ސޯޝަލްނެޓްވޯކްތަކާއި މެދު ވިސްނާލަމާތޯ!( 1ވަނަ ބައި)

އިންޓަރނެޓަކީ މިއަދު އެއާ ނުލައި ދިރިއުޅެން އުނދަގޫވެފައިވާ ވަޞީލަތެކެވެ. ޚާއްޞަގޮތެއްގައި ކިޔަވާކުދިންނާއި މަސައްކަތުގެ ދާއިރަތަކުގައި އުޅޭ މީހުންނަށް މިއަދު އިންޓަރނެޓަކީ ވަރަށް މުހިއްމު ވަޞީލަތަކަށްވަނީ ވެފައެވެ. މިގޮތުން ރާއްޖޭގައިވެސް މުވާޞަލާތުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ޤާއިމްކުރެވިފައިވެއެވެ. އަދި އިންޓަރނެޓް ބޭނުންކުރާ މީހުންގެ ސަމާލުކަން ހޯދުމުގައި އެންމެ ކުރީގައި އުޅޭ އެކައްޗަކީ ސޯޝަލްނެޓްވޯކްތަކެވެ. އެގޮތުން ފޭސްބުކް، ޓްވިޓަރ އަދި މިގް33 ފަދަ ސޯޝަލްނެޓްވޯކްތައް ބޭނުންކުރުމަކީ ދިރިއުޅުމުގެ ބައެއްކަމުގައި މިއަދު މިވަނީ ވެފައެވެ. އެއީ މި ޚިދުމަތުގެ ސަބަބުން ދޭދޭ މީހުންގެ މެދުގައި ގުޅުން ބަދަހިވެ ޚަބަރުތައް ފަސޭހައިން، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ މަގަކަށް މި ޚިދުމަތް ވެގެންދާތީއެވެ. އެގޮތުން ސޯޝަލްނެޓްވޯކްތަކުގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހުރިހާ ދާއިރާއަކަށްވެސް ލިބެމުންދެއެވެ. ހަމައެގޮތަށް މިފަދަ ސޯޝަލްނެޓްވޯކުތައް ނަހަމަގޮތުގައި ބޭނުންކުރާ މީހުންވެސް މަދެއްނޫނެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ގިނަބަޔަކަށް ފޯރަމުންދެއެވެ.

 ސޯޝަލް ނެޓްވޯކްސް އަކީ ކޮބާ؟

ސޯޝަލްނެޓްވޯކް އަކީ އިންޓަރނެޓް މެދުވެރިކޮށްގެން ދޭދޭ ދެމީހުން ނުވަތަ ޖަމާޢަތެއްގެ މެދުގައި މުއާސަލާތީ ގުޅުން ޤާއިމް ކުރުމަށް ބޭނުންކުރާ ވަސީލަތްތަކެކެވެ. އަދި ސޯޝަލްނެޓްވޯކް އަކީ ވަކިވަކި ފަރުންދުންގެ މެދުގައާއި، މަސައްކަތުގެ މާހައުލުތަކުގައާއި، އުނގެނުމުގެ މާހައުލުތަކުގައިވެސް ބޭނުންކުރެވިދާނެ ވަރަށް މަޝްހޫރު އޮންލައިން ސައިޓްތަކެކެވެ. އަދިމިއީ އެއްވަގުތެއްގައި އެތައް މިލިޔަން މީހުނެއް އެމީހުންގެ ޝަޚްޞިއްޔަތު ތަޢާރަފް ކުރުމަށާއި މައުލޫމާތު ހިއްސާކުރުމަށާއި، އެހެން މީހުންނާއި ގުޅުވައިދިނުމަށް  ބޭނުން ކުރެވެމުން އަންނަ ފަސޭހަ ވަސީލަތެކެވެ.(1)

ސޯޝަލް ނެޓްވޯކް އުފެދިގެން އައިގޮތް:

 ސޯޝަލްނެޓްވޯކްގެ ގްރޫޕްތައްފެށުނީ ނުވަދިހައިގެ އަހަރުތަކުގައެވެ. މިސާލަކަށް ”ކްލާސްމޭޓްސް.ކޮމް“ classmates.comއެވެ. އަދި 1995ވަނަ އަހަރު ކިޔަވާކުދިންގެ މެދުގައި ގުޅުންބަދަހި ކުރުމަށްޓަކައި ”ސިކްސްޑިގްރީސް.ކޮމް“sixdegrees.com ގެ ޚިދުމަތް ފެށުނެވެ. އަދި މި ޚިދުމަތް 1997ވަނަ އަހަރު އެއްސައިޓުން އަނެއްސައިޓަށް ގުޅުވައިލުމަށް އެމީހުން ނިންމިއެވެ. އަދި މި ސައިޓުތަކުން އަމިއްލަ ފައިލްތަކާއި ރަހުމްތްތެރިންނަށް ސިޓީފަދަ ތަކެތި ފޮނުވެއެވެ. މިކަންތައްތައް ފަހިވެގެން ދިޔުމާއެކުވެސް އެ ސައިޓްތަކުގެ ވެރިފަރާތަށް އެއްވެސް ފައިދާއެއް ނުލިބެއެވެ. އަދި ސައިޓް ބަންދު ކުރުމުގެ ކުޅަދާނަކަން ލިބިގެނެއް ނުވެއެވެ. އެއަށްފަހު އިޖްތިމާއީ ސައިޓްތަކެއް ވުޖޫދަށް އައެވެ. ނަމަވެސް މި އަހަރުގައި އެ ސައިޓްތަކަކަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.(2)

ނެޓްވޯރކްތަކަށް އެންމެ ބޮޑުކުރިއެރުމެއް ލިބިގެންދިޔައީ 1997، 2001، އަދި 2005 ގައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ  މައި ސްޕޭސްފަދަ ސައިޓްތައް އުފެދުނެވެ. އެހެންކަމުން މި ސައިޓްތައް ފާހަގަ ކުރެވިގެންދިޔައީ ސައިޓްތަކުގެ ފެށުން ކަމުގައްޔާއި، ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑެތި ސައިޓްތައްކަމުގައެވެ. ހަމަމިއާއެކު މި ދުވަސްވަރު އުފެދިގެން ދިޔަ މަޝްހޫރު ސައިޓްތަކުގެ ތެރޭގައި ފޭސްބުކް ހިމެނެއެވެ. ފޭސްބުކް އުފެދުނީ 2004ވަނަ އަހަރުއެވެ. އަދި 2007 ވަނަ އަހަރު މި ސައިޓް ތަރައްޤީވެ އިތުރަށް މި ޚިދުމަތް ފުޅާވެގެން ދިޔައެވެ. އަދި ހަމަމިއާއެކު މި ސައިޓަކީ ގިނަބައެއްގެ މަޤްބޫލުކަން ލިބިގެންދިޔަ ސައިޓެއްކަމުގައިވިއެވެ. މިއަދާ ހަމައަށް ފޭސްބުކްގެ ޚިދުމަތް ހޯދާމީހުންގެ ޢަދަދު 800 މިލިއަނަށް އަރާފައިވެއެވެ.(2)

ސޯޝަލް މީޑިޔާ ވެބްސައިޓްތަކުގައި ހޭދަކުރެވޭ ވަޤުތުތައް

ދިވެހީންގެ އާދަކާދައިގެ ތެރޭގައި ލިބޭ ހުސްވަގުތުތައް ބޭނުންކުރެވެނީ އެކުވެރީންނާއެކު ހޮޅުއަށީގައެވެ. ނުވަތަ ގާތް ތިމާގެ މީހުންގެ ގޭގެއަށް ކުރާ ޒިޔާރަތްތަކުގައި އެ ގެއެއްގެ ފެންޑާދޮށު ޖޯލިފަތީގައި ތިބެގެންނެއެވެ. ނަމަވެސް ޒަމާނަށް އައިސްފައިވާ ބަދަލާއެކު ދިވެހީންގެ ދިރިއުޅުމަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައެވެ. އަދި މީހުން ހިތްހަމަ ޖައްސާލަން ކުރާ ކަންކަމަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ. (14)

”އެގޮތުން ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެން އާންމު ދިރިއުޅުމުގައި ކަންކަން ކުރަމުން އައި ގޮތަށްވަނީ ނުހަނު ބޮޑު އިންގިލާބެއް ގެނެސްފައެވެ. މިހާރު އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ހުސްވަގުތު ހޭދަކުރަނީ ފޭސްބުކް، ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ވެބްސައިޓް ތަކުގައެވެ. އިހުގައި އަޅުގަނޑުމެން ލިބޭ ހުސްވަގުތުތަކުގައި ހިތްހަމަޖައްސާލަން ވަގުތުތަށް ކަނޑައެޅިފައިވަނީ ކޮންމެ މީހެއް ވެސް ދިރިއުޅުމަށް ކުރާ މަސައްކަތައް ބުރޫ ނާރާނެ ގޮތެއްގެ މަތިންނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ހުސްވަގުތު ހޭދަކުރުމަށް ވަކި ވަގުތެއް ކަނޑައަޅައި ހިފެހެއްޓުމަށްވަނީ ނުކުޅެދިފައިވުމެވެ. މިހެން ވާންޖެހެނީ ސޯޝަލް މީޑިއާ ވެބްސައިޓް ތަކަށް ދެވިހިފުމުގެ ސަބަބުންނެވެ. މިހެން މިކަން ވުމުގެ ސަބަބުން ރެއާއި ދުވާލެއްގެ ގިނަވަޤުތުތައް ބޭކާރު ގޮތުގައި ހޭދަކޮށްލެވެއެވެ.“(14)

ފޭސްބުކްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝެރީލް ސެންޑްބަރގް ވިދާޅުވިގޮތުގައި ”ފޭސްބުކް އާންމު ގޮތެއްގައި ބޭނުންކުރާ މީހަކު ދުވާލަކު 7 ގަޑިއިރު މި ވެބްސައިޓުގައި ހޭދަކުރެއެވެ.“(14) މިއީ ނިސްބަތުން ބަލާއިރު ދުވަހުގެ ވަރަށް ބޮޑު މިންވަރެކެވެ. މިގޮތުން ދުވާލަކު އެތައް ގަޑިއިރެއް ވެބްސައިޓްތަކުގައި ހޭދަކުރަން ޖެހުމުގެ ސަބަބުން ކުރަން އޮންނަ އެހެން ކަންކަމަށް އަސަރު ކުރާނެ ކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ސޯޝަލްނެޓްވޯކްތަކުގެ ސަބަބުން މަސައްކަތްތަކަށް ހުރަސްއެޅެމުންދާތީ ”އޮފީސްތަކުގެ ރަސްމީ ގަޑީގައި، އުފެއްދުންތެރިކަމަށް ހުރަސްއެޅޭގޮތަށް ފޭސްބްކްފަދަ ސޯޝަލް ނެޓްވޯރކްތައް ބޭނުންކުރުމަކީ މަނާ ކަމެއްކަމަށް ކަނޑައަޅުއްވައި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ޤަވާޢިދެއް އެކުލަވާލައްވާފައިވެއެވެ.“(15)

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޤާދިޔާނީން-القاديانية

Next Article

މާ ފައްކާއެތި

Related Posts