ދީން

ޢީދު ނަމާދު ކުރުން ރަނގަޅީ މިސްކިތުގައިތޯ ނުވަތަ ސަހަރާގައިތޯ، އަދި މިސްކިތުގައި ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އަޅުގަނޑާ ކުރައްވަމުން ގެންދަވާ ސުވާލެކެވެ. ޢީދު ނަމާދު ޞަޙަރާއަށް ނިކުމެ ޖަމާޢަތުގައި ކުރުމާމެދު رَسُولُاللَّهِގެ އަރިހުން ސާބިތުވަނީ ކިހިނަކުންތޯއެވެ؟ އަދި ދީނުގައި ރަނގަޅީ އެގޮތް ކަމަށް ބައެއްފަރާތުން ދެކޭތީ އެމައްސަލައާމެދު ދީނުގައި އޮންނަނީ ކިހިނެއްކަމާއި ޢިލްމުވެރިން ރައުޔަކީ ކޮބައިބާއެވެ؟ އޭގެ ޖަވާބުގައި ދަންނަވަމެވެ.

الْحَمْدُ لِلَّهِ وَكَفَى وَصَلَّى اللَّهُ عَلَى النَّبِيِّ الْمُصْطَفَى . أَمَّا بَعْدُ !

 

ޢީދު ނަމާދަކީ ސުއްނަތް ނަމާދެކެވެ. އެއީ ފިޠުރު ޢީދާއި އަޟުޙާ ޢީދެވެ. މިޢީދަކީ ޖަމާޢަތުގައްޔާއި އެކަހެރިކޮށްވެސް ކުރެވޭ ނަމާދެކެވެ. ނަމާދު އެޅިއްޖެނަަމަ ޤަޟާ ކުރުމީވެސް ސުއްނަތްވެގެންވާ ކަމެކެވެ. ޖަމާޢަތުގައި ކުރާނަމަ ޢީދު ނަމާދު ފަހުން ޚުޠުބާ ދިނުމީ ސުއްނަތެކެވެ. ބައެއް ތާބިޢީ ބޭކަލުން، އަޞްޙާބު ބޭކަލުންގެ ދުވަސްވަރު ޢީދު ކުރިންވެސް ޚުޠުބާ ދެއްވާފައި ވާކަަން ޞައްޙަ ރިވާޔަތްތަކުން ސާބިތުވާން އެބަހުއްޓެވެ. އެއީ ޢީދު ފަހުން ޚުޠުބާ ދެވޭއިރު އަޑުއަހަން މީހުން ނުތިބޭތީ ކަމުގައި ވެއެވެ.

 

ޢީދު ނަމާދު ކުރުމަކީ ކުރިންވެސް ނަންގެނު ފަދައިން ޖަމާޢަތުގައްޔާއި އެކަހެރިކޮށް ކުރެވޭ ނަމާދެކެވެ. ޤަޟާކުރުމީވެސް ސުއްނަތެކެވެ. ފިރިހެނުންނަށާއި އަންހެނުންނަށާއި ކުޑަކުދިންނަށާއި މުސްކުޅިންނަށެވެ. މިސްކިތުގައްޔާއި ހުސް މައިދާނުގައްޔާއި ގޭގައިވެސް މިނަމާދު ކުރުމީ ހުއްދަ ކަމެކެވެ. މިއީ ދީނުގެ އެންމެހާ ޢިލްމުރިން އެއްބަސްވެ ވަޑައިގަންނަވާ މައްސަލައެކެވެ. އިމާމު ބުޚާރީ އެކަލޭގެފާނުންގެ ޞަޙީޙުގައި ބާބު ގެންނަވައި އަންނަނިވި ޙަދީޘު ރިވާކުރަށްވާފައި ވެއެވެ. بَاب إِذَا فَاتَهُ الْعِيدُ يُصَلِّي رَكْعَتَيْنِ وَكَذَلِكَ النِّسَاءُ وَمَنْ كَانَ فِي الْبُيُوتِ وَالْقُرَى لِقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَذَا عِيدُنَا أَهْلَ الْإِسْلَامِ وَأَمَرَ أَنَسُ بْنُ مَالِكٍ مَوْلَاهُمْ ابْنَ أَبِي عُتْبَةَ بِالزَّاوِيَةِ فَجَمَعَ أَهْلَهُ وَبَنِيهِ وَصَلَّى كَصَلَاةِ أَهْلِ الْمِصْرِ وَتَكْبِيرِهِمْ وَقَالَ عِكْرِمَةُ أَهْلُ السَّوَادِ يَجْتَمِعُونَ فِي الْعِيدِ يُصَلُّونَ رَكْعَتَيْنِ كَمَا يَصْنَعُ الْإِمَامُ وَقَالَ عَطَاءٌ إِذَا فَاتَهُ الْعِيدُ صَلَّى رَكْعَتَيْنِ([1]) މާނައީ: މިއީ ތިމާއަށް ޢީދު ނަމާދުގެ ޖަމާޢަތް ނުލިބި، ޖަމާޢަތް ފާއިތު ވެއްޖެ މީހާ ކަންކުރާނެ ގޮތް ބަޔާންވެގެންވާ ބާބެވެ. އޭނާ ކުރާނީ ދެރަކްޢަތް ނަމާދެވެ. އެހެންމެ އަންހެނާއަށް ކަންކުރުން އޮތީވެސް މިގޮތަށެވެ. އަދި ގޭގައި ހުރި މީހަކު ގޭގައެވެ. ކުދި ރަށްރަށުގައި އުޅޭ މީހުން އެރަށްރަށުގައެވެ. ކީރިތި رَسُولُاللَّهِ jގެ އަރިހުން އަންނަނިވި ބަސްފުޅު ސާބިތުވާތީއެވެ. އެކަލޭގެފާނު ޙަދީޘު ކުރަށްވާފައި ވެއެވެ. “މިއީ ތިމަންމެން މުސްލިމުންގެ ޢީދެވެ.” ހަމައެހެންމެ މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނު އަކަލޭގެފާނުންގެ ޣުލާމު އިބްނު އަބީ ޢުތުބަތަށް އަންގަވައިގެން އެކަލޭގެފާނުންގެ ގެކޮޅުގައި ގޭގެ ބޭފުޅުންނާއި ޢާއިލާ އެއްކުރަށްވައިގެން އެބޭފުޅުންނާއެކު އިމާމުވެ ނަމާދު ކުރެއްވިއެވެ. އަދި ނަމާދު ކުރަށްވަނީ ޝަހަރުގައިވެސް ޢީދު ކުރާފަދައިން ތަކްބީރު ކިއުއްވައި، އެއުޞޫލާ އެއްގޮތަށެވެ. އަދި މާތް ﷲ ރަޙްމަތްލެއްވި ޢިކްރިމާ ވިދާޅުވެފައި ވަނީ ކުދި ރަށްރަށުގެ އަހުލުވެރިންނާއި ދުރު އަވަށްތަކުގެ މީހުން އެއްތަނަކަށް ޖަމާވެ ޝަހަރުގެ އިމާމާ ކުރާ ފަދައިން ޢީދު ނަމާދުގެ ދެރަކްޢަތް ކުރުމަށެވެ. އަދި މާތް ﷲ ރަޙްމަތްލެއްވި ޢަޠާވެސް ވިދާޅުވަނީ ޖަމާޢަތް ދޫވެވިއްޖެމީހާ ދެރަކްޢަތް ނަމާދު ކުރުމަށެވެ.

 

ޢީދަކީ މުސްލިމުން އުފާކުރަންވާ ދުވަސް ކަމުގައިވާތީއާއި ޢީދު ނަމާދަކީ އެއުފާ ފާޅުކުރުމަށް އޮތް ފެށުން ކަމުގައިވާތީ، އެއުފަލުގައި އެންމެހައި މުސްލިމުން ބައިވެރިވުމަކީ ސުއްނަތެކެވެ. އެކަމަށް رَسُولُاللَّهِ j ބާރު އަޅުއްވާފައިވާ ކަމެކެވެ. އެހެންކަމުން ސުއްނަތްވެގެންވަނީ ރަށުގެ އަންހެން، ފިރިހެން، ކުދިބޮޑު އެންމެން ނަމާދަށް ދިއުމެވެ. ދަތުރުވެރިންނާއި ވަޒަންވެރިން ކަމުގައިވިއަސް ވެހެވެ. ނަމާދު ނުކުރެވޭ ޙާލަތުގައި ތިބޭ އަންހެނުންވެސް ޢީދުގެ އުފަލުގައި ބައިވެރިވުމަށްޓަކައި ޢީދުކުރާތަނަށް ދިއުމާއި ތަކްބީރު ކިއުމާއި ދުޢާ ކުރުމާއި ސަލާމް ގަލާމް ކުރުމާއި އެނޫން އުފާތަކުގައި ޢީދަށްދާ މީހުންނާއެކު ބައިވެރިވުމަށް ޢީދު ކުރާ ތަނަށް ދިއުމީ ސުއްނަތް ވެގެންވާ ކަމެކެވެ. ބަޔާންވެދިޔަ އެއްވެސް ކަމަކީ ދީނުގެ ޢިލްމުވެރިން އެއިންކަމެއްގައި ޚިލާފުވެ ވަޑައިގެންފައިވާ ކަމެއްނޫނެވެ. رَسُولُاللَّهِ jގެ އަރިހުން މާތް ﷲ ރުއްސުންލެއްވި އުއްމު ޢަޠިއްޔާ ރިވާކުރަށްވާފައި ވެއެވެ. އެކަމާ ވިދާޅުވިއެވެ. عَنْ أُمِّ عَطِيَّةَ قَالَتْ أَمَرَنَا تَعْنِي النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نُخْرِجَ فِي الْعِيدَيْنِ الْعَوَاتِقَ وَذَوَاتِ الْخُدُورِ وَأَمَرَ الْحُيَّضَ أَنْ يَعْتَزِلْنَ مُصَلَّى الْمُسْلِمِينَ([2]) މާނައީ: رَسُولُاللَّهِ j ތިމަންމެންނަށް އަމުރު ކުރަށްވާފައި ވަނީ ތިމަންމެން އެންމެން ދެޢީދު ދެނަމާދަށް ނިކުތުމަށެވެ. އެއީ ބާލިޣުނުވާ ކުޑަ ކުދިންނާއި ބޮޑިމީހުންނާއި އެންމެންނެވެ. އަދި އަންގަވާފައި ވަނީ ޙައިޟުވެރިން ނަމާދު ކުރާ ތަނާ ދުރުގައި ތިބުމަށެވެ. މިއެވެ. އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى يَوْمَ الْعِيدِ رَكْعَتَيْنِ لَمْ يُصَلِّ قَبْلَهَا وَلَا بَعْدَهَا މާނައީ: رَسُولُاللَّهِ j ޢީދު ނަމާދުގައި ދެރަކްޢަތް ކުރެއްވިއެވެ. އޭގެ ކުރިއަކުންވެސް އަދި ފަހުންވެސް އިތުރު ނަމާދެއް ނުކުރަށްވައެވެ. މިއެވެ.

 

ޢީދު ނަމާދު ކުރެވޭ ތަނަށް ބަލާއިރު رَسُولُاللَّهِ j ގެ ދުވަސްވަރުގައްޔާއި އެނޫން ދުވަސްވަރުގައި މަދީނާގައި ޢީދު ކުރެވެމުން އައީ ހުސް މައިދާނެއްގައެވެ. ނަމަވެސް މައްކާގައި ނަމާދު ކުރެވެމުން އައީ މަސްޖިދުލް ޙަރާމުގައެވެ. މައްކާގައި މައްކާގެ އަހުލުވެރިން މިގޮތަށް ޙަރަމްފުޅުގައި ޢީދު ނަމާދު ކުރަމުން އައީއަކީ رَسُولُاللَّهِ j އެކަމަށް އިރްޝާދު ދެއްވާފައި އޮވެގެން ކަމަކަށް ސާބިތުވާ ކަށެއްވެސް ނެތެވެ. މިއީ މައްކާއާއި މަދީނާގައި ކަންތައް ވަމުން އައި ގޮތެވެ. އާދެ، މަދީނާގައި ހުސް މައިދާނުގައެވެ. އަދި މައްކާގައި ހަރަމްފުޅުގައެވެ. ނަމަވެސް ވިއްސާރަ ވުމުން رَسُولُاللَّهِ j ގެ ދުވަސްވަރު މަސްޖިދުއްނަބަވީގައި ކީރިތި ރަސޫލާ ޢީދު ނަމާދު ކުރެއްވި ކަމުގައި ރިވާޔަތްތަކުން ފެންނާން އޮތުމުން ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވަނީ ޢުޛުރެއް ދިމާވެއްޖެނަމަ ޢީދުކުރުން އައުލާވެގެންވަނީ މިސްކިތުގައި ކަމަށެވެ. ހަމައެހެންމެ ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުން ނަމާދުކުރުން ހުއްދަވާ ކޮންމެ ތަނެއްގައި ޢީދު ނަމާދުކުރުމީ ހުއްދަވެގެންވާ ކަމެކެވެ. އަދި ހުސް މައިދާނުގައި ކީރިތި ރަސޫލާއާއި ހަތަރު ޚަލީފާއިން ޢީދު ޚުޠުބާ ދެއްވީ މެންބަރު ކޮޅެއް ބޭނުން ކުރަށްވައިގެނެއްވެސް ނޫނެވެ. ބިންމަތީ ކޮއްޅަށް ތިއްބަވައިގެންނެވެ. މިގޮތަށް ކަންތައް ވަމުން އަންނަނިކޮށް އެންމެފުރަތަމަ މައިދާނުގައި ޚުޠުބާ ދެއްވުމަށް މެންބަރެއް ބޭނުންކުރެއްވީ އަޞްޙާބު ބޭކަލުންގެ ދުވަސްވަރު މަދީނާގެ ގަވަރުނަރަކަށް ހުންނެވި މަރުވާން އިބްނުލް ޙަކަމެވެ. މިއީވެސް ދީނުގެ މަޝްހޫރު ދަންނަބޭކަލެކެވެ.

 

ޢީދު ނަމާދު ކުރުމުގައި މަތީގައި ބަޔާންވެދިޔަ ދެމަޤާމު އޮތްއިރު އެކަމުގައި ސަބަބާއި ޢިއްލަތާއި މެދު ދީނުގެ އިލްމުވެރިންގެ މެދުގައި ވަނީ ރައުޔު ތަފާތު ވެފައެވެ. އިމާމު އަބޫ ޙަނީފާއާއި ޙަނަފީ މަޛްހަބުގެ ދަންނަބޭކަލުން ވިދާޅުވަނީ އައުލާ ވެގެންވަނީ ހުސް މައިދާނުގައި ޢީދު ކުރުން ކަމަށާއި ޢުޛުރެއް ދިމާވެއްޖެ ކޮންމެ ޙާލަތެއްގައި މިސްކިތުގައި ޢީދުކުރުން އައުލާވެގެންވާ ކަމަށެވެ. އިމާމު މާލިކާއި މާލިކީ މަޛްހަބުގެ ދަންނަބޭކަލުން ވިދާޅުވަނީ ހުސް މައިދާނުގައި ޢީދު ނަމާދު ކުރުމީ މުސްތަޙައްބު ކަމެއް ކަމަށެވެ. އަދި ޢުޛުރެއް ނެތި މައްކާގައި ނޫން ތަނެއްގައި މިސްކިތުގައި އެނަމާދު ކުރުމީ މަކްރޫހަ ކަމެއް ކަމަށެވެ. އަދި މަސްޖިދުލް ޙަރާމަކީ އެންމެ މާތް ބިންކޮޅު ކަމުގައިވާތީ މައްކާގައި ޢީދުކުރުން އައުލާވެގެންވަނީ ޙަރަމްފުޅުގައި ކަމާއި ޙަރަމްފުޅު ފެންނަ ހިސާބުގައި ކަމެވެ. ހަންބަލީ މަޛްހަަބަށް ބަލާއިރު އެމަޛްހަބުގެ ދަންނަބޭކަލުން ވިދާޅުވަނީ ހުސް މައިދާނުގައި ޢީދު ނަމާދުކުރުން ސުއްނަތް ވެގެންވަނީ އެމައިދާނަކީ ޢާއްމު މީހުން ދިރިއުޅޭ ގެތަކާއި ކައިރީގައި އޮތްތަނަކަށް ވާނަމައެވެ. އެނޫން ގޮތަކަށް އެތަން ޢާއްމު މީހުން ދިރިއުޅޭ ގެތަކާއި ދުރުގައި އޮތްކަމުގައި ވާނަމަ އެފަދަ މައިދާނެއްގައި ނަމާދުކުރުން ޞައްޙަނުވާނޭ ކަމަށެވެ. އަދި އެބޭކަލުންވެސް ވިދާޅުވާ ގޮތުގައި ޢުޛުރެއްނެތި މިސްކިތުގައި ޢީދު ކުރުމީ މަކްރޫހަ ކަމެކެވެ. މައްކާ ފިޔަވައެވެ. އެހެނީ މައްކާގެ އަހުލުވެރިން ޢީދު ކުރަމުން އައީ ހަރަމްފުޅުގައެވެ. އިމާމު ޝާފިޢީއާއި ޝާފިޢީ މަޛްހަބުގެ ދަންނަބޭކަލުންގެ ރައުޔަށް ބަލާއިރު އެބޭކަލުން ވިދާޅުވަނީ އެންމެހައި ނަމާދުތަކެއް ފަދައިން ޢީދު ނަމާދުވެސް ކުރުން އައުލާވެގެންވަނީ މިސްކިތުގައެވެ. ޝަހަރުގައްޔާއި ކުދި ރަށްރަށުގައެވެ. އެހެނީ ބިން މަތީ ﷲ ލައްވާފައިވާ އެންމެ މަތިވެރި ތަނަކީ މިސްކިތް ކަމުގައިވާތީއެވެ. ނަމަވެސް ޢުޛުރެއް ދިމާވެއްޖެނަމަ ސުއްނަތް ގޮތަކީ ޞަޙަރާއެއް ނުވަތަ މައިދާނެއްގައި ޢީދު ކުރުމެވެ.

ސަޢޫދީ ޢަރަބިޔާގެ މިޒަމާނުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޝައިޚު ޢުޘައިމީން މިފަދައިން ވިދާޅުވެފައި ވެއެވެ. މިއީ ޙަންބަލީ މަޛްހަބުގެ ޝައިޚެކެވެ. “ޙަޤީޤަތުގައި ޢީދު ނަމާދު ކުރުމުގައި ސުއްނަތް ގޮތަކީ މައިދާނުގައި ނަމާދު ކުރުމެވެ. އެހެނީ ޢީދު ކުރަށްވާ އުޅުއްވީ މައިދާނުގައެެވެ. އެހެންނާ އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ނަމާދު ކުރުމަކީ އެއްހާސް ސަވާބު ލިބޭ ކަމެއް ކަމުގައި އަންގަވާފައެވެ. ކަން އެހެން އޮތް އިރުވެސް އެކަލޭގެފާނު ޢީދު ކުރެއްވުމުގައި އެކަލޭގެފާނުގެ މިސްކިތް ކޮޅު ދޫކުރަށްވާފައެވެ. އެހެންކަމުން އަހަންނަށް ބުނެވޭނީ ސުއްނަތް ގޮތަކީ ޢީދުނަމާދު މައިދާނަކަށް ނިކުމެ ކުރުން ކަމުގައެވެ. އެއީ ދީނު މިޝިޢާރު ބޮޑަށް ފާޅު ކުރެއްވުމުގެ ގޮތުންނެވެ. ރަށް ބޮޑުވި ކަމުގައި ވިއަސް މީގައި އޮތް މޮޅު ގޮތަކީ ޞަޙަރާއަށް ނިކުމެ ޢީދު ކުރުމެވެ. ނަމަވެސް ޞަޙަރާއަށް ނުގޮސް މިސްކިތުގައި ޢީދު ކުރުމަކުންވެސް މައްސަލައެއް ނެތެވެ. މިހެނީ ޢީދު ނަމާދު ޞަޙަރާގައި ކުރުން އޮންނަނީއަކީ ވާޖިބެއްގެ ގޮތުގައެއް ނޫނެވެ. މުސްތަޙައްބު ކަމެއްގެ ގޮތުގައެވެ.” މިއެވެ.

 

މިގެނެވުނީ ދީނުގެ ޢިލްމުވެރިން ޢީދު ނަމާދު ކުރަންވާ ތަނަކީ ކޮބައިކަން ބަޔާން ކުރަށްވާފައިވާ ގޮތާއި އެކަމުގައި އެބޭކަލުންގެ ރައުޔެވެ. ޚުލާޞާއަކީ ދީނުގެ ޢިލްމުވެރިން އެންމެން އެއްބަސްވެ ވަޑައިގަންނަވާ ގޮތުން ނަމާދުކުރުން ހުއްދަ ކޮންމެ ތަނެއްގައި ޢީދު ކުރެވިދާނެއެވެ. އިޚްތިލާފު ވެފައިވަނީ އައުލާ ވެގެންވާ ތަނަކީ ކޮބައިކަމާ މެދުއެވެ. ތިން އިމާމުން ވިދާޅުވަނީ މިސްކިތަށްވުރެން އައުލާކަން ބޮޑީ މައިދާނެވެ. އެއީ ޚުޠުބާ ދިނުމަށް މިންބަރެއް ބޭނުންކުރުމަކާ ނުލައެވެ. ޝާފިޢީ މަޛްހަބުގައި އައުލާކަން ބޮޑީ މިސްކިތެވެ. އެއީ މިސްކިތަކީ އެންމެ މާތް ބިންކޮޅު ކަމުގައި ވާތީއެވެ.

 

އަލްއިމާމު އައްޝާފިޢީ އެކަލޭގެފާނުންގެ މަޝްހޫރު ފޮތް ކަމުގައިވާ އަލް އުއްމުގައި ވިދާޅުވެފައި ވެއެވެ. ” ތިމަން ކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންފައިވާ ގޮތުން رَسُولُاللَّهِ j އާއި އެކަލޭގެފާނަށް ފަހުގެ ބޭކަލުން، މައްކާގެ އަހުލުވެރިން ފިޔަވައި ޢީދު ކުރަށްވާފައިވަނީ މައިދާނަށް ނިކުމެ ވަޑައިގެންނެވެ. އަދި އައްސަފުއްޞާލިޙުންގެ އެއްވެސް ބަޔަކު މައްކާގައި ޙަރަމްފުޅުގައި ނޫނީ ޢީދު ކުރެއްވި ކަމަކަށް ތިމެން ކަލޭގެފާނަށް އެނގިވަޑައިގެންފައެއް ނެތެވެ. މިއެވެ. ދެން އެއަށްފަހު އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. މިއިން ތިމެން ކަލޭގެފާނަށް ވިސްނި ވަޑައިގަންނަވަނީ އަލްމަސްޖިދުލް ޙަރާމަކީ ކާއިނާތުގައި ހުރި އެންމެ މަތިވެރި ތަން ކަމުގައިވާތީ އެބޭކަލުން އެތާގައިނޫނީ ނަމާދު ކުރަށްވަން ބޭނުންފުޅު ނުވަނީ ކަމަށެވެ. އަދި މައްކާގެ ބިމުގައި ޙަރަމްފުޅު ކައިރީ، އެބައިމީހުންނަށް އެފަދަ އެއްވުމަކަށް، އަދި ނަމާދުކުރުމަށް އެނޫންތަނެއް ލިބިވަޑައި ނުގަންނަވަނީ ކަމަށެވެ. އަދި ތިމަން ކަލޭގެފާނަށް ވިސްނި ވަޑައިގަންނަވާ ގޮތުން މިގޮތަށް މައްކާގައި، އެމީހުންގެ ގެތަކާ ކައިރީގައި، ޢީދު ނަމާދާއި އިސްތިސްޤާ ނަމާދު ފަދަ ނަމާދުތައް ކުރުމަށް ޙަރަމްފުޅު ފިޔަވައި އެހެން ތަނަވަސް ޖާގައެއް ލިބޭން ނެތީ ކަމަށެވެ. އެހެންކަމުން ރަށެއް ބިނާކުރެވި އެރަށުގެ އަހުލުވެރިން މިގޮތަށްއެއްވެ ޖަމާވެވޭ ވަރުގެ ބޮޑު މިސްކިތެއް އެޅިއްޖެ ކަމުގައިވާނަމަ ތިމަން ކަލޭގެފާނު ދެކެވަޑައިގަންނަވަނީ، އައުލާގޮތަކީ އެމިސްކިތުގައި ޢީދު ކުރުން އައުލާ ކަމަށެވެ. އަދި މިސްކިތް ކުޑަވެފައި ތަނަވަސްކަމެއް ނެތްނަމަ މޮޅު ގޮތަކީ ގެތަކާ ކައިރި މައިދާނެއްގައި ޢީދު ކުރުމެވެ. އަދި މިގޮތަށް ތަނަވަސްކަމެއް ނެތް މިސްކިތުގައި ޢީދު ކުރުމަކީ ތިމެން ކަލޭގެފާނު ދެކެވަޑައިގަންނަވާގޮތުން މަކްރޫހަ ކަމެކެވެ. އަދިވެސް އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ވިއްސާރަ ވުމާއި އެނޫންވެސް ޢުޛަރަކާހުރެ މައިދާނުގައި ނަމާދު ކުރުން ދަތިވެއްޖެނަމަ އޮތްގޮތަކީ މިސްކިތުގައި ޢީދު ކުރުމެވެ. އެޙާލަތުގައި މައިދާނަށް ނިކުމެގެން ނުވާނެއެވެ. އެހެނީ ތިމަން ކަލޭގެފާނަށް ރިވާޔަތް ލިބިވަޑައިގެންފައިވާ ގޮތުން މާތް ﷲ ރުއްސުންލެއްވި އަބާން އިބްނު ޢުޘްމާން، ވިއްސާރަަޔާހުރެ، މީސްތަކުންނާއެކު އިމާމުވެ ޢީދު ނަމާދު ކުރެއްވީ މަސްޖިދުއްނަބަވީގައެވެ. ހަމައެހެންމެ ޞައްޙަ މަގުން ތިމަން ކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންފައިވާ ގޮތުގައި ޢުމަރު އިބްނުލް ޚައްޠާބުގެ ދުވަސްވަރު އެކަލޭގެފާނުވެސް ވިއްސާރައާހުރެ ފިޠުރު ޢީދު މަސްޖިދުއްނަބަވީގައި އިމާމުވެ ކުރަށްވާފައި ވެއެވެ.”

 

މަތީގައި ބަޔާން މިކުރެވުނީ އިމާމު ޝާފިޢީގެ ބަސްފުޅުތަކާއި އެހެން ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. ޝައްކެއްނެތި ކީރިތި رَسُولُاللَّهِ j ޢީދު ނަމާދު ކުރަށްވާފައި ވަނީ މަސްޖިދުއްނަބަވީގައެވެ. އަދި ޢުޛުރެއް ދިމާނުވާ ޙާލު ހަތަރު ޚަލީފާއިން ޢީދު ކުރެއްވީ މަސްޖިދުއްނަބަވީގައެވެ. މީގެ ސަބަބަކީ ޢީދު ނަމާދަކީ ރަށުގެ އެންމެން ބައިވެރިވާން އޮންނަ ނަމާދަކަށް ވެފައި އަދި މަދީނާގެ ކައިރި ރަށްތަކާއި އަވަށްތަކުންވެސް އެދުވަހު ކީރިތި ރަސޫލާގެ ފަހަތްޕުޅުގައްޔާއި ޚަލީފާވެރިންގެ ފަހަތްޕުޅުގައި ޢީދު ނަމާދު ކުރަން ބޭނުންވާތީއާއި އެމީހުންވެސް ނަމާދަށް ޙާޟިރުވާތީއާއި މަސްޖިދުއްނަބަވީގައި އެފަދަ ތަނަވަސްކަމެއް އެދުވަސްވަރު ނެތުމާއެކު އެކަން އެގޮތަށް ކުރަށްވަމުން އައީއެވެ. އަދި މައްކާގައި މިހާރުވެސް ޢީދުކޮށް އުޅެނީ ޙަރަމްފުޅުގައެވެ. ނަމަވެސް ޢަޒީޒިއްޔާއާއި މިނާފަދަ މައްކާގެ ދުރު އަވަށްތަކުގައި ހަރަމްފުޅު ފިޔަވައި އެހެން ބޮޑެތި މިސްކިތްތަކުގައި ޢީދު ކުރެވެއެވެ. އަދި މަދީނާއަށް ބަލާއިރު މިހާރު މަދީނާގައި މަސްޖިދުއްނަބަވީ ބޮޑުވެފައި އެތައް މިލިޔަން މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ތަނަވަސްކަން އެމިސްކިތުގައި އޮތްކަމަށްޓަކައި، ހުސް މައިދާނުގައި ނަމާދު ނުކޮށް މަސްޖިދުއްނަބަވީގައި މަދީނާ މީހުން ޢީދު ކުރަމުން އަންނަތާ އެތަކެއް ޒަމާނެއް ވެއްޖެއެވެ. އެނޫނަސް ދުނިޔޭގެ ބޮޑެތި ރަށްރަށުގައި ކަންވަމުން އަންނަނީ މިގޮތުގެ މަތިންނެވެ.

 

ޙަދީޘު ޢިލްމާއި ފިޤުހުގެ ވަރަށް ބޮޑު މުޙައްޤިޤެއް ކަމުގައިވާ، އިމާމު އިބްނު ޙަޖަރު، ބުޚާރީގެ ޝަރަޙަ ފަތުޙުލްބާރީގައި މިފަދައިން ލިއުއްވާފައި ވެއެވެ. وَمُقْتَضَى هَذَا أَنَّ الْعِلَّةَ تَدُورُ عَلَى الضِّيقِ وَالسَّعَةِ، لَا لِذَاتِ الْخُرُوجِ إِلَى الصَّحْرَاءِ ، لِأَنَّ الْمَطْلُوبَ حُصُولُ عُمُومِ الِاجْتِمَاعِ ، فَإِذَا حَصَلَ فِي الْمَسْجِدِ مَعَ أَفْضَلِيَّتِهِ كَانَ أَوْلَى މާނައީ: ޢިލްމުވެރިންގެ މިބަސްފުޅުތަކުން ދޭހަވާ އެއްޗަކީ މިމައްސަލައިގެ ސަބަބާއި ޢިއްލަތް ވަނީ ތަނަވަސްކަމާއި ދަތިކަމާއި ގުޅިފައި ކަމެވެ. ހުސް މައިދާނަށް ނިކުތުމާއި ނުނިކުތުމަކާ ސީދާ ގުޅިފައި އޮތް ކަމެއް ނޫންކަމެވެ. މިހެނީ ބޭނުންވަނީ އިޖްތިމާޢީ އެއްވުން ބޭއްވޭނެ ގޮތް ފަސޭހަ ވުމެވެ. އެހެންކަމުން މިސްކިތުގެ އައުލާކަމާހުރެމެ އެފަސޭހަކަން މިސްކިތުން ލިބޭ ކަމުގައިވާނަމަ އައުލާ ގޮތަކީ މިސްކިތުގައި ޢީދު ކުރުމެވެ.

 

އެހެންކަމުން ޢީދު ނަމާދަކީ ސުއްނަތް ނަމާދަކަށް ވެފައި، އެނަމާދު ކުރުން ފަސޭހަވީ ތަނެއްގައި އެނަމާދުގެ އިންތިޒާމު ކުރުމީ އެންމެ ރަނގަޅު ގޮތެވެ. ފަސޭހައީ މިސްކިތް ނަމަ އެންމެ މޮޅު ތަނަކީ މިސްކިތެވެ. އަދި މިސްކިތުގައި ތަނަވަސްކަމާއި ފަސޭހަކަން ނެތްނަމަ، އެރަށެއްގެ އެންމެން އެތަނަކަށް ޙާޟިރުވުމުގައި ދަތިތަކެއް ދިމާވާނަމަ ރަށުގެ ވެރިންނަށް ފެންނަ ގޮތަކަށް ހުސް މައިދާނެއްގައި ނަމާދުގެ އިންތިޒާމު ކުރުމަކީ މައްސަލައެއް ނެތްކަމެއް ކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި އަޅުގަނޑު ދެކެމެވެ. އަދި އެޙާލަތުގައި މޮޅު ގޮތަކީވެސް އެއީއެވެ. ނަމަވެސް ރާއްޖޭގެ ހާމަ ބިމުގައި ނަމާދު ކުރާއިރު، ދަނެގަންނަންޖެހޭ ވަރަށް މުހިއްމު މައްސަލައެއް އެބަ އޮވެއެވެ. އެއީ ރާއްޖޭގެ ވަރަށް ގިނަ ތަންތާ ޒަމާނުއްސުރެން މީހުން ވަޅުލެވި މިނީ ކަށިތައް ހުންނަކަމަށް ޚަބަރު ލިބެމުންދާތީ އެގޮތަށް އިޚްތިޔާރު ކުރެވޭ މައިދާނެއްގައި ނުވަތަ ޞަޙަރާއެއްގައި އެފަދަ މިނީ ކަށިތަކެއް ހުރެއްޖެނަމަ ނުވަތަ ހުންނާކަމަށް ޝައްކު ކުރެވޭނަމަ އެފަދަ މައިދާނެއްގައި އެއްވެސް ނަމާދެއް ކުރުން ޞައްޙަ ނުވާނެއެވެ. މިއީ ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްފުޅުވެ ވަޑައިގަންނަވާ މައްސަލައެކެވެ. وَاللَّهُ أَعْلَمُ!


[1] މިޙަދީޘު ރިވާކުރެއްވީ އިމާމު އަޙްމަދާއި ބުޚާރީއާއި މުސްލިމާއި އަބޫދާއޫދާއި ނަސާއީއާއި އިބްނު މާޖާއެވެ.

[2] މިޙަދީޘު ރިވާކުރެއްވީ އިމާމު ބުޚާރީއާއި ތިރްމިޛީއާއި އަބޫދާއޫދާއި ނަސާއީއާއި އިބްނު މާޖާއެވެ.

You may also like

އަޤީދާ

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟

މުސްލިމުންގެ ފިރުޤާތަކުތެރޭގައި ޤާދިޔާނީ ފިރުޤާހިމެނެނީ ކީއްވެހެއްޔެވެ؟ އަދި އެމީހުންނަކީ މުސްލިމުންހެއްޔެވެ؟ މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ޤާދިޔާނިންނަކީ މުސްލިމުންގެ ފިރުޤާތަކުގެ ...
ދީން

رمضان مبارك

 އެމަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ ކެއްތެރިކަން ލިއްބައިދޭ މަހެކެވެ. އެހެނީ އެމަހަކީ އަޅުކަމުން ފުރިގެންވާ މަހެކެވެ. އެމަހުގައި މުސްލިމުން އަވަދިނެތި ...

Leave a reply

Your email address will not be published. Required fields are marked *

More in:ދީން

ދީން

ﷲ ތަޢާލާ ޙަލްޤު ތަކުންނަށް ސިއްރު ކުރައްވަވާފައިވާ ދުވަހެއް…

އާޚިރަތް ދުވަހަކީ ﷲސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންނަށް ސިއްރުކުރައްވަފައިވާ ދުވަހެކެވެ. އެކަލަނގެ ވަޙީކުރައްވާފައިވެއެވެ. {إِنَّ ٱلسَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ ...
އަޤީދާ

އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކުރާމީހުންނާއި އެބައިމީހުނަށްދޭނެ ރައްދު(1 ވަނަ ބައި)

އިސްލާމީ ޝަރީޢަތަކީ، މާތްﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރިކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ...