ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟ (1)

ހުށަހެޅުން
މި ކުޑަކުޑަ ފޮތުގައިވާނީ، ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތެވެ. ސިޙުރުގެ މާނައާއި އެއާމެދު ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ގޮތާއި އަދި މިޒަމާނުގެ ޢިލްމީ ތަޙުޤީޤުތަކުން އޮޅުން ފިލާފައިވާ ގޮތް މިފޮތުގައި ވާނެއެވެ. އޭގެ އިތުރުން، ސިޙުރުގެ ވައްތަރުތަކާއި އެއާމެދު އިހުގެ މަޝްހޫރު ޢިލްމުވެރިން ދެކެވަޑައިގެންފައިވާ ގޮތް ވެސް ހިމަނާފައިވާނެއެވެ. ހަމައެފަދައިން، ސިޙުރުވެރިން ކުރާ ނުބައި ކަންތައްތަކާއި އެބައިމީހުން ހަދާ މަކަރާއި ޙީލަތްތަކަށް ވެސް ބަލާލާފައި ވާނެއެވެ. ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތް ދެނެވަޑައިގަތުމަށް ބޭނުންފުޅުނަމަ، މިފޮތް ވިދާޅުވުން ހުއްޓެވެ.

މާނަ

”ސިޙުރު“ މިއީ ޢަރަބި ލަފްޒެކެވެ. މަކަރާއި ޙީލަތާއި އޮޅުވާލުން މިލަފްޒުގެ މާނަތަކުގެ ތެރޭގައި ހިމެނެއެވެ.

ކީރިތި ޤުރުއާނުގެ އަލީގައި

ކީރިތި ޤުރުއާނުގައި ސިޙުރާއި ބެހޭ ވާހަކަތައް ބަޔާންކުރައްވާފައި ވެއެވެ. ހާރޫތާއި މާރޫތު ނަމަކަށް ކިއުނު ދެސިޙުރުވެރިންގެ ވާހަކަ އަލްބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައިވެއެވެ. އަދި ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އެނޫން ސިޙުރުވެރިންނާއި ސިހުރުގެ ވާހަކަތައް ބަޔާންކުރައްވާފައިވެއެވެ.

ހާރޫތާއި މާރޫތުގެ ވާހަކައަށް ބަލާއިރު ސިޙުރަކީ ފިތުނައިގެ ތެރޭގައި ހިމެނޭ ކުފުރުގެ ބާވަތެއްކަން އެނގެއެވެ. އަދި އެއީ މަކަރާއި ޙީލަތުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަން ވެސް އެނގެއެވެ.

ހަމައެފަދައިން މޫސާގެފާނާއި އިދިކޮޅަށް ސިޙުރުހެދި ފިރުޢައުނުގެ ސިޙުރުވެރިންގެ ވާހަކައިން ވެސް އެކަން އެނގެއެވެ. އެހެނީ ކީރިތި ޤުރުއާނުގައި އަނގަވާފައިވަނީ އެސިޙުރުވެރިންގެ ސިޙުރުން އަސަރު ފޯރުވީ މީސްތަކުންގެ ލޯތަކަށް ކަމަށެވެ. ފިރުޢައުނުގެ ސިޙުރުވެރިން ހިމެނިފައިވަނީ އެފަދަ ސިޙުރުވެރިންގެ ތެރެއިންނެވެ. އެބައިމީހުން ހެދި ސިޙުރުގައި ބޭނުންކޮށްފައި ވަނީ މާއްދާގެ ޚާއްޞިއްޔަތުތަކެވެ. އެބައިމީހުން ޞިޙުރުހަދަން އިޚުތިޔާރުކޮށްފައިވާ ވަގުތުން ވެސް އެކަން އެނގެއެވެ. އިރުގެ އަލިކަމާއި ހޫނުކަން ދުނިޔެއަށް ލިބި ދުނިޔެ ހޫނުވާންފެށި ވަގުތު އެބައިމީހުން، މީސްތަކުންގެ ކުރިމައްޗަށް ހުށަހެޅީ، ހަމުން ހަދާފައިވާ ވާތަކާއި އަސާތަކެކެވެ. އެތަކެތި ދިގުދެމި ޙަރަކާތްކުރަން ފެށީ އިރުގެ ހޫނުކަން އެއަށް ލިބުމުންނެވެ. ބަލަންތިބި މީހުންނަށް ހީވީ އެކަން އެގޮތަށް އެވަނީ ސިޙުރުގެ ބާރުން ކަމުގައެވެ. ހޫނުވުމުން އެތަކެތި ޙަރަކާތްކުރަން ފެށުމުގެ ސިއްރަކީ އޭގެތެރެއަށް އަޅާފައިވާ ދިރޭރަހަކަމެއް ބަލަންތިބި މީހުންނަކަށް ނޭގެއެވެ. ދިރޭރަހައަކީ ހޫނުވުމުން ވަރަށްބޮޑަށް ދެމޭ މާއްދާއެކެވެ. ސިޙުރުވެރިން، ހެނދުނުގެ ޟުޙާ ވަގުތު އިޚުތިޔާރުކުރީ އެވަގުތު ދުނިޔެއަށް ލިބެންފަށާ ހޫނުކަމުން އެބައިމީހުންގެ ސިޙުރަށް އެހީތެރިކަން ލިބިގަތުމަށްޓަކައެވެ.
ފޮތް ލިޔުނީ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން

21 އެޕްރީލް 2011

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ފަތިސްނަމާދު....

Next Article

ނ.ޅޮހީގެ ތާރީޚާއި ގުޅިފައިވާ ހަނގުރާމަ ފަސްގަނޑު

Related Posts