ނ.ޅޮހީގެ ތާރީޚާއި ގުޅިފައިވާ ހަނގުރާމަ ފަސްގަނޑު

އުސް ފަރުބަދަދަތަކަކީ ދިވެހިންގެ ނަސީބުގައިވާ އެއްޗެއްނޫނެވެ. އެހެންކަމުން ހިންދީ ފިލްމުތަކުން ފެންނަ ފަރުބަދަމަތީގެ މަންޒަރުތަކަކީ އެ މަންޒަރުތައް ހަމަލޮލުން ދެކިލުމަށް ޝައުޤުވެރިވާފަދަ މަންޒަރުތަކެކެވެ. ޚާއްޞަކޮށް “ޤަޔާމަތުސޭ

 

ޤަޔާމަތުސޭ” އާއި “ލޯހާ” ފަދަ މަސްހޫރު ފިލްމުތަކުގައި ފަރުބަދަމަތީގައި ކުރެވުނު ހަނގުރާމަތަކަކީ އެދުވަސްވަރު ޒުވާންކުދިންގެ ހިތްތަކުގައި އެފަދަ މަންޒަރުތައް ކުޅެލުމުގެ ޝައުޤުވެރިކަން އިތުރުވެގެންދިއަ މަންޒަރުތަކެކެވެ
ތަޢުލީމަށް ހޭދަކުރި ވަގުތުކޮޅު ކުޑަ އައްޑިހައިގެ އަހަރުތަކުގައި ފުރާވަރު
ޢުމުރުގެ ގިނަ ކުދިން ހޭދަކުރީ މޫދާއި، ގަސްގަހާއި، އެކި ގޮނޑުދޮށްތަކުގައެވެ. މިއީ ހަމައެކަނި ޅޮހީގެ އާދައެއް ނޫންކަން ޤަބޫލުކުރަމެވެ. ހިންދީ ފިލްމުތަކުގެ އަވާގައި ދިވެހިން ޖެހި ލާމެހިގެންދިޔަ ދުވަސްވަރު ފިލްމުތަކާއި އެއްގޮތަށް އެކްޓްކުރުމުގައި މިރަށުގެ ކުދިން ބޭނުންކުރި އެއް ލޮކޭޝަނަކީ ހަނގުރާމަފަސްގަނޑެވެ. ފަސްގަނޑުމަތިން ތިރިއަށް ފުންމުމާއި، ތިރިއަށް ބުރުއެއްލުމަކީ ބައެއް ކުދިން ވަރަށް ހުނަރުވެރިކަމާއިއެކު ކުޅެ އުޅުނު ކުޅިވަރެކެވެ. އަދި ގަސްގަހުގައި ވާ އައްސައިގެން ވަލުގެ އެހީގައި ފަސްގަނޑުމައްޗަށްއެރުންފަދަ ކުޅިވަރުތައް ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް އެއީ މާޒީއެވެ.
މި ފަސްގަނޑަކީ ދިވެހިރާއްޖޭގެ އާސާރީތަރިކައެއްކަމުގައި ހިމެނިފައި ނެތް ތަނެއްކަމަށްވިޔަސް ޅޮހީގެ އިރުދެކުނުފަރާތް ނުވަތަ ފުއްޓަރުފަރާތުގައިވާ މި ފަސްގަނޑުން ޅޮހީގެ ތާރީޚާއި ގުޅިފައިވާ ގިނަގުނަ ހެކިތަކެއް ފެންނަން އެބަ ހުއްޓެވެ.
ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމުކަމަކީ އެ ފަސްގަނޑާއިބެހޭ ގޮތުން މިރަށުގެ ކާބަފައިން ދައްކަމުން އައި ވާހަކަތަކެކެވެ. އެވާހަކަތަކަކީ އަޑުއަހާމީހުންގެ ޝައުޤުވެރިކަން އިތުރުވާފަދަ ވާހަކަތަކެކެވެ. ހިތަށް ސިފަވެގެން ދަނީ ވިއެޓްނާމް ހަނގުރާމައިގާ އެރަށުގެ މީހުން ސިފައިންނަށް ޖެއްސި ޙާލެވެ. އިހުޒަމާނުގައި ރާއްޖެއަށް ވައްކަންކުރަން ފޭރޭމީހުން އަހިސްއުޅުނެވެ. އެގޮތުން މިރަށަށް އަހިސްއުޅުނު މިފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށް، ޖަހާއުޅުނު ދަންތުރައަކީ ގެތަކެއްގޮތަށް ފުރާޅުތަކެއް ހަދައި ރުއްރުކަށް ވާ އެއްސުމެވެ. އަދި ފޭރޭ މީހުން އަހިސް ވައްކަންކުރަން ފުރާޅުދޮށަށް ވަނުމުން ވާތަށް ކަނޑައި އެމީހުންގެ ބޯމައްޗަށް ފުރާޅުތައް ވައްޓާލުމަށްފަހު އެންމެންވެގެން ފުރާޅުމައްޗަށް ވެލިއަޅައި ތަން ފޮރުވާލަނީއެވެ. ތަކުރާރުކޮށް އެކި ދުވަސްމަތިން މިބީދައިން މި ދަންތުރަ ޖަހަމުންގޮސް އެ ފަސްގަނޑު އުސްވީކަމަށް ބުނެއުޅެއެވެ. އަދި “ހަނގުރާމަފަސްގަނޑު” މިނަން ކިޔުނީ މިހާދިސާއާއި ގުޅުވައިގެން ކަމަށް ބުނެ އުޅެއެވެ.
މިއީ ޚިޔާލީ ވާހަކަތަކެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށް އުޅެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ބައެއްކަހަލަ ހެކިތަކަށް ވިސްނާލަމާތޯއެވެ؟ ކަނޑުފޭރޭ މީހުންނަކީ ރާއްޖޭގެ ރައްރަށަށް އަރާއުޅުނު ބައެއްކަމަށް ތާރީޚް ހެކިދެއެވެ. އެހެންނޫންތޯއެވެ؟ ކާބަފައިންގެ ވާހަކަތަކުން އެނގޭގޮތުގައި މިރަށުގައި މީހުން ދިރިއުޅެން ފަށާފައިވަނީ ރަށުގެ އުތުރުފަރާތުގައެވެ. އަދި ކުރީގެ މުސްކުޅިގޭގެ އުތުރުފަރާތުގައި ހުރެ ރަށުގެ ފުއްޓަރު ފަރާތުގައިވާ ހަނގުރާމަ ފަސްގަނޑާއި ދިމާލުގައި ނެރެއް ހަދާފައިވާކަމީ، އެފަދަ ޙާދިސާއެއް ހިނގާފައިވުން އެކަށީގެންވާ ފަދަ އަލިގަދަ ހެއްކެެކެވެ. ރަށުގެ އުތުރުފަރާތުގައި އެދުވަސްވަރު މީހުން އާބާދުވެފައި އެވަނީ ފޭރޭމީހުންގެ ވަކިތަކުން ސަލާމަތްވުމަށްކަމަށް ބެލެވެއެވެ. ވީމާ ފޭރޭ މީހުން ރަށަށް އަރާފައިއެވަނީ ރަށުގެ ފުއްޓަރުފަރާތުންކަމަށް ޤަބޫލުކުރެވެއެވެ.
ދެވަނަ ސަބަބަކާއިމެދު ވިސްނާލަމާތޯއެވެ؟ މި ރަށަކީ އެކި މޫސުމަށް އެކިދިމާލުން ގިރާ ރަށެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ވަކިދުވަސްވަރެއްގައި މި ދެންނި ހަނގުރާމަފަސްގަނޑުވެސް ގިރައެވެ. މި ބީދައިން ކޮންމެ މޫސުމަކުވެސް މި ފަސްގަނޑު ގިރަމުންގޮސް މިހާރުވަނީ ވަރަށްބޮޑަށް ގިރާފައެވެ. މީގެ 50ހަކަށްއަހަރުކުރީގައި މި ފަސްގަނޑު އާދަޔާޚިލާފަށް އުސްކަމަށް ބުނެއުޅެއެވެ. މި ފަސްގަނޑުން ގިރައި ފަސްގަނޑުންބައެއް ކަނޑަމުންދާ ކޮންމެ ފަހަރަކުވެސް އިންސާނުންގެ ކަށި ފެންނަކަމީ ހަޤީގަތެވެ. މި މަންޒަރަކީ މި ޖީލުގެ ގިނަ ލޯތަކަށް ފެނި އިންތިފާޤުވެފައިވާކަމެކެވެ. ކުރީގައި ދެންނެވުނު ޙާދިސާފަދަ ޙާދިސާއެއް މި ސަރަހައްދުގައި ހިނގާފައި ނުވާނަމަ، އުސްފަސްގަނޑެއްގެ ތަރޭގައި އިންސާނުންގެ ކަށްބޮލާއި ކަށިތައް ވަޅުލެވިފައިވުމަކީ ނާދިރުކަމެކެވެ. މި ސަބަބުތަކާއިހުރެ، ހަނގުރާމަފަސްގަނޑަކީ ނޭންގޭ ސިއްރުތަކެއް އެކުލެވިފައިވާ މުހިންމު ތާރީޚެއް އޮތް ތަނެއްކަމަށް ބެލެވެއެވެ. ބަލާލަން ރީތި ހިތްގައިމުގޮތެއް ހުންނަ އާދަޔާޚިލާފު މި ފަސްގަނޑަކީ ދިވެހިރާއްޖޭގެތާރީޚީ ތަރިކައެއްކަމުގައި ހިމެނިފައިނުވިނަމަވެސް މިއަދުގެ ޖީލު މިފަސްގަނޑަށް ޚާއްޞަ އަހައްމިއްޔަތެއްދީ، އަންނަން އޮތް ޖީލުތަކާއި ހަމައަށް މި ފަސްގަނޑު ރައްކާތެރިކަމާއިއެކު ހިމާޔަތްކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމުކަމެކެވެ. (ނިމުނީ)
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟ (1)

Next Article

ޖިންސީ “ހީވާގިކަން” އިތުރު ކުރުމަށް އަންނާރު ޖޫސް!

Related Posts