މާބަނޑު އަންހެނުންނަށް ހުރި ބައެއް ނަސޭހަތް

މާބަނޑުވުމަކީ ކޮންމެ އަންހެނެއްގެ ވެސް އުއްމީދެކެވެ. އެއީ ތަފާތު ބަދަލުތައް ހަށިގަނޑަށް އައިސް މީހާގެ ސިއްހަތަށް ބަލައިގެން އުޅެންޖެހޭ ދުވަސްވަރެއްކަމުން މާބަނޑުމީހުންނަށް އަބަދުވެސް މީހުންގެ ނަސޭހަތް އަޑުއަހަންޖެހެއެވެ. ތިމާއާއި ތުއްތު ދަރިފުޅުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް މާބަނޑުވުމާއެކު ބައެއް އާދަތައް ބަދަލުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރު މިދަންނަވާލަނީ މާބަނޑު އަންހެނުންނަށް ޚާއްސަކޮށް ގެނެސްދީފައިވާ ބައެއް މައުލޫމާތުތަކެވެ.

ބަލިވެއިންކަން އެނގުމުން ތައިރޮއިޑް ޗެކްކުރުމަށް ބައެއް ޑޮކްޓަރުން ލަފާދެއެވެ. ތައިރޮއިޑް މައްސަލަހުރުމަކީ ދަރިފުޅު ބައިގެން ދިޔުމާއި ޢައިބުގޮތެއް ހުންނަ ކުދިން އުފަންވުމުގެ ޗާންސް އިތުރުކޮށްދޭކަމެކެވެ.

ބަލިވެ އިންނަ ދުވަސްވަރު ގިނައިން ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ފެން ބުއިމަކީ ހަޖަމުގެ މައްސަލަތަކާއި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުން ކުޑަކޮށްދޭ ކަމެކެވެ. އެހެންކަމުން މާބަނޑުވުމުން ދުވާލަކު 12 ތަށިފެން ބުއިމަށް ސިއްހަތާބެހޭ މާހިރުން ލަފާދެއެވެ.

މާބަނޑުވުމުން ކެހެރި ފަޅާފައި ހުންނަ ޖަނަވާރުތަކާ ދުރުހެލިވާށެވެ. ބުޅާ ފަދަ ޖަނަވާރުގެ ކެހެރީގައި ‘ޓޮކްސޯޕްލެސްމޮސިސް’ ކިޔާ އިންފެކްޝަނެއް ޖައްސާ ޕެރެސައިޓެއް ހުރެއެވެ. ‘ޓޮކްސޯޕްލެސްމޮސިސް’ އިންފެކްޝަންގެ ސަބަބުން ދަރިފުޅުގެ ސިކުނޑިއަށް ގެއްލުން ލިބުމުގެ އިތުރުން ދަރިފުޅުގެ ލޮލަށް ވެސް އަސަރު ކުރެއެވެ.

މާބަނޑުދުވަސްވަރު ފައިގެ މަސްގުޅަ ކެއުމުން ވަރަށް ބޮޑު ވޭނެއް އަންހެނުންނަށް ކުރިމަތިވެއެވެ. އެހެންކަމުން ނިދުމުގެ ކުރިން ދޮންކެޔޮވަކެއް ކާން އާދަކުރާށެވެ. ދޮންކޭލުގައި ހިމެނޭ ޕޮޓޭސިއަމްއަކީ އެފަދަ ވޭންތައް ކުޑަކޮށްދޭ މާއްދާއެކެވެ.

އެއްވެސް ބާވަތެއްގެ ކަސްރަތެއްކުރުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކުރާށެވެ. ކަސްރަތުކުރާއިރު ރަގަޅު ބޫޓަކާއި ފަސޭހަ ހެދުމެއް ޚިޔާރުކުރަންވާނެއެވެ. ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި ބަރު އެއްޗެހި އުފުލަންޖެހޭ ކަސްރަތުތަކާ ދުރުހެލިވާންވާނެއެވެ. ކަސްރަތުކުރާއިރު ގިނައިރު ނޭވާ ހިފަހައްޓުން ބުއްދިވެރިއެއްނޫނެވެ. އެއީ އެކަމުން ދަރިފުޅަށް ލިބޭ އޮކްސިޖަނަށް އަސަރުކުރާތީއެވެ. ސާފުވައި ލިބޭ ފަދަ މާހައުލެއްގައި ހިނގާލުން ފަދަ ކަސްރަތަކީ މާބަނޑު ދުވަސްވަރު ކުރެވިދާނެ ރަގަޅު ކަންކަމެވެ. ނަމަވެސް އެއްގަޑިއިރަށްވުރެ ގިނައިން ހިނގުމާއި ދުވުމަކީ ރަގަޅުކަމެއްނޫނެވެ. މީގެ އިތުރުން ފެތުމާއި މޫދުގައި މަޑުމަޑުން ހިނގުން ފަދަ ކަސްރަތުކުރުން ވެސް ރަގަޅެވެ.

ފޯލިސް އެސިޑަކީ ކުޑަ ދަރިފުޅު ހެދިބޮޑުވުމަށާއި ނުކުޅެދުންތެރިކަމުން ސަލާމަތްކުރުމަށް ބޭނުންތެރި މާއްދާއެކެވެ. އެހެންކަމުން މާބަނޑު މީހަކަށް ކޮންމެ ދުވަހަކު އެންމެ މަދުވެގެން 400 އާއި 800 މައިކްރޯގްރާމްސްގެ ފޯލިކް އެސިޑް ލިބެންޖެހޭނެއެވެ. މިގޮތުން ފެހިކަން ގަދަ ތަރުކާރީއާއި ފަތުގެ ބާވަތްތަކާއި، ހުތް މޭވާތައް ކެއުމުގައި ހިމެނުމުން ފޯލިކް އެސިޑް ލިބެއެވެ. ނަމަވެސް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފޯލިކް އެސިޑް ހަށިގަނޑަށް އެތެރެކޮށްގެންނުވާނެއެވެ.

މާބަނޑުވުމުން ރަލާއި ދުންފަތް އަދި ކޮފި ބޭނުންކުރުން ހުއްޓާލަންޖެހޭނެއެވެ. މިތަކެއްޗަކީ މަންމައާއި ދަރިފުޅަށް ވެސް ގެއްލުންދޭ ތަކެއްޗެވެ.

ނިންޖަކީ މާބަނޑު މީހުންނަށް ވަރަށް މުހިއްމު އެއްޗެކެވެ. އެހެންކަމުން ރޭގަނޑު 8 ގަޑިއިރު ނިދަން އާދަކުރާށެވެ. ތަފާތު ސަބަބުތަކާހުރެ  ރޭގަނޑު ނިދި ނުލިބޭނަމަ ދުވާލުގެ ވަގުތުތަކުގައި އަރާމުކުރަންވާނެއެވެ.

މާބަނޑުވުމުން އަނގައިގެ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދޭންވާނެއެވެ. އެއީ މާބަނޑުވުމުން ހިރުގަނޑު ދުޅަވެ ލޭ އަންނަގޮތް ދިމާވާތީއެވެ. އެހެންކަމުން ރަގަޅު ބުރުހެއް ބޭނުންކޮށްގެން ކޮންމެ ދުވަހަކު ދަތްތައް ސާފުކޮށް ދަތުގެ ޑޮކްޓަރަކަށް ދައްކައި މައްސަލައެއް ހުރިތޯ ޗެކްކުރަންވާނެއެވެ.

ފައި ދުޅަވުމުން ސަލާމަތްވުމަށް ފަޔަށް ފަސޭހަ ފުންނާބަށް މާ އުސްނޫން ފައިވާނެއް ޚިޔާރުކުރަންވާނެއެވެ.

މި ޒަމާނުގައި ރީތިވުމަށް ބޭނުންކުރާ ކޮސްމެޓިކްސްގައި ތަފާތު ކެމިކަލްތައް އެކުލެވެއެވެ. މިފަދަ ކެމިކަލްއިން ކުޑަ ދަރިފުޅަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މާބަނޑުވުމުން މިފަދަ ތަކެތި ވީހާވެސް މަދުކުރެވޭތޯ ބަލަންވާނެއެވެ. އަދި މޭކަޕްކުރުމާ ދުރުހެލިވުމަކީ ވެސް މުހިއްމުކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކަލެޔާ ނަރަކަޔާއި ދެމެދުގައި ދެން ހުރީ ސަތޭކަ ކިލޯމީޓަރެވެ.

Next Article

ކުރިސްމަސް ފަދަ ކާފަރުންގެ ޢީދުތައް މުސްލިމުން ފާހަގަކުރުމުގެ ޙުކުމް.

Related Posts