި ނަމަދު ގިނަވެގެންވާ ޙާލުގައެވެ.

ދެވަނަ ސަބަބަކީ ކުޅިވަރާއި މަޖަލުގައި ރަމަޟާން މަހުގެ ރޭތައް ފާއިތު ކޮށްލުމެވެ. ހޭލާތިބެ އެމަހުގެ ހުރިހާ ރޭތަކެއް ޓީވީ ބެލުމުގައި ނުވަތަ ރޭޑިޔޯ ޕްރޮގުރާމުތަކެއް އަޑުއެހުމުގައި ހޭދަކޮށްލެވޭތީއެވެ. ނުވަތަ ރަޙްމަތްތެރީންގެ މަޖްލިސްތަކުގައި ފޮނިބައިސާ ކެނޑުމުގައި އެތަކެއް ވަގުތުތަކެއް ފާއިތުކޮށްލުމެވެ. މިކަންކަމުގެ ސަބަބުން ދެން މެދުވެރިވާ ކަމަކީ ދުވާލުގެ ގިނަ ވަގުތުތަކެއް ނިދުމުގައި ހޭދަކޮށްލުމެވެ. ދުވާލުގެ ގިނަވަގުތުތަކެއްގައި ނިދުމުގެ ސަބަބުން ފަރުޟު ނަމާދުތައް ފާއިތުވެއެވެ. މިސްކިތުގައި ޤުރްއާން ކިޔަވާލުމުގައި ހޭދަކުރަން ލިބިފައިވާ ދުވާލުގެ މުހިންމު ވަގުތުތައް ވިސްނުމެއްނެތި ފާއިތުވެގެން ދަނީ މިފަދަ ގޮތެއްގައެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ރޯދަވެރިޔާއަށް ފަހަރެއްގައި، އޭނާގެ ބަނޑުހައި ކަމާއި ކަރުހިންކުން ފިޔވައި އެހެން ކަމެއް ނުވެއެވެ.”

ތިންވަނަ ކަމަކީ ޣީބަ ބުނުމާއި، ދެބޮޑުވުމާއި، ޒުވާބުކޮށް އަރާރުންވުންފަދަ ޢަމަލުތައް ރޯދައަށް ހުރެގެން ކުރުމެވެ. ޣީބަ ބުނުމާއި ދޭތެރެޖެހޭފަދަ ވާހަކަތަކަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިފަދަ ޢަމަލުތަކަކީ ހަމައެކަނި ރަމަޟާންމަހު ނުކޮށް ހުއްޓާލުމަށް އެންގެވިފައިވާ ޢަމަލުތަކެއް ނޫނެވެ. ނަމަވެސް ރޯދައަށް ހުރެގެން މިފަދަ ބޮޑެތި ފާފަތަކަށް އަރައިގަންނަނީ ކަމުގައި ވާނަމަ، އޭގެ ސަބަބުން ރޯދައިގެ ދަރުމައާއި އަޖުރު އުނިވެ، އަދި ރޯދައިގެ ޘަވާބު ކެނޑިގެން ދެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. “ދޮގުވާހަކަތަކާއި އެފަދަ ޢަމަލުތައް ދޫނުކުރާ ކަމުގައި ވާނަމަ، ކެއިން ބުއިން ދޫކޮށް (ރޯދައަށް ހުރުމަކަށް) މާތް ﷲ އަކަށް ބޭނުންވެ ވޮޑިގެންނެއް ނުވެއެވެ.”

ހަތަރުވަނަ ކަމަކީ ރޯދައަށް ހުރެގެން މާތް ﷲ ޙަރާން ކުރައްވާފައިވާ މުޢާމަލާތްތައް ކުރުމުވެ. މިތާނގައި މުޢާމަލާތޭ ދެންނެވުނީ، ރިބާއާއި ޙަރާމް ގޮތުގައި އަނެކާގެ މުދާތަކެއް ހޯދުމާއި، އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ވިޔަފާރީގެ މުޢާމަލާތްތަކުގެ ވާހަކައެވެ. އެހެނީ ރޯދައަށް ހުރެގެން މާތް ﷲ ޙަރާމް ކުރައްވާފައިވާ ކޮންމެ ކަމެއް ކުރުމަކީވެސް ރޯދައިގެ ބަރަކާތާއި ރަމަޟާން މަހުގެ ދަރުމައިން މަޙްރޫމް ކުރުވާ ކަމެކެވެ. ނަމަވެސް އިސްވެ ބަޔާންކުރެވުނުފަދަ މުޢާމަލާތަކީ ބައެއްފަހަރު އެކަމުގެ ޙަޤީޤަތް ނުބަލައި، އެކަމުން ތިމާއަށް ލިބޭ ގެއްލުން ނުވަތަ ފާފައާއި މެދު ވިސްނާލުމެއްނެތި އަޅުގަނޑުމެންނަށް ކުރެވޭ ބައެއް މުޢާމަލާތް ތަކެކެވެ.

ފަސްވަނަ ކަމަކީ މިފަދަ މާތް މައްސަރެއްގައި ސުންނަތްތަކާއިމެދު ފަރުވާ ކުޑަކުރެވުމެވެ. އޭގެ ތެރޭގައި ފަޤީރުންނާއި ނިކަމެއްތިންގެ ޙާލުބަލައި ޞަދަޤާތް ކޮށްހެދުމާއި، ހެނދުނާއި ހަވީރުގެ ޒިކުރުތަށް ކިޔުމެވެ. އަދި ޢާއިލީ ގުޅުން ބަދަހި ކުރުމާއި، ދުޢާ އިޖާބަ ކުރެއްވޭ ގަޑިތަކާއިމެދު ފަރުވާ ކުޑަކުރުމެވެ. އަދި ރަމަޟާން މަހުގެ ރޭ އަޅުކަމާއި، ޟުޙާ ނަމާދުފަދަ ސުންނަތްތަކާއި މެދުފަރުވާ ކުޑަކުރުމެވެ.

އިސްވެ ބަޔާން ކުރެވުނު ކަންކަމަކީ އެކަން ކަމާމެދު އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ފަރުވާ ކުޑަކުރާ ކަންކަމެވެ. ހެޔޮ ޢަމަލުތަކަށް ފަރުވާ ކުޑަވުމާއި، ސުންނަތްތަކަށް ފަރުވާލެއް ނުބަހެއްޓުމަކީ ވަރަށް ހިތާމަ ހުރިކަމެކެވެ. އެހެނީ ސުންނަތްތަކާމެދު ފަރުވާ ކުޑަވެއްޖެނަމަ ފަރުޟުތައް ދޫކުރެވި ފަރުވާ ކުޑަކުރެވެއެވެ. އަދި މުޅިން އެކުގައި އަޅުކަމާއި ދުރުވާގޮތް މެދުވެރިވެއެވެ.

އިސްވެ ބަޔާންކުރެވުނީ ރަމަޟާން މަހުގެ ދަރުމައިން މަޙްރޫމު ވެގެން ދިޔުމަށް މެދުވެރިވާ ކަންތައްތަކުގެ ތެރެއިން ފަސްކަމެކެވެ. އެކަންކަމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކޮންމެހެން އަހަންމިއްޔަތުކަންދީ ވިސްނަންޖެހޭ ކަންކަމެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ މީހަކީ މިފަދަ މާތް މައްސަރަކާއި ކުރިމަތިވެ ފާފަ ނުފުއްސެވޭ މީހާއެވެ. އަދި މިފަދަ މާތް މައްސަރެއްގައި ތައުބާވުމާއި ފާފަކުޅައުން ހުއްޓާލުމަށް ޤަޞްދުކޮށްގެން ހުއްޓާ އެކަން ނުކުރެވެނީސް މި މަސް ފާއިތުވެގެން ދާ މީހާއެވެ.

އާދޭހެވެ! މިމައްސަރުގެ ފުރަތަމަ ދިހައެއްގައި ވަނީ ރަޙްމަތެވެ. ދެވަނަ ދިހައެއްގައި ވަނީ ފާފަ ފުއްސެވުމެވެ. އަދި ފަހު ދިހައެއްގައި ވަނީ ނަރަކައިން މުއްތިކުރެއްވުމެވެ. އަދި މިމަހުގައިވާ ލައިލަތުލް ޤަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ އެރޭގެ މާތްކަން އިތުރުވެގެންވާ ރެއެކެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މި މާތް މައްސަރުގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ދެއްވުމެވެ. އަދި އަޅުގަނޑުމެންގެ ކިބައިން އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރެއްވުމެވެ.

ނޯޓް: މި ލިއުމަކީ 07 ސެޕްޓެމްބަރ، 2007 ގައި މިއަދު ނޫހުގައި ޖަހާފައިވާ ލިއުމެކެވެ. މިއަދު ނޫހުގެ މި ލިއުން ހެޔޮބަސްގައި ޖަހާފައިވަނީ މިއަދު ނޫހުގެ ހުއްދަޔާއި އެކުގައެވެ.

What's your reaction?

Excited
0
ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *