ދެރަވާ ކަމެއް މެދުވެރިވެގެން ރޯންފަށާ ކޮންމެ ފަހަރަކު ކޮންމެވެސް މީހަކު ރުއިން ހުއްޓާލަން އަބަދުވެސް ނަސޭހަތްދެއެވެ. އަދި އެހާ ގިނައިން ރޯން ނުވާނޭކަމުގައި ބުނެ ރުއިން ހުއްޓާލެވޭތޯ ކޮންމެވެސް ސިފައެއްގައި މަސައްކަތްކުރެއެވެ. ނަމަވެސް ސައިކޮލޮޖިސްޓުން ދެކޭގޮތުގައި ހިތްދަތިވާ ކޮންމެ ފަހަރަކު ރުއިމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އެހެންކަމުން ކަރުނަތައް ހިފަހައްޓަން މަސައްކަތްނުކުރާށެވެ. ހިތުގައިވާ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށްލުމަކީ ސިއްހީގޮތުން ފައިދާހުރިކަމެއް ކަމުގައި މެޑިކަލް ތަޖުރިބާކާރުން ދެކެއެވެ.
ރުއިމުގެ ސަބަބުން ލޮލުން ބޭރުވާ ކަރުނައަކީ ލޯ ސާފުކޮށްދީ ތެތްކަންމަތީ ބެހެއްޓުމަށް ލޮލުން އުފައްދާ ދިޔައެކެވެ. ކަރުނައަކީ ލޮލުގެ ކަޅި އާއި ރަވަ ތެތްކޮށް ބެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ. ރަވަ އާއި ކަޅީގެ ތެތްކަން ގެއްލިއްޖެނަމަ އެއީ ބޭސް ފަރުވާއިން ރަގަޅުކުރަންޖެހޭ ކަމެއް ވެސް މެއެވެ.
ކަރުނައަކީ ލޮލުގައި ހުންނަ ބެކްޓީރިއާއާއި ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެކެވެ. އަޅުގަނޑުމެން ދިރިއުޅޭ މާހައުލުން ލޮލަށް ނުފެންނަ ކުދިކުދި ބެކްޓީރިއާތައް ލޮލުގައި އަށަގަތުމަކީ އާންމުކަމެކެވެ. ކަރުނައިގައި ހިމެނޭ ދިޔާ އެއްޗެއްކަމަށްވާ ‘ލީސޯޒައިމް’ އަކީ 5-10 މިނެޓް ތެރޭގައި ލޮލުގައި ހުންނަ ބެކްޓީރިއާގެ 90 ޕަސެންޓް މަރާލާ އެއްޗެކެވެ.
ރުއިމުގެ ސަބަބުން މީހާގެ ހިތް ނުތަނަވަސްވުމާއި، ހާސްވުމާއި ވަރުބަލިވުން ކޮންޓްރޯލްކޮށްދެއެވެ. ރުއިމަކީ ކަސްރަތެކޭ އެއްގޮތަށް ސްޓްރެސް ކުޑަކޮށްދޭ ކަމެކެވެ. އަދި ސްޓްރެސްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ކެމިކަލްސްތައް ކަރުނައިގެ ސަބަބުން ބޭރުވެއެވެ. ނުރޮއި ކަރުނަތައް ހިފެހެއްޓުމަކީ ސްޓްރެސް ބޮޑުވެ އޭގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ކަމުގައިވާ ލޭގެ ޕްރެޝަރު މަތިވުން، ހިތުގެ ބަލިތައް އަދި ޕެޕްޓިކް އަލްސަރ ޖެހުމަށް މެދުވެރިވާ ކަމެކެވެ.
ރުއިމަކީ ހިތާއި ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ހިތްދަތިވުމުން ނުރޮއި ހުންނަން އާދަކޮށްފިނަމަ މީހާގެ ހިތާއި ސިކުނޑިއަށް ބާރުބޮޑުވާގޮތްދިމާވެއެވެ. އެހެންކަމުން ޖަޒްބާތުތައް ހިތުގައި ފޮރުވައިގެން ނުރޮއި ހުރުމަކީ ތިމާގެ ހިތްވަރު ގަދަކަން ސާބިތުކޮށްދޭކަމެއް ނޫނެވެ. އަދި އެއީ ތިމާގެ ކުޅަދާނަކަން ދައްކުވައިދޭ ކަމެއް ވެސް ނޫނެވެ. އެހެންކަމުން ހިތުގައި އުފެދޭ ރިހުން ކުޑަކުރުމަށާއި ލޮލުގެ ފަރުވާއެއްގެ ގޮތުން ރުއިމަކީ ވެސް ބޭނުންތެރިކަމެކެވެ