މާޔޫސް ނުވާށެވެ. ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވުމުގެ ފުރުސަތު …

ﷲ އިންސާނާ ދުނިޔެއަށް ލައްވާ ދިރިއުޅެންވާނެ ސާފު މަގުދެއްކެވިއެވެ. ދިރިއުޅުމުގެ އެންމެހާ ކަންތައްތައް ނަބިއުންނާއި ރަސޫލުން ފޮނުއްވާ އިންސާނީ ނަސްލުތަކަށް އުގަންނަވައިދެއްވިއެވެ. ނުބައި ކަންތައް ތަކީ ކޮބައި ކަމާއި ކުރުން ރަނގަޅު ހެޔޮ ކަންތައްތައް އުގަންނަވައިދެއްވިއެވެ. އެހެންނަމަވެސް ދުނިޔޭގައި ދިރިއުޅޭ މި ކުޑަ ދުވަސްކޮޅު ﷲ އެންގެވުންތަކާއި ހިލާފްވެ ނުރުއްސަވާފަދަ އަމަލުތަށް ކުރެވެނީ މަދެއްކޮށް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑުމެން އިންސާނުންނަށް އޮތީ ހެޔޮ މަގު އެނގުމުން ހެޔޮމަގަށް ރުޖޫއަވެ ތައުބާވުމެވެ. ދެވަނަ ފަހަރަށް އެ ފާފަ އެއް ނުކުރުމަށް އަޒުމްކަނޑައަޅާ ރަށްކާތެރިވުމެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށްވެސް ބައެއް ފާފަތަށް ތަކުރާރުވެ ނާއުންމީދުވާ މީހުންވެސް މަދެއް ނޫނެވެ. ދިރިއުޅުން ހަލާކުވީ ކަމަށާއި ދެން މުސްތަގުބަލެއް ނެތް ކަމަށް ދެކެއެވެ. އަދި ދެން ހެޔޮ ކަމެއްކޮށްގެން ފައިދާއެއް ނެތްކަމުގެ ވިސްނުން އިންސާނާގެ ހިތަށް ޝައިތާނާ ވައްދައެވެ. މާޔޫސްކޮށްލައެވެ. އެހެންނަމަވެސް ހަމަ ތައުބާގެ ދޮރުތަށް ވަނީ ހުޅުވިފައެވެ. މަރުވާނެ ވަގުތެއް އެއްވެސް އިންސާނަކަށް އެގިގެން ނުވެއެވެ.  އެހެންކަމުން އަވަހަށް ތައުބާވެ ﷲ މަގުގައި ސާބިތުވާ މީހަކަށް ވާށެވެ.

އަޅުގަނޑުގެ މިލިޔުމުގައި މި ގެނެސްދެނީ އިސްލާމީ ނޫރަށް ފާފަތަކުން ދުރުވާން ބޭނުންވެ ނަސޭހަތްކޮޅަކަށް އެދި ސުވާލު ފޮނުވުމުން ޝައިހް އިބްރާހިމް ފަރީދު އަޙްމަދު ދެއްވާފައިވާ ނަސޭހަތުގެ ބަސްކޮޅެކެވެ. މި ބަސްކޮޅާއި މެދު ފުންކޮށް ވިސްނާ އަވަހަށް ތައުބާވާށެވެ.

لحمد لله رب العالمين، والصلاة والسلام على نبينا محمد وآله وصحبه أجمعين..أما بعد
އާދެ! ހަޤީގަތުގަ ތައުބާވުން އޮންނަނީ ނޭނގުމެއްގެ ތެރޭގަ ފާފައެއް އެމީހަކަށް ކުރެވުމަށްފަހުގައި، އެމީހަކު ފަހުން އެކަމަށް ދެރަވެ، އެކަމުން ސަލާމަތްވާން ބޭނުންވެއްޖެ ހިނދުގައި ﷲ ޞުބްހާނަހޫ ވަޠައާލާ އެމިހަކު ތައުބާވުމުން އެމީހަކަށް ތައުބާ ލައްވަވާ! އެހެންނަމަވެސް، ގަސްތުގައި އެކަން އެނގިހުރެ ކުރާމީހުންނަށް އަސްލުގައި ތައުބާ ލެއްވުމެއް ނުވެސް އޮވޭ! އެހެންނަމަވެސް ﷲގެ ރަޙްމަތުގެ ދޮރުކޮޅުތަށް ވަރަށް ތަނަވަސް. މިހެންކަމަށްވާތީ، ﷲ ޞުބްހާނަހޫ ވަޠައާލާ ތައުބާގެ ދޮރު އެންމެންނަށް ހުޅުއްވާލައްވާފައިވަނީ، އެމީހަކު މަރުވުމުގެ ކުރިން، ތައުބާ ވެއްޖެ ކަމުގަ ވާނަމަ، އެމީހަކަށް ތައުބާ ލެއްވުމުގެ ފުރުސަތު ހުޅުވިފައިވާކަން ﷲ ޞުބްހާނަހޫ ވަޠައާލާ އެމީހުންނަށް ދައްކަވާ ދެއްވާފައިވާ ޙާލުގަ!

އާދެ ކޮންމެއަކަސް، އެބައިމީހުން ކުރާ ކުށްފާފަތަަށް އެބައިމީހުން ތައުބާވުން ވާޖިބްވެގެންވޭ، ލާޒިމް ވެގެންވޭ، ވީ އެންމެ އަވަސް ފުރުޞަތު ތަކެއްގެ ތެރޭގަ! رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރަށްވާފައިވޭ ”إن الله يقبل توبة العبد مالم يغرغر“ ”ހަމަ ކަށަވަރުން ﷲ ޞުބްހާނަހޫ ވަޠައާލާ އަޅާގެ އެންމެ ފަހުގެ ނޭވާ ހޮޅިޔަށް އެޅިގެން ކަރުތެރެއިން އެނުކުންނަ (މަރުވަމުންދާ ހާލު އެނުކުންނަ) ޣަރް ޣަރާގެ އަޑު ނުކުތުމުގެ ކުރިން އޭނާ ތައުބާ ވެއްޖެ ކަމުގަ ވާނަމަ، އޭނާގެ ތައުބާ ޤަބޫލު ކުރަށްވާ ހުށްޓެވެ.“ އާދެ! މިހަދީޘް ފުޅުން އަޅުގަނޑުމެންނަށް އެނގެނީ، މީހާ މަރުވުމުގެ ކުރިން މީހާ އަށް ތައުބާ ވެވިއްޖެ ކަމުގަ ވާނަމަ، ﷲ ޞުބްހާނަހޫ ވަޠައާލާ އެމީހެއްގެ ތައުބާ އިންޝާﷲ ޤަބޫލު ކުރަށްވާނެކަން. އޭގެ ކުރިން
ކިތަންމެ ފާފަތަކެއް ކުރިކަމުގައިވިޔަސް ، އޭގެ ކުރިން ކިތަންމެ ބޮޑެތި ނުބައި ހަޑިމުޑުދާރު ކަންތަށްތަކަށް އަރައިގަނެވިފައި ހުރި ކަމުގައި ވިޔަސް ވެސް، ﷲ ޞުބްހާނަހޫ ވަޠައާލާ ދީލަތިވެ ވަންތަވެ ވޮޑިގެންވޭ، ރަޙުމްވެރިވެ ވޮޑިގެންވޭ، ދަރުމަވަންތަވެރިވެ ވޮޑިގެންވޭ. އެހެންކަމުން އޭނައަށް ، އޭނަކޮށްފައިވާ އެންމަހައި ކުށްފާފަތަށް ފުއްސެވުމަށް އެއިލާހް ކަށަކުޅަދުން ވަންތަ! އެއިލާހު އިންޝާﷲ ފުއްސަވާދެއްވާނެ ކަމުގެ ހެޔޮ އުންމީދު ބާއްވައިގެން އުޅެފި ކަމުގަ ވާނަމަ، އިންޝާﷲ ރަނގަޅުވާނެ.

ވަރަށްގިނަ މީހުން ބުނަނީ ތިމަންނަމެން ފަހުންނޭ ތައުބާ ވާނީ، މިހާރު ތިމަންނަމެން ލަވަކިޔާ، މިޔުޒިކް ކުޅެލާ، ޒިނޭ ކޮށްލާ، ބަނގުރާ ބޮއިލާ، މަސްތުވާ ތަކެތި ބޭނުންކޮށްލާ މިހެން ހަދާލާނީއޭ! ފަހުން ތިމަންނަމެން ތައުބާ ވާނީއޭ! އާދެ1 މިއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން! އެއްވެސް ބުއްދިވެރި ވާހަކައެއް ނޫން މިއީކީ! އެހެނީ، އެމީހަކަށް ނޭނގޭނެ އެމީހަކު މަރުވާނެ ވަގުތެއް، ސާއަތެއް، ގަޑިއެއް، ހަމަ ކޮންމެ ވަގުތެއްގަވެސް އެމީހެއްގެ ނިމުން އެމީހަކާއި ހަމައަށް އަތުވެދާނެ، މަލަކުލްމައުތު ޢަލައިހިއްސަލާމް އެމީހަކާއި ހަމައަށް އެމީހެއްގެ ފުރާނަ ބަލާ ވަޑައިގެންފާނެ، ދެން ކިހިނަކުންތޯ ހަދާނީ، އެހެންވީމާ ތައުބާވުން އަވަސްކުރުން އޮތީ، އާދެ! ތައުބާވުން އަވަސްކޮށްފި މީހަކަށް އިންޝާﷲ ތައުބާ ވުމުގެ ފުތުސަތު ﷲ ޞުބްހާނަހޫ ވަޠައާލާ ދައްކަވާދެއްވަވާނެ

Leave a Reply

Your email address will not be published. Required fields are marked *