ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުން ނުވަތަ އާންމު ބަހުން ނަމަ ޔޫރިން އިންފެކްޝަން އުފެދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވެފައިވާ އާންމު ސިއްޙީ މައްސަލައެކެވެ. ޚާއްސަކޮށް އަންހެނުންނަށް މިކަމުގެ އުދަގޫތައް ކުރިމަތިވާލެއް ބޮޑެވެ
ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމަކީ ބެކްޓީރިއާގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް ޖަރާސީމުގެ އަސަރު ފޯރުމެވެ. މި ޖަރާސީމު ހަށިގަނޑަށް ވަންނަނީ ކުރިމަތި ފަރާތުންނެވެ. ހަށިގަނޑަށް ވަންނަ ޖަރާސީމުތައް ކިޑްނީއާއި އާއި ބްލެޑާއަށް ވާސިލުވެއްޖެނަމަ ކުޑަކަމުދާތަކެތީގައި އެތަކެތި އިތުރުވެ މުޅި ނިޒާމުގައި ޖަރާސީމު އަށަގަނެ ތަފާތު އުދަނގޫތައް ކުރިމަތިވެއެވެ. ކުޑަކަމުދާ ނިޒާމުގައި ހިމެނޭ ބައިތަކަކީ ކިޑްނީ، ޔުރެތްރާ، ބްލެޑާ، އަދި ޔުރެޓަރސް އެވެ. އެންމެ އާއްމުކޮށް އިންފެކްޝަން އުފެދެނީ ޔުރެތްރާ އާއި ބްލެޑާގައެވެ.
ޔޫރިން އިންފެކްޝަން އުފެދުމަށް މެދުވެރިވާ ސަބަބުތައް ބައިވަރެވެ. މިގޮތުން އެންމެ އާންމު ސަބަބަކީ ފެން ބުއިން މަދުވުމެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާ ތަކެތި މަދުވެ، އޭގެ ކޮންސެންޓްރޭޝަން މަތިވެ، އޭގައި ފަސޭހަ ކަމާއެކު ޖަރާސީމް އަށަގަންނަގޮތް ވެއެވެ. އަދި މި ބަލި ޖެހިފައިވާ މީހަކު ސަލާމަތުން ހުރި މީހަކާ އެކު ޖިންސީ ގުޅުން ހިންގައިފިނަމަ އެމީހެއްގެ ގަޔަށް ބަލި ނަގުލުވެއެވެ. ބައެއް ބަލިތައް ޖެހުމުން ވެސް ޔޫރިން އިންފެކްޝަނަށް މަގު ފަހިވެއެވެ. މިގޮތުން ހަކުރު ބަލިޖެހުމާއި ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުން ފަދަ ބަލިތައް ހިމެނެއެވެ. ބައެއް ފަހަރު ޤުދްރަތީގޮތުން ކުޑަކަމުދާ ނިޒާމު އުފެދިފައިވާއިރު ހުންނަ އާދަޔާ ޚިލާފުކަމެއްގެ ސަބަބުން ކުޑަކަމުދާ ތަކެތި ބޭރުކުރަން އުދަނގޫވުމުން ވެސް އިންފެކްޝަން ހެދުމަށް މަގުފަހިވެއެވެ. މީގެ އިތުރުން ކުޑަކަމުދާންވެފައި ގިނައިރު ހުރުމުން (ބްލެޑާގައި ކުޑަކަމުދާތަކެތި ގިނައިރު ހުރުމުން) ޔުރިން އިންފެކްޝަން އުފެދެން ދިމާވެއެވެ.
މާބަނޑު އަންހެނުންނަށް ޔޫރިން އިންފެކްޝަން ވަރަށް ފަސޭހައިން ޖެހެން މެދުވެރިވެއެވެ. ސަބަބަކީ ބަލިވެ އިނުމުގެ ސަބަބުން ހޯމޯންތަކަށް ބަދަލު އައުމާއި ރަހިމުގެ ސައިޒަށް ބަދަލުއައުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ގުނަވަންތަކަށް ވާންވެ ދެމި އެތުރުންތަކަށް ބަދަލު އަންނާތީއެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި ފަސޭހައިން ބެކްޓީރިއާއަށް ދަތުރުކުރެވެއެވެ.
ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންނަށް ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުގެ ބަލިޖެހުން ގާތެވެ. މިކަމަށް މެދުވެރިވާ ސަބަބަކީ އަންހެނުންގެ ޔުރެތްރާ (ކުޑަކަމުދާ ހޮޅި) ފިރިހެނުންނަށް ވުރެ ކުރުކަމުން ބެކްޓީރިއާ ފަސޭހަ ކަމާއިއެކު ބްލެޑަރ އާއި ހަމައަށް ވާސިލުވެވޭތީއެވެ.
ކުޑަކަމުދާ ހޮޅީގައި އިންފެކްޝަން އުފެދިއްޖެނަމަ އާދަޔާ ޚިލާފަށް ގިނައިން ކުޑަކަމުދެވޭނެއެވެ. އަދި އަބަދު ކުޑަކަމުދާން ބޭނުންވާހެން ހީވާނެއެވެ. ނަމަވެސް މިގޮތަށް ހީކުރެވުނު ކަމުގައި ވިއަސް ކުޑަކަމު ނުދެވި ހުރެއެވެ. އަދި ކުޑަކަމުދާއިރު ތަދުވެ ދިލަނެގުމާއި ކުޑަކަމުދާ ހޮޅިއަށް ތަދުވެ ދަށްބަނޑުގައި ރިއްސައެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޖަރާސީމުގެ އަސަރު ވަރަށް ބޮޑަށް ހުރެއްޖެނަމަ ނުބައި ވަސްދުވައި ބައެއްފަހަރު ލޭގެ އަސަރު ފެނެއެވެ. އަދި އުނަގަނޑާއި ބަނޑުގެ އަރިމަތީގައި ރިއްސުމާއެކު ގަދައަށް ހުން އައިސް ހީކެރުވުމަކީ ވެސް މި ބަލީގެ އަލާމާތްތަކެވެ.
މި ބަލި ޖެހިއްޖެނަމަ އެކަން ކަށަވަރުކުރުމަށް ޑޮކްޓަރަށް ދެއްކުމަށްފަހު ކުޑަކަމުދާތަކެތި ތަހުލީލުކުރެވިދާނެއެވެ. މިޓެސްޓަކީ ކުޑަކަމުދާ ތަކެތީގައި ހިމެނޭ ޕްރޮޓީން އަދި އެހެނިހެން މާއްދާތަކުގެ މިންވަރު ބެލުމަށް ހެދޭ ކުޑަކަމުދާ ތަކެތީގެ ޓެސްޓެކެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޖަރާސީމްގެ އަސަރު ހުރިތޯއާއި، ލޭގެ އަސަރު ހުރިތޯ ވެސް މި ޓެސްޓުން ދެނެގަނެވޭނެ އެވެ. އަދި ޖަރާސީމުގެ އަސަރު ކުޑަކަމުދާ ނިޒާމުގެ އެތެރޭގެ ގުނަވަންތަކަށް ކޮށްފައިވާނަމަ އެކަން ދެނެގަނެވޭނީ ސިސްޓޮސްކޮޕީ ހެދުމުންނެވެ. މިއީ މިއީ ކުޑަކަމުދާ ހޮޅީގެ ތެރެއަށް ކެމެރާއެއް ލައްވައިގެން މިނިޒާމްގެ އެތެރެ ބަލައިހެދޭ ޓެސްޓެކެވެ. މި ޓެސްޓް ހަދަންޖެހޭނީ ފުރަތަމަ ޓެސްޓް ހަދައި ދެވުނު ފަރުވާއިން ރަގަޅުވުމުގެ އަލާމާތެއް ނުފެންނަ ނަމައެވެ. އަދި ކިޑްނީ(ގުރުދާ)، މަސާނާ(ބްލެޑަރ) އަދި ޔުރެޓަރ ގެ ހާލަތު ދެނެގަންނަން ބޭނުންނަމަ އަލްޓްރާ ސައުންޑް ސްކޭނިންގ ހެދިދާނެއެވެ. އިންފެކްޝަނުން ސަލާމަތްވުމަށް ޑޮކްޓަރުން އާންމުކޮށްދޭނީ ‘އެންޓި ބައޮޓިކް’އެވެ.މި ބޭސްބޭނުން ކުރާތާ 1 ނުވަތަ 2 ދުވަސް ތެރޭގައި ޔޫރިންއިންފެކްޝަންގެ އުދަނގޫތައް ކުޑަވާނެއެވެ. ނަމަވެސް ޑޮކްޓަރު ދީފައިވާ މުއްދަތުގައި ބޭސް ބޭނުންކުރަންވާނެއެވެ.
ޔޫރިން އިންފެކްޝަނުން ސަލާމަތްވުމަށް ސާފު ބޯފެން ގިނައިން ބުއިމަކީ ވަރަށް މުހިއްމުކަމެކެވެ. މިގޮތުން ދުވާލަކު 8 ތަށި ފެންބޯންވާނެއެވެ. އަދި ހޫނު ގަދަ ތަންތަނުގައި މަސައްކަތްކުރާނަމަ މިއަށްވުރެ ގިނައިން ފެން ބުއިމަށް ސަމާލުކަންދޭންވާނެއެވެ. އަދި ވިޓަމިން ސީ ހިމެނޭ ޖޫސް ގިނައިން ބޭނުންކުރަންވާނެއެވެ. މިގޮތުން އެންމެ ރަގަޅު ޖޫހަކީ ކްރާންބެރީ ޖޫހެވެ.
ކުޑަކަމުދާން ބޭނުންވުމުން ގިނައިރު ހިފަހައްޓައިގެން ނުހުންނާށެވެ. ކުޑަކަމުދާންވެއްޖެ ކަމުގެ އިހްސާސްކުރެވުމާއެކު ލަސްނުކޮށް ނަޖިސް ބޭރުކުރަންވާނެއެވެ. އޭގެ ސަބަބުން ގުރުދާ އަދި މަސާނާ ސާފުކޮށްދޭނެއެވެ.
ޔޫރިން އިންފެކްޝަން ޖެހިފައި ހުއްޓާ ޖިންސީ ގުޅުން ހިންގުމަކީ ރައްކާތެރިކަމެއް ނޫނެވެ. އަދި ޖިންސީ ގުޅުން ހިންގުމަށްފަހު ކުޑަކަމު ގޮސް ޖިންސީ ގުނަވަން ސާފުކޮށް ދޮންނަން އާދަކުރާށެވެ. އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ ތެރެއަށް ވަދެފައިވާ ޖަރާސީމްތައް ނިކުމެސާފުވެއެވެ.
ކުޑަކަމު ނުވަތަ ބޮޑުކަމު ގޮސްފައި ތާހިރުވާއިރު ކުރިމަތި ފަރާތުން ފުރަގަސް ފަރާތަށް ވާ ގޮތަށް ފެން އަޅަން އާދަކުރާށެވެ. މިގޮތަށް ފެންއެޅުމުން ބޮޑުކަމުދާ ތަކެތީގައި ހުންނަ ޖަރާސީމު ކުރިމަތި ފަރާތަށް ވާސިލުވުން ކުޑަކޮށްދޭނެއެވެ. ބައެއް ދިވެހިން ބޮޑުކަމުގޮސް ތާހިރުވާއިރު ފުރަގަސް ފަރާތުން ކުރިމަތި ފަރާތަށްވާގޮތަށް ފެން އަޅައެވެ. މިއީ ރައްކާތެރިގޮތެއްނޫނެވެ. އަދި ފާޚާނާއަށް ގޮސް ނިމުމުން ސައިބޯނި ލައިގެން ދެ ދޮރު ވެސް ރަގަޅަށް ސާފުކުރާށެވެ.
ޖަނގިޔާ ޚިޔާރު ކުރާއިރު ކޮޓަން ޖަނގިޔާއަށް އިސްކަންދޭށެވެ. އަދި ގަޔަށް ދޫކޮށް ހުންނަ ހެދުން އެޅުމަށް ސަމާލުކަންދޭށެވެ. ނައިލޯން ޖަނގިޔާ އަދި ބާރު ޖީންސް ފަދަ ތަކެތި ބޭނުންކުރުމުން ކުރިމަތިފަރާތް ދާހިއްލައި ތެމިފައި ހުރެއެވެ. މިކަމަކީ ޖަރާސީމް އަށަގަތުމަށް މަގުފަހިވާ ކަމެކެވެ.
ޔޫރިން އިންފެކްޝަނަކީ ބައެއް ފަހަރު ވަރަށް ނުރައްކާތެރި ވޭންދެނިވި ބައްޔަކަށް ވެސްވެއެވެ. އެހެންކަމުން އުދަނގޫތައް މާ ބޮޑުވާނަމަ އިތުރު ޓެސްޓްތައް ހަދައި ރަގަޅު ފަރުވާކުރުން ވަރަށް މުހިއްމެވެ. އަދި ބައެއް ފަހަރު މިއީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ވެސް އަސަރުކުރުވާކަމަކަށްވާތީ އަންހެނުން މިކަމަށް ޚާއްސަ ސަމާލުކަމެއްދޭންވާނެއެވެ.
އައްޑޫ އޮންލައިން