މާރުކޭޓުން ގަންނަ މަހުގެ ކޮލެޓީ އާ މެދު ވިސްނާލެވޭތޯ؟
މާލޭ މަސް މާރުކޭޓްގައި ވިއްކާ މަހުގެ ބޮޑު ބައި ހުންނަނީ ކެއުމަށް ބޭނުން ކުރާން ކަމުދާ ވަރަށްވުރެ މާ ބޮޑަށްވެސް ގޯސްވެފައިކަން މާރުކޭޓްގައި ތާޒާ މަސް އަދި ކާން ކަމު ނުދާ މަސް މީހުންނަށް އަންގައި ދިނުމަށް ބަހައްޓާފައިވާ ބޯޑަށް ބަލާލީމަ ޔަގީންވެއެވެ. އެހެންނަމަވެސް މިކަމާ މެދު ވިސްނާލަނީ ކިތައް މީހުންބާއެވެ. ތަންފީޒީ އިދާރާތަކުން މިކަމާ އަޅާ ނުލާތާ ފަރުދީގޮތުން އަދާކުރާން ޖެހޭ ޒިންމާ އަދާ ކުރަނީ ކިތައް މީހުންތޯއެވެ. މަހުގެ ކޮލެޓީ ދަށްވެފައިވާ ކަން އެނގިހުރެ މަސް ވިއްކާ މީހާ ވިއްކަނީއެވެ. ބޯޑްގައިވާ ލިޔުންތަކަށް ބެލުމެއްނެތި ގަންނަ މީހާ ގަންނަނީއެވެ.
ކުނިވެފައި ހުންނަ މަސް
ހަންގަނޑު- ކުރެހުންތައް މުޅިން ފަނޑުވެފައިހުރުން، ލޮނދި ހުދުކުލައިގައި ހުރުން. ލޯ- އަޑިއަށް ވަދެފައިހުރުން، ހުދު ކަޅި ކިރުކުލަޔަކަށް ބަދަލުވެފައިހުރުން، ކަޅުކަޅި އަޅި ކުލަޔަކަށް ބަދަލުވެފައިހުރުން. ކަރުގަނޑު ރީނދޫ ކުލައެއްގައިހުރުން، ކަރުގަނޑު- ލޮނދި ކިރުކުލައެއްގައި ހުރުން، މަސްގަނޑު- ހުޅުނުބު ދޫވެފައިހުރުން، ހަންގަނޑު ރޫޖެހިފައިހުރުން. ބޮޑަށް ހުތްވަސް ދުވުން،
ތާޒާކަން ކުޑަވެފައި- ހަން- ކުރެހުންތައް ފަނޑުވެ ލޮނދި ކިރުކުލަޔަކަށް އެރުން، ލޯއުފުލުމެއްނެތި ހަމައަށް ހުރުން، ކަޅު ކަޅި ފުސްކޮށްހުރުން، ކަރުގަނޑު- ރަތްކުލަ މަޑު ރަށްކުލައަކަށް ބަދަލުވެފައިހުރުން، ލޮނދި ފުސްކޮށްހުރުން، މަސްގަނޑު ކުޑަކޮށް މަޑުވެފައި ރުންކުރުގޮތް ކުޑަކޮށް ހުރުން، ހަންގަނޑުގައ ފުށްގޮތެއްހުރުމާއި އެކު އޮފު ނެތުން، ހުތް ވަސް ދުވުން،
ތާޒާ މަސް: ހަން- ހަމުގެ އޮފުކަން ނެތްނަމަވެސް މަހުގައި ކުރެހުންތައް ފާޅުކޮށްހުރުން، ލޮނދިކުޑަކޮށްހުރުން. ލޯ- ލޮލުގެ އުފުލުން ކުޑަކޮށް ތިރިވެފައިހުރުން، ހުދު ކަޅި ކުޑަކޮށް ފުސްވުން، ކަޅުކަޅި ފުސްކުލައެއްގައި ހުރުން. ކަރުގަނޑު- ރަތް ކުލަ ކުޑަކޮށް ފަނޑުވެ ކުޑަކޮށް ލޮނދި ހުރުން- ލޮނދި ސާފްކޮށް ހުރުން. މަސްގަނޑުގެ ރުންކުރު ގޮތް ކުޑަކޮށް ހުރުން، ނުބައި ވަސް ނެތުން
އެންމެ ތާޒާ މަސް:
ހަން- މަހުގައިވާ ކުރެހުންތައް ފާޅުކޮށް އެނގެން ހުރުން، ކުލަކުލަ އަރާ ގޮތްވުން، ހަންގަނޑުގެ ބޭރުގައިވާ ލޮނދި ސާފްކޮށް އަލިކޮށް ހުރުން، ލޯ- އުފުލިފައިހުރުން، ހުދުކަޅި ސާފް ބިއްލޫރިހެންވެފައި ކަޅު ކަޅި ކަޅުކުލަ ގަދަކޮށް ހުރުން، ކަރުގަނޑު ސާފް އަލި ރަތްކުލައިގައި ހުރުން، މަސްގަނޑު ވާންކޮށް، ރުންކުރުކޮށް އަދި އޮމާންކޮށް ހުރުން،
މާރުކޭޓް ތާޒާކަން ގެއްލިފައިވާ މަސް ވިއްކުމުގެ އިތުރަށް ވަރަށް ނުރައްކާ އަމަލެއް ފާހަނގަކުރެވުނެވެ. މިފަދަ ލިޔުމެއް އަޅުގަނޑު މި ލިޔުނީ އެއްވެސް ހާލެއްގައި މާރުކޭޓްގައި މަސް ވިއްކާ ފަރާތްތަކުގެ އަގުވައްޓާލުމުގެ ވިސްނުމަކު ނޫނެވެ. އަދި އެ ތަނަށް އެތައް ފަހަރަކު ގޮސް ކަން ހިނގާ ގޮތާ މެދު ވިސްނާ ބެލުމަށް ފަހު މިކަމަކީ ކޮންމެ މީހަކުވެސް ސަމާލުވާން ޖެހޭކަމެއް ކަމަށް ގަބޫލުކުރެވޭތީ ލިޔަން ގަސްތުކުރީއެވެ. އަޅުގަނޑު ފަށަމުން މި ބުނި އަމަލަކީ އޭގެ ސަބަބުން ޞިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ފަދަ އަމަލެކެވެ. ކާނާ ވިހަވުމާއި އެލާޖިކްތައް މެދުވެރިވެދާނެ ކަމެކެވެ. ކޮލެޓީ ދަށްވެފައި ހުންނަ މަސްތައް ގެނެސް މާރުކޭޓް ތެރޭގައި ޓައިލްސް މަތީ ދުވާލު އެއްކޮށް ބަހައްޓާފައި ނުވިކުމުން ހަމަ އެ މަސްތައް ގެންގޮސް ފްރީޒްކޮށް ނުވަތަ އައިސް ފޮއްޓަށް އަޅާފައި ބަހައްޓާފައި އަނެއްކާ އަނެއް ދުވަހު ނެރެއެވެ. މިގޮތަށް ބައެއް މީހުން އެއް މަސްތަކެއް 5 ދުވަސް ވަންދެން ނެރުން މަންޒަރު އަޅުގަނޑަށް ވަނީ ފެނިފައެވެ. މިކަމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި ފިނިކޮށްފައި ހުންނަ މަސް ފިނި ކެނޑުމަށް ފަހު ދެވަނަ ފަހަރަށް ފިނިކޮށްގެން ބޭނުންކުރުން އެއީ ޞިއްހީގޮތުން ތަފާތު ނުރައްކަލާ ކުރިމަތިލާ ލާން ޖެހޭ ކަމަކަށްވާއިރު މި ދެންނެވި ފަރާތްތަކުން 5 ދުވަސް ވަންދެން ފިނި ކަނޑުވާފައި ރޭގަނޑު ފިނިކޮށްގެން ގެންގުޅޭ މަހުގެ ހާލަތު ހުންނާނީ ކިހިނެތްތޯއެވެ. ހެނދުނު ބާނާ މަސް ހަވީރު ވަންދެން ވިއްކުމުގައި ރަނގަޅަށް ތަނުގެ ސާފްތާހިރުކަން ހުރި ނަމަ މާ ބޮޑު މައްސަލައެއް ނާންނާނެއެވެ. އަދި އެތާ އައިސް އަޅައިގެން ގެންގުޅޭ މަސް ވެސް ރޭގަނޑުވުމުން އައިސް ފޮއްޓައް އަޅާފައި ބަހައްޓާފައި އަނެއްދުވަހު ނެރުމުން މައްސައެއް ދިމާ ނުވެދާނެއެވެ.
ގަނޑު ފިލުވާފައި އެއްދުވަސްކުރިން ބޭނުންކުރި މަސް އަނެއް ދުވަހު އެތަނަށް ނެރެފައި ހެނދުނުން ފަށައިގެން ހަވީރާ ހަމަޔަށް އެ މަސްތައް އެތާ ހުންނައިރު އެ މަހައް ވާނެ ގޮތް އަދި އެ މަސްތަކުގެ ކޮލެޓީ ހުންނާނެ ގޮތް ހަމަ ކޮންމެ ބޭފުޅަކުވެސް ވަޒަންކުރަށްވާށެވެ. އަދި މިއީ ކަން ހިނގާ ގޮތްކަން ގަބޫލު ނުކުރެވޭ ބޭފުޅަކު ވާނަމަ މިކަން އަމިއްލަ އަށް މާރުކޭޓަށް ގޮސް ބަލާލުމުން އެނގޭނެއެވެ. އަދި އެތާ ގިނަ މީހުން މަސް ވިއްކަމުން އަންނަނީ ޞިއްހީގޮތުން ގަންނަ މީހާއަށް ވެދާނެ ގެއްލުމަކަށް ނުބަލާކަން އެނގޭނެއެވެ. ބައެއް ފަރާތްތަކުން މިފަދަ ގޮތަކަށް މަސް ވިއްކަމުން އައިނަމަވެސް ވަރަށް ރަނގަޅަށް މަސް ވިއްކާ ވަކި މީހުންނާއި ދޯނިތަކުގެ މީހުން މާރުކޭޓްގައި ހަރަކާތްތެރިވާކަން ފާހަނގަކުރެވެއެވެ.