ދިރޭތަކެއްޗާއި ތިމާވެށި

ދިވެހިރާއްޖޭގެ ތިމާވެށި ރަށްކާތެރިކޮށް ދެމެހެއްޓޭނީ..

އަބްދުﷲ މާއިޒް/ޅޮހި

މިއީ ދިވެހި ރާއްޖެއެވެ. އަޅުގަނޑުމެން ގެ ރާއްޖެއެވެ. މިއީ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމެވެ. މިޤައުމުގެ ބިމާއި، ޖައްވާއި، ކަނޑާއި އެކަނޑުގެ އަޑިޔާ މިއީ ދިވެހިންނަށްޓަކައި ﷲ ލައްވަވާފައިވާ އެކަލާނގެ ދީލަތިވަންތަ ކަމުގެ ނިޢުމަތް ތަކެވެ. މި ރީތިކަން މީހަކު ބަލާ ހުހެއް ނުވާނެއެވެ. މިގޮތް މަތިން މިކަން ލައްވައި، ދިވެހިންގެ މައްޗަށް ދަރުމަ ކުރެއްވި ކަމާމެދު އުފާކޮށް އަދުގެ ދިވެހިންގެ މައްޗަށް ވާޖިބު ވެގެން ވަނީ މި ރީތި ތިމާވެށި، ޤުދުރަތުގެ މި ރީތި ނަމޫނާ، މި ރަށްތަކުގެ ޖާދުވީ އައްސޭރި، މި ކަނޑުތަކުގެ ޗާލު ބަގީޗާ، މި ލޮބުވެތި ޤައުމުގެ ޤުދުރަތީ ރީތިކަން، އަބަދަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމެވެ.

ދިވެހިރާއްޖޭގެ ޤުދުރަތި ރީތިކަމަކީ ދިވެހިންގެ މައިރޯއްޖާއި ގުޅިގެން އަދުގެ ދަރިންނާއި، އަންނަން އޮތް ޖީލުތަކުގެ ހައްޤު އެކުލެވެ އަމާނާތަކަށް ވީހިނދު މި އަމާނާތަށް ރައްކާތެރިވުމުގެ ފުރަތަމަ ފިޔަވަޅަކަށް ވާންޖެހޭނީ އަދުގެ ކުޑަކުދިންގެ ޤާބިލް ޅަ ސިކުނޑި ތަކުން މިކަމަށް ޖާގަ ހޯދުމެވެ. ތިމާވެށްޓާއި އެވެށީގެ ހައްޤުވެރިންނާއި، ވާރުތަވެރިން ވަކިކޮށް ދެނެގަނެ، ދެމިގެންވާ މަންފާ އަކަށް ޓަކައި ތިމާވެށި ރައްކާތެރި ކުރުމުގެ ވިސްނުމާއި ހަމަޔައް އެކުދިން ގެންގޮސް ދިނުމެވެ. އަދި ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް ޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، ކުރެވިދާނެ ކަންތައްތައް އެކުދިންނަށް އުގަންނައިދިނުމެވެ.

ދިވެހި ކަނޑުފަޅުތަކާއި، ފަރުތަކުގައި މިނިވަންކަމާއި އެކު ފީނާ، ދިވެހިންގެ ރަށްރަށަށް އަރައި އެރަށްރަށުގެ ދޮންވެލި ތުނޑިތަކުގައި ހަމަހިމޭންކަމާއިއެކު ބިސްއަޅަން އޮންނަ ވެލާ ހިފައި، ކައި ނުވަތަ އޭގެ ބޭނުން ނޭދެވޭ ގޮތްގޮތުން ހިފުމަކީ ޤާނޫނީގޮތުން ބޮޑު ކުށެކެވެ. އެހެންނަމަވެސް އެފަދަ ކުއްތަށް ރާއްޖޭގައި ހިނގަމުން ދަނީ ބައެއްގެ އިހުމާލުން ކަން ކަށަވަރެވެ. ދެހާހުގެ އަހަރުތަކަށް އަޅައިގެން އައިއިރު ވެލާ، ކަހަނބު އަދި އައިންމަތީ ދޫނިފަދަ ތަކެތި ހިފުމާއި އެސޮރުމެންނަށް ގޯނާކުރުން ހުއްޓުވުމަށް ޓަކައި ޤާނޫނު ތަކެއް ހެދިފައި ވެއެވެ. ނަމަވެސް އެޤާނޫނު ތަކަކީ މިހާރަށް ބަލާއިރު ވަރަށް ދޯދިޔާ ކޮށް ހެދިފައިވާ ޤާނޫނު ތަކެކެވެ. އެހެންކަމުން އެފަދަ ޤާނޫނުތަށް މުރާޢަޖާ ކޮށް އަލުން އިސްލާޙު ކުރުމަކީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި އަޅަން ޖެހިފައިވާ އަވަސް ފިޔަވަޅެކެވެ.

ދިވެހިރާއްޖޭގެ މި ރީތި ކަމަކީ އަޅުގަނޑުމެން ވިއްކައި، ކާން، ކުއްޔަށްދީ އާމްދަނީ ހޯދަން ޤުދުރަތުން ދެއްވި އަގުބޮޑު ހަދިޔާއެކެވެ. ބޭރުގެ ފަތުރުވެރިންނަށް އަޅުގަނޑުމެން ވިއްކާ މުދަލަކީ ދިވެހިރާއްޖޭގެ މިރީތިކަމެވެ. ރަށްތަކުގެ ދޮންވެލީގެ އުފަލާއި، މި ކަނޑުފަޅުތަކުގެ ލޮނުރަހަޔާއި، މި ޖައްވުގެ އަތްވާއި، މިތަކެއްޗަކީ ހުސްވުމެއް ނެތް ޚަޒާނާއެކެވެ. ނަމަވެސް ހަލަވެލި ގަސްތަކުގެ ޅަކުރިތަކުގައި އަޅުގަނޑުމެންނަށް މީރުވަސް ނުދުވާނަމަ، ތޭރަވާގެ ގޮވުން ތަކުން އަޅުގަނޑުމެން ހިތް އުފާ ނުވާނަމަ، އަދި ވެލާ ބިސް އަޅުގަނޑުމެން ކާހިތްވެއްޖެ ނަމަ، އަޅުގަޑުމެންގެ ތިމާވެށި “ޔަތީމު” ވެގެން ދިޔުމުގެ ފުރަތަމަ މަރުހަލާ ފެށުނީއެވެ. އެހެންކަމުން މިރާއްޖޭގެ ޤުދުރަތީ ހިތްގައިމު ކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ދިވެހީން ހޭލުންތެރިވާން އެބަޖެހެއެވެ. ހޭއަރާ ހިއްމަތާ އެކު މިންނެތް މަސައްކަތް ކުރަން އެބަޖެހެއެވެ.

ދިވެހިތިމާވެށީގެ މި ރީތިކަމަކީ ހަމައެކަނި ފަތުރުވެރިންގެ ހައްޤެއް ކަމުގައި ވެގެންނުވާނެއެވެ. ފަތުރުވެރިންނަށް ޓަކައި މި ރީތިކަމާއި ނަލަކަން ޙާއްސަ ކުރެވެނީ ދިވެހިރައްޔިތުންގެ ވެސް ޤުރުބާނީތަކަކާ އެކުގައެވެ. ފަތުރުވެރިންނަށް ޓަކައި ފަޅެއް ބާއްވަނި ރައްޔިތުން މަސް ނުހިފައެވެ. ފަތުރުވެރިންނަށް ޓަކައި ފަރެއް ބާއްވަނީ ރައްޔިތުން ނަގިލި ނުލައެވެ. ފަތުރުވެރިންނަށް ޓަކައި ހަލެއް ބާއްވަނި ރައްޔިތުން އެން ނުދަމައެވެ. އެހެންކަމުން ދިވެހި ތިމާވެށީގެ ޤުދުރަތީ ރީތިކަމުގެ ހެވަތުން ރައްޔިތުންނަށް ލިބޭ މަންފާ ތަކަކީ އެރައްޔިތުން އެންމެ އެދެވޭ ގޮތެއްގައި ހިއްސާ ކުރާ އެއްޗަކަށް ވާންޖެހޭނެއެވެ.

އާދޭހެވެ. ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމުގައި އަޅުގަނޑުމެން ދަންނަން ޖެހޭ އެންމެބޮޑު ހަޤީގަތަކީ ދިވެހިރާއްޖޭގެ މިރީތިކަމާއި މުއްސަނދިކަމަކީ އަންނަން އޮތް ޖީލުތަކުގެވެސް ހިއްސާއާއި ހައްޤުތައް އެކުލެވިގެންވާ އެއްޗެއްކަމެވެ.އެހެންކަމުން މިރީތިކަން ދެމެހެއްޓުމަށްޓަކައި ބޮޑެތިވަމުން އަންނަކުދިންނަށް މިކަމުގެ ފައިދާއާއި ގެއްލުން ދަސްކޮށްދޭން ޖެހެއެވެ. އަދި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނުތައް އިސްލާހްކޮށް ދިވެހި ރަށްޔިތުން  މިކަމާއި މެދު ވިސްނާ ފިކުރުކޮށް ހޭލުންތެރިވާން  އެބަޖެއެވެ. މިރީތިކަން ދެމެހެއްޓުން އަޅުގަނޑުމެން މާނަކުރަންވާނީ ގެއްލުން ވިޔަނުދީ ބޭއްވުމާއި އަންނަން އޮތް ޖީލްތަކަށް އަމާނާތްތެރިކަމާއި އެކު ރަށްދުކޮށްދިނުން، މި ދެބައި އެކުލެވޭ ގޮތުންނެވެ.

ހުސައިން ނިޔާޒު / ޅޮހި
އެރިނާ އެނިމޭޝަން އިންޓަރނޭޝަނަލް ޕުރޮގުރާމްގެ ދަށުން އެޑްވާންސް ޑިޕްލޮމާ އިން މަލްޓިމީޑިއާ އެނިމޭޝަން ނިންމުމަށްފަހު މަލްޓިމީޑިއާ އާއި ގްރެފިކްސް ޑިޒައިން ބެޗްލާސް 2018 ވަނަ އަހަރު ވަނީ ނިންމާފައެވެ. ސްކޫލް ދައުރުން ފަށައިގެންވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރުމާއި އެކު މަނަދޫ ލައިވް އަދި ލަންދޫ އިންފޯ.ކޮމް, ވަގުތު.އެމްވީ، ގައި ހަބަރާއި އެކި ދާއިރާތަކުގެ ލިޔުންތައް ލިޔެފައިވާނެއެވެ. އަދި ނޯޕްލާސްޓިކް މޯލްޑިވްސްގެ އެއް ފައުންޑާރ އެވެ.

    You may also like

    ދިރޭތަކެއްޗާއި ތިމާވެށި

    ދިވެހިން ނުރާއްކާތެރި ދިރުންތަކުގެ ގޮތުގައި ފާހަނގަކުރާ މޫދުގެ ދިރުންތަކުގެ ޙަގީގަތް 1

    ނުރައްކާތެރި މަސްތަކެއްގެ ގޮތުގައި ބައެއް ބާވަތްތަކުގެ މޫދުގެ ދިރުންތައް ދިވެހިންގެ ތެރޭގައިވެސް އަންނަނީ ފާހަނގަކުރެވެމުންނެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ...

    Leave a reply

    Your email address will not be published. Required fields are marked *