ބީޓްރޫޓް ޖޫސް ބުއިމަކީ ލޭގެ ޕްރެޝަރ ދަށްކޮށްދޭ ކަމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އޮސްޓްރޭލިއާގެ މެލްބޯންގައި ހުންނަ ބޭކަރ އައިޑީއައި ހާރޓް އެންޑް ޑައިބެޓީސް އިންސްޓިޓިއުޝަންގެ ޑޮކްޓަރުކުރި މި ދިރާސާއިން އެނގުނުގޮތުގައި ބީޓްރޫޓް ޖޫސް ބުއިމުން ލޭގެ ޕްރެޝަރު ހަތަރެއް ނުވަތަ ފަސް ޕޮއިންޓްވަރު އެވްރެޖްގޮތެއްގައި ދަށްވެއެވެ.
މިއީ ދާދި ކުޑަ މިންވަރެއްކަމުގައި ވިއަސް މީގެ ސަބަބުން ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުންގެ އަދަދު 10 ޕަސެންޓް ދަށްކުރެވިދާނެކަމަށްކަމަށް އިންސްޓިޓިއުޝަންގެ އެމްޑީ ބުނެއެވެ. ”ކުޑަކުޑަ މިންވަރަކުން ވެސް ނަތީޖާ ބަދަލުވެދާނެ. އަދި އާދަކޮށް ބީޓްރޫޓް ޖޫސް ބޯން ފަށައިފިނަމަ ލޭގެ ޕްރެޝަރު އިތުރަށް ދަށްވުން ވެސް އެކަށީގެންވޭ” ޑރ. ލީ ކޯލްސް ބުނެފައިވެއެވެ.
މި ދިރާސާގައި ސިއްހަތު ރަގަޅު 15 ފިރިހެނުންނާއި 15 އަންހެނުން ބައިވެރިވެފައިވެއެވެ. މި އެންމެން ވެސް 17.5 އައުންސްގެ ދިޔާ އެއްޗެއް ދިރާސާގައި ބޭނުންކުރިއިރު އޭގެ ¾ އަކީ ބީޓްރޫޓް ޖޫހެވެ. އަދި ¼ އަކީ އާފަލު ޖޫހެވެ. ލޭގެ ޕްރެޝަރު ދަށްވާންފެށީ ބީޓްރޫޓް ޖޫސް ބުއިމުގެ 6 ގަޑިއިރު ފަހުންކަމުގައި ދިރާސާކުރި ފަރާތްތަކުން ބުނެއެވެ. އަދި ޕްރެޝަރު ބޮޑަށް ދަށްވެފައިވަނީ ބީޓްރޫޓް ޖޫސް ބޭނުންކުރި ފަރާތްތަކުގެ ތެރެއިން ފިރިހެނުންގެ ކަމުގައި ވެސް ދިރާސާގައިވެއެވެ. މިގޮތުން ފިރިހެނުންގެ ލޭގެ ޕްރެޝަރުވަނީ އެވްރެޖްކޮށް 4.7 ޕޮއިންޓް ދަށްވެފައެވެ.
ބީޓްރޫޓްގައި ހިތާ ރަށްޓެހި މާއްދާތައްކަމުގައިވާ ވިޓަމިން ސީ، ވިޓަމިން ކޭ، ފައިބަރ، ހިމެނޭކަމަށް ވިއަސް ސައިންސްވެރިން ބުނާގޮތުގައި ލޭގެ ޕްރެޝަރ ދަށްވުމުގެ ޙަޤީޤީ ސަބަބަކީ ބީޓްރޫޓްގައި ނައިޓްރޭޓް ހިމެނިފައިވުމެވެ.
މި ދިރާސާ މިހާރު ވަނީ ‘ނިއުޓްރިޝަން ޖާރނަލް’ ގައި ޝާއިޢުކޮށްފައެވެ.