ވަރި ކޮންޓްރޯލުކުރުމަށް ޢާއިލާއާއި ބެހޭ ޤާނޫނާއި ޤަވާޢިދުގައި ހުރި ކަންތައްތައް

ދިވެހިރާއްޖޭގެ އާއިލާއާބެހޭ ޤާނުނު (ޤާނޫނު ނަންބަރު: 2000 / 4) އާއި މިޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގައި  ވަރިކޮންޓްރޯލު ކުރުމާ ބެހޭ ގޮތުން ސާފު ޢިބާރާތުން އެއްވެސް މާއްދާއެއް ހެދިފައެއް ނުވެއެވެ. ނަމަވެސް އޭގައިވާ އެންމެހާ މާއްދާތަކުގެ މަފްހޫމަކީ އަދި މަޤުޞަދަކީ ބާއްޖަވެރި، ޚަރުދަނާ ޙަޔާތެއް (ދެމެހެއްޓެނިވި ދިރިއުމެއް) ޤާއިމުކުރުމެވެ. އަދި ކައިވެނީގެ ޢަޤްދާއި އެޢަޤްދާއި ގުޅިގެން އަންނަ ކަންތައްތަކުން ނިކުމެދާނެ އެންމެހާ ނުރަނގަޅު (ނޭދެވޭ) ކަންތައްތައް ނައްތާލުމެވެ. ޤާނޫނާއި ޤަވާޢިދުގެ މަފްހޫމުން އަންގައިދެނީ  އެންމެ ފުރަތަމަ ކައިވެނީގެ ބިންގާ ވަރުގަދަ ކުރާށެވެ. އަދި ވަރިއާ ހަމައަށް ނުދާށެވެ. ވަރިއަކީއެންމެފަހުގެ ފިޔަވަޅަކަށް ހަދާށެވެ.

ކައިވެނި ޢަޤްދު ކުރުމުގައި ޝަރުޢީ ހަމަތަކެއް ކަނޑައެޅި ވަކިގޮތްތަކެއް ކަނޑައެޅިފައިވަނީ ކައިވެނީގެ ޞައްޙަކަމާއި ހާމަކަން ސާބިތުކުރުމަށެވެ. ކައިވެނީގެ ޢަޤުދަކީ ފޮރުވިފައި އޮންނައެއްޗަކަށް ވެގެންނުވާނެއެވެ. ކައިވެނި ކޮށްގެންއުޅޭކަން ނޭންގޭގޮތަށް އުޅުމަކީ އޭގައި އޮޅުވާލުމާއި ހީލަތްހެދުމުގެ ފުރުޞަތު އޮންނާނެ ކަމެކެވެ.

އާއިލާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކުރެވިފައި ވާގޮތަށް ކޯޓުގައި ކައިވެނި ރަޖިސްޓްރީ ކުރަންޖެހެއެވެ. އަދި އެކައިވެންޏާއިބެހޭ މައުލޫމާތު، މިޤާނޫނުގެ 20 ވަނަމާއްދާއާއި ޤަވާޢިދުގެ 31 އަދި 32 ވަނަ މާއްދާގައިވާފަދައިން ކައިވެނީގެ ދަފްތަރުގައި ހިމަނަންޖެހޭނެއެވެ. މިގޮތަށްހެދުމުން ކައިވެނީގެ ސީރިއަސްކަން އިތުރުވެ ކައިވެނީގެ ޚަރުދަނާކަން އިތުރުވެގެންދެއެވެ. އަދި ވަރި މަދު ކުރުމަށް އެޅޭބާރަކށް ވާނެއެވެ. ކައިވެންޏަކީ ކުޅިވަރަކަށް ހެދުމުގެ ފުރުޞަތު ހަނިވާނެއެވެ.

ކައިވެނި ކުޅިވަރަކަށް ހެދިޔަނުދިނުމަށް ވަރިކުރުމުގައި އަމަލުކުރާނެ ގޮތެއް އާއިލާއާބެހޭ ޤާނޫނާއި ޤަވާޢިދުގައި ކަނޑައެޅިފައިވެއެވެ. އަދި އެޤާނޫނާއި ޚިލާފަށް ވަރި ކުރުމަކީ ޤާނޫނީ ކުށެއްގޮތުގައި ކަނޑައަޅާ އެއަށް އަދަބު ކަނޑައެޅިފައިވެއެވެ.

އާއިލާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ވަނީ “ފިރިމީހާ، އަނބިމީހާ ވަރިކުރަން ބޭނުންވެއްޖެނަމަ، ވަރިކުރަންވާނީ، މިޤާނޫނުގެ ދަށުންހަދާ ޤަވާޢިދުގައި ބުނެފައިވާ މަޢުލޫމާތާއެކު ކަމާބެހޭ ކޯޓަށް އެކަން ހުށަހަޅާ، ޤާޟީ ހުއްދަ ދެއްވުމުންނެވެ.” މިގޮތަށް ޤާނޫނުގައި އޮތުމުން، ރުޅިއަންނަ ކޮންމެފަހަރަކު ވަރީގެ ބަސް ބޭނުން ކޮށެއް ނުލެވޭނެއެވެ. އަމިއްލައަށް ކޯޓުން ބޭރުގައި ވަރި ކޮށްފިންމަ އެއީ އަދަބުލިބޭނެ ކުށެކެވެ.

އާއިލާއާބެހޭ ޤާނޫނުގެ 67 ވަނަ މާއްދާގައި ވަނީ “މިޤާނޫނާ ޚިލާފަށް ވަރިކުރުމަކީ ކުށެކެވެ. މިކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ،-/5000 ރުފިޔާއަށްވުރެ ބޮޑުނޫންއަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ ހަމަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.”

ކޯޓުންބޭރުގައި ވަރިނުކުރެވޭގޮތަށް އޮތުމަކީ ޝަރުޢީ ގޮތުން ވަރި ކުރުމަށް ފިރިހެނުންނަށް ލިބިފައިވާ ޙައްޤު ނިގުޅައި ގަތުމެއްނޫނެވެ. އެއީ އާންމު މަސްލަޙަތު ޙިމާޔަތް ކުރުމަށް ކަނޑައެޅިފައިވާ ކަނޑައެޅުމެކެވެ. އޭގެ މިސާލަކީ ވަރިއާގުޅިގެން ޢިއްދާއާއި އަދި އެޢިއްދާގައި ކައިވެނި ރުޖޫޢަކުރުމާއި، ރުޖުޢަނުކުރެވޭ ކައިވެނިހުރުމާއި، ތިންފަށްވަރިއާއި މިފަދަ ކަންތައް ތަކެއް އެކުލެވިގެންވާތީ، މިކަންކަން ސާބިތުކޮށް ކަންކަން ބަލާ ހެދުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ނަމަވެސް މައުލޫމާތު އެއްކޮށް ބެލެހެއްޓޭނެ ނިޒާމެއް އޮތުމާއި ޝަރުޢީ ހަމަތަކުގެ މަތިން އެކަންގެންދެވޭނީ ކޯޓު މެދުވެރިކޮށް އެކަންކަން ގެންގޮސްގެންކަމަށްވާތީއެވެ. ކޯޓުންބޭރުގައި ވަރިކުރާނަމަ، ވަރިކުރުމަށްފަހު އެކަންމީހަކަށް އެނގުމަކާވެސްނުލާ އަމިއްލައަށް ރުޖޫޢަކޮށް، އަނެއްކާ ވަރިކޮށް ރުޖޫޢަކޮށް ތިންވަނަ ވަރިއެއްކޮށްގެން ރުޖޫޢަކޮށްގެން، ނޫނީ ވަރި ކުރުމަށްފަހު އެއީވަރިއަކަށްނުހަދާ އަނެއްކާވެސް ދެމަފިރިން ގޮތުގައި ބަޔަކު އުޅުމުގެފުރުޞަތު އޮންނާނެއެވެ. އެގޮތަށް އޮޅުވާލައިގެން އެކަން ގެންދިޔަނުދިނުމަށް ޤާނޫނުވަނީ ފިޔަވަޅުއަޅާފައެވެ. ކޯޓަށްނޭންގި އަނބިމީހާ ވަރިކޮށްލުމަށްފަހު އެވަރި ސާބިތުނުކޮށް އުޅެ، އަމިއްލައަށް ރުޖޫޢަކޮށްގެން ނުވަތަ ދެމަފިރިންގެގޮތުގައި އުޅެނިކޮށް، ދަރިއަކު ލިބުމުން ތިމަންނަމިހިރީ މިވެނި ދުވަހަކު އަނބިމީހާ ވަރިކޮށްގެންނޭ، އަދި އެއީ ތިމަންނަގެ ދަރިއެއްނޫނޭ ބުނެ ހީލަތްހެދުމަކީ މި މުޖުތަމައުން މަދުންނަމަވެސް ފެންނަކަމެކެވެ. އަދި އާންމުންނަށް އަމިއްލައަށް ކައިވެނިކުރުމާއި ވަރިކުރުމުގެ ފުރުސަތު ދީފައި އޮންނަނަމަ އެގޮތަށް މީހަކުކަމެއްކުރުމުގެ ފުރުސަތުއޮންނާނެއެވެ. މިސަބަބާހުރެ އާއިލާއާބެހޭ ޤާނޫނާއި ޤަވާޢިދުގައި އެކަމަށް އަޅާފައިވަނީ ވަރަށް ޚަރުދަނާ ފިޔަވަޅެކެވެ. އޭގެސަބަބުން ވަރިމަދުވެގެންދާނެކަން ކަށަވަރެވެ.

އާއިލާއާބެހޭ ޤާނޫނާއި ޚިލާފަށް ވަރި ކުރުމުން އޭގެއަދަބަކަށް ޖޫރިމަނާކުރުން ނުވަތަ އަރުވާލުން އަދި ގޭގައި ބަންދުކުރުންފަދަ އަދަބުތައް މިޤާނޫނުގައި ބަޔާން ކުރެވިފައި އޮތުމުން، ރުޅިއަންނަ ކޮންމެ ފަހަރަކު ވަރިކޮށްލުމުގެ މައްސަލައަށް ހައްލު ލިބެއެވެ. އެއްވެސް މީހަކުއަތުން ލާރިތަކެއްބީވެ އަދަބުލިބޭކަށެއް ބޭނުމެއް ނުވާނެއެވެ. އާއިލާއާބެހޭ ޤާނޫނުގައި އަދަބު ކަނޑައެޅިފައި އޮންނައޮތުމާއިމެދު މީހުން ހިތްހަމަނުޖެހެނީ އެހެންވެގެންނެވެ. މިއީ އެމާއްދާގައި އެގޮތަށް އޮތުމުން މީހުން އެކަމާ ޖެހިލުންވާކަމުގެ ހެއްކެކެވެ. އާއްމުގޮތެއްގައި ވަރިކުރެވެނީ ރުޅިއައިސްގެން އެއްޗެހި ކިޔުމުގެ ތެރޭގައެވެ. އެހާލަތުގައި ވަރީގެބަސް ބޭނުން ނުކޮށް ނަފްސުކޮންޓްރޯލުކުރުމަށް އެޤާނޫނުބާރުދެއެވެ. ހަމައެފަދައިން އެރުޅިމައިތިރިވުމުން އަލުން މައްސަލައާމެދު ވިސްނާ، މައްސަލަ ހައްލުކުރުމަށް ފުރުޞަތުލިބެއެވެ. ކޯޓުގައި ވަރިކުރުމާއި، ކޯޓުން ބޭރުގައި (ޤާޟީގެ ހުއްދަނެތި) ވަރިކުރުމާއި ބެހޭގޮތުން އެކުލަވާލެވިފައިވާ މާއްދާތަކުގެ ސަބަބުން ވަރީގެ ލަފުޒު ދުލަށް އަންނަކޮންމެފަހަރަކު ޖެހިލުންވެ މައިތިރިވެއެވެ. ކުރީގައި އޮންނަގޮތުން ވަރީގެ ލަފުޒަކީ ދޫމައްޗަށް ފަސޭހަ އެއްޗެކެވެ. ކައިވެނި ރޫޅާލުމަކީ އެހާވެސް ފަސޭހަކަމެކެވެ. މިކަމުގެސަބަބުން ދިވެހިރާއްޖޭގައި ވަރީގެ ރޭޓުއޮތީ ވަރަށްމަތީގައެވެ. ނިސްބަތުން ދުނިޔޭގައި އެންމެ ވަރިގިނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ދިވެހިރާއްޖެ ފާހަގަކުރެވިފައިވެއެވެ. އެހެންނަމަވެސް އާއިލާއާބެހޭ ޤާނުނުވުޖޫދަށް އައުމަށްފަހުގައި ވަރިކުރެވޭ މިންވަރުވަނީ ވަރަށް ބޮޑުތަން މަދުވެފައެވެ. އޭގެފަހުން ޤާނޫނާ ޚިލާފަށް ވަރިކުރާމީހުން ވަރިކުރަނީ އެޤާނޫނަށް ހޭލުންތެރިނުވާތީއެވެ. ދެހާސް ވަނައަހަރު އެކުލަވާލެވުނު އާއިލާއާބެހޭ ޤާނޫނާއި އޭގެދަށުން ހެދިފައިވާ ޤަވާޢިދުގެ ސަބަބުން ވަރީގެ ނިސްބަތްވަނީ ވަރަށްބޮޑުތަން ދަށަށްގޮސްފައެވެ. ވަރިކުރެވޭ އަދަދު މަދުވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ހަމައެކަނި މާލޭގެ ރޭޓުން ބަލާއިރު 2000 ވަނައަހަރުގައި (ޤާނޫނު ތަސްދީގުކުރެވުނު އަހަރުގެ ވަރީގެ ރެކޯޑްސް ގައި) 746 ވަރި ކޮށްފައިވާއިރު 2002 ގައި 200 ވަރި ކުރެވިފައިވެއެވެ.(8)  މީން އެނގޭއެއްޗަކީ ވަރިކޮންޓްރޯލުވެފައި ވާކަމެވެ.

ނިންމުން

    ޙަޤީގަތުގައި ވަރީގެ މައްސަލަކީ ވަރަށް ބޮޑު މައްސަލައެކެވެ. ވަރީގެ މައްސަލަ މަދުވުމަކި އާއިލީ މައްސަލަތަކަށް ލިބޭ ވަރަށްބޮޑު ހަމަޖެހުމެކެވެ. ވަރީގެ ސަބަބުން އެތައްމައްސަލަތަކެއް އެބައުފެދެއެވެ. ދެމަފިރިން ވަރިވާއިރު ކުދިންތިބިނަމަ ޙަޟާނަތުގެ މައްސަލައެބަ ނުކުމެއެވެ. ހަމައެހެންމެ ވަރީގެ ސަބަބުން އާއިލާއަށް ވަރަށްބޮޑު ހީނަރުކަމެއް ލިބިގެންދާ ކަމަށްވެސް ވަނީ ފާހަގަކުރެވިފައެވެ.

    ކައިވެނި ރޫޅުމުންދިމާވާ އެންމެބޮޑު މައްސަލައަކީ އެދެމަފިރިންނަށް ލިބިފައިވާ ކުދިންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަ ތަކެވެ. ރޫޅިފައިވާ އެފަދަ އާއިލާތަކުގައިތިބޭ ގިނަކުދިން ބޮޑުވަމުން އަންނަނީ ނަފުރަތާއި ރުޅިވެރިކަމާއި އަޅާނުލުމުގެ މާހައުލެއްގައެވެ. ދެންދިމާވާ އަނެއްމައްސަލައަކީ ހަރަދުގެ މައްސަލައެވެ. ކުދިންނަށް ހަރަދުނުކުރެވުމާއި އެކުދިންނަށް ލިބިދޭން ޖެހޭ އަސާސީ ކަންތައްތައް ނުލިބެއެވެ. ތަޢުލީމާއި ހުނަރުވެރިކަން އެކުދިންނަކަށް ހޯދައެއްނުދެވެއެވެ.

    ޤާނޫނުގައިވާގޮތުން ވަރި ކުރެވޭނީ ދެމަފިރިން ކޯޓަށް ހާޒިރުވެ، ޤާޟީއެކަމަށް ހުއްދަ ދެއްވުމުން ޤާޟީގެ ކުރިމަތީގައެވެ. މިއާ ޚިލާފަށް ވަރިކޮށްފިނަމަ އެކުރެވުނީ ޤާނޫނީ ކުށެކެވެ. އެކުށަށް ޤާނޫނުގައި ކަނޑައަޅާފައިޥާ އަދަބު  އެމީހަކަށް ލިބޭނެއެވެ.

 



 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟(2)

Next Article

ވިއްސާރަވެހޭ ވަގުތު އަދި ގުގުރިޖެހުމާއި ގަދަ ވައިޖެހޭ ވަގުތު ކިޔާ ދުޢާތަށް

Related Posts