ޖިންސީ “ހީވާގިކަން” އިތުރު ކުރުމަށް އަންނާރު ޖޫސް!

އަންނާރުޖޫސް ބޯ މީހުންގެ ހަށިގަނޑުގައި ސެކްސް ހޯމޯން ޓެސްޓޮސްޓެރޯން ގިނައިން އުފެދޭކަމުގައި ދިރާސާއަކުން ދައްކައިފިއެވެ. ޖިންސީގޮތުން މީހާ ހީވާގިކުރުވާ އެއްޗެއްކަމުގައި ވިއަގްރާ ހިމެނިފައިވީކަމުގައި ވިއަސް ސައިންސްވެރިން މިހާރުވަނީ އިންސާނުންގެ ޖިންސީ ހޯމޯން އިތުރުކޮށްދޭ ޤުދްރަތީ ވަސީލަތެއް ހޯދާފައެވެ. އަންނާރު ޖޫހެވެ.

މި ދިރާސާކޮށްފައިވަނީ 21 އަހަރާއި 64 އަހަރުގެ 58 މީހުން (އަންހެނުންނާއި ފިރިހެނުން ހިމެނޭގޮތަށް) ބޭނުންކޮށްގެންނެވެ.

ދެ ހަފްތާގެ މުއްދަތަށް ދެމިގެންދިޔަ ދިރާސާ ނިމުނުއިރު މިބައިމީހުންގެ ޓެސްޓޮސްޓެރޯން ލެވެލް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަން ސާބިތުވެފައިވެއެވެ. އެޑިންބަރގްގެ ކުއީން މާރގްރެޓް ޔުނިވަރސިޓީގެ ޓީމަކުން ކުރި ދިރާސާއިން އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ޓެސްޓޮސްޓެރޯން ލެވެލް އާއި ލޭގެ ޕްރެޝަރު ބެލުމަށެވެ. މީގެ އިތުރުން ދިރާސާގައި ބައިވެރިވި މީހުންގެ ތަފާތު 11 ޖަޒްބާތުތަކުގެ މިންގަނޑު ވެސް ސައިންޓިފިކް ސްކޭލް ބޭނުންކޮށްގެން ވަނީ ރިކޯޑްކޮށްފައެވެ. ދިރާސާ ނިމުނުއިރު އެނގުނުގޮތުގައި އެފަރާތްތަކުގެ ޓެސްޓޮސްޓެރޯން ލެވެލް ވަނީ 16 އާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް މަތިވެފައެވެ. އަދި އެމީހުންގެ ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް ދަށްވެފައިވެއެވެ.އަދި އުފާވެރި ޖަޒްބާތުތައް އިތުރުވެ އަޑު ރީތިވެ ޖިންސީ ހީވާގިކަން އެތައް ގުނައަކަށް އިތުރުވެފައިވާކަން ދިރާސާ ނިމުނުއިރު އެގިފައިވެއެވެ.

ޓެސްޓޮސްޓެރޯން އަކީ ފިރިހެނުންގެ ހަށިގަނޑުގައި ގިނަ އަދަދަށް ހުންނަ ހޯމޯންއެކެވެ. ނަމަވެސް އަންހެނުންގެ ހަށިގަނޑުން ވެސް މި ހޯމޯން އުފައްދައެވެ. މި ހޯމޯން އުފައްދަނީ އެޑްރީނަލް ގްލޭންޑާއި އޯވަރީއިންނެވެ.މިއީ އަންހެނުންގެ ޖިންސީ އެދުންވެރިކަން އިތުރުކޮށް ކަށިތަކާއި މަސް ވަރުގަދަކުރުމަށް އެހީވެދޭ ހޯމޯންއެކެވެ. މިދިރާސާއިން އިތުރަށް އެނގުނުގޮތުގައި އަންނާރު ޖޫސް ބުއިމަކީ މީހާގެ މޫޑް ރަގަޅުކޮށް ސިކުނޑީގެ މަސައްކަތްތައް އަވަސްކޮށް ސްޓްރެސް އިން ސަލާމަތްކޮށްދޭ ކަމެކެވެ. މީގެ 18 މަސްދުވަސް ކުރިން މި ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން އެނގިފައިވާގޮތުގައި އަންނާރު ޖޫސް ބުއިމަކީ ލޭގެ ޕްރެޝަރު ދަށްކޮށް ބަނޑުގެ މަސްތައް ވިރުވާލުމަށް އެހީވެދޭ ކަމެކެވެ.

އަންނާރަކީ ވަރަށް ގިނަ ފައިދާތައް އެކުލެވިގެންވާ މީރު މޭވާއެއްވެސް މެއެވެ. އަންނާރުގައި އަޔަން، ވިޓަމިންއޭ، ސީ އަދި އީ ގިނަ އަދަދަށް ހުރެއެވެ. އަޔަންއިން ހަށިގަނޑަށް އޮކްސިޖަން ސަޕްލައިކުރުމަށް އެހީވެދެއެވެ. ވިޓަމިން އީއިން ދުވަސްވުމުން ސިކުނޑިއަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް އަލްޒައިމާ ބަލިން ރައްކާތެރިކޮށްދެއެވެ. ވިޓަމިން ސީއަކީ ދަތްތަކާއި ކަށި އަދި ހަންގަނޑަށް ފައިދާހުރި މާއްދާއެކެވެ.

އަންނާރުގައި ބާރުގަދަ އެންޓި އޮކްސިޑެންޓްތައްކަމުގައިވާ ‘ފްލޭވޮނޮއިޑް’، ‘ޓެންނިންސް’ އަދި ‘އެންތޯސައިނިންސް’ ހުރެއެވެ. ‘ފްލޭވޮނޮއިޑް އަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. އެހެން ކަމުން ކެންސަރުގެ ތަފާތު ބާވަތްތައް، ޚާއްސަކޮށް ޕްރޮސްޓޭޓް އަދި އުރަމަތީގެ ދިފާއުވުމަށް އަންނާރު އެހީތެރިވެދެއެވެ. ޓެންނިންސް އަކީ ލޭގެ ޕްރެޝަރ ދަށްކޮށް ދިފާޢީ ބާރު އިތުރުކުރާ މާއްދާއެކެވެ. އެންތޯސައިނިންސް އަކީ ލޭނާރުތައް ހިމާޔަތްކޮށް އިންފްލެމޭޝަން ކުޑަކޮށްދޭ އެއްޗެކެވެ.

އަންނާރު އޮށްތައް ބައިކޮށްދޭ ދުލިފަށްތަކަކީ، އެތެރެހަށީގެ ވަރަށްގިނަ ބަލިތަކުގެ ފަރުވާއެކެވެ. އަދި އަންނާރުގެ ބޭރުތޮށްޓަކީ ބަނޑުގެ ބަލިތަކާ، ބަނޑުހިކުމާ، ބޮޑުކަމުދިއުމުގައި ދިމާވާ މައްސަލަތަކުގެ ފަރުވާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *