ކާށިން ރުއްފެޅުމުގައި އެކުލެވޭ ބައެއް ޢަޖާއިބުތައް

ގަސްފެޅުމުގައި އެގަހެއްގެ މޭވާގެ އޮށަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ރުކުގެ މޭވާ ތަފާތު މަރުޙަލާތަކެއް ކަޑައްތުކުރުމަށްފަހު އެންމެފަހުން ބަދަލުވަނީ ކާއްޓަށެވެ. ރުކަކީ އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ގޮނޑުދޮށްތަކުގެ ފެހިކަމާއި ދިރުމެވެ. މިނޫނަސް ދުނިޔޭގެ އެތަކެއް ސަރަހައްދުތަކެއްގެ ފެހިކަމާއި ތާޒާކަމަކީ ރުކެވެ. ދިވެހިރާއްޖޭގެ ގަސްގަހާގެހީގެ ތެރޭގައި ވެސް އެންމެ އާންމު ދިރުމަކީ ރުކެވެ. މި ދިރުން މިގޮތަށް ދެމިގެން ދިޔުމަށްޓަކައި ވަރަށް ފުރިހަމަ ޤުދުރަތީ ނިޒާމެއް އެކަށައެޅިފައި ވެއެވެ. ޙަޤީޤަތުގައި ކާއްޓަކީ އޮށެކެވެ. މި އޮށަށް ލިބިގެންވާ އެންމެ ޚާއްޞަ އެއް ސިފައަކީ ފެނުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ހަލާކުނުވެ އޮންނަ އޮތުމެވެ. ކާއްޓަށް 80 ދުވަސް ވަންދެން ނުބައިނުވެ ކަނޑުގައި އޮޔާ ގޮސްގޮސް އޮތުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ. މިކަމުގައި އެކުލެވޭ އަނެއް ޢަޖާއިބަކީ އޮޔާ ދެމެމުންދާ ދުވަސްތަކުގައި ރުއްފަޅަން ނުފައްޓާކަމެވެ. ކާށި ސަލާމަތުން ދުރު ހިސާބުތަކަށް އޮޔާ ގެންދިޔުމަށްޓަކައި އޭގައި ވަރަށް ހަރު ތޮށިގަނޑެއް ނުވަތަ ނާށިގަނޑެއް އެކުލެވިފައި ވެއެވެ. ބޭރުގައިވާ ބޮނބިގަނޑު ކޮށްދޭ ކަމަކީ ފެންގަނޑުގެ މަތީގައި ކާށި އޮވެގެން އޮޔާދެމޭނެ ގޮތަށް އެ ލުއިކޮށްދިނުމެވެ. އެތެރޭގައި ބައި ޕައިންޓްގެ ފެނާއި، ރުއްފެޅުމަށް ބޭނުންވާ ކާނާ ރައްކާކުރެވިފައި ވެއެވެ. މިގޮތުން ކާށި ވަނީ ދުރު ދަތުރެއް ކުރުމަށް ތައްޔާރުކުރެވިފަ އެވެ. މިހުރިހައި ސިފައެއް ކާށީގައި އެކުލެވިފައި މިވަނީ ހަމަ އިއްތިފާގަކުން ހެއްޔެވެ؟
މަތީގައި ބަޔާންވެދިޔަ ވާހަކަތަކުން އެނގިގެންދިޔައީ ދުނިޔޭގެ ކަންކޮޅުތަކަށް ރުކުގެ ނަސްލު ފެތުރިގެން ދިޔުމަށްޓަކައި އެއްތަނުން އަނެއްތަނަށް ކާށި ގެންގޮސްދޭ ވަސީލަތަކީ ފެންކަމެވެ. ފެނުގެ ތެރޭގައި ކާށި އޮތަސް އޭގެން ރުއްފަޅަން ފަށަނީ ހިކިފަސްތަނަކަށް އޭތި ވާސިލުވުމުންކަމެވެ. ޙަޤީޤަތުގައި ހާލަތަށް ބަލައިލާނަމަ މިއީ ސައިންސް ޢިލްމުވެރިން އެންމެ ޝައުޤުވެރިކުރުވާ އެއް ކަންތަކެވެ. ޢިލްމީ ހޯދުންތަކުން އެނގިފައިވަނީ ގަސްގަހާގެހީގެ އޮށަކީ ފެނުގައި ޖެހުމުން އަވަސްގޮތަކަށް އޭގެން ގަސްފަޅަންފަށާ އެއްޗެއްކަމެވެ. އެހެން އިބާރާތަކުން ބަޔާންކުރާނަމަ ’ޖަރމިނޭޓްވާން‘ ފަށާ އެއްޗަކަށް ވާކަމެވެ. ނަމަވެސް ކާށި މޫދުގައި އޮންނައިރު އޭގެން ރުއްފަޅަން ނުފެށުން ވަނީ ވަރަށް އާދަޔާ ޚިލާފު ކަމަކަށެވެ. ފެނުގެ ތެރެއިން އޮށްތައް ދުރުތަންތަނަށް ފޮނުވާ ބާވަތުގެ ގަސްގަހާގެއްސަކަށް މި ޤާނޫނެއް ނުހިގަ އެވެ. އެއީ އެ އޮށްތައް އުފެދިފައިވާ ގޮތުންނެވެ. އާންމު ގަސްގަހާގެހީގެ އޮށްތައް ފަދައިން ކާށި ވެސް ފެނުގައި ޖެހުމާއި އެކު ގަސްފަޅަން ފަށާނަމަ އެދާންވީ ހިސާބަށް ނުދެވެނީސް މަރުވެދާނެ އެވެ. މިހެންކަމުން ރުއްތަކަށް އެތަކެތި ލެއްވި މާހައުލާއި ގުޅޭނެގޮތުން ދިރިތިބެވޭނެ ހަމަތަކާއި ބާރުތައް އޭގައި ހަމަޖެއްސެވީ އެވެ.
ދުނިޔޭގައިވާ ހުރިހާ ބާވަތެއްގެ ގަސްގަހާގެއްސަކީ ވެސް އެއަށް އެންމެ ބޭނުންވާނެ ގޮތަށް އޭގެ އުފެދުން ލައްވާފައިވާ ދިރުންތަކެކެވެ. މި އާދަޔާ ޚިލާފު ސިފަތަކުގެ ސަބަބުން ސިކުނޑި އަށް ވެރިކުރުވާ ސުވާލެއް އެބަ އޮތެވެ. އާންމު ހާލަތުގައި ކަންހިނގާގޮތް އަމިއްލައަށް ބަދަލުކޮށްގެން ތިބުމުގެ ބާރު އެކަމަށް ބޭނުންވާ ގަސްގަހާގެއްސަށް ދެއްވީ ކޮންފަރާތަކުން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދެވޭނެ މިސާލެއްގެ ގޮތުން ކާށި ނަގަމާ ހިނގާށެވެ.
ކާށީގެ ތެރޭގައި ކާނާ ރައްކާކުރެވިފައި
ގިނަދުވަސްތަކަކަށް ފެނުގެ ތެރޭގައި އޮންނައިރު ގަސްފެޅުމުން އެއްކިބާވެފައި އޮތުމަށްޓަކައި ވަކި ގޮތަކަށް ކާށި އުފެދިފައިވާން ޖެހެ އެވެ. މިސަބަބަށްޓަކައި އޭގެ ނާށިގަނޑު ލައްވާފައިވަނީ ވަރަށް ހަރު އެއްޗެއްގެ ގޮތުގަ އެވެ. މި ނާށިގަނޑުގައި ފެންނުހިފާނެ ސިފަތަކެއް ލައްވާފައި ވެއެވެ. މިއީ އަކީ އިއްތިފާގެއް ނޫނެވެ.
ކާށި ކަނޑުގައި ކުރަންޖެހޭ ދިގު ދަތުރުގައި އެއަށް އާންމު މިންވަރަށްވުރެ އިތުރަށް ކާނާ ބޭނުންވާނެ އެވެ. ކާށްޓަކީ އޮށެއް ކަމުގައި ވާތީ އެއަށް ބޭނުންވާ ބަރާބަރު މިންވަރަށް އޭގައި ކާނާ ވަނީ ރައްކާކުރެވިފަ އެވެ. މިއީ ވެސް އިއްތިފާގަކުން މެދުވެރިވެފައިވާ ގޮތެއް ނޫނެވެ.
ހިކިފަސްތަނަކަށް ކާށި ލައްވުމާއެކު ގަސްފަޅަންވީކަން އެއަށް އެނގިގެންދެ އެވެ. މިއީ ވެސް އިއްތިފާގެއް ކަމުގައި ނުބެލެވޭނެ އެވެ. އެއްވެސް ފޫނުބެދުމެއް ދިމާނުވާނެ ގޮތަށް މި ހުރިހައި ކަމެއް މިގޮތަށް މިންވަރުކުރެއްވި ޤާދިރުވަންތަ ފަރާތަކީ ﷲ އެވެ. އެންމެހައި ގަސްގަހާގެހީގެ އޮށްތައް ވެސް އުފެއްދެވީ އެކަލާނގެ އެވެ. އެތަކެތީގެ އެންމެހައި ބޭނުންތަކާއި، އޭގައި ހިމެނިފައި ވާންޖެހޭނެ ސިފަތައް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އެންމެހައި ކަމެއް ވަނީ އެކަލާނގެ ޤުދުރަތްތެރިކަމުގެ ދަށުގަ އެވެ. އެކަލާނގެ ޢިލްމުފުޅާއި، ވިސްނުންފުޅަކަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެ އެވެ.
ސޫރަތުއްރަޢުދުގެ 8 ވަނަ އާޔަތުގައި ﷲ އަންގަވާފައި ވަނީ: …وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ‌
”…އަދި ކޮންމެ އެއްޗެއް އެކަލާނގެ ޙަޟުރަތުގައި ވަނީ މިންވަރުކުރައްވާފަ އެވެ.“
(ނިމުނީ)
___________________
ލިޔުނީ: އިބްރާހީމް ނާޒިމް

 

Leave a Reply

Your email address will not be published. Required fields are marked *