އިނގިލިބުރި ރަސްގެފާނުގެ ވާހަކަ

އެއްޒަމާނެއްގައި އުޅުއްވި ރަސްކަލެކެވެ. މިރަސްގެފާނުގެ އަރިހުގައި ވަރަށް ތަޤުވާވެރި ހުރިހާކަމެއްގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވަކީލުކުރާ ވަޒީރެއް ހުއްޓެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން ދުނިޔެ ހިނގަމުން ދަނިކޮށް އެއްކަލަ ރަސްގެފާނުގެ އިނގިލިފުޅެއް ބުރިވެއްޖެއެވެ. އަދި ވަރަށް ގިނައިން ލޭއަންނަން ފަށައިފިއެވެ. އެވަގުތު ވަޒީރު ބުންޏެވެ. “ރަނގަޅަށް ކޮންމެކަމެއްވެސް ވާނީ. ތިކަމުގައިވެސް ރަނގަޅެއް ވާނެއެވެ. އިންޝާﷲ”
މިކަމާއި ރަސްގެފާނު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ވަޒީރާއި ދިމާއަށް ވިދާޅުވިއެވެ. “ކޮން ރަނގަޅެކޭ ކިޔާކަށް ހެއްޔެވެ؟ މިހިރަ އިނގިލިން ލޭ އަންނަތަން ހަމަ ނުފެންނަނީހެއްޔެވެ؟” އެޔަށްފަހު ރަސްގެފާނު ވަޒީރު ޖަލަށްލުމަށް އަމުރުކޮށްފިއެވެ. ދެންވެސް ވަޒީރު ﷲ އަށް ވަކީލުކޮށްފައި ބުންޏެވެ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަށެވެ. މިގޮތްވެސް ރަނގަޅެވެ. އިންޝާﷲއެވެ. އަދި މިހެންބުނެފައި ޖަލަށް ހިނގައްޖެއެވެ.އާދައިގެ މަތިން އެއްކަލަ ރަސްގެފާނު ކޮންމެ ހުކުރު ދުވަހަކު މުނިފޫހިފިލުވާލުމަށްޓަކައި އެކި ހިސާބުތަކަށް ގޮސްހަދައެވެ. މިފަހަރު ރަސްގެފާނު ދިޔައީ އެރަށުގެ ކައިރީގައި އޮންނަ ބޮޑު ޖަންގައްޔަކަށް ޝިކާރަ ކުރައްވާ އަދި ހިތްއުފާ ކުރެއްވުމަށެވެ. އެގޮތުން ރަސްގެފާނު ޖަންގައްޔަށް ވަނުމުގެ ކުރިން އަރާމުކުރައްވާފައި ޝިކާރައަށް ވަދެވަޑައިގެންތަނާ އަރިހުގައި ތިއްބެވި ބޭފުޅުން ގެއްލިވަޑައިގެން މަގުއޮޅިއްޖެއެވެ. އަދި ހިނގަމުން ހިނގަމުން ދަނިކޮށް ބުދަށް އަޅުކަންކުރާ ބަޔެއްގެ ހިސާބު ގަނޑަކަށް ނުކުމެވިއްޖެއެވެ.

އެދުވަހަކީ މިބުދަށް އަޅުކަންކުރާ މީހުންގެ ޢީދު ދުވަހެވެ. މިބައިމީހުން ކޮންމެ ޢީދު ދުވަހަކުވެސް އިންސާނަކު ޤުރުބާން ކުރެއެވެ. އެގޮތުން މިބައިމީހުން މިދުވަހު ޤުރުބާންކުރާނެ މީހަކު ހޯދަނިކޮށް މިރަސްގެފާނު ފެނުމުން އަވަހަށް ރަސްގެފާނު ޤުރުބާންކުރަން ގެންދެވިއްޖެއެވެ. ނަމަވެސް މިބައިމީހުންގެ ފާދިރީ ރަސްގެފާނު ޤުރުބާން ކުރަން ބެލިއިރު ރަސްގެފާނުގެ އިނގިއްޔެއް ބުރިވެފައި ހުރިތަން ފެނުމުން ރަސްގެފާނު ދޫކޮށްލައިފިއެވެ. ސަބަބަކީ އެބައިމީހުން ޤުރުބާންކުރަނީ ހުރިހާ ގުނަވަންތައް ސަލާމަތުން ހުންނަ އިންސާނުންކަމަށްވާތީއެވެ.

ރަސްގެފާނު އަވަހަށް އެތައްގޮތަކުން މަސައްކަތްކޮށްގެން ޤައުމަށް އެނބުރިއަތުވެއްޖެއެވެ. އަދި އަވަހަށް ވަޒީރު ޖަލުން މިނިވަންކުރައްވައިފިއެވެ. އަދި ވަރަށް އުފާކޮށްފައި ވިދާޅުވިއެވެ. އަހަރެންގެ އިނގިލި ބުރިވުން ޙަޤީޤަތުގައިވެސް ވީ އަހަރެންނަށް ލިބުނު ހެޔޮކަމަކަށެވެ. އެކަމަކު އަހަރެންގެ އެއްސުވާލު އެބައޮތެވެ. އަހަރެން ވަޒީރު ޖަލަށް ފޮނުވީމާވެސް އަހަރެންނަށް އިވުނީ ހަމަ އެފަދައިން ބުނާ އަޑެވެ. “ހެޔޮކަމެކެވެ. ހެޔޮކަމެކެވެ. އިންޝާﷲ” ޖަލަށް ދިޔައީމާ ލިބުނު ހެޔޮކަމަކީ ކޮބައިހެއްޔެވެ؟

ވަޒީރު ބުންޏެވެ. އަހަރެންނަކީ ރަސްގެފާނުގެ ވަޒީރެވެ. އަދި ހުރިހާ ވަޤުތެއްގައިވެސް ރަސްގެފާނާއި އެކު ހުންނަމެވެ. އެހެންކަމުން އަހަރެންވެސް ވީހީ މަނިކުފާނާއި އެކުގައި ނޫންތޯއެވެ؟ އަދި މަނިކުފާނު ހައްޔަރު ކުރެވުނު ވަޤުތު އަޅުގަނޑުހުރިނަމަ، އެބައިމީހުން އަޅުގަނޑު ޤުރުބާންކުރީހެވެ. ސަބަބަކީ އަޅުގަނޑުގެ ހުރިހާ ގުނަވަނެއް ސަލާމަތުން އެބަހުރިވިއްޔާއެވެ. އެހެންކަމުން އަޅުގަނޑު ޖަލަށް ލެވުން އެއީ އަޅުގަނޑަށް ލިބުނު ހެޔޮކަމެއްނޫންތޯއެވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَعَسَىٰ أَن تَكْرَ‌هُوا شَيْئًا وَهُوَ خَيْرٌ‌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ‌ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿٢١٦ ބަޤަރާ ސޫރަތް﴾

މާނައިގެ ތަރުޖަމާއީ: އަދި ތިޔަބައިމީހުން ނުރުހޭ ކަމަކީ ތިޔަބައިމީހުންގެ މައްޗަށް ހެޔޮރަނގަޅުކަމެއްކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުން ލޯބިވާ ރުހޭ ކަންކަމަކީ ތިޔަބައިމީހުންނަށް މުޞީބާތެއްކަމުގައި ނުވަތަ ދަތިއުނދަގުލެއް ކަމުގައިވެދާނެއެވެ. އަދި ދެނެވޮޑިގެންވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އަދި ނޭނގޭ ބަޔަކީ ތިޔަބައިމީހުންނެވެ.

ނިންމުން.

ވީމާ އަޅުގަނޑުމެންގެ މައްޗަށް އޮތީ އަބަދުވެސް ދިމާވަމުންދާ ކަންކަމަށް ޝުކުރު އަދާކޮށް ﷲ އަށް ވަކީލުކުރުމެވެ. ފެންނަ ފެނުމަށް އެއީ ގެއްލުމެއް ލިބޭ ކަމެއްކަމުގައި ވިޔަސް އެއީ ނުހަނު ހެޔޮ ރަނގަޅު މާތްކަމެއްގައި ވެދާނެއެވެ. ދަތި އުނދަގޫތަކާއި ދިމާވުމުން ވިސްނަންވީ ގޮތަކީ މިއެވެ. ދީނާއި މެދު ވިސްނަންވީ ގޮތަކީ މިއެވެ. މުޅި ދިރިއުޅުމާއި މެދު ވިސްނަންވީ ގޮތަކީ މިއެވެ. އޭރުން އުފާވެރި ދިރިއުޅުމެއް ލިބުން އޮންނާނީ ކައިރީގައެވެ. ކޮންމެ ގޮތެއްގައިވެސް ހެޔޮކަމެވެ. އިންޝާﷲ.

Leave a Reply

Your email address will not be published. Required fields are marked *