އަޤީދާ

ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދޭ

އައްޝައިޚް މުޙައްމަދު އިބްރާހިމް، ޅ.ނައިފަރު
މާތްﷲ ވަހީކުރައްވާފައިވެއެވެ.
“الَّذِينَ آَمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ” (الأنعام: 82)
މާނައީ: “އީމާންވެ، އެބައިމީހުންގެ ޢަމަލުތައް އަނިޔާއަކާއި، (އެބަހީ ޝިރުކަކާއި) މަސްހުނި ނުކުރިމީހުން ދަންނައެވެ. އެބައިމީހުންނަކީ އެއީ އަމާންކަން ލިބިގެންވާ މީހުންނެވެ. އަދި ހިދާޔަތް ލިބިގެންވާ މީހުންނަކީވެސް އެބައިމީހުންނެވެ.”
އަދި މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނު ޞާމިތުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ.
“مَنْ شَهِدَ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّ عِيسَى عَبْدُ اللهِ وَرَسُوْلُهُ، وَكَلِمَتُهُ أَلقْاَهَا إِلَى مَرْيَمَ وَرُوحٌ مِنْهُ، وَالجَنَّةَ حَقٌّ، وَالنَّارَ حَقٌّ، أَدْخَلَهُ اللهُ الجَنَّةَ عَلى مَا كَان مِنَ العَمَلِ”. (صحيح البخاري و صحيح مسلم)
މާނައީ: “މާތް ﷲ މެނުވީ އަޅުކަން ވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާ ކަމަށާއި، އެކަލާނގެ އެއްކައުވަންތަކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި، ރަސޫލާކަމަށް، އަދި ހަމަކަށަވަރުން ޢީސާގެފާނީ އެކަލާނގެ އަޅާކަމަށާއި، ރަސޫލަކުކަމަށް އަދި މަރްޔަމްގެފާނުގެ ހަށިކޮޅުގައި އެކަލާނގެ ލެއްވި ” كُنْ ” “ވާށޭ” މި ކަލިމަފުޅުގެ ނަތީޖާކަމަށާއި އެކަލާނގެ ހެއްދެވި ފުރާނަތަކުގެ ތެރެއިން ފުރާނައެއްކަމަށ،ް އަދި ސުވަރުގެއަކީ ޙައްޤުވެގެންވާ ތަނެއްކަމަށާއި، ނަރަކައަކީ ޙައްޤުވެގެންވާ ތަނެއްކަމަށް ހެކިވެއްޖެމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާ ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް ސުވަރުގެ ވައްދަވާނެއެވެ. “އަދިވެސް ބުޚާރީއާއި މުސްލިމުގައި މާތްﷲ ރުއްސުންލެއްވި ޢިތުބާނު ބުނު މާލިކުގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅުގައިވަނީ:
“فَإِنَّ اللهَ حَرَّمَ عَلَى النَّارِ مَنْ قَالَ: لاَ إِلَهَ إِلاَّ اللهُ, يَبْتَغِي بِذَلِكَ وَجْهَ اللهِ”
މާނައީ: “ހަމަކަށަވަރުން ﷲ ގެ ވަޖުހުފުޅަށްޓަކައި لاَ إِلَهَ إِلاَّ اللهُ ކިޔައިފިމީހާ ދަންނައެވެ. ފަހެ މާތްﷲ އެފަދަމީހާ ނަރަކައަށް ޙަރާމްކުރައްވައިފިއެވެ.” (1)

އަދި މާތްﷲ ރުއްސުންލެއްވި أبو سعيد الخدري ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ.
“قَالَ مُوسَى عَلَيْهِ السَّلاَم: يَارَبِّ! عَلِّمْنِي شَيْئاً أَذْكُرُكَ وَأَدْعُوكَ بِهِ. قَالَ: قُلْ يَامُوسَى! لا إِلهَ إِلا اللهُ، قَالَ: كُلُّ عِبَادِكَ يَقُولُونَ هَذَا، قَالَ: يَامُوسَى! لَوْ أَنَّ السَّمَاوَاتِ السَّبْعَ وَعَامِرَهُنَّ غَيْرِي وَالأَرَضِينَ السَّبْعَ فِي كِفَّةٍ، وَلاَ إِلَهَ إِلاَّ اللهُ فِي كِفَّةٍ، مَالَتْ بِهِنَّ لاَ إِلهَ إِلاَّ اللهُ” (رواه ابن حبان والحاكم وصحّحه)
މާނައީ: ” މޫސާ ޢަލައިހިއްސަލާމް، ﷲ ތަޢާލާގެ ޙަޟްރަތަށް ދެންނެވިއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް، އިބަރަސްކަލާނގެ ހަދުމަކުރާނެ އަދި އިބަރަސްކަލާނގެއަށް ދުޢާކުރާނެ ޛިކުރެއް އުގަންނައިދެއްވާނދޭވެ! ﷲ ތަޢާލާ ވަހީކުރެއްވިއެވެ. އޭ މޫސާއެވެ. لاَ إِلَهَ إِلاَّ اللهُ މިކަލިމަފުޅު ވިދާޅުވާށެވެ. މޫސާ ޢަލައިހިއްސަލާމް ދެންނެވިއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ﷲ ގެ އެންމެހައި އަޅުތަކުން އެ ކަލިމަފުޅު ވިދާޅުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އޭ މޫސާއެވެ. ހަތްއުޑާއި، ތިމަން ﷲ ފިޔަވައި އެ އުޑުތަކުގެ އަހުލުވެރިންނާއި، އަދި ހަތްބިން ތިލަފަތުގެ އެއްފަރާތަށް ލައިފައި لاَ إِلَهَ إِلاَّ اللهُ އަނެއްފަރާތަށް ލައިފިނަމަ لاَ إِلَهَ إِلاَّ اللهُ ފަރާތަށް ތިލަފަތް ލެނބިގެން ހިނގައިދާނެއެވެ. (އެބަހީ لاَ إِلَهَ إِلاَّ اللهُ ގެ މާނައާއި އެކަލިމަ ވާޖިބުކުރާކަންތައްތައް މިހާވެސް ފުޅާވެ ބަރުވެގެންވެއެވެ.)”

އަދި ޙަސަން ސަނަދަކުން އަލްއިމާމުއް ތިރްމިޛީ މާތްﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކުގެ ކިބައިން ރިވާކުރެއްވި ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްފުޅުކުރައްވަނިކޮށް އަހުރެން އެއްސެވީމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
” يَا ابنَ آدَمَ! لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا، ثُمَّ لَقِيْتَنِي لا تُشْرِكُ بِي شَيْئاً، لأَتَيْتُكَ بِقُرَابِهَا مَغْفِرَةً ”
މާނައީ: “އޭ އާދަމުގެ ދަރިޔާއެވެ. ތިބާ ބިންގަނޑު ފުރައި ފާފަ ހިފައިގެން ތިމަން ﷲ ގެ ޙަޟްރަތަށް އައިސް، ޝިރުކު ނުކުރާ ޙާލު ތިމަން ﷲ އާއި ބައްދަލުކޮށްފިނަމަ، އެބިންގަޑު ފުރާ ފާފަ ފުއްސެވުން ތިބާއަށް ދެއްވާ ހުށީމެވެ.”

މިބާބުގައި އެކުލެވޭ މަސްއަލަތައް:
1. ﷲ ތަޢާލާގެ ދަރުމަވަންތަކަން ތަނަވަސްވެގެންވުން.
2. ﷲ ތަޢާލާގެ ޙަޟްރަތުގައި ތައުޙީދުގެ ޘަވާބު ގިނަވެގެންވުން.
3. ޘަވާބާއި އެކުއެކީ ފާފަތަކުގެ ކައްފާރާއަކަށް ތައުޙީދުވުން.
4. ސޫރަތުލް އަންޢާމުގެ 82 ވަނަ އާޔަތުގެ ތަފްސީރު (އެބަހީ ދަލީލުތަކުން އެނގި ބަޔާންވެގެންވާގޮތުން މިއާޔަތުގައި ظُلْمُ ގެ މުރާދަކީ ޝިރުކެވެ.)
5. މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނު ޞާމިތު ރިވާކުރެއްވި ޙަދީޘްފުޅުގައިވާ ފަސް ކަންތަކަށް ފިކުރުކުރުން.
6. ހަމަކަށަވަރުން މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނު ޞާމިތު ރިވާކުރެއްވި ޙަދީޘްފުޅާއި މާތްﷲ ރުއްސުންލެއްވި ޢިތުބާނު ބުނު މާލިކު ރިވާކުރެއްވި ޙަދީޘްފުޅު ތިބާ ޖަމާކޮށްފިނަމަ لاَ إِلَهَ إِلاَّ اللهُ ކިޔުމޭ ބުނެވޭ ބަހުގެ މާނަ ތިބާއަށް ބަޔާންވެގެން ދާނެއެވެ. އަދި (ހަމައެކަނި ދުލުން ކިޔައިލުމުންވެސް ނަޖާތުގެ ޒަރީޢާ އެއްކަމަށް ފުދޭނެއޭ ބުނެ) ކެހިވެރި މަޅީގައި ޖެހިފައިތިބި މީހުންގެ އެބަސް ޞައްޙަނޫންކަންވެސް ތިބާއަށް އެނގޭނެއެވެ.
7. މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނު ޞާމިތު ރިވާކުރެއްވި ހަދީޘްފުޅުގައިވާ ޝަރުޠަށް ހުޝިޔާރުވުން (އެ ޝަރުޠަކީ ﷲ ތަޢާލާގެ ވަޖުހުފުޅަށްޓަކައި لاَ إِلَهَ إِلاَّ اللهُ ކިޔުން.)
8. ނަބީބޭކަލުންވެސް لاَ إِلَهَ إِلاَّ اللهُ ގެ މަތިވެރިކަމުގެ މައްޗަށް ހުޝިޔާރުވުމަށް ބޭނުންފުޅުވެ ވަޑައިގެންފައިވުން.
9. لاَ إِلَهَ إِلاَّ اللهُ މިކަލިމަފުޅު ހުރިހާ މަޚްލޫޤުންނަށް ވުރެ ބަރުވެގެން ވުމާއިއެކުވެސް މީސްތަކުން ކުރެ ކަލިމަ ދުލުން ކިޔައިގެން ތިބި ގިނަމީހުންގެ ތިލަފަތް ލުއިވާއިރު އެކަމަށް ވިސްނައި ހުޝިޔާރުވުން.
10. ހަތްއުޑުވާފަދައިން ހަތްބިންވެސް ވާކަން ނައްޞުން ސާބިތުވުން.
11. ހަމަކަށަވަރުން އެއުޑުތަކާއި ބިންތަކުގައި މަޚްލޫޤުން އާބާދު ވެފައިވާކަން ސާބިތުވުން.
12. އަޝްޢަރީ މަޒުހަބުގެ ބާޠިލު ޢަޤީދާއާ އިދިކޮޅަށް ﷲ ތަޢާލާ އަށް ސިފަފުޅުތައް ވާކަން ސާބިތުވުން. (2)
13. މާތްﷲ ރުއްސުންލެއްވި އަނަސް ބުން މާލިކްގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅު ތިބާ ރަގަނޅަށް ދެނެގެންފިނަމަ މާތްﷲ ރުއްސުންލެއްވި ޢުތްބާން ބުން މާލިކްގެ ކިބައިން ރިވާވެގެންވާ “فَإِنَّ اللهَ حَرَّمَ عَلَى النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللهُ يَبْتَغِي بِذَلِكَ وَجْهَ اللهِ” (މާނައީ: ” ﷲ ގެ ވަޖުހުފުޅަށްޓަކައި لاَ إِلَهَ إِلاَّ اللهُ ކިޔައިފިމީހާ ދަންނައެވެ. ފަހެ ﷲ ތަޢާލާ އެފަދަމީހާ ނަރަކައަށް ޙަރާމްކުރައްވައިފިއެވެ.”) މި ޙަދީޘްފުޅުގެ މުރާދަކީ ޝަރީކުކުރުން ދޫކޮށްލުންކަމާއި، ހަމައެކަނި ކަލިމަދުލުން ކިޔައިލުމަކުން ނަޖާތުގެ ޒަރީޢާއެއްކަމަށް ނުފުދޭނެކަން ތިބާއަށް އެނގޭނެއެވެ.
14. މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އާއި ޢީސާ ޢަލައިހިއްސަލާމް އަކީ ﷲ ތަޢާލާގެ ދެއަޅުން ކަމަށާއި، ދެރަސޫލުންކަމަށް އައިސްފައި އޮތް އޮތުމާއި މެދު ވިސްނާ ފިކުރުކުރުން.
15. (އެހެން ހުރިހާ އިންސާނުންނާއި ޚިލާފަށް) ﷲ ތަޢާލާގެ (كُنْ) ކަލިމަފުޅުން ހެއްދެވުމުގައި ޢީސާ އަލައިހިއްސަލާމް ޚާއްޞަ ވެފައިވާކަން ދެނެގަތުން.(3)
16. ޢީސާ އަލައިހިއްސަލާމް އަކީ ﷲ ތަޢާލާ ހެއްދެވި ފުރާނަތަކުގެ ތެރެއިން ފުރާނައެއްކަން ދެނެގަތުން.
17. ސުވަރުގެ ޙައްޤުވެގެންވާ ކަމަށާއި ނަރަކަ ޙައްޤުވެގެން ވާކަމުގެ މައްޗަށް އީމާންވުމުގައި ހުރިމާތްކަން.
18. މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނު ޞާމިތު ގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅުގައިވާ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ މިބަސްފުޅު “عَلَى مَا كَانَ مِنَ العَمَلِ” “އޭނާ ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް” ރަނގަޅަށް ދެނެގަތުން (އެބަހީ ޙަދީޘްގައި ބަޔާންވެގެންވާ ކަންތަކަށް ހެކިދިނުން ޙައްޤުވެގެންވާ ގޮތުގައި ހެކިދީފިނަމަ ކޮންމެ ގޮތަކަށް ޢަމަލުތައް ހުރިނަމަވެސް އެމީހަކު ސުވަރުގެ ވަންނާނެ އެވެ. މިއިން ދޭހަވީ އެއްޗަކީ ސުވަރުގެ ވަނުމަށްޓަކައި ތައުޙީދަކީ ޝަރުޠެއްކަމެވެ.)
19. ޤިޔާމަތްދުވަހުގައި މީސްތަކުންގެ ޢަމަލުތައް ކިރުމަށްޓަކައި ޤާއިމުކުރެވޭ ތިލަފަތުގައި ދެފަރާތް ވާނޭކަން ދެނެގަތުން.
20. ޙަދީޘްގައި ﷲ ތަޢާލާގެ ވަޖުހުފުޅު ސާބިތުވުމުން އެކަލާނގެ މޫނުފުޅުވާކަން ދެނެގަތުން. ނަމަވެސް “كَمَا يَلِيْقُ بِذَاتِهِ” އެކަލާނގެ ޒާތުފުޅާ އެކަށީގެންވާގޮތަށެވެ. އެހެނީ “لَيْسَ كَمِثْلِهِ شَيْءٌ” (الشورى: 11) އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް އެއްޗެއްނުވެއެވެ.)

މުތަރުޖިމުގެ ބަސްތައް
1- ބަޔާންވެގެން އެދިޔަ ޙަދީޘްފުޅުގައި ﷲ ގެ ވަޖުހުފުޅަށްޓަކައި “لاإله إلا الله” ކިޔައިފިމީހާ ނަރަކައަށް ޙަރާމްވެއްޖެއޭ އޮތުމުން ވިސްނަންވީ ﷲގެ ވަޖުހުފުޅަށްޓަކައި ކިޔޭނީ ކޮންގޮތަކަށްތޯ ބެލުމަށެވެ. އެންމެ ފުރަތަމަ ކަލިމައިގެ މާނައަށް ވިސްނާބަލަމާތޯއެވެ. އާދެ! ކަލިމައިގެ މާނައީ: ﷲ މެނުވީ އަޅުކަން ވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. ދެން ކަލިމައިގެ ވާޖިބުތަކަށް ވިސްނާ ބަލަމާތޯއެވެ. އާދެ! ކަލިމައިގެ ވާޖިބުތަކަކީީ “إِقْرَارٌ بِاللِّسَانِ” ދުލުން އިޤުރާރުވުމެވެ. “تَصْدِيْقٌ بِالجِنَانِ” ހިތުން ތެދުކޮށް ޤަބޫލުކުރުމެވެ. “عَمَلٌ بِالجَوَارِحِ” ގުނަވަންތަކުން ޢަމަލު ކުރުމެވެ. (އެބަހީ ﷲ ގެ އިލާހުވަންތަކަމަށް ހެކިދީފި ކޮންމެ ފަރުދަކަށްވެސް ވާޖިބު ވެގެންވަނީ ﷲ އެންގެވި އެންމެހައި ކަމެއްކޮށް ނަހީ ކުރެއްވި އެންމެހައި ކަމަކުން ދުރުވެގަތުމެވެ.) ދެން މިތިން ކަންތައް އެމީހެއްގެ ކިބައިގައި ފުރިހަމަ ވެއްޖެމީހާގެ ނަތީޖާއަކީ ނަރަކައަށް އެމީހަކު ޙަރާމްވެ އެމީހަކަށް ސުވަރުގެ ވާޖިބުވުމެވެ.

2- އަޝްޢަރީ މަޒުހަބުގެ މީހުން ﷲ ތަޢާލާގެ ހަތް ސިފަފުޅު ޤަބޫލުކުރެތެވެ. އަދި ބާކީ ސިފަފުޅުތައް ތައުވީލު ކުރެތެވެ. މިބައިމީހުން ޤަބޫލުކުރާ ހަތް ސިފަފުޅަކީ، ދެނެވޮޑިގެންވުމާއި، އައްސަވާ ވޮޑިގެންވުމާއި، ބައްލަވާ ވޮޑިގެންވުމާއި، ދިރިދެމި ވޮޑިގެންވުމާއި، ކުޅަދުންވަންތަވެ ވޮޑިގެންވުމާއި، އިރާދަކުރެއްވުމާއި، ކަލާމްކުރެއްވުމެވެ. މިބައިމީހުންނަށް އަޝްޢަރީންނޭ ކިޔުނީ މިބައި މީހުންގެ އިމާމު އަބުލް ޙަސަނުލް އަޝްޢަރީ އަށް ނިސްބަތްކޮށެވެ. ފަހުން މިކަލޭގެފާނު މި ބާޠިލް ޢަޤީދާއިން ތައުބާވެ، މިކަމަށް ރައްދުދީފައި “الإبَانَة” (އަލްއިބާނާ) ނަމަކަށް ކިޔާ ފޮތެއް ލިޔުއްވިއެވެ. ނަމަވެސް މި މަޒުހަބުގެ މީހުން އެބައި މީހުންގެ ގޮތެއް ދުލެއް ނުކުރިއެވެ.

3- އާދަމްގެފާނާއި އަދި ޙައްވާގެފާނު ފިޔަވައި އެންމެހައި އިންސާނުން ﷲ ތަޢާލާ ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ޒަރިއްޔާއިންނެވެ. ނަމަވެސް ޢީސާގެފާނު ﷲ ތަޢާލާ ހައްދަވާފައިވަނީ كُنْ (ވާށެވެ.) މި ކަލިމަފުޅުންނެވެ. މަރިޔަމްގެފާނުގެ ޖިސްމުފުޅުގައި އެއްވެސް ފިރިހެނަކު ބީހުމަކާ ނުލައެވެ. މިކަން ސާބިތުކުރެއްވުމަށްޓަކައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “إِنَّ مَثَلَ عِيسَى عِنْدَ اللَّهِ كَمَثَلِ آَدَمَ خَلَقَهُ مِنْ تُرَابٍ ثُمَّ قَالَ لَهُ كُنْ فَيَكُونُ” (آل عمران: 59) މާނައީ: “ހަމަކަށަވަރުން ޢީސާގެފާނުގެ މިސާލަކީ ﷲ ގެ ޙަޟްރަތުގައި އާދަމްގެފާނުގެ މިސާލެވެ. އެކަލާނގެ އާދަމުގެފާނު ވެލިން ހައްދަވައި ވަޙީކުރެއްވީ “كُنْ” ވާށެވެ. ދެން ހަމަ އެވަގުތު އާދަމްގެފާނު ޚަލްޤުވެއްޖެއެވެ.” މިތާނގައި މުޞައްނިފް ރަޙިމަހުﷲ މިނުކުތާ ބަޔާންއެކުރެއްވީ ނަޞާރާއިންގެ ޖަމާޢަތެއްގެ ޢަޤީދާއިން މީސްތަކުން ތަންބީހު ކުރުވުމަށެވެ. އެބައިމީހުން ބުނެތެވެ. “إِنَّ اللَّهَ ثَالِثُ ثَلَاثَةٍ” (المائدة: 73) ” ﷲ އީ ތިން އިލާހުން ކުރެ އެއް އިލާހެވެ.” އެބައި މީހުން ބުނާގޮތުގައި މަރްޔަމްގެފާނާއި ޢީސާގެފާނަކީ ދެ އިލާހުންނެވެ. ބައްޕައަކާއި ނުލައި ޢީސާގެފާނު ޚަލްޤުވެވުމުން އެބައިމީހުން އެދެކަލުންނަށް އުލޫހިއްޔަތުގެ ދަރަޖަދިނެވެ. އަދި ޢީސާގެފާނުގެ ނިސްބަތް ﷲ އަށް ކުރިއެވެ. “وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ” (التوبة: 30) “ނަޞާރާއިން ބުންޏެވެ. ޢީސާގެފާނަކީ ﷲގެ ދަރިކަލެކެވެ.” سُبُحَانَهُ وَتَعَالَى عَمَّا يُشْرِكًون، ﷲ ގެ ކުޅަދުން ވަންތަކަމަށް އިޤުރާރުވުމުގެ ބަދަލުގައި އެބައިމީހުން ﷲ އާ ޝިރުކު ކުރީއެވެ.
…………………………….
އައްޝައިޚް މުޙައްމަދު އިބްރާހިމް ލިޔުއްވާފައިވާ ކިތާބުއްތައުޙީދި ފޮތުން ނަގާފައި

ހެޔޮބަސް ޓީމް
އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިންނަށް ހެޔޮބަސް ފޯރުކޮށްދިނުމެވެ.

    You may also like

    އަޤީދާ

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

    މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...

    Leave a reply

    Your email address will not be published. Required fields are marked *

    More in:އަޤީދާ

    އަޤީދާ

    އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

    އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...