އޭލިޔަން

 އެއީ 1988 ވަނަ އަހަރެވެ. އޭރު، މޯބައިލް ފޯނަކީ އަހަރެން ދަންނަ އެއްޗެއް ނޫނެވެ. ޢާއިލާގެ މީހުންނާ އެކުގައި އަހަރެން ދަތުރު ދިޔައީ ތުލުސްދުއަށެވެ. އަހަރެންގެ އުމުރުން އޭރު ވާނީ އެކާވީސް އަހަރެވެ. އެ ރެއަކީ ހަނދުވަރު ރީތި ރެއެކެވެ. އަތިރިމަތީގައި ވާހަކަދައްކަން އެންމެން ތިބެފައި، ފީކޯއިކުޅުމުގެ ޚިޔާލު ކުރީ ކޮއްކޮ އެވެ. މިހާރާ ޚިލާފަށް، އޭރު ރާއްޖެ އަކީ އަމާން ތަނެކެވެ. ކިތަންމެ ދަންވަންދެން މަގުމަތީގައި އުޅުނަސް އެއްވެސް ނުރައްކަލެއް ނޯންނާނެ އެވެ. ގުރުއަތުން ހޮވައިގެން، ފިލަން ދާން ޖެހުނު ގުރޫޕުގައި އަހަރެން ހިމެނުނެވެ.

”ގަޑިބަލާތި!“ އެކަކު ބުންޏެވެ. ”އެންމެ ގިނައިރު ފިލާ އޮވެވުނު މީހަކު މޮޅުވާނީ.“

އަހަރުމެން ހަތަރު އަންހެންކުދިން އެކުގައި ފިލަން ދުއްވައިގަތީމެވެ. ވަކި ހިސާބަކުން، ހަތަރު ކުދިން ހަތަރު ދިމާލަށް މިސްރާބު ބަދަލުކޮށްލީމެވެ. އަހަރެން ވަނީ ވަލަށެވެ. ހަމަޖެހިލާފައި ގަޑި ބަލައިލިއިރު، ރޭގަނޑު ހަތެއް ޖަހަނީ އެވެ. ދެން ދިމާވި ހުރިހާ ކަމެއް އަހަންނަށް ދިމާވީ، އެ ގަސްތަކުގެ ތެރޭގައި އަހަރެން ފިލާ ހުއްޓަ އެވެ. އެކަން ފެށުނީ، ކުއްލިއަކަށް މަތިން އެޅުނު، ވަރަށް ހުދު އައްޔަކުންނެވެ. މިހާރުގެ ގޮތުން ނަމަ އެއީ ލޭޒަ އައްޔެކެވެ. އެޅިފައި ހުރީ ސީދާ އަހަރެންގެ ގަޔަށެވެ. އިތުރު އެއްވެސް އަޑެއް ނީވެ އެވެ. އަހަރެން މަތި ބަލައިލުމާ އެކު، ގައިން ވާގިދޫވެގެން އަހަރެން ވެއްޓިއްޖެ އެވެ. އެއީ ހޭނެތުމެއް ނޫނެވެ. އަނބުރައިގަތުމެއް ވެސް ނޫނެވެ. ވާނުވާ އަހަންނަށް އެނގެ އެވެ. އެ އަލި އަހަރެން އުފުއްލާލި އެވެ. ހަޅޭއްލަވަން އަހަރެން ބޭނުންވި އެވެ. އެކަމަކު ގައިގެ އެއްވެސް ގުނަވަނެއް އެކަން ކޮށެއް ނުދިނެވެ. ”ދެބަދޭތެރެއަކަށް“ އަހަރެން ގެންދިޔުމުގެ އެއް ބޭނުމަކީ އެއީ ކަމަށް ވެދާނެ އެވެ. އަހަރެން މައްޗަށް އަރައިގެންދިޔައިރު، ފުނައޮށަކަށް ރަށް ބަދަލުވަމުން ދިޔަ ތަން އަހަރެން ދުށީމެވެ.

އަހަރެން ގެންދަނީ ކޮން ތާކަށް، ކީއްކުރަން ނުވަތަ ކޮން ބަޔަކުކަމެއް ނޭނގެ އެވެ. އެކަމަކު ބުނަން ނޭނގޭ ކަހަލަ މަޑުމަޑު އަޑުތަކެއް މަތިން އިވެން ފެށުމުން، މައްޗަށް ބަލައިލެވުނެވެ. އޭރު، ވައްކޮށް އޮތް ބޮޑު އުޅަނދެއް ފެންނަން އޮތެވެ. އަލި އައިސްފައިވަނީ، އެ އުޅަނދުގެ ތެރެއިންނެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން، އަހަރެން ޖެހުނީ އޮންނާށެވެ. އިސާހިތަކު، އެ އުޅަނދު ނުވަތަ އިމާރާތް ތެރެއަށް އަހަރެން ވަނެވެ. ދިރުމެއް ފެންނަން ފެށީ އެ ހިސާބުންނެވެ.

އަހަންނަށް ފެނުނީ، ނިތްކުރި އަށް ފުޅާކޮށް، ދަތްދޮޅި އަށް ހިމަކޮށް ހުރި މޫނުތަކެކެވެ. އެ މޫނުގައި، އިންސާނުން ފަދައިން ނޭފަތް އުފުއްލިފައެއް ނުހުރެ އެވެ. އެކަމަކު ނޭވާލާނެ ދެ ލޯވަޅު ހުރެ އެވެ. މުޅި މޫނުގައި ވެސް ހުންނަނީ ދެ ލޮލޭ ބުނާހާ ވެއެވެ. ކަންފަތެއް ނުދެކެމެވެ. ލޮލުގެ ކަޅުކަޅި ހުންނަނީ ހިމަކޮށް ދިގުކޮށް، ބުޅަލުގެ ހުންނަ ކަހަލަ ގޮތަކަށެވެ. އެކަމަކު ވަރަށް ފަނޑުކޮށެވެ. ގައިގައި ކެހެރިއެއް ނުވަތަ އިސްތައްޓެއް ނުހުރެ އެވެ. އިންސާނުންގެ ހުންނަ ގޮތަކަށް އެއްވެސް ގުނަވަނެއް އެ މަޚްލޫޤުންގެ ނުހުރެ އެވެ. ހަށިގަނޑު ހިމަތޮޅިވެފައި ދިގެވެ. ބައިމަތި ހަންޏެވެ. ހަށިގަނޑު ހުދުވެފައި، ހުންނަލެއް ބަލިކައްޓެވެ. ހަންގަނޑުގައި އޮފެއް ހުރެ އެވެ. އަތުގެ އިނގިލިތައް ދިގެވެ. ނިޔަފައްޗެއް ނުހުރެ އެވެ. ދެ މަޚްލޫޤުން އަހަރެން ދުށީމެވެ. ކަޅިޖަހާނުލައި އަހަންނަށް ބަލަހައްޓައިގެން ތިއްބަ އެވެ. އަހަރެންގެ އިންތިޒާރުގަ އެވެ. ހީވަނީ، އޮޕަރޭޝަން މޭޒު ކައިރީގައި، ޑޮކްޓަރުން ހުއްޓިލައިގެން ތިބިހެންނެވެ.

ކްލޮރިން އިން ދުވާ ކަހަލަ ވަހެއް އެ ތަނުން ދުވާކަން އަހަންނަށް ފާހަގަވި އެވެ. އެ ވަހުގެ ތެރެއިން، ވަރަށް ފޮނިފޮނި ވަހެއް ދުވާހެން ވެސް ހީވެ އެވެ. އެ ތަން، އިންތިހާ އަށް ފިންޏެވެ. ކުއްލިއަކަށް ފޯނުގެ ރޭންޖު ކެނޑުމުން އިވޭ ކަހަލަ އަޑެއް، ވަރަށް މަޑުމަޑުން އިވެމުންދިޔަ އެވެ. އަހަރެން އޮތީ ދެބަދޭތެރޭގައި ކަހަލަ ގޮތަކަށެވެ. އަމިއްލަ ބާރުން އެއްވެސް ކަމެއް ކުރެވޭ ވަރުގެ ހަކަތައެއް އަހަރެންގެ ހަށިގަނޑަކު ނެތެވެ. އަހަރެންގެ ގަޔަކު އެއިން އެކަކު ވެސް އަތެއް ނުލަ އެވެ. އަހަރެން އޮތީ، އެއްވެސް ތަނެއްގައި ނުޖެހި އެވެ. އެކަމަކު އެ ތަނުގައި ހުރި، އެލްމެނިޔަމް އައްޓެއް ކަހަލަ ތަނަކާ ދިމާލަށް އަހަރެން ކައިރިވަމުން އައީ ކޮން ބާރަކުން ކަމެއް ނޭނގެ އެވެ. އެއިން އެކަކު ވެސް ވާހަކައެއް ނުދައްކަ އެވެ. ނުވަތަ އަޑެއް ވެސް ނުލައްވަ އެވެ.

އެ އަށިމަތީގައި އަހަރެން ބޭއްވުމާ އެކު، އެ މަޚްލޫޤުންގެ މަސައްކަތް ފެށުނެވެ. އިންޖެކްޝަނެއް ނުވަތަ އޮޕަރޭޝަން ކުރާ ސާމާނުތަކެއް އެ މަޚްލޫޤުން ނުގެންގުޅެ އެވެ. އެކި ކަންކަމަށް ބޭނުންކުރަނީ، އެކި ކަހަލަ އައްޔެވެ. އެއްވެސް ތަދެއް އަހަންނަކަށް އިހުސާސެއްނުވެ އެވެ. އެކަމަކު ހަށިގަނޑުގެ އެކި ހިސާބުތަކުގެ ފިނިހޫނުމިން އެކި ވަރަށް ތަފާތުވަމުންދިޔަކަން ފާހަގަކުރެވުނެވެ. އަހަރެންގެ މެޔާ ދިމާލަށް، ކެޕްސޫލެއް ކަހަލަ އެއްޗެއް ލެއްވިތަން ދުށީމެވެ. ލެއްވި ވަގުތު ވަރަށް ބޮޑަށް މޭނުބައިކުރި އެވެ. ހޮޑުލެވެން އުޅޭހެން ހީވި އެވެ. އެ ވަގުތު އަހަރެންގެ މޫނަށް ދުއްވާލި ވަޔެއްގެ ސަބަބުން އަހަރެން ހަމައަކަށް އެޅުނެވެ. އެ އަށިމަތީގައި އަހަރެން އޮތީ ކިހާ އިރަކު ކަމެއް ބުނާކަށް ނޭނގެ އެވެ. ބައެއް ފަހަރު، ނިދިފައި ހޭލެވޭހެން ވެސް އަހަންނަށް ހީވި އެވެ.

”އައިންތޫ! އައިންތޫ!“ ކޮންމެވެސް މީހަކު އަހަންނަށް ގޮވަން ފެށި އެވެ.

އަހަރެން ލޯ ހުޅުވާލީމެވެ. ކައިރީގައި ތިބީ އަހަރެންގެ ޢާއިލާގެ މީހުންނާއި އެކުވެރިންނެވެ. އަހަރެން އޮތީ، ކުރިން ވެސް އަހަރެން ފިލާ ހުރި ތަނުގަ އެވެ. ބަންޑުން އޮށޯވެގެންނެވެ. އަހަރެން ތެދުވެ އިށީނދެލީމެވެ.

”ކިހިނެތްވީ؟“ އަހަރެން އެހީމެވެ.

”މަށެއްނު އަހަންވީ ކިހިނެތްހޭވީ؟“ ދެލޯ ބޮޑުކޮށްލާފައި ކޮއްކޮ ބުންޏެވެ. ”ތިއްތަ ނުފެނިގެން އަހަރުމެން ގޮވާތާ ކޮން އިރެއް؟ އަހަރުމެން ހީކުރީ ތިއްތަ ގެއްލުނީކަމަށް. ނިދުނީތަ؟“

އެ ސުވާލުގެ ޖަވާބެއް އަހަންނަކަށް ނޭނގެ އެވެ. ފަހަރަކު މީހަކާ ދިމާލަށް އަހަރެން ބަލަމުންގެންދިޔައީމެވެ. އަހަރެން އެ ވާހަކަތައް ކިޔައިދޭންވީ ހެއްޔެވެ؟ ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ އޭރު އަހަރެން އިނީ ވަރަށް ބޮޑަށް ފެންބޮވާފަ އެވެ.

”ދީބަލަ ފެންތައްޓެއް.“ އަހަރެން ބުނީމެވެ.

އެއްވެސް މީހެއްގެ އަތަކު ފެނެއް ނެތެވެ. ވުމާއެކު، އެންމެން އެކުގައި ގެޔާ ދިމާލަށް ހިނގައިގަތީމެވެ. އަހަރެންގެ ސިކުނޑި އަށް ސިފަވަމުންދިޔައީ އަހަންނާ ދޭތެރޭގައި ކަންތައް ހިނގައިދިޔަ ގޮތެވެ.

”ނަސީބެއް އައިންތު އެ ދިމާލަށް ވަންތަން މަށަށް ފެނުނުކަން.“ އަހަރެންގެ ގައިން ވެލި ފޮޅާލަމުން ރިޒްނާ ބުންޏެވެ.

އަހަރެން ގަޑި ބަލައިލިއިރު އަށްގަޑި ބައިވަނީ އެވެ. އެއްގަޑިއިރާ ބައިގަޑިއިރު ވަންދެން، އަހަންނަށް އެ މަޚްލޫޤުން ކުރީ ކީއް ހެއްޔެވެ؟ އަހަންނަށް މޭގައި އަތްޖައްސާލެވުނެވެ. ތަދެއް ނުވެ އެވެ. ވީއިރު، އަހަންނަށް ފެނުނީ ހުވަފެނެއް ހެއްޔެވެ؟ އަހަންނަށް ނިދުނީ ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ހޯދާނީ ކިހިނެތް ހެއްޔެވެ؟

”ދެން ކަލޭމެން ގަބޫލުނުކުރަންޏާ ނުކުރޭ،“ ރިޒްނާ ބުނި އަޑު އަހަންނަށް އިވުނެވެ. ”ހަމަ މަތިން އެޅުނު އަލިގަނޑެއް އެއީ. މަގޭ ގަޔަށް ވެސް އެޅުނު ވިއްޔަ.“

”…“ އެއްޗެއް ބުނަން އަނގަ ހުޅުވާލި ނަމަވެސް، އަހަރެންގެ އަޑެއް ނުނިކުތެވެ.

”ޝޫ.“ މީހަކު ބުނި އަޑު އިވުނެވެ.

އަހަރެން ވަށައިގެން ހޯދާލީމެވެ. އެންމެން ވެސް ތިބީ އެ މީހުންގެ ވާހަކައިގަ އެވެ. އަނެއްކާވެސް އަހަރެން އެ ވާހަކަ ބުނަން އަނގަ ހުޅުވާލީމެވެ. އެ ފަހަރަކު ވެސް އަޑެއް ނުނިކުތެވެ.

”ނުދައްކާ ތި ވާހަކަ..“ ވައި އަޑުން މީހަކު ބުނެލި އެވެ.

އެ ފަހަރު ވެސް ސިހިފައި އަހަންނަށް ވަށައިގެން ހޯދާލެވުނެވެ. އަހަރެންގެ ކަންފަތް ކައިރިއަކު މީހަކު ނެތެވެ.

”ތި ވާހަކަދައްކައިފިއްޔާ ޑޮކްޓަރުން ބޭނުންވެދާނެ ގައި ކަފާލާފަ ބަލަން،“ އެ މީހަކު ބުންޏެވެ. ”ވަރަށް ތަދުވާނެ.“

”ކާކުތީ؟“ މަޑުމަޑުން އަހަންނަށް އެހުނެވެ.

ޖަވާބެއް ނުލިބުނެވެ. ގެ އަށް ގޮސް، ލޯގަނޑު ކައިރި އަށް ހުއްޓިފައި އަހަރެން މެޔަށް ބަލައިލީމެވެ. އެއްވެސް ލަކުނެއް ނުވަތަ ނިޝާނެއް ވެސް ނެތެވެ. އެކަމަކު އެ ދުވަހުގެ ފަހުން، އެކި ވައްތަރުގެ ދަޅާއި، ޕްލާސްޓިކު ނޫން އުލާއި ސަމުސާ އަނގަޔާ ކައިރިއެއް ނުކުރެވެ އެވެ. މޭނުބައިކުރާ ވަރުންނެވެ. އަހަރެންގެ ހަށިގަނޑަށް އެ މަޚްލޫޤުން ކޮންމެވެސް އެއްޗެއް ލިއެވެ. އޭގެ ބޭނުމެއް އަހަންނަކަށް ނޭނގެ އެވެ. އެހެންނަމަވެސް، ސިއްރުން ވާހަކަދައްކާ އެކުވެރިއެއް އަހަރެންގެ ހިޔަންޏަށް ވެގެން އެކުގައި ދިރިއުޅެން ފެށި އެވެ. އެކި ފަހަރު އެކި ގޮތަށް، ނުރައްކާތަކުން އެ ”އެކުވެރިޔާ“ އަހަރެން ސަލާމަތްކުރެ އެވެ. ފޫހިވުމުން އަހަރެންގެ ފޫހިފިލުވައިދެ އެވެ. ހުއްޓާނުލައި ވާހަކަދައްކަ އެވެ. އެ އަޑުގެ ވެރިޔާ ނުވަތަ އެ ހާދިސާއާ ގުޅުން ހުރި އެއްވެސް ސުވާލަކަށް ޖަވާބެއްނުދެ އެވެ.

”ތަޙުލީލު..“ ބައެއް ފަހަރު ބުނެލާނެ އެވެ. ”ކަލޭމެންގެ ލެބޯޓްރީތަކުގަ ވެސް، ދިރޭ އެއްޗެހި ބޭނުންކޮށްގެން އެކްސްޕެރިމަންޓު ހަދަމެއްނު. އަހަރުމެން މި ބޭނުންކުރަނީ ކަލޭމެން. މައްސަލައެއް އޮވެގެން ނުވާނެއްނު.“

ތަޙުލީލުގެ ނިމުން އަންނާނެ ގޮތަކާއި އެ ދުވަހެއްގެ އިންތިޒާރުގައި އަހަރެން އެބަހުރީމެވެ. އެ ކަމެއް ހިނގިތާ ސައުވީސް އަހަރު ވީ އެވެ. އަހަރެންގެ ”އެކުވެރިޔާ“ އަކީ ގާތް އެކުވެރިއަކަށް މިހާރު ވެއްޖެ އެވެ. މިހާރު މޭގައި، ނުފިލާ ރިހުމެއް ހުރެ އެވެ. އެކަމަކު ބަލިވެގެން، ދުވަހަކު ވެސް އެކްސްރޭއެއް ނަގާކަށް ނުޖެހެ އެވެ. ބޭސް ކާކަށް ވެސް ނުޖެހެ އެވެ. އާދަޔާ ޚިލާފަށް އަހަރެންގެ ނޭވާ ދިގެވެ. އަދި ހިތް ވެސް އައްޔެވެ. އެހެން މީހުން ނުބޯ ވަރަށް ފެން ބޯން ޖެހެ އެވެ. ނިދެނީ ވަރަށް ކުޑައިރުކޮޅަކު އެވެ. ކޮންމެ މަހަކު އެއްފަހަރު، ވަރަށް ތޫލިއަޑެއް ކަންފަތަށް އިވޭ ވަގުތުކޮޅެއް އަންނާނެ އެވެ. އެ ގަޑީގައި، އެހެން އެއްވެސް އަޑެއް އަހަންނަކަށް ނީވޭނެ އެވެ. މީހަކާ އިނދެ، މިހާރު ދެ ކުދިންގެ މަންމައަކަށް ވެސް ވެއްޖެ އެވެ. އެކަމަކު، ފިރިމީހާ އަށް ވެސް މި ވާހަކަ އަދި ކިޔައެއް ނުދެމެވެ.

Leave a Reply

Your email address will not be published. Required fields are marked *