ދިވެހިންނަށްވުރެ ވަކީން ނަސީބުވެރިބަޔަކު ބަޔަކު ދުނިޔޭގައި ވޭބާ؟

އިންޑިއާކަނޑުގައި ރަންހާރެއްފަދައިން ސިފަކުރެވޭ މި ދިވެހިރާއްޖެއަކީ ހިތްފަސޭހަ އަމާން ޤައުމެކެވެ. އިނގިރޭސި ބަހުގެ އަހުލުވެރިން ގާތު މޯލްޑިވްސްގެ ( Maldives)ނަމުން ނަން ކިޔެމުން އަންނަ މިދިވެހިރާއްޖެއަށް އަރަބި ބަ ހުންކިޔަނީ  މާލްދީފެވެ.

އިންޑިޔާ  ޕާކިސްތާނުފަދަ އުރުދޫ ބަހުން ވާހަކަ ދައްކާ ޤައުމުތަކުގައި މަހަލްދީބޭ މިކިޔޭ  މިޤައުމަކީ އަމިއްލަ ބަހަކުން  ވަހަކަދައްކާ އަމިއްލަވަންތަ ޝަގާފަތެއްލިބިގެންވަ ދިގު ތާރީޙެއް އޮންނަޤައުމެކެވެ. ދިވެހިންގެ ދިގު ތާރީޚުގެ ފަތްފުތްތަކަށް ބަލާއިރު އެކިފަހަރުމަތިން އިސްތިއުމާރީ ދައުލަތްތަކުގެ އަތްދަށުވެފައިވެއެވެ. މިގޮތުން ދިވެހިން އަޅުވެތިވެފައިވާ ކޮންމެފަހަރަކުވެސް އަޅުވެތިވީދިވެހިންގެ ތެރޭންބަޔަކުމީހުން ދީނާއި ޤައުމާއި  ރައްޔިތުންނަށް ހިޔާނާތްތެރިވުމުންނެވެ. މާޒީގައި ޤައުމު އަޅުވެތިވީނަމަވެސް މާތް ﷲގެ އިރާދަފުޅުން  26 ޖުލައި 1965 ވަނަ ދުވަހު ރާއްޖެވަނީ މިނިވަން ޤަޢުމަކަށްވެފައެވެ.
ޝައްކެތްނެތެވެ. ދިވެހިންނަކީ މާތްﷲގެ އިރާދަފުޅުން ވަރަށްވެސް ނަސީބުވެރި ބައެކެވެ. އަދި ކިއެއްތަ ދިވެހީންނަށްވުރެ ވަކީން ނަސީބުވެރި ބަޔަކު ނެތޭބުނެވިދާނެއެވެ. އެހެނީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތާއި އަމިއްލަބަހަކާއި މިނިވަންކަމާއި ހަނގުރާމައިން ސަލާމާތްވެފައިވުން މީހަމަ ދިވެހިންގެ ނަސީބެވެ.  އެއްބަހަކުން ވާހަކަ ދައްކާ އެއް ދީނެއްގެ ބަޔަކަށް ވުމަށްވުރެ ވަކީން ބޮޑު ނިޢުމަތެއް އޮނާނޭތޯއެވެ. ދާޚިލީ ހަނގުރާމަތަށް ނެތް ދީނީ ބައިބައިވުންތައް ނެއްތަނަކަށް މި ޤައުމުވަމުކީ ކިހާ ބޮޑު ނިޢުމަތެއްތޯއެވެ. ހަމަ އެހެންމެ ބިންހެލުންތަކާއި ކޯރުތަށް ބަންޑުވުންފަދަ ހަދިސާތައް މި ޤައުމައް ކުރިމަތި ނުވުމަކި ކިހާ ބޮޑު  ނޢުމަތެއް ތޯއެވެ. ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓިފައިވާ މިޤައުމަކީ އިންސާނާއަށް ހަމަލާދޭ ޖަނަވާރާއި ހަރުފަފަދަ ތަކެތިން ސަލާމަތްވެފައިވާ އަމާން ޤައުމެކެވެ. ދުނިޔެގައި ބޮޑެތި ހަނގުރާމަތަށް ހިނގާ ސަރަހައްދުތަކާއި ދުރުގައި ވަކި ޖަޒީރާ ރައްތަކެއްގެ މައްޗައް އެކުލެވިފައިވާ މިޤައުމުގެ ކަނޑުތަކަކީ ދުނިޔޭގެ ނިސްބަތުން ސަލާމްތެރި އަމާން ކަނޑުތަކެވެ. ކަނޑުފޭރޭ މީހުންގެ ބިރުވެރިކަމެއް ނެތެވެ. މީ ހައްތަހާވެސް ﷲ އަހަރުމެންނަށް ދެއްވާފައިވާ އަގު ނުކުރެވޭފަދަ ނޢުމަތްތަކެވެ. ނަމަވެސް މި ގިނަގުނަވެގެންވާ ﷲ ނިޢުމަތްތަކަށް ޝުކުރުވެރިވަނީ ކިތަށް ދިވެހިންބާއެވެ.  ދުނިޔޭގެ ގިނަ ޤައުމުތަކުގައި މީހުން އުޅެމުން އަންނަ ނިކަމެތި ބިރުވެރި ދިރިއުޅުން ހަމަ ނޭގެނީބާއެވެ.
ދިވެހިންނަށްވުރެ ވަކީން ގިނަ ނިޢުމަތްތައް ލިބިފައިވާ ބައެއް ހަމަ ނެތޭބުނުމަކީ ކުށަކަށް ނުވާނޭކަން ޔަގީނެވެ. ދުނިޔޭގެ ގިނަޤައުމުތަކުގައި ދީނީ ބައިބައިވުންތައް ވަނީ އުފެދިފައެވެ. އިސްލާމީ ޤައުމުތަކުގެ ހާލަކީވެސް ހަމައެއީއެވެ. ބައެއް ޤައުމުތަކުގައި  އިސްލާމުންނާއި އެހެންދީންތަކުގެ މީހުންގެ މެދުގައި ހަމަނުޖެހުންތައް ހިނގާ ލޭއޮހޮރުވަމުން ދަނީއެވެ. ހަމަ އެހެންމެ ބައެއް ޤައުމުތަކުގައި އިސްލާމުންގެ މެދުގައި ތަފާތު އެތަކެއް ބައިބައިވުންތަކެއް އުފެދި ތަޅާފޮޅުމާއި ލޭއޮހޮރުވުންތައް ވަނީ އާންމުވެފައެވެ. ޕާކިސްތާނު، ސީރިޔާ،އިރާގު، އީރާން،ސޯމާލިއާ، ލުބުނާން ، ސޫދާންފަދަ ޤައުމުތަކުގައި އިސްލާމުން އިސްލާމުންގެ މެދުގައި ތަފާތު ލޭއޮހޮރުވަމުންދާ މަންޒަރުދަނީ ފެންނަމުންނެވެ. އިންޑިއާ، އިންޑޮނޭސިއާ، ފަދަ ޤައުމުތަކުގައި މުސްލިމުންވަނީ ނިކަމެތިކޮށްލެވިފައެވެ.
މިސްކިތްތައް އަންދާ މުސްލިމު އަޚުންނާއި އުޚުތުން ނިކަމެތި ގޮތުގައި މަރަމުން ދަނީ ރަޙުމެއް ހަމްދަރުދީއެއްނެތިއެވެ. ފަލަސްތީނާއި އަފްޤާނިސްތާން، އިރާޤުގައި މުސްލިމުނަށް ތަފާތު އަނިޔާތަށްދީ މުސްލިމް އަންހެނުންގެ ޢިތްފަތް ފޭރެމުންދަނީ ވަލުޖަނަވާރުތަކެއްފަދައިން ރަޙުމެއް ނެތިއެވެ. އިސްލާމުންގެ ތެރޭގައި ތަފާތު އެތަކެއް ބައިބައިވުންތަކެއް އުފެދި ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް އަންނަނީ ހިނގަމުންނެވެ. ގާދިޔާނީންނާއި ތަބުލީޤީން، ޝިޔައީންނާއި އަދިވެސް ބާތިލު އެތަކެއް ފިރުގާތަކެއްގެ ނުރައްކާތެރިކަން އިސްލާމީ ގިނަ މުޖުތަމަޢުތަކަށްވަނީ ކުރިމަތިވެފައެވެ. އެ ކޮންމެ ބަޔަކުވެސް ބުނަނީ ހަމަ ތިމަންމެންނަކީ މުސްލިމުންކަމަށެވެ. ހައްޤުގޮތަކީ ހަމަ ތިމަންނަމެންގެ މަޒުހަބެވެ. އެހެންނަމަވެސް މިފަދަ އެންމެހާ ކަންކަންތައްތަކުން ދިވެހީން ވަނީ ސަލާމްތެވެގެންނެވެ. މީ ދިވެހިންނަށް ﷲ ދެއްވި ބޮޑު ނިއުމަތެއްކަން ޔަގީނެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކަށް އަހަރަކު އެތަކެއް ބިންހެލުން އަންނަވާހަކަ މީޑިއާތަކުން ދަނީ އިވެމުންނެވެ. އަލިފާންފަރުބަދަތައް ގޮވާ ބޮޑެތި ބިންހެލުންތައް އައުމަކީ ބައެއް  ޤައުމުތަކުގައި އާންމުކޮށް ހިނގާކަމެކެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ ނޭޝަނަލް އާރތް ކުއެކް އިންފޮރމޭޝަން ސެންޓާރގެ ހިސާބުތަކަށް ބަލާއިރު 2011 ވަނަ އަހަރު އެކަނިވެސް  28561 މީހުން މަރުވެފައިވެއެވެ. އަދި 2000 އިން 2011 އަށް 726305 މީހުން މަރުވެފައިވާކަމަށް ލަފާކުރެވެއެވެ. މީ ހަމައެކަނި ބިންހެލުންތަކުގައި މީހުން މަރުވެފައިވާ ވަރެވެ.  އަލިފާންފަރުބަދަ ގޮވުމުގެ ސަބަބުން އަޅިޔާ ދުމުގެ އަސަރު އެޤައުމުތަކުގެ ގިނަބަޔަކަށްކުރާކަމީ ހަމަ ހަގީގަތެކެވެ. މިފަދަ ހާދިސާތަކުގައި އަހަރަކު އެތައްހާސް އާއިލާޔަކަށް ކުރަމުންދެއެވެ. އަދި ހަމަ ބިންހެލުންތަކާއި އެކު ސުނާމީތަށް އުފެދި ގިނަބަޔަކު މަރުވަމުންދެއެވެ. މީއީ ބައެއް ގައުމުތަކުގެ ހާލަތެވެ. ނަމަވެސް މިފަދަ ކަންތައްތަކުންވެސް މި ގައުމުވަނީ ސަލާމަތްވެގެންނެވެ. ދިވެހި ގައުމަށް ބިންހެލުމެއް އައިސް ގެއްލުމެއްވީ ދިވެއްސަކު މިގައުމުގައި އުޅޭނެ ބާއެވެ. އެހެންނަމަވެސް  ބިންހެލުމެއް ނުވަތަ އަލިފާންފަރުބަދައެއްގެ ބިރުވެރިކަން ސީދާގޮތުންނާއި ނުސީދާގޮތުން  ކުރިމަތި ނުވާ މީހަކު ޖަޕާނުގައި އުޅޭނެބާއެވެ. ދިވެހިރާއްޖެ އުފެދިފައިވާ  ސަރަހައްދައްބަލާއިރު ކަނޑުގެ އަޑީގައި އަލިފާންފަރުބަދައެއްނެތެވެ. ހަމައެހެންމެ ދިވެހިރާއްޖެއާ ކަނޑުގެ ޓެކްޓޯނިކް ޕުލެޓެއް ދިމާވެފައިނެތެވެ. މީފަހެ ކިހާބޮޑު ނިޢުމަތެއްތޯއެވެ. މިއެންމެހާ ނިއުމަތްތައްދެއްވުމުންވެސް ﷲ އަށް ޝުކުރުކޮށް ނަފްސްއިސްލާކުރާކަށް ނުވޭތޯއެވެ.
އިންސާނާގެ ދިރިހުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެކައްޗަކީފެނެވެ. ސާފުބޯފެނެވެ. ބައެއްޤައުމުތަކުގައި އެތައް ހާސްބަޔަކު ސާފުބޯފެނާއި ކާނާ ނުލިބި ބަނޑުހައި ހޫނުކަމުގައި މަރުވެއެވެ. މިގޮތުން މިފަދަ މައްސަލަތަށް އެންމެބޮޑަށް ދިމާވަނީ އެފްރިކާ ކޮންޓިނެންޓްގެ ގައުމުތަކަށް ކަމުގައި ވީނަމަވެސް ސައުތު އޭސިއާ ސައުތު އެމެރިކާގެ ބައެއްގަމުތަކުގައި ސާފުބޯފެން ލިބުމަކީ ދަތިކަމަކަށްވެއެވެ.  ނައިޖީރިއާ، އެފްރިކާ. ކެމަރޫން، އަދި ސައުތުއެފްރިކާގެ ގިނަ ޤައުމުތަކަކީ ހޫނުގަދަ ފަރުބަދަތަކާއި ހަނަފަސް ސަހަރާތައް ގިނަ ތަނެކެވެ. އެހެންކަމުން ބިމުގެ އަޑިން ފެންނެގުމަކީ ނުހަނު އުނދަގޫކަމެކެވެ. އަދި ހަމައެހެންމެ ރާއްޖެއާ ހިލާފަށް ވިސްސާރަވެހުންމަދެވެ. ދެން ސައުތު އޭސިއާއަށްބަލާއިރު ބަނގުލަދޭސް އަދި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ސާފުބޯފެން ލިބުމުގައި ގިނަދަތިތަކެއްވަނީކުރިމަތިވެފައެވެ. ވިސްސާރަވެއްޖެނަމަ ގައުމުގައި އެކި ބޭނުންތަކުގައި ބޭނުންކުރަމުންދާ ފެންކޯރުތަށް ބަނޑުންވެ  ކިސަޑުފައިބާ އެތަކެއް ހާސްބައެއްގެ ގެދޮރުގެއްލެއެވެ. މީ ޕލިޕީންސް، ވިއެޓްނާމްފަދަ އާސިއާންގެ ބައެއް ޤައުމުތަކުގެވެސް ހާލަތެވެ. އެފަދަ ޤައުމުތަކުގައި ވިއްސާރަމޫސުން ވެގެންދަނީ ބިރުވެރި ދުވަސްވަރަކަށެވެ. ސާފުފެން ރަށްކާކުރާނޭ ފުރުސަތުނުލިބެއެވެ. އެހެންނަމަވެސް ދިވެހިންނަށް ފެންރަށްކާކުރާނެ ފުރުސަތު ލިބެއެވެ. ބިމުގެ ފެންނެގުމަކީ ނުހަނު ފަސޭހަކަމެކެވެ. ވިއްސާރަވެގެން ބަންޑުންވާނެ ކޯރުތަކެއްނެތެވެ.  މީހަމަ ﷲގެ ނިއުމަތްތަކެވެ.
ދިވެހިރާއްޖެއަކީ ފިނިހޫނުމިން އެއްވަރު ގައުމެކެވެ. ދުނިޔޭގެ އެހެންޤައުމުތަކާއި ހިލާފަށް ހޫނުވެގެން އުނދަގޫވެގެން އުޅޭކަށްނުޖެހެއެވެ. ހަމައެހެންމެ ފިނިވެގެން ސްނޯފައިބާތީ ގޭގައި ބަންދުވެފައި ތިބޭކަށްނުޖެހެއެވެ. ނަމަވެސް ދުނިޔޭގެ ބައެއްޤައުމުތަކުގައި ފިނިމޫސުމުގައި މަގުތަށް ބަނދުވެ ސްނޯފައިބައިގެން ގެދޮރުބަންދުވުމުގެ ސަބަބުން ގޭނބަންދުގައި އެތައްދުވަހެއް ހެދަކުރަންޖެހެއެވެ. ދިރިއުޅުމުގެ އެތައްކަމެއް ހުއްޓާލާފައި ގޭގައި  ނުވަތަ ރައްކާތެރި އެހެން ހިސާބުތަކުގައި ތިބެންޖެހެއެވެ. ހޫނުގަދަވެގެން ބައެއް ޖަންގަލިތަށް ހިކި އަލިފާން ރޯވެ އޭގެ ނުރައްކާ ގިނަބަޔަކަށް ކުރިމަތިވެއެވެ. ދަނޑުބިންތައް ހަނަފަސްވެ ދަނޑުތަށް ހަލާކުވެއެވެ. މިފަދަ އެތަކެއް ކަންތައްތަކެއް ދުނިޔޭގެ ގިނަޤައުމުތަކަށް ކުރިމަތިވީކަމުގައި ވިނަމަވެސް ދިވެހިންވަނީ ސަލާމަތްވެގެންނެވެ.
ދުނިޔޭގެ ގިނަޤައުމުތަކުގެ ކަނޑުތަކުގައި އިންސާނުންނަށް ހަމަލާދޭ އެތަކެއް ދިރޭތަކެތި އުޅޭނަމަވެސް ރާއްޖޭގެ ކަނޑުތަކުގައި އެފަދައިން އިންސާނުންނަށް ހަމަލާދޭ މާގިނަވައްތަރުގެ ދިރޭތަކެތި ނޫޅެއެވެ. އެހެންނަމަވެސް އިންސާނުންނަށް ހަމަލަދޭކަމަށް ނަންމަސްހޫރު ފެމުނު މިޔަރު ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަން ފާހަގަކުރެވެއެވެ. ފެމުނު މިޔަރު ރާއްޖޭގައި އުޅުންނަމަވެސް ހަގީގަތުގައި އޭގެ ބިރު ދިވެހިންނަށް ވަރަށްކުޑައެވެ. ސަބަބަކީ އެހެންގައމުތަކުގައި އައްސޭރިފަށުގަޔާއި ފަޅުތަކުގައި ފެމުނު އުޅޭނަމަވެސް ރާއްޖޭގައި އެތެރެވަރިޔައްވަދެ ރަށްތަކުގެ ވަށައިގެންމިވާ ފަރުތަކުގައި އާންމުގޮތެއްގައި ފެމުނު އުޅޭކަން އެނގޭކަށްނެތެވެ. ދުނިޔެގައި ކުރެވިފައިވާ ސާރވޭތަކަށް ބަލާއިރު އިންސާނުންނަށް އެއްމެ ބޮޑަށް ހަމަލާދޭކަން ފާހަގަކުރެވިފައިވަނީ ގުރޭޓް ވައިޓް ޝާރކެވެ. ފުލޮރިޑާ، ހަވާއީ ، ވޭލްސް.ބުރެޒިލް ގެ އައްސޭރިފަށް، ކެރީބިއަން ސީފަދަ ތަންތަނުގެ އައްސޭރިފަށުން ގިނައަދަދަކަށް މިޔަރު ހަމަލާދީފައިވާކަން ފާހަގަކުރެވެއެވެ. އަދި އޭސިއާ ސަރަހައްދާއި ޕެސިފިކު އަދި ދުނިޔޭގެ ގިނަ ސަރަހައްދުތަކެއްގައި މިބާވަތުގެ މިޔަރު އުޅޭކަން ފާހަގަކުރެވިފައި ވީނަމަވެސް  ﷲގެ އިރާދަފުޅުން ދިވެހި ކަނޑުގައި މިބާވަތުގެ މިޔަރު އުޅޭކަންފާހަގަނުކުރެވެއެވެ.
ދުނިޔޭގެ ގިނަޤައުމުތަކުގެ ކަނޑުތަކާއި ޖަންގަލިތަކުގައި  އިންސާނުންނަށް ނުރަށްކާތެރި އެތަކެއް ދިރޭ ސޫފާފި އުޅުންނަމަވެސް ރާއްޖޭގައި އެފަދަ ބިރުވެރިކަންވަރަށްވެސް ކުޑައެވެ. ދުނިޔޭގެ ގިނަޤައުމުތަކާއި އަޅާބާލާއިރު ހަމަ އެފަދަ ބިރުވެރިކަން މިޤައުމުގައި ނެތޭވެސް ބުނެވިދާނެއެވެ. އެހެންނަމަވެސް އިންޑޯ ޕެސިފިކުގެ ގައުމުތަކުގައި ބުލޫރިންގްޑް އޮކްޓޮޕަސް، އަދި ތަފާތުވައްތަރުގެ ޖެލީފިސް.، ކަނޑުހަރުފަ، މިޔަރުގެ ވައްތަރުތަކުގެ ބިރުވެރިކަން ވަރަށްވެސް ބޮޑެވެ. ބުލޫރިނގްޑް އޮކްޓޮޕަސްއަކީ  އޭގެ ވިހައިން ކުޑަ ވަގުތުކޮޅެއް ތެރޭ އިންސާނާ ލޮލުގެ ފެނުންގެއްލި ،ހިއްސުކެނޑި، ގައިގެ ބާރުދޫވެ އެންމެފަހުން މީހާގެ މަރާހަމަޔަށްގެންދާފަދަ އެއްޗެކެވެ. ދުނިޔޭގެ ގިނަ ކަނޑުތަކުގައި އުޅޭ ޖެލީފިސްގެ ގިނަވައްތަރުތަކަކީ އޭގެފައިތަށް އިންސާނުންގައިގައި ޖެހިއްޖެނަމަ އެޖެހޭތަނެއްވިހަވެ ކުޑަވަގުތުކޮޅެއްތެރޭ މުޅިހަށިގަނޑުގައި ވިހަފެތުރި މަރާހަމަޔަށް އިންސާނާ ދާފަދަ ބާރުގަދަ ވިހައެކެވެ. މިފަދަ ގިނަތަކެއްޗަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ކަނޑުގެ ސަރަހައްދުގައި އުޅޭތަކެތިކަމުގައި ވިޔަސް އިންޝާﷲ އަހަރުމެން ދިވެހިންވަނީ އެފަދަތަކެތީގެ ކިބައިންވެސް ސަލާމަތްވެގެންނެވެ.
ދިވެހިރާއްޖޭގެ ރަށްތަކަކީ ޖަޒީރާރަށްތަކެކެވެ. ބޮޑެތި ޖަންގަލިތަކެއް މިޤައުމުގައި ނެތެވެ. ހަމައެހެންމެ އިންސާނުންނަށް ނުރަށްކާ އެއްވެސް ޖަނަވާރެއް ރާއްޖޭގައި ނޫޅެއެވެ. މިނިކާވަގާއި ސިންގާފަދަ ޖަނަވާރުންގެ ބިރުވެރިކަމެއްނެތެވެ. ހަރުފަޔާއި ކިނބޫފަދަ ތަކެތީގެ ބިރުވެރިކަމެއްވެސް މިޤައުމުގައި ނެތެވެ. ވިހަގަދަ ނަގުލަންދާށްޓާއި ފައިދިގު މަކުނުގެ ބިރުވެރިކަމެއްނެތެވެ. ހަގީހަތަށް ބުނާނަމަ އިންސާންނަށް ނުރަށްކާވަފަދަ ދިރޭތަކެތި ނޫޅެއެވެ. އެހެންނަމަވެސް ބައެއް ޤައުމުތަކުގައި މީހުން އުޅޭސަރަހައްދާއި ދުރުގައި އެއްވެސް ކަމެއް ކުރަން ނުވަތަ ގޮސް އުޅުމަކީ ހަމަ ބިރުވެރިކަމެކެވެ. ދަނޑަށް ފެންދޭން ދާމަގުމަތީގައި ހަރުފަ ނުވަތަ އެހެންވެސް އެއްޗެއްގެ ހަމަލާއިން ސަލާމަތްވާނެކަމުގެ އުންމީދެއްނެތެވެ. ބަރުމާގައި ސައިފަތުގެ ދަނޑުވެރިކަމާއި ތަފާތު އެހެނިހެން މަސައްކަތްތަކުގައި އުޅޭ މީހުންގެ ތެރޭން އެކަނިވެސް އަހަރަކު ހަރުފައިގެ ހަމަލާތަކުން 1000 މީހުން މަރުވެއެވެ. ގެރި ބަކަރި ނުވަތަ އެހެންވެސް ޖަނަވާރެއް ގެންގުޅޭނަމަ އެތަކެއްޗަށް މިނކާވަގު ނުވަތަ ހިޔަޅާއި ސިންގާ ފަދަ ޖަނަވާރެއް ހަމަލަދީފާނެކަމުގެ ބިރުވެރިކަން ވަކީންކުޑައެއްނޫނެވެ. މިފަދަ އެންމެހާ ކަންކަމުން އަހަރުމެން ސަލާމަތްވެފައި ވުމީ   ﷲ އަހަރުމެންނަށް ދެއްވާފައިވާ ނިއުމަތެވެ. ޝައްކެތްނެތެވެ. ދިވެހިންނައްވުރެ ވަކީން ގިނަގުނަ ނިޢުމަތްތައް ލިބިފައިވާ ބަޔަކު ނެތެވެ. ހުރިހާގޮތަކުން ބެލިކަމުގައި ވީނަމަވެސް ދިވެހިންނަށް އަމާންކަމާއި ރަށްކާތެރިކަން އެބައޮތެވެ. އެހެންކަމުން ދެންވެސް ނުބައިކަންތައްތަކުގައި  ދުނިޔެވީ ދުވަސްތައް ހޭދަނުކޮށް  ﷲ އަށް ޝުކުރުކޮށް އާޚިރަތުގެ ރަށްކާތެރިކަމާއި ސަލާމަތް ހޯދަން މަސައްކަތްކުރަމާހިނގާށެވެ.

What's your reaction?

Excited
0
ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    Leave a reply

    Your email address will not be published. Required fields are marked *