އެންމެ ފަހުގެ އެދުން

”… ޢާއިލާއިން ބޭނުންވަނީ މަރަށް މަރު ހިފަން..“ ނިޔާ އިއްވަމުން ޤާޟީ ބުނި އެ ބަސްކޮޅު އަހަރެން ހަނދާން ހުންނާނެ އެވެ.  އަހަރެން އިނީ ގަބުވެފަ އެވެ. ބަސް ހުސްވެފަ އެވެ. އަހަންނާ ދެކޮޅަށް ވަކީލު ދައްކާނެ އެތައް ހެއްކެއް ހުއްޓެވެ. ދެރަވަނީ އަހަރެން މަރާލާނެތީއެއް ނޫނެވެ. އެކަމަކު، ގަސްތުގައި މީހަކު މެރިކަމުގެ ތުހުމަތު އަހަރެންގެ ބޮލުގައި އެޅިފައިވާތީ އެވެ. އެއީ ދޮގު ތުހުމަތެކެވެ. ފުރާނައާ އެއްވަރަށް އަހަރެން ލޯބިވާ މީހަކު މަރާލަން އަހަރެންގެ ދެއަތް ހަރަކާތް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަން ހިނގި ގޮތް އަހަރެން ހަނދާން އެބަހުއްޓެވެ.

ކުރާނެ ކަމެއް ނެތިގެން، މަގުހިނގާ މީހުންނާ ފޮށެން ގޭދޮށުގައި އޮންނަ ގުރޫޕަކީ، އަހަރެން އަބަދު ވެސް ނަފުރަތުކުރާ ގުރޫޕެކެވެ. ގޭގެ ފާރުގައި ކުރެހުމާއި، ގެއިން ވައްކަން ކުރުމާއި، އޭގެ އިތުރުން، ޢާއިލާގެ މީހުން ގެއިން ނުކުންނައިރު ވެސް، އެ މީހުންގެ އުނދަގޫތަކާ ކުރިމަތިލާންޖެހެ އެވެ. އަހަރެންގެ ސައިކަލަށް، އެކި ފަހަރުމަތިން އެ މީހުން ދިން ގެއްލުމުގެ އަގު، އެތަކެއް ހާސްރުފިޔާ އަށް އަރައެވެ. ފުރަތަމަ ފަހަރު ފުލުހުންނަށް އަންގައިގެން އެ ގުރޫޕުގެ ލީޑަރު އިސްހާގު ގެންދިޔަ ދުވަސް ނޫން އަނެއް ދުވަހު، އޭނަ ހުރީ ގޭދޮރުމަތީގަ އެވެ. އޭނަގެ ޖެއްސުން ހައްތަހާ ވީ ބޮޑެވެ. ކުރެވޭނެ ކަމެއް ނެތެވެ. އަމިއްލަ ޤައުމުގައި ގޮތްހުސްވެފައި އަހަރެން ޖެހުނީ ހުންނާށެވެ. ކެތްކުރީމެވެ. ދުވަސްކޮޅަކުން އެ ގުރޫޕު ހިނގައިދާނޭ ހީކޮށްލައިގެން ހުރީމެވެ.

ހިސާބުގަނޑުގެ ހުރިހާ އެންމެނަކީ، އަހަރެން ކަހަލަ ދުރުވިސްނާ މީހުނެއް ނޫނެވެ. ގުރޫޕުގެ ތެރޭގައި ހިނގި ދެބަސްވުމެއްގައި، އެ މީހުންގެ އެކަކު އަނެކަކަށް ގޮވަމުންދިޔަ ހުތުރު ބަސްތަކަށް އެހެން މީހުން ކެތެއްނުކުރި އެވެ. ކައިރީގައި ހުރި އުސް އިމާރާތްތަކުގެ ތެރެއިން އިމާރާތަކުން ހޫރާލި ކުނި ބިހެއް ޕޭމަންޓުމަތީގައި ޖެހިފައި، ގުރޫޕުގެ ބައެއްގެ ގަޔަށް ބުރިއެވެ. އެ ހިސާބުން ކަންތަކާޖެހުނީ އެވެ. އަހަރެން ލޭބަލް ވެފައިވާތީވެ، އެއީ އަހަރެން ކުރި ކަމަކަށް ވިއެވެ. ބަދަލުގައި، ބޭނުން ނުކުރެވޭ ވަރަށް އަހަރެންގެ ސައިކަލު ހަލާކުކޮށްލި އެވެ. ގޭގެ ފާރަށް ކަޅުތެޔޮޖެހި އެވެ. އެ ވަރަކުން ވެސް އެ މީހުންގެ ހިތެއް ނުފުރުނެވެ. އޮފީހަށް ދާންވެގެން އަންހެނުން ނުކުތް ވަގުތު އޭނަގެ ގަޔަށް އަތްލި އެވެ. އެ ހިސާބުން އަހަރެންގެ ކެތްތެރިކަން ކޮޅުންލި އެވެ.

ޚިޔާލުގެ އޮއިވަރު އެ ހިސާބަށް ދިޔަ ވަގުތު، އިނދެވުނު ތަނާމެދު އަހަންނަށް ވިސްނާލެވުނެވެ. އަލުން އަހަރެން ޖަލަށް ގެންދިޔުމަށްޓަކައި، ފުލުހުންގެ މީހާ އަހަރެންގެ ކުރިމަތީގައި ހުއްޓިގެން ހުއްޓެވެ. އަހަރެން ތެދުވީމެވެ. ކޯޓުން ނުކުމެގެން ބަހަށް އަރަން ދިޔައިރު، އަހަރެންގެ ޢާއިލާގެ މީހުން ބަލަހައްޓައިގެން ތިއްބެވެ. އެ މީހުންގެ ހިތުގައި، އަހަންނަށް އެއްވެސް ރަހުމެއް ހުރިހެނެއް ހިއެއްނުވެ އެވެ. އިސްހާގުގެ ބައްޕަ ފުންމައިގެން އައިސް އަހަރެންގެ ކަރުގައި ހިފަން އުޅުނެވެ. ފުލުހުން ނެތް ނަމަ، ކޯޓުން ކުރި ނިޔާ ތަންފީޒު ކުރީހީ އޭނަ އެވެ. އަތުގައި ބިޑިއަޅުވާފައި ހުރުމުން، އަހަންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟

ޖަލަށް ވައްދާފައި ދޮރު ތަޅުލުމާއެކު އަހަރެން ރޯންފެށީމެވެ. ބިރުވެރި ހުވަފެނެއް ފަދައިން އަލުން ހޭލެވޭނެ ނަމައޭ ހިތަށްއެރި އެވެ. އަހަރެންގެ ކުށެއް ނެތްކަން ސާބިތުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަނިމާއެކަނި ޖަލުގައި ރޯން އިންދައި، އަނެއްކާ ވެސް އަހަރެންގެ ހަނދާންތައް، މާޒީގެ ތެރެއަށް ފީނައިގަތެވެ.

ބިސްޖެހި ރެއަށް ފަހު، ދެން އައި ފުރަތަމަ ރެއެވެ. ނިދަން އޮށޯތްއިރު ވެސް، ގުރޫޕުގެ އެކި މީހުން އެކި އަޑުން ހުތުރު ބަސްތައް ގޮވަމުންދިޔަ އެވެ. ތިންވަނަ ބުރީގައި ހުންނަ އަހަރެންގެ އެޕާޓުމަންޓު އެ މީހުންނަށް އެނގުނީ ކިހިނެތްކަމެއް ނޭނގެ އެވެ. މަގުމަތީގައި ތިބެގެން ބިއްލޫރި ކުޑަދޮރަށް ގާއުކަމުން ގެންދިޔަ އެވެ. ފުލުހުންނަށް ގުޅައިގެން އެ މީހުން އައުމުން، ގަލަކީ ކޯޗެއް ކަމެއް ވެސް އެ ގުރޫޕުގެ މީހުންނަކަށް ނޭނގެ އެވެ. ފުލުހުން ދާއިރަށް، އަނެއްކާ ގާއުކުން ތަކުރާރުވެއެވެ. އަހަންނަކަށް ނުނިދުނެވެ. އަންހެނުންނަކަށް ވެސް ނުނިދުނެވެ. ދަގަނޑުބުރިއެއް ހިފައިގެން އަހަރެން ނުކުންނަން އުޅުމުން، އަންހެނުން އެކަން މަނާކުރި އެވެ.

”އެ މީހުން މި ރޭ ހައްޔަރުކޮށްފަ މާދަން ދޫކޮށްލާނެ،“ އަންހެނުން ވިސްނައިދިނެވެ. ”ޖަލަށް ލާނީ މަގޭ ފިރިމީހާ. މަށަކަށް ނޯންނާނެ ކުރެވޭނެ އެއްކަމެއް ވެސް.“

އަހަރެން ގަބޫލުކުރީމެވެ. އަހަރުމެންގެ ދަރިފުޅުގެ އުމުރަކީ، އެންމެ ދެއަހަރެވެ. އަހަންނާ ނުލައި، ދަރިފުޅު ބެލެހެއްޓުމަކީ، އަންހެނުންނަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ދެން އިވުނީ ދޮރުގައި ތަޅާ އަޑެވެ. ސިއްރުސިއްރުން އަހަރެން ބަލާލިއިރު ހުރީ އިސްހާގެވެ. ހިތަށްއެރި އެވެ. ދޮރާށި ތަޅުލާފައި ހުއްޓައި އޭނަ ވަނީ ކިހިނެތް ހެއްޔެވެ؟ ކެތްތެރިކަމާއެކު، ބޮލަށް އުނދަގޫވާ ކަހަލަ ބީޓަކަށް އިސްހާގު ދޮރުގައި ޓަކިޖަހާލަޖަހާލާ ހުއްޓެވެ.

”އަހަރެން ދޮރު ހުޅުވަންތަ؟“ އަހަރެން އަންހެނުން ކައިރީގައި އެހީމެވެ. ”އެހެންނޫނީ މި ކަމެއް ނުހުއްޓޭނޭ!“

އަންހެނުން އެއްބަސްވުމުން އަހަރެން ދޮރު ހުޅުވީމެވެ.

”ފެންފޮދެއް ލިބިދާނެ؟“ އިސްހާގު އެހި އެވެ.

އެއީ ޖެއްސުމެކެވެ. އެހެންނޫން ނަމަ، ދަންވަރުގަޑީގައި ފެންބޯން އޭނަ އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކެތްކޮށްލައިގެން ހުރިއިރު ވެސް، ރުޅިއައިސްގެން އަހަރެން ތުރުތުރުއަޅައެވެ. ފެން އެޅުމަށްޓަކައި، އައިސްއަލަމާރިއާ ދިމާލަށް އަހަރެން އެނބުރިލި ވަގުތު، އަހަރެންގެ ބުރަކައްޓަށް ކުނި ބިހެއް ޖަހާފައި އޭނަ ދުއްވައިގަތެވެ. އެ ވަގުތު އަހަރެންނަށް އައި ހަރަކާތަކީ، ކުރިން ވިސްނައިގެން ނުވަތަ ރާވައިގެން ކުރި ޚަރަކާތެއް ނޫނެވެ. އިސްހާގު ފަހަތުން އަހަރެން ސިޑިން ފައިބައިގެން ގޮސް، ފުރަގަހުން އޭނަގެ ގައިގަ ބެއްދީމެވެ. ޖިސްމާނީގޮތުން، އޭނަ އަށް ވުރެ އަހަރެން ބޮޑުވެފައި ވަރުގަދަ އެވެ. ވުމާއެކު، ހަޅޭއްލެވުން ނޫންކަމެއް އޭނަ އަކަށް ނުކުރެވުނެވެ. އެ ވަގުތު، ގުރޫޕުގެ އެހެން މީހުން ވަނެވެ. އެންމެ އަޑުގަދަވި ވަގުތަކީ، ޕެޓްރޯލުކުރަމުންދިޔަ ފުލުހުންގެ ބަޔަކު އެ ހިސާބުން ހުރަސްކުރި ވަގުތެވެ. އަހަރުމެން ދެމީހުން ދުރުކުރިއިރު، ތެދަށް ބުނާ ނަމަ، ކޫރުމެއް ވެސް އަހަރެންގެ ގަޔަކު ނޭޅެއެވެ. އިސްހާގަށް ވަރަށް އަނިޔާވި އެވެ. އޭނަ ގެންދިޔައީ ހޮސްޕިޓަލަށެވެ.

ފުލުސްއޮފީހަށް ގެންގޮސް، ބަޔާން ނެގުމަށްފަހު، އަހަރެން ދޫކޮށްލި އެވެ. ގެ އަށް އައިއިރު، އަންހެނުން އިންތިޒާރުގައި ސިޑިމަތީގައި ހުއްޓެވެ. އޭނަ ކުށްވެރިކުރީ އަހަންނެވެ. އެ ވަގުތު އަހަންނަށް ރުޅިއާދެވުނެވެ. އަހަރެންގެ އަޑުގަދަވި އެވެ. ގޭގެ އެހެން މީހުންނަށް އަހަރެންގެ އަޑު އިވޭނެ އެވެ.

”ދެނެއް މަ ނުހުންނާނަން މަންޒަރު ބަލާކަށް،“ ވަރަށް ސާފުކޮށް އަހަރެން ބުނީމެވެ. ”އަހަރުމެން ދެމީހުންކުރެ އެކަކު ދެން މަގުމައްޗަށް ނުކުންނާނީ. އަނެކަކު އޮންނަންޖެހޭނީ ހިރިނުލެވިފަ.“

ދެ މީހުންކުރެ އެކަކޭ އަހަންނަށް ބުނެވުނުއިރު، އޭގައި ކިތައް މާނަ އެކުލެވިފައިވާ ކަމެއް އަހަންނަކަށް އޭރަކު ނުވިސްނެއެވެ. އަހަރެންގެ ހިތުގައި އޮތީ، އިސްހާގާއި އަހަރެންނެވެ. އެ ރޭ ދަންވަރު އަހަންނަށް ހޭލެވުނީ، ކޮޓަރި އަށް އިސްހާގު ވަދެގެން އުޅެނިކޮށެވެ. އަހަންނަކީ ނިދިގަދަ މީހެކެވެ. ނިދާފައި ހުރެގެން ދަތްއުނގުޅައި، މޫނު ވެސް ދޮންނަ މީހެކެވެ. އެކަމަކު، އެ ރޭ، ކުއްލިއަކަށް އަހަންނަށް ހޭލެވުނެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުން، ދެން ކުރާނެ ޚަރަކާތެއް އިސްހާގަކަށް ނޭނގުނެވެ. ހައިރާންވެފައި ހުރެވުނީ އެވެ.

”ކަލޭ ހޮސްޕިޓަލުން ދޫކޮށްލީ ކޮންއިރަކު؟“ އަހަރެން އެހީމެވެ.

”އޭނ؟“ އިސްހާގު އެހި އެވެ. ”ކީކޭ ތި ކިޔަނީ؟“

އަހަރެން ފުންމައިގެން ގޮސް އޭނަގެ ކަރުގައި ހިފީމެވެ.

”ތިހެން ނުހަދާ!“ އަންހެނުންނަށް ހޭލެވިގެން ބުނި އަޑު އިވުނެވެ. ”ދޫކޮށްލާ!“

އަހަރެންގެ ގަޔަށް އަރާފައި ހުރީ، އާދަޔާޚިލާފު ބާރުގަނޑެކެވެ. ކުޑަވެސް ދުލެއް ދިނުމަކަށް އަހަރެންގެ ނަފުސް އެއްބަހެއްނުވި އެވެ. ފަހުން ވާނެގޮތެއް ވެދާނެއޭ ހިތަށްއެރި އެވެ. ކިތައް ފަހަރު، ކިތައް ގޮތަށް އަހަންނަށާއި އަހަރެންގެ ޢާއިލާ އަށް ޖެއްސުން ކޮށްފި ހެއްޔެވެ؟ ދޫކޮށްލިޔަސް ދޫކޮށްލާނީ، މަރުގެ ރަހަ އޭނަގެ ކަރުތެރޭގައި ލައްވާލާފައޭ ހިތަށްއެރި އެވެ. ކުއްލިއަކަށް އޭނަގެ ޚަބަރު ހުސްވި އެވެ. ގައިން ވާގިދޫވި އެވެ. އިސްހާގުގެ މޫނު މަޑުމަޑުން ފޭދެމުން ގޮސް، އަންހެނުންގެ މޫނަށް ބަދަލުވި އެވެ. ސިއްސައިގެން ގޮސްފައި، އޭނަގެ ކަރުން އަހަރެން ދޫކޮށްލީމެވެ.

”ސުހާ! ސުހާ!“ އަހަރެން ގޮވާލީމެވެ.

އަންހެނުންގެ އެއްވެސް ޚަރަކާތެއް ނެތެވެ. އޭނަ އޮތީ މަރުވެފަ އެވެ.

”ސުހާ!“ އަހަރެން ތެޅިފޮޅިގަތީމެވެ. ”މީހެކޭ! މީހެކޭ!“

އަހަރެން ހަޅޭއްލަވަމުން ދުވެފައި ނުކުތީމެވެ. އަހަރެންގެ އަޑަށް، ގޭގެ އެހެން މީހުން ހޭލި އެވެ. ފަތިސްވުމުގެ ކުރިން ގެ އަށް މެންދުރުވި ކަހަލަ އެވެ. އެމްބިއުލާންސަށް ގުޅީ ކާކުކަމެއް، ފުލުހުންނަށް ގުޅީ ކާކުކަމެއް، އަދި ވެސް އަހަންނަކަށް ނޭނގެ އެވެ. އިމަޖެންސީގެ އަޑުން މާހައުލު ގުގުމާލި އެވެ. ސުވާލުތައް އަހަންނަށް އޮހެންފެށި އެވެ. ދޭނީ ކޮން ޖަވާބެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ ލޮލުން ކަރުނައެއް ނައެވެ. އަހަރެންގެ ދެއަތުން ކުރެވުނު ކަންތައް، އަހަންނަކަށް ގަބޫލެއްނުކުރެވުނެވެ. ކައިވެންޏަށް ފަސް އަހަރު ވީއިރު، އަނިޔާކުރުމުގެ ގޮތުން، އަންހެނުންގެ ގައިގަ އިނގިލި ކުރި ވެސް އަހަރެން ޖައްސާފައެއް ނޯންނާނެ އެވެ. މި ބިންމަތީގައި، އޭނަ އަށް ވުރެ އަހަރެން ލޯބިވާ މީހަކު ނުހުންނާނެ އެވެ. ދެން އަހަރެން ދުނިޔޭގަ ހުރުމުގެ ބޭނުމެއް ކޮބާހެއްޔެވެ؟ އަހަރެން ދެކޭގޮތުގައި، މަރުގެ ހުކުމަކީ، އަހަންނަށް ލިބުނު ލުޔެކެވެ.

އަހަންނަކީ، ފަހުގެ ތާރީޚުގައި، ރާއްޖޭގައި މަރުގެ އަދަބު ދިން ފުރަތަމަ މީހާ އެވެ. ދަންޖައްސާ މަޅިގަނޑު ކައިރީގައި ހުރިއިރު އަހަރެންގެ ހިތް އެދެމުން ގެންދިޔައީ އެންމެ ކަމަކަށެވެ. އަހަންނާއި އަންހެނުންނާ ދެމެދު، އެންމެ ސިކުންތަކަށް ވެސް އެ މަޅިގަނޑު ހުރަހަކަށް ނުވުމެވެ. މާފަށް އެދޭހިތުން، އަހަރެން ހުރީ ކެތްތެރިކަން ކުޑަވެފަ އެވެ. އޭނަ ދިޔައީ އެ ފުރުސަތު ނުދީއެވެ.

”އެންމެ ފަހުގެ އެދުމަކީ ކޮބާ؟“ ކައިރީގައި ހުރި މީހާ އެހި އެވެ.

”އަވަސްކޮށްލުން!“ ލޯމަރާލަމުން އަހަރެން ބުނީމެވެ.

ނިމުނީ

Leave a Reply

Your email address will not be published. Required fields are marked *