ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 1 ވަނަ ބައި)

މި ލިއުން އެކުލަވާލާފައިވާނީ ތަރުބިއްޔަތު ކުރުމަކީ ކޮބާކަން ބަޔާން ކޮށްދިނުމަށްފަހު،  ދަރިންތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރަކީ ކޮބައި ކަމާއި، އަދި މުރައްބިއެއްގެ ކިބާގައި ހުންނަންޖެހޭ ސިފަތަކަށެވެ.އަދި އިސްލާމީ ޝަހްސިއްޔަތާމެދު ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކާއި، އިސްލާމީ ޝަޙްޞިއްޔަތެއް ބިނާކުރުމުގައި ޢަމަލުކުރާނެ ގޮތްތަކާއި ދަރިންނަށް ލިބިދޭންޖެހޭ ޙައްޤުތަކަކީ ކޮބައިކަން ބަލާލެވިފައިވާނެއެވެ. އަދި މައިންބަފައިންގެ މަސްއޫލިއްޔަތާއި، މާތްވެގެންވާ އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މަރުހަލާތަކާއި، ތަރުބިއަޔަތު ކުރުމުގެ މަޤުޞަދާމެދު ދީނީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެއް ކުރުގޮތަކަށް ބަޔާންކޮށްފައިވާނެއެވެ. އަދި މަޢުލޫ އިންސާފުކޮށްފައިވާނީ ދަލީލުތަކުގެ އަލިގައެވެ. އަދި ޢިލްމުވެރިން ލިޔުއްވާފައިވާ ލިޔުންތަކުގެ އެގޮތުން މިލިޔުންތައް އެކުލަވާލާފައިވާނީ ދަލީލުތަކާއި ޢިލްމުވެރިންގެ ލިޔުންތަކަށް، އަޅުގަނޑުގެ ލަޔާގަތު ތަންދޭ އެންމެ ފުރިހަމައަކަށް ދިރާސާ ކުރުމަށްފަހުގައެވެ.

 

ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު

މާތް ﷲ ދުނިޔެމައްޗަށް އިންސާނުލައްވާ އިންސާނީ ދަރިފަސްކޮޅު ފެތުރުމަށް މަގުފަހިކުރަށްވާ  ރަސޫލުންނާއި ނަބީއުން ފޮނުއްވަވާ ދިރިއުޅުމުގެ ސާފްސީދާ މަގުދައްކަވާ އުގަންނަވައިދެއްވިއެވެ. ދެލޮލުގެ ނޫރުފަދައިން އަޅުގަނޑުމެން ގެންގުޅެމުން އަންނަ ދަރިންނަކީ މާތް ﷲ އަޅުގަނޑުމެނަށް ދެއްވާފައިވާ އަގު ނުކުރެވޭފަދަ ބޮޑު ނިއުމަތެކެވެ. ހަމަ އެހެންމެ އެމަތިވެރި ނިއުމަތަކީ ކޮންމެ މަންމަޔަކާއި ބައްޕައެއްގެ ހިތުގެ ފިނިކަމެވެ. ކޮންމެ އާއިލާއެއްގެ މުސްތަގުބަލާއި މެދު ކުރެވޭ އުންމީދުތަކެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ކޮންމެ މަޔަކާއި ބަފަޔަކުވެސް އެކުއްޖާގެ ޅައުމުރުގައި ރިވެތި އަހްލާޤާއި ތަރުބިއްޔަތު ދިނުން މުހިންމެވެ. އެހެނީ ކުއްޖާ ދުނިޔޭގެ ތެރެޔައް ނިކުމެ ތަފާތުކަންކަން ދެނެގަނެ މުޖުތަމައުގައި ހިނގާ އެންމެހާކަންކަން ކޮޕީކޮށް ހަދަނީ ޅައުމުރުގައެވެ. މި އުމަރުހަލާގައި ދަރިފުޅު ރަނގަޅު ތަރުބިއްޔަތެއްނެތި ވަކި ގޮތަކަށް ބައްޓަންވެ ވަކިކަހަލަ ވިސްނުންތަކެއްގެމަތީގައި ބޮޑުވެއްޖެނަމަ އެދަރިފުޅުގެ ވިސްނުން ބަދަލުކުރުމަކީ ނުހަނު އުނދަގޫކަމެކެވެ. ކުޑަ ދަރިފުޅުގެ މިސާލަކީ މަޑު ފުއްގަނޑެއްގެ މިސާލެވެ. ފުއްގަނޑު މަޑުކޮށް އޮއްވައި ބޭނުންވާ ސިފަޔަކަށް ބައްޓަންކުރެވެއެވެ. އަދި އެ ހަރުވުމަށްފަހު އެހެންގޮތަކަށް ބައްޓަންކުރަންވެއްޖެނަމަ އެޔައް އިތުރު ބަދަލެއް ނުގެނެވޭނެއެވެ. ހަމައެހެންމެ ދަރިން ބަލާބޮޑު ކުރުމަކަށް މަތީ ފާހެއް ނުވަތަ ސަނަދެއް ހޯދާކަށް ނުޖެހެއެވެ. އެފަދަ ސަނަދެއް، ފާހެއް ދޭތަންތަނެއްވެސް ނުމެހުރެމެއެވެ. އެއީ ހަޔާތައް އަންނަ ތަމްރީނެއްފަދަ ކަމެކެވެ. އެ ތަމްރީނުގައި އަންނަ ކޮންމެ ފަސޭހައަކާ އުނދަގުލެއް ތަހައްމަލް ކުރަންޖެހެއެވެ. ހަމަ އެހެންމެ އެއީ ވާދަވެރި ވަޒީފާއެކެވެ.  ކިތައްމެ ދުވަހެއް އުމުރުން ވިއަސް އެވަޒީފާއިން އިސްތިއުފާއެއް ނުދެވެއެވެ. އެއީ ނިމުމެއްނުވާ އެންމެ ފަހު ވަގުތާ ޖެހެންދެން އަދާކުރަންޖެހޭ ވާޖިބެކެވެ. އެއީ ލޯތްބާއި، ކުލުނާއި، އޯގާތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ތެދުވެރިކަމާއި، ހިއްހެޔޮކަމާއި، މަތިވެރި އަޚްލާޤުގެ މާތް ސިފަތައް ޝަރުތުކުރާ ވަޒީފާއެކެވެ. ކުއްޖަކު ދުނިޔެއަށް އުފަންވުމާއި އެކު އެކުއްޖެއް ބެލުމުގެ ޒިންމާ މައިންބަފައިންގެ ބޮލުގައި އެޅެއެވެ.. ދަރިންނަކީ މައިންބަފައިނަނަށް މާތް ﷲ ހަވާލްކުރަށްވާފައިވާ އަމާނަތެއް ކަމުން އެއަމާނާތަށް ރައްކާތެރި ވެގެން މެނުވީ، ދުނިޔެއާ އާޙިރަތުގައި ކާމިޔާބު ލިބުމެއްވެސް ނުވެއެވެ. އެ ދަރިން ތަރުބިއްޔަތު ކުރި ގޮތާމެދު ޤިޔާމަތް ދުވަހުން އެމީހަކާ ސުވާލު ކުރެވޭނެއެވެ.

 

ތަރުބިއްޔަތު ކުރުމަކީ ކޮބާ؟

           އަލް އިމާމް އިބުނު މަންޘޫރު ލިއުއްވާފައިވާ ލިސާނުލް ޢަރަބީގައި ވިދާޅުވެފައިވާ ގޮތުން    ތަރުބިއަޔަތު މި ލަފްޒުގެ މާނައަކީ އިތުރުވުމާއި، ހެދިބޮޑުވުމާއި، ކާނާދިނުމާއި، ރިޢާޔަތްކުރުމާއި، ރައްކާތެރިވުމެވެ.  ހަމައެހެންމެ އަލްއިމާމް ޒަމަޚްޝަރީ (އަސާސުލް ބަލާޣާ) ގައި ބަޔާންކުރައްވާފައިވާ ގޮތުން އޭގެ މާނައަކީ އިތުރުވުމާއި ހެދި ބޮޑުވުމެވެ.(ޞ:3).

           ”ހަރުދަނާ މީހަކަށް ކުއްޖާވެ، އޭނާ އުޅޭ ކޮންމެ ތަނެއްގައި މަތިވެރިކަން ލިބިގެންވާ މީހަކަށް އޭނާ ވުމަށްޓަކައި އޭނާ ބޭނުންވާ  އިންސާނީ ޘަޤާފަތް ދިނުމާއި، އޭނާއަށް ބޭނުންވާ ޟަރޫރީ ކާނާ ހޯދާދިނުމާއި، އެނާއާކުރިމަތިވާ ހުރިހާ ނުރައްކާ ތަކަކުން އޭނާ ސަލާމަތް ކުރުމާއި،އޭނާއާމެދު ރައްކާތެރި ވުމާއި،  އަދި ނަފްސާނީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، އަޚްލާޤީ ގޮތުން ތަހްޒީބް ކުރުމާއި، އަދި އޭނާއަކީ ޖިސްމާނި ގޮތުންނާއި ބުއްދީގެ ގޮތުން،ފުރިހަމަ މީހަކަށް ހެދުމަށްޓަކައި މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް އޭނާ ތަރުބިއްޔަތު ކުރުމެވެ.“ (ޞ:3-4).

ހަމައެހެންމެ އިސްލާމް ދީނުގެ ފަލްސަފާއާއި، ނަޒަރިއްޔާތަކަށް ނަޒަރު ހިންގާލުމުން، ތަރުބިއްޔަތުގެ މާނައެއްގެ ގޮތުގައި ފެނިގެންދަނީ، ހުރިހާ ދާއިރާއަކުން، ފުރިހަމަކަމާއި ދުޅަހެޔޮކަން ލިބިގެންވާ އިންސާނަކު އުފައްދުމެވެ. ސިއްހީ ގޮތުންނާއި، ޢަޤްލީ ގޮތުންނާއި، ރޫހާނީ ގޮތުންނާއި،އަދި އަޚްލާގީގޮތުން، އިސްލާމްދީނުގައި އަންގަވާފައިވާ ހަމަތަކުގެ މަތިން، ދީނުގެ އިރުޝާދުތަކުގެ އަލީގައި ކުއްޖާ ތަރުބިއްޔަތު ކުރުމެވެ.

ތަރުބިއްތުކުރުމުގައި މައިންބަފައިންގެ ދައުރު:

ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަރުހަލާ ފެށިގެން އަންނަނީ ކައިވެނީގެ ވެސް ކުރިންނެވެ. އެހެނީ ދަރިންތަރުބިއްޔަތު ކުރުމުގައި ދެމަފިރިންގެ ރޯލަކީ ވަރަށް މުހިންމު ދައުރެއް  އަދާ ކުރާ އެއްޗެކެވެ. އެގޮތުން (އައްޝައިޙް އުޘްމާން ޢަބްދުﷲ ،2011) ގައި ވިދާޅުވެފައިވަނީ ”ހަރުދަނާ ދެމަފިރިއެއްގެ މެދުން މެނުވީ ރަނގަޅު ދަރިފަސްކޮޅެއް ނާންނާނެއެވެ.“ ކިރިތި ރަސުލާގެ ހަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ.“ ތިޔަބައިމީހުންގެ ދަރިފަސްކޮޅަށްޓަކައި ރަނގަޅު ބައިވެރިއަކު އިޚްތިޔާރު ކުރާށެވެ. މިކަމުންވެސް ކާވެނީގެ ކުރިން މިކަމަށް ބެލެވި ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރު ކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަން ދޭހަވެއެވެ.އެގޮތުން ދީންވަރި މަޔަކު އިޚްތިޔާރު ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ. ސަބަބަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ އިސްމީހަކީ ދަރިންގެ މަންމަ ކަމުގަވާތީއެވެ. އެގޮތުން (އަފްޒާލް ޢަބްދުއް ސައްތާރު 2011) ގައި އަންހެނާއަކީ ޢާއިލާގެ ދިރުން ކަމުގައި ބަޔާންކޮށްފައި ވެއެވެ.ހަމައެހެންމެގަހެއް ހެދުމަށްޓަކައި ފެނާއި ގަސްކާނާ ބޭނުންވާފަދއިން، ޢާއިލާއެއް ބިނާކުރުމަށްޓަކައި ހަރުދަނާ އަންހެނެއް ބޭނުންވެއެވެ. ބާއްޖަވެރި ޙަޔާތެއްގެ ބިންގަލަކަށްޓަކައި ހެޔޮލަފާ އަންހެނަކު އިޙްތިޔާރު ކުރުމަށް ކީރިތި ރަސޫލާ އިރްޝާދު ދެއްވާފައި ވަނީ މި ސަބަބަށްޓަކައެވެ. ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި މުޖުތަމައުގެ ކޮންމެ ގެއެއްގެ އޮޅިގަނޑާއި މަތިވަޑާންގަނޑަށް ރަނގަޅު ހައިވަކަރު ލަކުޑި ބޭނުންވާނެކަން ގައިމެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ  ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ހަތަރު ކަމަކަށް އަންހެނުންނާ ކައިވެނި ކުރެއެވެ. އޭނާގެ މުދާވެރިކަމާއި، ޙަސަބާ ނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރި ކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ.“

 އައްޝައިޙް އަޙުމަދު ޝަމީރު ”ހަރުދަނާ ބިންގަލެއް ޤާއިމް ކުރުމަށްޓަކައި ކާވެނީގެ ކުރިން އަންހެން ކުއްޖަކުނަމަ ދީންވެރި ރަނގަޅު ޞާލިޙް ދީންވެރި ފިރިހެނަކު އިޚްތިޔާރު ކުރަންޖެހޭ ކަމަށެވެ. އަދި ފިރިހެނަކު ނަމަވެސް ރަނގަޅު ޞާލިޙް ދީންވެރި އަންހެނަކުއިޚްތިޔާރު ކުރުން މުހިންމު ކަމަށެވެ. ރަނގަޅު ޞާލިހް އަނތްބަކީ ބަލާލުމުން ހިންހަމަޖެހޭ އަދި ހިނިތުންވެފާހުންނަ، އަދި ފިރިމީހާގެ ރައްކާތެރިވާ އަދި ފިރިމީހާއަށްޓަކައި ރައްކާތެރިވާ މީހާއެވެ. ނަމަވެސް ނުބައި އަނބިމިހާއަކީ ބަލާލިކަމުގައިވާނަމަ އޭނާގެ ދުލުގެ ނުބައި ބަސްތަކުން ފިރިމީހާ ހިތުގައިޖައްސާ އަދި ފިރިމީހާގެ މުދަލަށް ރައްކާތެރިނުވާ މީހާއެވެ.“ (ފެބްރުއަރީ 29،2012 އިންޓަވިއު). ހަމައެހެންމެ އަލްއުސްތާޛާ އަނާރާ ނަޢީމް  “ ކާވެނީގެ ކުރިން ދަރިންނަށްޓަކައި ރަނގަޅު ޞާލިޙް މަންމައަކާ ބައްޕައެއް އިޚްތިޔާރު ކުރުން ވަރަށް މުހިންމު ކަމށެވެ.އެގޮތުން ފިރިހެންމީހާ އަކީ ދީންވެރި، ތެދުވެރި މީހަކަށްވާންޖެހެއެވެ. އަދި އަންހެންމީހާއަކީ ވެސް ދީންވެރި ރަނގަޅު ޞާލިޙްމީހަކަށް ވާންޖެހެއެވެ.“ ( 25، 02،2012،އިންޓަވިއު).ކީރިތި ރަސޫލާގެ ޙަދީޘެއްގެ މާނާގައިވެއެވެ.“ތިޔަބައިމީހުންގެ ދަރިފަސްކޮޅަށްޓަކައި ރަނގަޅު ބައިވެރިއަކު އިޚްތިޔާރު ކުރާށެވެ.“ ޢަބްދުއް ރައްޒާޤް ޢަލީ 2007) ގައި ލިޔުއްވާފައި ވެއެވެ. އަނބިމީހާއެކޭ އެއްގޮތައް ފިރިމީހާއަކީ ވެސް މާތް ﷲއައް ބިރުވެތިވާ އަދި ރަނގަޅު އަޚްލާގެއްގެ ވެރިއަކަށް ވާންޖެހޭނެއެވެ. ފިރިމީހާއަކީ ޢާއިލާގެ އެންމެ އިސްމީހާކަމުގައިވާތީ، އޭނާގެ ދަރިންނަށް ރަނގަޅު މަޔަކު ހޯދުމަށްޓަކައި ދީންވެރި ރަނގަޅު މަޔަކު ހޯދުމަށްޓަކައި ދީންވެރި ރަނގަޅު އަންހެނަކާކައިވެނި ކުރުމަކީވެސް އޭނާގެ ޒިންމާއެއް ކަމަށް ޢަބަދުއް ރައްޒާޤު ޢަލީ 2007) ގައި ބަޔާން ކުރައްވާފައި ވެއެވެ. މާތް ﷲގެ ވަހީ ބަސްފުޅެއްގެ މާނާގައިވަނީ “ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުން ނަރަކައިގެ އަލިފާނުން ސަލަމަތްކުރާށެވެ! އެ އަލިފާން އަންދާނެ ދަރުކަމުގައި ވާހުށީ މީހުންނާއި ހިލައެވެ.“( ތަޙްރީމް:6)

ހަރުދަނާ ބިންގަލެއް ޤާއިމް ކުރުމުގައި ވިސްނަން ޖެހޭ އަނެއްކަމަކީ އިޚްތިޔާރުކުރާ ބައިވެރިޔާއަކީ ތަރުބިއްޔަތު ގެ މައިދާނަށް އެކަށީގެންވާ ޤާބިލިއްޔަތުކަން ހުރި މިހެއްތޯބެލުމެވެ.  ނުނިމޭ

Leave a Reply

Your email address will not be published. Required fields are marked *