އެއީ ހަމަ ނަސީބެއް

އަހަރެންގެ ހުރިހާ އެކުވެރިން ކަހަލަ ގޮތަކަށް، ދެއަންބަށް މީހުނާ އިންނަނީ އެވެ. އެއީ، ފެތުރެމުން އަންނަ ރޯގާއެއް ކަހަލަ އެވެ. ދެބަނޑަށް ހަ ކުދިން ލިބިފައިވާ އެކުވެރިޔާ ވެސް، އަނެއްކާ މީހަކާ އިންނަނީ އެވެ. އެ މީހުންނަށް އެއީ އައި ޢީދެކެވެ. އެއް ގެއިން ކާލައިގެން، އަނެއް ގެއިން ފެންވަރާލައިގެން، އަނެއް ގޭގައި ނިދާލާ ވާހަކަފަޚުރުވެރިކަމާ އެކުގައި އަހަރެން ގާތުގައި ދައްކަ އެވެ. އެންމެ ފަހުން އަހަރެންގެ ނިޔަތް އަރާރުންވާން ފެށި އެވެ. އެހެން މީހަކާ އިންނަން އަހަރެން ވެސް ބޭނުންވި އެވެ.

އަހަންނަކީ އަތްމަތި ތަނަވަސް މީހެކެވެ. އަހަރެންގެ ބައްޕަ އަކީ، މާލޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިންގެ ތެރެއިން އެކެކެވެ. ދެތިން މަހެއް ކުރިން ބައްޕަ ނިޔާވެގެން ދިޔައިރު، ހުރިހާ މުދަލަކާއި ފައިސާއެއް ލިބުނީ އަހަންނަށެވެ. ރާއްޖެއިން ބޭރުގައި އަހަރެން ކިޔެވީ ބިޒްނަސް އެވެ. ކުއްލިއަކަށް ވިޔަފާރިއާ ހަވާލުވާން ޖެހުނަސް، އަހަންނަށް ހުރެވުނީ އެ ކަމަށް ތައްޔާރުވެގެންނެވެ. އަހަރެންގެ ޢާއިލާގައި ހިމެނެނީ، އަންބަކާއި އެންމެ ފިރިހެން ދަރިއެކެވެ. އަހަރެންގެ ހޮބީ އަކީ، އަހަރެން އުޅޭ ތަން ޒީނަތްތެރިކުރުމެވެ. އެއީ، އަހަރެންގެ ބަލިފައޭ ވެސް ބުނެވިދާނެ އެވެ. ފޮތްތަކުންނާއި ފިލްމުތަކުން ފެންނަ، އާދަޔާޚިލާފު ޑިޒައިންތަކަށް ގޭގައި އެއްޗެހި އެތުރުމަށް ވުރެ އަހަރެން ކުރާހިތްވާ ކަމެއް ނޯންނާނެ އެވެ. އެންމެ ފަހުގެ، ރީތި ފަރުނީޗަރުތައް، އޯޑަރުދީގެން އަހަރެން ގެންނަމެވެ. އަނބިމީހާ އެކަމަށް ޖޯކުޖަހަ އެވެ. އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ.

ކެރޯލް އަކީ، ކެނެޑާގައި އަހަރެން ކިޔެވިއިރު ދިމާވި ކުއްޖެކެވެ. އިސްކޮޅުން ދިގު، ހިމަތޮޅި، ދޮން އަދި ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. އޭނަގެ ސިފައިގެ އިތުރަށް، އޭނަ ކިޔަވަމުންދިޔަ ދާއިރާ ވެސް އަހަންނަށް ވަރަށް ކަމުދިޔަ އެވެ. އެއީ، އިންޓީރިއަރ ޑިޒައިންނެވެ. އަހަރެން އުޅެނީ މީހަކާ އިނދެގެންކަން ކެރޯލް އަށް އެނގޭނެ އެވެ. އެހެންނަމަވެސް، އޭނަ އަށް އަހަރެން ކިހާ ކަމުހިނގައްޖެކަން އޭނަ ކޮންމެހެން ބުނާކަށް ނުވެސްޖެހެ އެވެ. ނުވާތާކަށް، ދިވެހިރާއްޖޭގެ ނަމަށް ކެރޯލް ޝައުޤުވެރިކަން ދިނީ ވެސް އަހަންނާ ބައްދަލުވި ހިސާބުންނެވެ. އެކަމަކު، އިސާހިތަކު، އަހަންނަށް ނޭނގޭ އިތުރު މަޢުލޫމާތުތައް ވެސް، ރާއްޖެއާ ބެހޭ ގޮތުން އޭނާ ދޭން ފެށި އެވެ. ޕޯޗްގީޒުން އާއި މުހަންމަދު ފަރީދުގެ ވާހަކަ އެވެ. ރަންނަމާރި އާއި ނޮވެންބަރު ތިނެއްގެ ވާހަކަ އެވެ. ކިޔަވަން އުޅުނު ދުވަސްވަރު، ޗުއްޓީގައި އަހަރުމެން އެކުގައި ތަންތަނަށް ގޮސް އުޅުނީމެވެ. އޭނަ އަކީ، ޤުދުރަތީ ކަންކަމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. ކަނޑުގައި ތަންތަނަށް ދަތުރުކުރުމާއި، ކަނޑު އަޑީގެ ރީތިކަމަށް އެހާ ޝައުގުވެރިވާ ކުއްޖެއް އަހަންނާ ދިމަލެއްނުވެ އެވެ.

ދެއަންބަށް އިނުމުގެ ޚިޔާލު އަހަރެންގެ ސިކުނޑީގައި އެނބުރޭ ކޮންމެ ފަހަރަކު، އަހަރެން ފިކުރު ހުއްޓެނީ ކެރޯލްއަށެވެ. އެއް ކަމަކީ އޭނަގެ ސާދާކަމާއި ރީތިކަމެވެ. އަނެއް ކަމަކީ، ގެ އަށް އޭނަ ގެނެސްދޭނެ ފުރިހަމަކަމެވެ. މައްސަލަ އަކީ، އަހަރެންގެ އަނބިމީހާ އިނާޔާ އެވެ. އޭނަ އެއްބަހެއް ނުވާނެކަން އަހަންނަށް ކަށަވަރެވެ. އެކުވެރިންގެ ތަޖުރިބާ އަށް ބެލިއިރު، އަނބިމީހާ ފުސްމޫނު ހަދަނީ ކުރީކޮޅުގަ އެވެ. ވަރިވެގެން ދިޔަސް، ފަހުން އައިސް، ދެއަނބިން އެކުގައި އުޅެފައި ވެސް އެބަ ހުއްޓެވެ.

އެއް ރެއެއްގެ ދަންވަރުގެ ވަގުތެވެ. އަހަރުމެން ނިދީ ވަރަށް ލަހުންނެވެ. އެނދުގައި ތިބެގެން ދެއްކި ވާހަކައެއްގައި، ވަރަށް ދުރުދުރުން އަހަރެން އެ ވާހަކަ ދައްކާލީމެވެ.

”މީހުނާ އިނުމަކީ ވެސް ދެން މިހާރު ހާދަހާ ކަމެއް ކޮށްގެން ކުރެވޭ ކަމެކޭދޯ؟“ އަހަރެން ބުނީމެވެ.

”ކީއްވެ އެކަމާ އަހަރުމެން ވިސްނަންވީ؟“ އޭނަ އެހި އެވެ. ”މީހަކާ އިންނަންވީތަ؟“

”އާނ!“ ސަމާސައެއްހެން ހީވާ ކަހަލަ ރާގެއްގައި ބުނީމެވެ. ”ފަރަންޖީ ކުއްޖަކާ އިނދެލަން ކަމަށް.“

”މަށަށް ވަރިހަމަ މަ ވަރިނުކުރަނިކޮށް.“ އޭނަ ވެސް ބުނީ ސަމާސަ ރާގެއްގަ އެވެ.

އަހަރެން ކުރީ ސަމާސައެއްކަން އޭނަ އަށް ހީކުރުވާފައި، އޭނާ ކުރި ސަމާސާ އަހަރެން ބަލައިގަތީ ސީރިޔަސްކޮށެވެ. އަހަރެން ނިންމީ، އަނބިމީހާގެ ރުހުން ލިބުނީކަމުގަ އެވެ. ކޮންމެހެން މުހިންމު ނޫނަސް، އެ ރުހުން އަހަރެން ބޭނުމެވެ.

ކެރޯލް އަކީ އަހަރެންގެ އަންބަކަށް ހެދީމެވެ. ހީކުރި ގޮތަށް، އަހަރެންގެ ދޮށީ އަނބި ފުސްމޫނު ހެދި އެވެ. ވަރިވާކަށް ނޭދެ އެވެ. ކެރޯލް ގެނައީ، ގޭގެ އެހެން ފޮލޯއަކަށެވެ. ކަންތައް ވެގެންދިޔަލެއް އަވަސްކަމުން އަހަރެން ހައިރާންވި އެވެ. އެޕާޓުމަންޓަށް ފުރަތަމަ ވަދެފައި ވެސް، އެ ތަނުގައި އެއްޗެހި އަތުރާފައި ހުރި ގޮތް ކެރޯލްއަކަށް ކަމަކުނުދިޔަ އެވެ. އޭނާ ބުނި ގޮތުގައި، އަހަރެން ރަށުން ފުރައިގެން ދާ ދަނޑިވަޅެއް ބަލާފައި، ގޭގެ މަންޒަރު އޭނާ ބަދަލުކޮށްލާނެ އެވެ. އަހަރެން ހައިރާންވާހާ މޮޅަށެވެ.

”މަގޭ މޮޅުކަމާ، ރާއްޖެއާ ބެހޭ ގޮތުން މަށަށް އެނގިފައި ހުރީ ކިހާ ވަރަކަށްކަން ދައްކާލާނަން،“ ލާނެތް ހިނިތުންވުމަކާ އެކުގައި ކެރޯލް އިނގިރޭސި ބަހުން ބުންޏެވެ. ”އަހަރެން ބޭނުންވަނީ ވަކި ކޮންސެޕްޓެއް މިތާ ގެންގުޅެން.“

”އަހަރެން ހުއްޓަސް ކުރެވިދާނެއްނު!“ އަހަރެން ބުނީމެވެ.

”ވަގުތު ނަގާނެ،“ ކެރޯލް ބުންޏެވެ. ”އަހަރެން ބޭނުންވަނީ އަންތަރީސްވާ ވަރުގެ ސަޕްރައިޒެއް ދޭން.“

ކެރޯލް ބޭނުންވި ދަނޑިވަޅު ލިބުނެވެ. ވިޔަފާރީގެ ކަމެއްގައި އަހަރެން ޑުބާއި އަށް ފުރަން ޖެހުނެވެ. ދިގު މުއްދަތަކަށެވެ. އަހަރެން ފުރީ، ކެރޯލް އަށް އެކައުންޓެއް ހުޅުވައިދީފައި، އެ އަށް ފައިސާ ވެސް ޖަމާވާ ގޮތް ހަދާފަ އެވެ. މުޅި ދަތުރުގައި އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔައީ އެންމެ ސުވާލެކެވެ. ކެރޯލް ހަދަން އެ އުޅެނީ ކޮން ގޮތެއްބާ އެވެ؟ ކޮންމެ ކަމެއް އޭނާ ކުރިޔަސް، ކުރާނީ މޮޅު ކަމެއްކަން އަހަންނަށް އެނގެ އެވެ.

ދަތުރު ނިންމާފައި އަހަރެން މާލެ އައި ދުވަހެވެ. އެޕާޓުމަންޓުގެ ދޮރު ހުޅުވާލުމުން، އެތެރެ އަށް ވަންނަން ނޭނގިފައި އަހަރެން ހުރީ އެވެ. ސިޓިންރޫމްގައި ހުރި އަގުބޮޑު، ޒަމާނީ ފަރުނީޗަރުތަކެއް ނެތެވެ. ހުރީ ބޮޑު އައްޓެކެވެ. ފަންކާއެއް، ޓީވީއެއް ނުވަތަ އޭސީއެއް ވެސް ނެތެވެ. ލައިޓުގެ ބަދަލުގައި ހުރީ ފުޅިބައްތި އެވެ. ސިންގަޕޫރުން އަހަރެން ގެނުވި ސޯފާސެޓުގެ ބަދަލުގައި ހުރީ ކޮޅުފިލާ ގޮނޑިއެކެވެ. ފާރުގައި ހުރީ ފަންގި ޖަހާފަ އެވެ. ހިކިފައި ހުރި، މުށިކުލައިގެ ފަނުން ދުވާ ވަސް، މުޅި ތަނަށް ފެތުރިފައިވެ އެވެ. އަހަރެން އެންމެ ފަޚުރުވެރިވާ، ދެ ދޮރުފަތްލީ އައިސްއަލަމާރިއެއް ވެސް ނެތެވެ. ބަދަލުގައި ހުރީ، ފެން އަޅާފައިވާ ބަނޑިޔަލަކާއި ލޯވައްޓެކެވެ. ބަސް ހުސްވެފައި ހުރެގެން، އެތެރެ އަށް ވަންނަންވެގެން ފައި ނެގުނެވެ.

”ފައިވާނާ އެއްކޮށް!“ ކެރޯލް އަވަސް އަވަހަށް ބުންޏެވެ.

ބަލައިލިއިރު، ތަޅުންގަނޑުގައި ހުރި މާބްލްތައް ފެންނާކަށް ނެތެވެ. އޭގެ މައްޗަށް ހުރީ ކަށިވެލި ލާފަ އެވެ. އަހަންނަށް ބަލައިލެވުނީ ކެރޯލްގެ މޫނަށެވެ.

”ކިހާ ލޯބިދޯ؟“ ކެރޯލް ހުރީ ވަރަށް އުފާވެފަ އެވެ. ”ކިހާ ނެޗްރަލް!“

އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާލަށް ކެރޯލް ދިޔައިރު ހީވަނީ، އަހަންނަކީ ލޯފަން މީހެއް ހެންނެވެ. ޙަޤީޤަތުގައި އަހަންނަށް ތަންތަން ނުފެންނަނީކީ ނޫނެވެ. ލިބުނު ޝޮކުގެ ބޮޑުކަމުން ހިނގައިގަންނަން ނޭނގިފައި ހުރީ އެވެ. ދެން ވަނީ ކޮޓަރިއަށެވެ. މުޅި ކޮޓަރީގެ ފާރުތައް ހީވަނީ ފަން ފުޅަފެއްހެންނެވެ. ބިއްގަނޑުގައި ފުޅިބައްތިއެއް އެލުވާފައި ހުއްޓެވެ. ކޮޓަރީގައި ހުރި ކިންގްސައިޒުގެ އެނދާއި، އަގުބޮޑު ގޮދަނޑިއެއް ނެތެވެ. އޭގެ ބަދަލުގައި ހުރީ، ރޯނުފުރި އެނދެކެވެ. އޭގެ މަތީގައި އޮތީ ކުނަލެކެވެ. ފާރުގައި ހަރުކޮށްފައިވާ، ލޯގަނޑުޖެހި ބޮޑު އަލަމާރިތަކެއް ވެސް ނެތެވެ. އޭގެ ބަދަލުގައި ހުރީ ރޯނެކެވެ. ހުރިހާ އަންނައުނެއް ހުރީ އޭގައި އަޅުވާފަ އެވެ.

”ހިތްގައިމުދޯ؟“ ކެރޯލް ވަރަށް އުފާވެފައި ބުންޏެވެ. ”އަހަރެން ނެގި ކޮންސެޕްޓަކީ، މޯލްޑިވިއަން ކަލްޗަރ. ހާދަ ވަރަކުންނޭ މި ހުރިހާ އެއްޗެއް ހޯދާފަ މިހިރީ. ރަށްރަށުން ގެނައީ.“

ކޮޓަރި އަށް އަޅާފައި އޮތީ އަކިރި އެވެ. އޭގެ މަތީގައި ހިނގާފައި އައިސް، އެނދުގައި އަހަރެން އިށީނދެލީމެވެ. ދެވަނަ އަންބަކާ ނީނދެވުނުނަމައޭ ހިތަށްއެރި އެވެ. ކުއްލިއަކަށް އަހަރެންގެ އަތުގައި ކެރޯލް ހިފި އެވެ.

”އަދި އެންމެ ޔުނީކުތަން ނުބަލަމެއްނު!“ އޭނާ ބުންޏެވެ. ”އެއީ ބިގް ސަޕްރައިޒް އަކީ.“

ދެން ބަލަން އޮތީ ކޯޗެއް ބާއޭ އަހަރެން ހިތަށްއެރި އެވެ. ދެހާސް އެގާރައިގައި، ދުނިޔެ އެހާ ކުރިއަރާފައިވާ ދުވަސްވަރެއްގައި، މިފަދަ ތަނެއްގައި އުޅެން ބޭނުންވާނީ ކާކު ހެއްޔެވެ؟ އަޅެ އެ ހުރިހާ ކަމެއް ކުރުމުގެ ކުރިން އަހަންނާ މަޝްވަރާކޮށްލި ނަމަ އެވެ. ދެން ކުރާނެކަމެއް ނެތެވެ. އެކަމަކު، އެ ރޯނުފުރި އެނދުގައި އަހަރެން ނިދާނީ ކިހިނެތް ހެއްޔެވެ؟ ދުނިޔެ ނުވަތަށް އެނބުރޭނެ ނަމައޭ ހިތަށްއެރި އެވެ. މި ދުވަސް ނުދެއްކެވި ނަމައޭ ވެސް ހިތަށްއެރި އެވެ.

”އާދެބަލަ!“ ހިނގައިގަންނަމުން ކެރޯލް ބުންޏެވެ.

ފާޚާނައިގެ ދޮރު ހުޅުވާލި އެވެ. މާތްކަލާކޯއޭ ހިތަށްއެރި އެވެ. އެއީ ގިފިއްޔެކެވެ. ރިސޯޓު ފެންވަރަށް އަހަރެން ހަދާފައިވާ ފާޚާނަ އަށް އޮތީ ކަޅުވެލި އަޅާފަ އެވެ. ހަނޑަސްބުރިއެއް ވެސް އޮތެވެ. ފެންވަރާ މާގަނޑުގެ ބަދަލުގައި ހުރީ ވަޅެކެވެ. ވަޅު މަތީގައި ދާންޏެއް އޮތެވެ. އަހަރެންގެ ހިތަކަށް ކެތެއްނުވި އެވެ. ބޮލަށް އެނބުރުން އެރި އެވެ. އަނބުރައިގަނެގެން ހުރި ދިމާލަށް އަހަރެން ވެއްޓުނީ އެވެ.

ކުއްލިއަކަށް އަހަރެންގެ ލޯ ހުޅުވުނެވެ. އަހަރެން ހީކުރީ އޮވެވުނީ ހޮސްޕިޓަލުގައި ކަމަށެވެ. ނޫނެކެވެ. އަހަރެން އޮތީ އަހަރެންގެ އެނދުގަ އެވެ. އަހަރެންގެ ކޮޓަރީގަ އެވެ. ކުރިން އަހަރެން އުޅުނު ރީތި ކޮޓަރީގަ އެވެ. ފެނުނީ ހުވަފެނެކެވެ. ކައިރީގައި، އަންހެނުން އޮތެވެ. ބިރުވެރި ކެރޯލެއް ނެތެވެ. އަހަރެންގެ ހިތް، އޭރު ވެސް ވަރަށް ބާރަށް ތެޅެ އެވެ. އެއީ، ކިހާ ބިރުވެރި ހުވަފެނެއް ހެއްޔެވެ؟ އަހަރެން ތެދުވެގެން ގޮސް، ސިޓިންރޫމް ބަލައިލީމެވެ. ފަންސާސް ދެއިންޗީގެ ޕްލަސްމާ ވެސް ހުއްޓެވެ. އަހަރެން މޭގައި ފިރުމާލީމެވެ. ތަޅުންގަނޑުގައި ހުރި މާބްލްސްތަކަށް ބަލައިލީމެވެ. ބޮކި އަލީގައި އެއިން އޮފުއަރަމުންދިޔަ އެވެ.

”ދެއަންބަށް ނީނދެވުނުކަން އެއީ ހަމަ ނަސީބެއް!“ މަޑުމަޑުން އަހަރެން

Leave a Reply

Your email address will not be published. Required fields are marked *