ކަދުރުގެ ފައިދާ

Yellow dry dates in a cup on concrete background. High quality photo

ކަދުރު(އިނގިރޭސި ބަހުން: Date)އަކީ އެތެރޭގައި ހަރުއޮށެއް އޮނަކާއި އެކު އުފެދިފައިވާ  ފޮނިމޭވާއެކެވެ.  ކަދުރު ގިނައިން ހެދެނީ ހިކިހޫނު ބިންބިމުގައެވެ. ކަދުރު އެންމެ ގިނައިން ހެދޭކަމަށް ފާހަގަ ކުރެވިފައިވަނީ މެދުއިރުމަތީގެ  ގައުމުތަކުގައެވެ. ކަދުރު ރުއް އާންމު ގޮތެއްގައި 25-15 މީޓަރާއި ދެމެދުގެ އުސްމިނަކަށް ހެދެއެވެ.

ކަދުރަކީ ކީރިތި ޤުރުޢާނާއި  މާތް ރަސޫލާ ސުންނަތުން އެނގޭގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މެވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. .ހަނގުރާމައިގެ މައިދާނުގައި އަދި އެ ނޫން މައިދާންތަކުގައިވެސް މުސްލިމުންގެ މެދުގައި މަޤުބޫލް މި މޭވާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިންވެސް ކަދުރަކީ އަރަބި ކަރައިގައި  ކެއުމަށް ބޭނުންކުރެވުނު މެވާއެކެވެ. ތާރީޙްގެ ބައެއް ފަތްފުއްތަކުން އެނގޭގޮތުގައި ކަދުރު ފުރަތަމަ ފެނިފައިވަނީ މެސޮޕޮޓޯމިއަން ސިވިލައިޒޭޝަންގެ ދުވަސްވަރު އެސަރަހައްދުންނެވެ. އެއީ މިހާރު ސައުދީއާއި އިރާގް ގުޅޭ ހިސާބެވެ.

ދުނިޔޭގައި ސިލްކް އުފެއްދުމާއި ވިޔަފާރީގައި މީގެ އެތައް އަހަރުތަކެއްކުރިން ފާހަގަކުރެވޭ ޗައިނާމީހުން ވިޔަފާރިކޮށް ދަތުރު ނިންމާލާފައި އަންނީ ކަދުރު ހިފައިގެންނެވެ. ޒަމާނަކީ ބާޓާ ސިސްޓަމަށް ވިޔަފާރި ހިންގަމުން އައި ޒަމާންކަމުން ސިލްކަށް ކަދުރު ބަދަލުކޮށް ޗައިނާއަށް ގެނެސް އުޅުނެވެ. އަދި މެދުއިރުމައްޗައް ދުނިޔޭގެ އެކިކަންކޮޅުތަކުންދާ ގިނަ ބަޔަކު އެންމެ ކުރިން ފަށައިގެންވެސް ރަމްޒީ އެއްޗެއްގެ ގޮތުގައި ކަދުރުގެންނަކަން ވަނީ ފާހަގަކުރެވިފައެވެ. ދަތުރުގެ ހަދިޔާއެއްގެ ގޮތުގައި ގައުމުގައި ތިބޭ އާއިލާއަށް ގިނަ ބަޔަކު ކަދުރުގެނެއެވެ.

ކަދުރު އާންމުކޮށް ހައްދަނީ އަރަބިދުނިޔޭގައެވެ . ދުނިޔޭގައި ކަދުރު ހައްދާ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، އީރާން، އިރާގް، މިސްރެވެ. މީގެ އިތުރަށް ޔޫރަޕްގައި އިސްލާމީ ދައުލަތްފެތުރިފައި ކުރިން އޮތް ދެ ގައުމުކަމަށްވާ އިޓަލީ، ސްޕެއިން އާއި އެމެރިކާގެ ކޮންޓިނެންޓްގައި އެމެރިކާގެ އިތުރަށް މެކްސިކޯފަދަ ގައުމުތަކުގައިވެސް ކަދުރު ހައްދާއުޅެއެވެ. މެކްސިކޯއަށް ކަދުރު ތައާރަފްކޮށްފައިވަނީ ޕޯރޗުގީޒުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ކަދުރުގެ މުޑުވަތް ގެންގޮސްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ.  ސްޕެއިންގެ އަންދަލްސް އަށް ކަދުރު ތައާރްފްކޮށްފައިވަނީ ހަލީފާ އަބްދުއްރަޙްމާންއެވެ. ޕާކިސްތާނަށް ކަދުރު ގެނެސްފައިވަނީ އެލެކްސެންޑާރ ދަ ގްރޭޓްގެ ދުވަސްވަރުއެވެ.

އެހެންނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަދުރު ހެދޭކަން ވަނީ ފާހަގަކުރެވިފައެވެ. ރާއްޖޭގައިވެސް ކަދުރު  ކަދުރު އަޅާ ދޮންވެއެވެ. މިގޮތުން ދާދިފަހުން ނ.މާފަރުގައި ކަދުރު އަޅާ ދޮންވެފައިވެއެވެ. އަދި ސ.ކޮމަންޑޫ، ބ.ކުޑަރިކިލި އަދި ކުރިން މާލޭގައިވެސް ކަދުރު ރުއް ބޮޑުވެ ކަދުރު އަޅާފައިވެއެވެ.

ސަލާމްލެއްވި އިސާގެ ފާނުގެ މައިކަނބަލުން އީސާގެ ފާނާއިގެން ރަށްކައުވެ ވަޑައިގަތުމަށް ބަނޑުގައި ރިހުމުގެ ވޭންވަރު އަޅަންފެށި ހިނދު  މާތް ﷲ އެކަމަނާއަށް ބަސްފުޅު ވަހީކުރެއްވިއެވެ. މަރިޔަމް ސޫރަތުގެ 25 ވަނަ އާޔަތުގެ މާނައީ ” ވީއިރު، ތިޔަކަދުރު ރުކުގައި ހިފާފައި، ކަމަނާއާއި ދިމާއަށް ހަލުވައިލާ ހުށިކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތަށް ކަމަނާގެ ކައިރިއަށް އެޅޭނެއެވެ”. ދެން ހަމަ އެޔާޖެހިގެން 26 ވަނަ އާޔަތުގެ މާނަގައި ވަނީ ” ދެން އެކަދުރުކައި، ތިޔައޮތް ފެންއާރުން ފެންބޮއި ހިތްހަމަޖައްސާހުށިކަމެވެ.! ދެން، ކަމަނާއަށް މީހަކު ފެނިއްޖިނަމަ ބުނާށެވެ: ” ހަމަކަށަވަރުން، އަހަރުރެން މިއިނީ، ރަޙްމާންވަންތަ މާތްރަސްކަލާންގެ ކިބައަށް ރޯދަހިފުމަށް ނަދުރުގަނެގެންނެވެ.! ވީމައި އަދު، އަހުރެން، އެއްވެސް މީހަކާއި ވާހަކަދަށްކައި އުޅޭކަށް ނެތީމެވެ”. މި ޒަމާނުގެ ސައިންސްވެސް ސާބިތުކޮށްދޭގޮތުގައި ކަދުރަކީ މާބަނޑު މީހުންނަށް ފައިދާހުރި ރަނގަޅު މޭވާއެކެވެ. ކަދުރަކީ މާބަނޑު މީހުން ކެއުމަށް ނުހަނު ރަނގަޅު ފައިދާހުރި މެވާއަކަށް ވަނީ ކީއްވެތޯއެވެ؟ ކަދުރަކީ ވިހެއުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކޮށްދީ ލޭ ހިނގުމާއި އަދި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ކަދުރަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ މޭވާއެކެވެ.

ކަދުރަކީ އިންސާނާގެ ހަށިގަނޑަށް ހާއްސަކޮށް ކުޑަކުދިންނަށް ފައިދާހުރި ކާނާއެކެވެ. ކުޑަކުދިންގެ ބަނޑު އަދި ގޮހޮރުގެ މައްސަލަތައް ރަނގަޅުކޮށްދީ ފަސޭހަކަމާއި އެކު ކާތަކެތި ހަޖަމްކުރުމަށް އެހީއަކަށްވެދެއެވެ. ކުޑަކުދިންނަށް ދިމާވާ ބޭރަށް ހިންގުމާއި ބަނޑު ހަރުވުންފަދަ ބަލިތަކަށް ހާއްސަ ފަރުވާއެއްގެ ގޮތުގައިވެސް ކަދުރު ބޭނުންކުރެވެއެވެ. މިގޮތުން ކަދުރު ޖޫސް ކިރާ އެއްކޮށްގެން ނުވަތަ މާމުޔާއި އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ. މިގޮތަށް ދުވާލަކު 3 ފަހަރު ދިނުމުން ﷲގެ އިޒުނަފުޅާއެކު އިންޝާﷲ ސިފާދެއްވާނެއެވެ.

ކަދުރަކީ ފަލަބަލި ނުވަތަ އޮބޭސިޓީއަށްވެސް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފައިދާހުރި މެވާއެކެވެ. އާންމުކޮށް އޮބޭސިޓީ ބަލި މީހުން އިތުރަށް ބަލި ބޮޑުވެގެން ދަނީ މި ބަލީގެ ސަބަބުން އާދަޔާ ހިލާފަށް ކާހިތްވުމާއި ބަނޑުހައިކަން އިހްސާސްވުމުމުގެ ސަބަބުން ކެއުމުގައި ކޮންޓްރޯލުން ނެޓި އަދި މީހާ ކަންނެތްވެ ހަރަކާތްތެރިވުން ކުޑަވުމުންނެވެ. އެހެނީ ކަދުރުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ބައި ކޮންޓްރޯލްވެ އަދި ބަނޑުހައިކަން ކުޑަކޮށްދެއެވެ. އަދި ހަށިގަނޑުގައި ބާރުޖެހި ލޭ ހިނގުން އަވަސްވެދެއެވެ. މި ބަލި ހުންނަ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީގެން ކަދުރު ކެއުމުން ހަށިގަނޑުގައި ސަރުބީ ވިރުވައިދީ ހީވާގިކަންގެނެސްދީ މި ބައްޔަށް ލުއިކަންލިބެއެވެ.

ކަދުރަކީ ހަށިގަނޑު ވިހަ މާއްދާތަކުން ސަލާމަތްކޮށް ރަށްކާތެރިކޮށްދޭ މޭވާއެކެވެ.  ހަމަ އެހެންމެ ކަދުރު ޖޫހަކީ އެކި ވައްތަރުގެ ހުމުގެ ބަލިތަކާއި ރޯގާތަކަށްވެސް ރަނގަޅު ފަރުވާއެކެވެ. ކަދުރަކީ ޖިންސީ ދުޅަހެޔޮކަންވެސް އިތުރުކޮށްދޭ މޭވާއެކެވެ. އަދި ކަދުރު ކެއެއުމުން ނުވަތަ މާމުޔާ ކިރު ކަދުރު ޖޫހާއި އެއްކޮށްގެން ބުއިމުން ހަށިގަނޑު ބާރުގަދަކޮށްދެއެވެ.

ސަހީހުލް ބުހާރީގައި އަދި މުސްލިމްގައި ބަޔާންވެފައިވާ ރަސޫލާގެ ހަދީޡް ބަސްފުޅެއްގައިވާ ގޮތުން ހެނދުނު އަޖުވާ ކަދުރުގެ 7 ކަދުރު ކައިފި މީހަކަށް އެދުވަހު ވިހައިގެ އަސަރެއް އަދި ސިހުރުގެ އަސަރެއް ނުކުރާނެއެވެ. މި ހަދީޡްގެ ނަމްބަރަކީ ބުހާރީގެ ހަދީޡް ނަމްބަރ 5327 އަދި މުސްލިމްގެ ހަދީޡް ނަމްބަރ 3814 އެވެ. އަދި މީގެ އިތުރަށް އަޖުވާ ކަދުރާ ބެހޭގޮތުން މުސްނަދު އަޙްމަދުގެ ހަދީޡް ނަމްބަރ 23592 އަދި މުސައްނަފް އިބުނު އަބީ ޝައިބާ ހަދީޡް ނަމްބަރ 2394 ގައިވެއެވެ. ހަދީޡް ނަމްބަރު ނަގާފައިވަނީ (http://www.letmeturnthetables.com/2011/07/hadith-ajwa-dates-and-science.html)އިންނެވެ. މީ 1400 އަހަރުކުރިން ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅަކަށްވާއިރު މިއަދުގެ ސައިންސްވަނީ މިކަން އިތުރަށް ސާބޮތުކޮށްދީފައެވެ. 7 ކަދުރަކީ ގާތްގަނޑަކަށް 70 ގުރާމެވެ. އޭގެން 70 މިލިގްރާމަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކާއި ހުޅުތަކާއި ކަށިގަނޑަށް ބޭނުންވާ ކެލްސިއަމްއެވެ. އަދި 35 މިލިގްރާމް އަކީ ސިކުނޑިއަށް ބޭނުންވާ ކާނާގެ ތެރޭގައިހިމެނޭ ޕޮސްޕަރަސްއެވެ. އަދި7 މިލިގްރާމް ހިމެނެނީ ހަށިގަނޑުގައި ބާރު ޖައްސާ ހަށިގަނޑު ވަރުގަދަކޮށްދޭ، ހިތުގެ ހިނގުން ރަނގަޅުކޮށްދިނުމަށް ބޭނުންވާ ބާވަތެއްކަމަށްވާ ދަނގަނޑުގެ ބައެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، ލޮނު، މިނަރަލްސްގެ ބައި ލިބެއެވެ. ކަދުރުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައެއް ހިމެނޭއިރު އޭގެތެރޭގައި އެންމެ މަތީ މިންވަރަކަށް ހިމެނެނީ ކާބޯހައިޑްރޭޓްސް އެވެ. އެއީ ހަށިގަނޑު ވަރުގަދަވެ ބާރު ޖެހުމަށް ބޭނުންވާ ބާވަތެވެ. ކަދުރުން ލިބޭ ކާބޯހައިޑްރޭޓްސްގެ މިންވަރަކީ 88ޕަސެންޓެވެ. އަދި %5.6-2.3 ޕުރޮޓީންސް ހިމެނެއެވެ. ޕްރޮޓީންސް އަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާބައެވެ. ހަށިގަނޑަށް ބޭނުންވާ ޑައިޓްރީ ފައިބަރޔާއި ވިޓަމިންސް %11.5-6.4 ހިމެނެއެވެ. އަދި %5-5.2 ގެ ފެޓް ހިމެނެއެވެ. އަދި މީގެ އިތުރަށް %5-0.2 ތެޔޮހިމެނެއެވެ.

ކަދުރަކީ ވިޓަމިން އޭ، ބީ ވަން އާއި ފުލުއޮރިން ހިމެނޭ މޭވާއެކެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ މިނަރަލްސްގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކެލްސިއަމް،  ދަގަނޑު، މެގްނީޒިއަމް، ޕޮޓޭސިއަމް، ޕޯސްފަރަސް، ސޯޑިއަމް، ޒިންކްއެވެ. އަދި އެލްމީނިއަމް، ކްލޯރައިޑް، ލެޑް އާއި ސަލްފަރ، ސެލީނިއަމްވެސް ހިމެނެއެވެ. މި މާއްދަތައް ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ކެންސަރުން ސަލާމަތްވުމަށް މަގުފަހިކޮށްދެއެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ވޮށިމަސް މިޔަރު އަދި ގުރޭޓްވައިޓް ޝާރކްއާއި ގުޅޭގޮތުން ދިވެހިންގެ ތެރޭގައި އާރާފައިވާ އޮޅުންތައް

Next Article

ޒައިނަބް

Related Posts