އިމްތިޙާންގެ ވަޤުތުގައި ކެތްތެރިވުން -ޢިބްރަތުން ފުރިގެންވާ ފުރިހަމަ މިސާލެއް

އަލްއުޚްތު ޚަދީޖާ ރީނާ

ﷲ ތަޢާލާގެ އީމާންތެރި އަޅެއްގެ ވާހަކައެވެ. ﷲ ގެ ރަޙްމަތުން އެއަޚާއަށް ތިން ފިރިހެންދަރިން ދެއްވިއެވެ. އެއްދުވަހަކު އެއަޚާގެ ރަޙްމަތްތެރިންތަކެއް އެއަޚާއަށް ޒިޔާރަތް ކުރިއެވެ. ރަޙްމަތްތެރިންނަށް ކެއުންތައްޔާރު ކުރުމަށްޓަކައި އެއަޚާ ކަންބަޅިއެއް ކަތިލިއެވެ. އެވަގުތު އެއަޚާގެ އަންހެނުން އެދެމަފިރިންގެ އެންމެ ކުޑަދަރިފުޅު ފެންވަރުވަން އުޅެމުން ދެއެވެ.

 

ދޮށީ ދެބޭން އެވަގުތު ކަންބަޅި ކަތިލިތަނާ ކައިރީގައި ކުޅެން އުޅުނެވެ. ކަންބަޅިކަތިލާ މަންޒަރު ބަލަންތިބި ދެކުދީންކުރެ އެއްކުއްޖެއް ކަންބަޅި ކަތިލި ވަޅިނަގައި އަނެއްކުއްޖާގެ ކަރުގައިއަޅާލިއެވެ. އަދި މިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ނުވިސްނޭ މި މައުސޫމް ކުއްޖާ އޭނާގެ މަންމަ އަށް މިކަމުގެޚަބަރު ދިނުމަށް ދިޔައެވެ. ކުށްލިއަކަށް ލިބުނު މިހިތާމަވެރި ޚަބަރުންނާއި އައިސްފައިވާ ރުޅީގެ ސަބަބުން އެ އުޚްތާ ބޭއިޚްތިޔާރުގައި އޭނާގެ އަތުގައިއޮތް ތުއްތު ދަރިފުޅު ފެންވަރުވަން ގެންގުޅުނު ފެންއެތީގެތެރެއަށް ދޫކޮށްލުމަށްފަހު އެކުއްޖާގެ ފަހަތުން ދުއްވައިގަތެވެ. އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ ބާރެއް ލިބިގެންނުވާ މިތުއްތުކުއްޖާ ފެންއެތީގެތެރޭގައި އުނދަގޫވެ ތެޅިފޮޅިގަތުމަށްފަހު، އެންމެފަހުން ޙަރަކާތްހުއްޓިއްޖެއެވެ.

ކުއްޖާ އެކުއްޖާގެ މަންމަ ރުޅިއައިސްފައިވާ މަންޒަރު ފެނުމުން ބިރުން ފިލަން ދުއްވައިގަތެވެ. މަންމަ އަށް ފިލަން ދުވެފައި މަގުމައްޗަށްނިކުތް މިކުޑަކުއްޖާ ދުއްވާފައި އައި ކާރެއްގެ ދަށުވެ އޭނާގެ އެހެން އަޚުންނެކޭ އެއްފަދައިން މިދުނިޔެއާއި ވަކިވެގެން ދިޔައީއެވެ. ﷲ ގެ ޤަޟާޤަދަރަށް ރުހިގެންހުރި މި އަޚާ އޭނާގެ އަންހެނުންނަށް މިދެކުދިންގެ ޚަބަރުން ޚަބަރު ދިނުމާއެކު އެބޮޑު ހިތާމަ ތަހަންމަލް ނުކުރެވިގެން އެއުޚްތާ ވެސް މަރުވެގެން ބިންމަށްޗަށް ވެއްޓުނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިމްތިޙާންތަކުން ވަށާލެވިފައިވާ މި އީމާންތެރިޔާގެ ދުލުން އެވަގުތުނިކުތީ ކޮންފަދަ ކަލިމަތަކެއްކަން ތިޔަ އަޚުންނާއި އުޚުތުންނަށް އެނގިލައްވައިތޯއެވެ؟ ޝައްކެއްނެތެވެ. އެއީ ޙައްޤުތެދު ކަލިމަތަކެކެވެ. އެއަޚާ ބުނަމުންދެއެވެ. (إنا لله وإنا إليه راجعون) ހަމަކަށަވަރުން އަހަރެމެން މިލްކުވެގެންވަނީ ﷲ އަށެވެ. އަދި އަހަރެމެން އެނބުރި ދިޔުންވަނީ އެއިލާހުގެ ޙަޟްރަތަށެވެ.” އެއަޚާގެ ހިތުގައި ﷲ އަށްޓަކައި ވާ ހަރުދަނާ އީމާންތެރި ކަމެއްގެ ސަބަބުން މިބޮޑު ތަކްލީފް ގެ ވަގުތުގައިވެސް އޭނާ ﷲ އަށް ޙަމްދުކުރިއެވެ. އެހެނީ ފެންނަފެނުމުގައި މިކަމަކީ ކިތަންމެ ބޮޑުކަމެއްކަމުގައި ހީވިނަމަވެސް، އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ދެނެވޮޑިގެންވަނީ ﷲ ކަމަށް އެއަޚާ ފުރިހަމައަށް އީމާން ވެއެވެ. އަދި ﷲ ތަޢާލާ އެކަލާންގެ އެއްވެސް އަޅަކަށް ނޫފުލޭވަރުގެ ބުރައެއް ނުޖައްސަވައެވެ.

 

ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

    You may also like

    ދީން

    رمضان مبارك

     އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

    Leave a reply

    Your email address will not be published. Required fields are marked *