އިޖްތިމާއީދީން

ދިވެހި ރާއްޖޭގައި ވަރިގިނަވާން މެދުވެރިވާ ސަބަބުތައް( 1ވަނަ ބައި)

މާތް ﷲ ޞުބަޙާނަހޫ ވަތަޢާލާވަނީ ކައިވެނީގެ ގުޅުމުންގުޅިގެން އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި ރައްކާތެރިކުރުމަށް އަންގަވާފައެވެ. ހަމައެހެންމެ ކައިވެނީގެ ގުޅުން ނިމުމަކަށް ގެންނަން ޖެހިއްޖެ ޙާލަތެއްގައި ކައިވެނި ރޫޅާލުމުގެ އިޚްތިޔާރު ދެއްވާފައެވެ. ޝައްކެއްނެތްގޮތުގައި ވަރި ލައްވާފައިވުމުގެ ޙިކުމަތްތަކެއް ވާނެއެވެ. ކައިވެނީގައި ނުރަނގަޅު ތަޖުރިބާއަކާކުރިމަތިވެ، އޭގައި އަނިޔާވެރިކަމެއް އުފެދިއްޖެނަމަ އެގުޅުން ނިންމާލުމަކީ އެންމެ މަސްލަޙަތުހުރި ގޮތްކަމުގައި ޤަބޫލުކުރެވެއެވެ. ވަރީގެ ސަބަބުން ތަފާތު މައްސަލަތައް އުފެދެމުންދާތީ އެކަން ކޮންޓްރޯލުކުރުމަށް ޤާނޫނުގައި ވަރި މަނާކުރުމަކީ ޙައްލަކަށްނުވާނެއެވެ. އެހެންކަމުން ޤާނޫނުގައިވަނީ ވަރިމަދުކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެއީ ވަރިކުރުން އާންމުންނަށް ދޫކޮށްލާފައި އޮތުމުގެ ބަދަލުގައި އެކަން ޤާނޫނާއި ޤަވާޢިދުގެދަށުން، ބެލެހެއްޓެނިވި ގޮތަކަށް، ވަރިއަކީ އެންމެފަހުގެ ފިޔަވަޅަށް ހެދުމަށް ބާރު އެޅޭ ގޮތަށް ޤާނޫނާއި ޤަވާޢިދު އެކުލަވާލެވިފައި ވެއެވެ. އިސްލާމްދީނުގައި ވަރި ހުއްދަ ކުރައްވާފައި ވަނީވެސް އެކުގައި އުޅުމަށް ދަތިވެ އެކަން ޙައްލުކުރަން ކުރެވެން ހުރިހާކަމެއް ކުރުމަށްފަހު އެންމެފަހުން އެޅޭފިޔަވަޅަކަށް ވަރިކުރުން ހެދުމުގެ މައްޗަށެވެ.

ކައިވެނީގެ ތަޢުރީފު

ނަސަބުގެ ގޮތުންނާއި އެއްކިރު ބުއިމުގެ ގޮތުން އަދި ކައިވެނީގެ ސަބަބުން އެ ފިރިހެނަކާއި ކައިވެނި ޙަރާމް ނުވާ އަންހެނާގެ ކިބައިން (ޖިންސީ) ފައިދާ ނެގުމާއި ވަޠުޢު ކުރުމާއި އޭނާއާއި އެކު މުބާޝިރާ(އެބަހީ: ގައިގޯޅީވެ އުޅުމާއި އެކުގައި ނިދުމާއި) ދޮންދިނުމާއި ފަދަކަންކަން ހުއްދަވުމުގެ އަޤްދަކަށް ކިޔާ ނަމެކެވެ.[1]

ކައިވެނީގެ އަޤްދުގެ ސަބަބުން ޝަރުޢީގޮތުން ބަނދެވޭ ބަނދެވުންތަކެއްވެއެވެ. އެއީ އަނބިފިރިކަމާއި އަނބިމީހާއާއި ފިރިމީހާ ޝާމިލުވާ ޙައްޤުތަކާއި، އަނބިމީހާ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤާއި، ފިރިމީހާ އަނބިމީހާއަށް އަދާކުރަން ޖެހޭ ޙައްޤާއި، މުދާ ވާރުތަވުމާއި، މަސްއޫލިއްޔަތާއި ޒިންމާތަކާއި އަދި ޤާނޫނީގޮތުން ލިބޭބާރުތަކާއި ޒިންމާއޮތުން، މިފަދަ ކިތަންމެ ކަމެއްވެއެވެ. ހަމައެފަދައިން ދުނިޔަވީގޮތުން އިންސާނާގެ ދިރިއުޅުމަށް ބަލާއިރު ކައިވެންޏަށްފަހު އުފެދޭ ގުޅުންތަކާއި އިހުސާސްތަކެއްވެއެވެ. އަދި ކައިވެނީގެ ސަބަބުން ދެމަފިރިންގެ ގޮތުގައި އެކީއުޅެންފެށުމުން، ވަކިގޮތަކަށް އަމިއްލަ ދިރިއުޅުން ބިނާކޮށް ޙަޔާތްބައްޓަންކޮށް، ދުނިޔެވީ އަދި އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި މާތްﷲ ހަލާލު ކުރެއްވެވި ގޮތުގައި ހަޔާތްވޭތުކުރުމަށްޓަކައި ކައިވެނީގެ ގުޅުމުގެ ޒަރިއްޔާއިން ދެޖިންސުގެ ބައިވެރިޔާގެ ކިބައިގާ ވަރުގަދަ ގުޅުމެއް އުފެދިގެންދެއެވެ. މިގުޅުން ރަނގަޅުގޮތުގައި ދެމެހެއްޓުމަކީ ކައިވެނި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަންތަކެވެ. ކައިވެނިއޭގެޒާތުގައި ކުރިޔަށްދިޔުމާއި އަދި ދެމެހެއްޓުން ބިނާވެފައި އޮންނާނީ މިދެންނެވުނު ގުޅުންތަކުގެ މައްޗަށެވެ.

ކައިވެނީގެ ގުޅުމަކީ ދެމަފިރިންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އުފައްދައިދޭ ކަމެކެވެ. އެގޮތުން މާތްﷲ ވަޙީ ކުރައްވާފައިވާއާޔަތުގެ މާނައަކީ

މާނައަކީ:”އެކަބަލުންގެ ކިބައިން ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި ކަލޭމެންގެ ނަފްސުތަކުން ކަލޭމެންގެ ބައިވެރިން ހެއްދެވުމާއި ކަލޭމެންގެ މުދުގައި ލޯތްބާއި އޯގާވެރިކަން ލެއްވުމަކީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުން ހެއްކެކެވެ. ހަމަކަށަވަރުން އެކަމުގައި ވިސްނާފިކުރުކުރާ ބަޔަކަށް އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއްވެއެވެ.”( ސޫރަތުލް ރޫމް 21)

ވަރީގެ ތަޢުރީފު

ޝަރުޢީ ގޮތުން ވަރިއަކީ ކައިވެނީގެގޮތުން ގުޅިގެންއުޅޭދެމަފިރިންގެ ކައިވެނީގެ ޢަޤްދު ރޫޅާލެވޭފަދަ ބަހަކުން ކައިވެނި ރޫޅާލުމެވެ. ނުވަތަ  ދެމަފިރިންގެ ދެމެދުގައި ޝަރުޢީގޮތުން ބަނދެވިފައިވާ ގުޅުން ނިމުމަކަށް ގެނައުމެވެ.[2]

ކައިވެންޏާއި ވަރީގެ މިސާލަކީ ކޮމްޕިއުޓަރެއް ބޭނުންކުރަން ނޭގޭ މީހަކަށް އަލަސް ކޮމްޕިއުޓަރެއް ލިބުމުގެ މިސާލެވެ. އޭނާ އަށް ކޮމްޕިއުޓަރ ލިބި އެބޭނުން ކުރަން އެނގި ރަނގަޅަށް ދަސްވުމުން އެއާނުލާ ނޫޅެވޭ ހިސާބަށް ދެއެވެ. ދެން އެބޭނުން ކުރަންފޭށުމަށްފަހު އެއަށް ކުދިކުދި މައްސަލަތައް ޖެހެއެވެ. އަދި އެމައްސަލަތައް ހައްލުކުރުމުން އެ ރަނގަޅުވެގެންދެއެވެ. ނަމަވެސް ބައެއް ކޮމްޕިއުޓަރ ތަކަކީ މައްސަލަޖެހުމުން ކިތަންމެވަރަކަށް އެމައްސަލަތައް ހައްލުކުރަން އުޅުނަސް ހައްލުނުވެވި އެންމެފަހުން ބޭނުން ނުކުރެވޭ ދަރަޖައަށް  ދިއުމުން އެއްލާލަންޖެހޭ އެއްޗިއްސެވެ. އަދި އެއްލާލުމަށްފަހު އެހެން ކޮމްޕިއުޓަރެއް ހޯދައެވެ. ހަމަ މިގޮތަށް ކާވެނީގައިވެސް ދެމީހުންނަކީ ނުދަންނަ ދުރުހިލޭ ދެމީހުންނެވެ. ނަމަވެސް ކައިވެނި ކުރުމަށްފަހު ދެމީހުން އެކަކު އަނެކަކަށް ރަނގަޅަށް ދަސްވުމަށްފަހު އެކަކު އަނެކަކާ ނުލާ ނޫޅެވޭ ހިސާބަށް ދެއެވެ. ނަމަވެސް ދެމީހުންގެ މެދުގައި ކުދިކުދި މައްސަލަތައް ޖެހެއެވެ. އަދި ދެމީހުން އެކުގައި މައްސަލަތއް ހައްލުކުރަންއުޅުމުން އެކަން ހައްލުވެގެންދެއެވެ. މިއާ ޚިލާފަށް ބައެއްފަހަރު ޖެހޭ މައްސަލަތައކަކީ ކިތަންމެ ވަރަކަށް  ހައްލުކުރަންއުޅުނަސް ހައްލުނުކުރެވޭ މައްސަލަތަކެވެ. އެހެންކަމުން އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ވަރިކުރަން ޖެހެއެވެ. އެއަށްފަހު ދެމީހުންވެސް އާ ބައިވެރިޔަކު ހޯދައެވެ.

އިސްލާމީ ޝަރީޢަތުގައި ވަރި ހުއްދަވުން

ވަރި ހުއްދަވެފައިވާކަން އެނގެނީ އަންނަނިވި އާޔަތުންނެވެ. މާތް ﷲ ސޫރަތުލް ބަގަރާގެ 299 ވަނަ އާޔަތުގައި ވަހީކުރައްވާފައިވަނީ:[3]މާނައީ: “ވަރި ކުޅައުންވަނީ ދެފަހަރުއެވެ. ދެން އެކަނބަލުން ހެޔޮ ރަނގަޅު ގޮތުގައި، ބައިތިއްބާށެވެ! ނުވަތަ، ހެޔޮ ރަނގަޅު ގޮތުގައި ދިޔަދޭށެވެ.” މިއާޔަތުން ވަރިއަކީ ޝަރުޢުކުރަށްވާފައިވާ އެއްޗެއްކަމަށާއި އަދިވަރި ކުރަންވީ ގޮތް ބަޔާންވެގެން ހިނގައްޖެއެވެ. ވަރިކުރަންވީ ހެޔޮރަނގަޅު ގޮތުގައެވެ. އެއްވެސް ހާލެއްގައި އޭގެ ސަބަބުން ގެއްލުންވާ ގޮތަކަށް ނޫނެވެ. އާއިލާއާބެހޭ ޤާނޫނުގައި ވަރިކުރުމުގެ އިޙްތިޔާރު ހަނިކުރެވިފައިވަނީ، ވަރި ހުއްދަކުރެވިފައިވާގޮތާއި ޚިލާފަށް ވަރި ކުރަމުންދާތީއެވެ. އަދި މުޅި މުޖުތަމައުގެ މަސްލަޙަތާއި އާއިލާގެ މަސްލަހަތާއި އަމިއްލަފަރުދުންގެ މަސްލަޙަތު ރައްކާތެރިކުރުމަށެވެ. ރަސޫލާصلىاللهعليهوسلمމިމަތިވެރި ޙަޤީޤަތް ހާމަކުރައްވާ ޙަދީޘްކުރައްވާފައިވެއެވެ.لايفركمؤمنمؤمنةإنكرهمنهاخلقارضيمنهاآخر[4]މާނައަކީ: “މުއުމިނު ފިރިހެނަކު މުއުމިން އަންހެނަކާ މެދު ނުރުހުންތެރި ނުވާހުށިކަމެވެ!(އެބަހީ: ފިރިއަކު އަތްބަކަށް ނުރުހުންތެރި ނުވާހުށިކަމެވެ.) އެކަނބުލޭގެ ކިބައިން ފެނުނުކަމަކަށް އޭނާ ނުރުހުންވިޔަސް އޭނާ ރުހޭ އެހެންކަމެއް އެކަނބުލޭގެ ކިބައިން އޭނާ ދެކޭހުއްޓެވެ!”

ވަރިއަކީ ސުންނަތުންވެސް ސާބިތުވާކަމެކެވެ. ރަސޫލާ صلىاللهعليهوسلمޙަދީޘްކުރައްވާފައިވެއެވެ. (أبغضالحلالإلىاللهتعالىالطلاق)[5]މާނައީ “ހުއްދަ ކަންތައްތަކުގެ ތެރެއިން ﷲ އެންމެބޮޑަށް ރުހިވޮޑިނުގަންނަވާ ކަމަކީ، ވަރިކުރުމެވެ.” ވަރީގައި ހުރި ނުރަނގަޅުކަމާއި ސީރިއަސްކަން މިޙަދީޘުން އެނގިގެންދެއެވެ. ހަމައެއްވެސް ކަމަކާނުލާ ކުޅިވަރުވަރަށް ކަންތައްތައް ކުރާއުސޫލުން ވަރިނުކުރެވޭނެކަން މިޙަދީޘުން ދަލީލުކޮށްދެއެވެ.

އެހެންކަމުން އިސްލާމްދީނުގައި ދެމަފިރިއަކު ވަރިވުމާއި ހަމައަށް ދިޔުމުގެ ކުރިން ކުރުމަށް ކަޑެއެޅިފައިހުރި ކަންތައްތަކެއްވެއެވެ. އެގޮތުން ދެމަފިރީންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމުގެ ބައެއްގޮތްތަށް އިސްލާމްދީނުގައި އެކަށް އަޅުއްވާފައިވެއެވެ. އެއީ ނަޞޭޙަތްތެރިވުމާއި، ހެވާއި ނުބައި ވިސްނައި ދިނުމާއި، އިޞްލާޙް ކުރުމުގެ ނިޔަތުގައި، އަދި ޢިބްރަތް ލިބިދިނުމުގެ ބޭނުގައި ދެމީހުން ދުރުގައި ތިބެލުމުން އެކަކު އަނެކެއްގެ ބޭނުން ތެރިކަމުގެ މުހިންމުކަން ތަޖުރިބާކޮށްލުމުގެ ގޮތުން ދެމީހުން ދެތަންމަތީގައި ނިދާލުމާއި، ދެފަރާތުގެ ޢާއިލާގެ މީހުން އެދެމެދަށްވަދެ ޞުލްޙަކުރުމުގެ ގޮތުން ދެމަފިރީންނަށް ނަޞޭޙަތްތެރިވުމާއި، ދެމަފިރީންގެ ފަރާތުން ކަޑައެޅޭ ދެ ނިޔާވެރީންގެ އެހީތެރިކަން ހޯދުންފަދަ ކަންތައްތައް ހިމެނެއެވެ. މާތް ﷲ ސޫރަތުލް ނިސާގެ 128 ގައި ވަޙީ ކުރައްވާފައިވެއެވެ . އެ އާޔަތުގެ މަނައަކީ

“ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަނުދައްކާ ހުރެދާނެކަމަށް އަންހެނަކަށް ބިރުހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާ މެދު، އެދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެ ގާތުން ކުރަންޖެހޭ ހޭދަޔަކާ މެދު، އަދި ތިމާއަށް ލިބެންވީ ލިބުމާ މެދު)ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި ތިޔަބައިމީހުން އިޙްސާންތެރިވެ އަދި ތަޤްވާވެރިވާނަމަ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ކަންތައްކުރާ ގޮތް މޮޅަށް ދެނެވޯޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.”

ނުނިމޭ

[1]الدكتور عبد الستار عبد الرحمن, الأحوال الشخصية(ރާއްޖެ: 2011) ޞ:16

الفقهالمنهجيعليمذهبالإمامالشافعيرحمهاللهتعالى، الجزءالرابع – الأحوالالشخصية  (أحكامالأسرة)، ص: 119 ،[2]

އަދި އިސްލާމީ ފިޤްހު 1، ޞަފްޙާ: 66

[3]سورةالبقرة: 229

[4]رواه البخاري (މައުލޫމާތު: އައްޒުހައިލީ: އަލްފިޤްހުލް އިސްލާމީ..، ވ:7، ޞ:359.)

[5]رواهأبوداودوابنماجه

What's your reaction?

Excited
0

You may also like

Leave a reply

Your email address will not be published. Required fields are marked *