ބިންވަޅު ނެގުނު ފިޔަވަޅުވަނަ 6ބައި

ސިޓީ ކިއުމަށްފަހު އެ އޮތް ތާނގާ ނޭނގޭގޮތަށް ބޭއްވިއެވެ. އިރުގަނޑަކު ކޮޓަރީގައި އެކަމާ ވިސްނަން އިނުމަށްފަހު ތެދުވެ ވިސްނުން އެހެން ދިމާލަކަށް ބަދަލުކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އައިޝްއަކަށް އެކަން ވާގޮތެއް ނުވިއެވެ. ދެން ހަދަންވީ ކިހިނެތްކަން އައިޝްއަކަށް ނުވިސްނުނެވެ. އައިޝް ގަސްދުކުރީ އަދިވެސް އެ ވާހަކަތައް އަމިއްލައަށް އޮއްބާލަންށެވެ. އެކަމާ ސުވާލުނުކުރުމަށް ވެސްމެއެވެ. އެދުވަހު ހަތަރުދަމުހެން އައިޝްއަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ދަރިފުޅުގެ މަސައްކަތުގައި އަވަދެނެތި އުޅުމުން އެކަން ފިލާދާނެއޭ ހިތައް އަރާ ޔޫސުފް ބަލައި މަންމަ ކޮޓަރިއަށް ދިއައެވެ. “އަސްތާ މަންމަ ދަރިފުޅު ހާދަ ދޮންކޮއްލާފަ” އައިޝް މިހެން ބުނެ ޔޫސުފް އުރާލިއެއްވެ. “މަންމަ އަތައް ޔޫސުފް ދީފިއްޔާ ވަރަން ނަލަކޮއްލާނެ” ދޮންވަސް ދުވާވަރު” އެހެން ބުނުމުން މަންމަ ބުންޏެވެ. “އައިޝް އަކަށް ނޭނގޭނެ ހާދަ ދުވަހެއް ފަހުންނޭ މާމާގެ ލޯބި ޔޫތު އުރާލާ ފެންވަރުވާލަން މި ލިބުނީ”

އިރުކޮޅަކުން މަންމައާ ވާހަކަ ދައްކަން އިނުމަށްފަހު ޔޫސުފު ގޮވައިގެން ކޮޓަރިއަށްވަދެ އޭނާ ނިދާތޯ އެކުގައި އޮށޯތެވެ. ކުޑަކުޑަ ޔޫސުފް އައިޝް އަތުގައި ކޮއްޓަކޮއްޓާ އޮއްވާ ނިދިއްޖެއެވެ. ޔޫސުފް އައިޝް ކާރީ ބާއްވާއިރަށް އަތުގައި ކޮއްޓަންފަށާނެއެވެ. ގިނަފަހަރަށް ނިދޭއިރުވެސް އޮންނާނީ އައިޝް ހިނގައިދާނެތީ އަތުން ބާރަށް ހިފަހައްޓައިގެންނެވެ.

މެންދުރުފަސްވެފައި ހުރުމުން ޔޫސުފް ނިދާފައި އޮތްވަގުތު އަވަސް އަވަހަށް އައިޝް ފެންވަރާ ރީތިވެލިއެވެ. ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރުމަށް މަންމަމެން ބަދީގޭގައި އުޅޭނެތީ އެކަމުގައި ބައިވެރިވުމަޓަކައި އަވަސް ކޮށްގެން އައިޝް ވެސް ވަނީ ބަދިގެއަށެވެ. މަންމާ މިއަދު ތިހަދަނީ ކޯޗެއް، ހިނގާ އިތުރު އައިޓަމެއް ހަދަން. ގޭގައި އިތުރު މެހެމާނަކުވެސް މިއަދު އެބައުޅޭނު” އައިޝް މިހެން ބުނުމުން. ދަރިފުޅު ބޭނުން އެހެން އެއްޗެއްވެސް ހަދާލާ މަންމަ މިހިރީ މަސް ރިހަޔާ ބަތް އަދި ސަޓަންޏެއް ވެސް ހަދާފަ”. މަންމަ ބުންޏެވެ. އެހެންވިއްޔާ އަހަރެން މުގުރިހަ ކައްކާނަން އަދި ބައްޕަ އިއްޔެ ގެނައި މުށިމަސްކޮޅު ތެއްލާނަން. ވަރަށް ކަމުދާނެ އާތިފްއަށް މަސްތެއްލީމަ” އައިޝް މަންމަ ގާތު މިހެން ބުނެ ފްރިޖްގައި ހުރި މަސްކޮޅުނެގިއެވެ. އެ އައިސް ކެނޑެންދެން ބެހެއްޓުމަށްފަހު މުގުރިހަ ކެއްކުމައްޓަކައި ތަކެއްތި ތައްޔާރުކުރިއެވެ.

ބަދިގޭގެ މަސައްކަތްތަކުގައި މަންމަޔާ އައިޝް އަދި އައިޝްގެ ދޮންތި އަވަދި ނެތި އުޅެނިކޮށް އާތިފް އޭނާގެ އެކުވެރި އަޝްރަފް ގޮވައިގެން ގެއަށް ވަދެގެން އަންނަތަން ފެނުނެވެ. މަންމާ އެތިބަ އަންނަނީ އާތިފްމެން. މި ރިހަކޮޅު ބަލާލައްޗޭ އަހަރެން އެ ދެމީހުނަށް ސައިހަދާނަން. އެހެންބުނެ އައިޝް އަވަސް އަވަހަށް ބިސްކޯދާއި ގެއަށް ލިބިފައިހުރި ކާޖާ ޑަބިޔަލުން ކާޖާ ތައްޓަކަށް އަޅައި ސައިތައްޔާރުކުރިއެވެ. އާތިވެސް ވަދެގެން އައިގޮތަށް އައީ ބަދިގެއާ ދިމާލަށެވެ. ބަދިގެ ދޮރު މައްޗަށް އެރުމާއެކު ހިނިތުންވެލާފައި މަންމަ ބުނެލިއެވެ. އާތިފް ހާދަ ނަސީބުރަނގަޅެވެ. ތިއައިސް ވަދެވުނީ އުރައިން ދަމާލި ކަނޑީގެ މިޔަމައްޗަށް.” އަވަހަށް ވަދޭ ސައިބޯން. އައިޝް އޭނާގެ ހިތްހަމަނުޖެހުމާ ވެފައި ހުރި މާޔޫސް އެކަކަށްވެސް ނުދައްކައެވެ. އެކަން އެކަކާވެސް ހިއްސާކުރަން އައިޝް ބޭނުމެއްނުވެއެވެ. އަޝްރަފް ގޮވައިގެން އާތިފް ވަދެ ސައިބޮއިގެން ދެމީހުން އެކީގައި ކޮޓަރިއާދިމަލަށް ހިނގައިގަތެވެ.

ބަދީގޭގައި ކުރަންހުރި މަސައްކަތްތައް ނިންމާލުމަށްފަހު ތިންމައިން ވެސް ނިންމީ އެކުގައި ސައިތައްޓެއް ބޯލުމަށެވެ. ” ދޮންތީ އަހަރެން ވަރަށް ފޫހިވޭ ބިސްކޯދާ ސައިބޯން، ހިނގާބަލަ ކޮންމެވެސް ކުޅިއެއްޗެއް ލިބޭތޯ ބަލަން” އެހެންބުނުމުން ދޮންތި ތެދުވެގެންގޮސް ކަބަޑު ހާވާލާފައި ޑަބިއަލެއް ނެގިއެވެ. ” މިހިރީ ރަސްމާދުއިން ލިބިފައި ހުރި ކުދިގުޅަ ޑަބިއަލެއް މި ވަރަށް މީރުވާނެ” ތިވީ މާރަނގަޅަކަށްނު އައިޝް ކޮންމެ ދުވަހަކު ދެން ސައިބޯނީ ތިޔާ” މިހެންބުނެ ތިންމައިން އެކުގައި ސައިބޯން އިށީނެވެ.

އަދި ދޮންތި ކައިރީ ބުނެލިއެވެ. “ދޮންތީ ހިނގާބަލަ ރަށަކަށް ދާން މި ލިބޭ އީދު ޗުއްޓީގަ” ހާދަ ދުވަހެއްވެއްޖެޔޭ ފެމެލީ ޓްރިޕެއް ނުދާތާ” އައިޝް ހުށަހެޅި ކަންތަކަށް ޖަވާބުދެމުން ބުންޏެވެ. “ކިހިނެއް ދަތުރެއް ދެވޭނީ ގިނަފަހަރު އޮންނަނީ އަނގަޔާ އަތާ ދިމާނުވެފަ” އެކަކު އަތުގަވެސް ފައިސާއެއް ނުހުރޭ، ގޭގެ ޚަރަދުތައް ބަލަހައްޓާފައި އިތުރަށް ނޯވޭ އެއްވެސް އެއްޗެއް ދޯ މަންމާ” ” ތެދެއް ދަރިފުޅާ ހަމަ ކިރިޔާ ފުދެނީ، ބައްޕައަށް ވެސް އެކި މަހު ލިބެނީ އެކިވަރަށް ބައެއްފަހަރު ކިރިޔާ ހަމަޖައްސާލެވެނީ” ތިންމައިގެ ވާހަކަ މިހާ ހިސާބައްދިޔަތަނާ އައިޝްގެ ދައްތަ މަރީ ބަދިގެއަށް ވަދެ ބުންޏެވެ.” ކޮން ސައްލާއެއް ތިކުރަނީ، މަވެސް ބައިވެރިކުރޭ. ޖަޒޫ ނުނިދައިގެން ނާދެވިފަ މިހުރީ” “ދަރިފުޅު ވެސް އާދޭ ސައިތައްޓެއް ގިރާދޭނަން މަންމަ” މަރީވަދެ އިށީނުމުން ވާހަކަގެ ފޯރި ހިފިއެވެ.

ދަތުރު ދާނެ ގޮތަކާ ބެހޭ ސައްލާ މިކުރަނީ ” ތިކަމުގައި މަވެސް ކޮންމެވެސް އެހީއެއްވެދީފާނަން. ސާލިޙް ދޯނި ހޯދަދީފާނެ އޭރުން ހަމައެކަނި ދާނީ ކެއުމަށް ދާ ޚަރަދު އެކަނިދޯ” އައިޝްގެ ދައްތަ މަރީ ބުނެލިއެވެ. އެހެންވީރު ތިކަން ހިނގާ ޕްލޭންކުރަން ދެންއަންނަ ހަފްތާބަންދުގައި ދާނީ، އެހެންނޫނީ މަށަކަށް ނުދެވޭނެ” އައިޝް ވަރަށް ގަޔާވެލާފާ ބުންޏެވެ. އަދި ސައިގެކަންތައް ނިމިގެން ދަތުރުގެ ވާހަކަ ދައްކަން ދޮންތި ކޮޓަރިއަށް ހުރިހާ އެންމެ ދާގޮތަށް ނިންމިއެވެ.

އިރު އޮއްސުމާ ގާތްވެފައިވާތީ، ބޭރުގައި ހިއްކަން އަޅާފައި ހުރި ޔޫސުފްގެ ހެދުންކޮޅު ނަގައިގެން އައިޝް ވަނީ ކޮޓަރިއަށެވެ. އާތިފް އާ އަޝްރަފް ކޮޓަރީގައި ހުރި ސަރަންފީގައި އޮށޯވެލައިގެން ޓީވީ ބަލަންތިއްބެވެ. ޔޫސުފް ކުޑަކޮން ފުރޮޅިލާފައި ލޯ ހުޅުވާލިއެވެ. “އަހަނ މަންމަ ދަރިފުޅު ތެދުވީތަ، ހިނގާދޯ ނެޕީބަދަލުކޮށްލާ ތިއްތި ވެލަން” އައިޝް މިހެންބުނެ ޔޫސުފް އުރާލާގެން ދިޔައީ ފާހާނައަށެވެ. ޔޫސުފް ރީތި ކުރުމަށްފަހު، “އަންނާނަން އެސޮރަށް ބަކުން ހަދައިގެން” މިހެން ބުނެ އާތިފް އަތަށް ޔޫސުފް ދިއްކޮށްލިއެވެ. އައިޝް ބަކުން ތަށި ހިފައިގެން އައިސް ޔޫސުފަށް ކާންދިނުމަށްފަހު އަނެއްކާވެސް އާތިފް އާޙަވާލުކުރިއެވެ. “އިރުކޮޅަކުން ގައިދޮއްވާލާނީ. ކާންދީފަ ވަގުތުން ފެންވަރުވަން އެހާ ރަނގަޅެއްނުވާނެޔޭ މަންމަ ބުނި” މިހެން ބުނެ އައިޝް ޔޫސުފަށް ކާންހެދި ތަށި ދޮވެލުމަށްޓަކައި ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.

ގޭތެރޭގައި މުޅިދުވަހު އަވަދިނެތި އުޅުމަށްފަހު އައިޝް ގަސްތުކުރީ ރޭގަނޑުގެ ކެއުމުގެ ކަންތައްތައް ނިންމާލުމަށްފަހު ތަންކޮޅެއް އަވަހަށް ނިދުމަށެވެ. އައިޝް ކިތަންމެ ނޫންކަމަށް ހަދައިގެން ހުރި ނަމަވެސް އަޝްރަފް އަތަށް ދީ ލަތީފާ ފޮނުވި ސިޓީގެ ކަންތައް އައިޝްގެ ސިކުނޑީގަ ހުރީ ހަރުލާފައެވެ.

ވެފައި ހުރި ވަރުބަލިކަމުން އައިޝް އަވަހަށް ނިދަން އޮށޯތެވެ. އޮށޯތް ކަމުގައި ވިޔަސް އައިޝްއަކަށް ނިދޭގޮތެއް ނުވިއެވެ. އެއްފުށުން އަނެއް ފުށަށް ޖެހިޖެހި މެންދަން ވީއިރުވެސް އޮވެވުނީ، ހަދަންވީގޮތަކާ މެދު ފިކުރުކުރާށެވެ. އާތިފް އޭނާގެ އެކުވެރިޔާ އާއެކު ބޭރަށް ދިޔަގޮތަށް ގެއަކަށް ނާދެއެވެ. ޓީވީ ދޮށުގައި ތިބުމަށްފަހު ކައި ހަދައިގެން ބޭރަށް ޖެހިލާފާ އެބައަންނަމޭ ބުނެފަ ދިޔަގޮތަށް ޚަބަރެއްނުވެއެވެ. އައިޝްއަށް ނިދި ޖެހުނުތަނާހެން އާތިފް އާއި އަޝްރަފް އައިސް ކޮޓަރިއަށް ވަނެވެ. އެ ދެމީހުން ވަނުމުން އައިޝް އެނދުންތެދުވެ ކޮފީއެއް ގިރަންވީތޯ ސުވާލުކުރިއެވެ.

”ނޫން މިރޭ ދެން ކޮފީއެއް ބޭނުމެއްނޫން، ދެންމެ މިއައީ ގްރެފިކްސް ކެފޭއަށް ވަދެ ކޮފީއެއް ބޮއިގެން” އާތިފް މިހެންބުނެ ނިދަން ތައްޔާރުވުމަށްޓަކައި ފާހާނާއަށްވަނެވެ. އަޝްރަފް ތިއިނީ ނިދި އައިސްފަދޯ ” މަޑުކުރޭ އާތިފް ނިކުތީމަ އަލަމާރިމަތީ އެއޮތް ގޮދަޑިނަގާދޭނަން” ތަންކޮޅު ކުޑަވީމަ ގޮދަޑިވެސް ބާއްވަން މި ޖެހެނީ އަލަމާރިމަތީ” އައިޝް އަޝްރަފް އާ ވާހަކަ ދައްކަމުން ދިއައެވެ. އެހިނދު އާތިފް ކޮޓައިއަށް ވަދެ ” އަޝްރަފް ދޭ ކުޑަކޮން ސާފުވެލައިގެން ނިދަން އަންނަން” އަހަރެން ތަންމަތި ރެޑީކޮށްދޭނަން” މިހެން ބުނުމުން އަޝްރަފް ވެސް ދެތުވެގެން ހިނގައްޖެއެވެ.

އައިޝް އެކަނި ލިބުނު ވަގުތު ބަލާ އާތިފް އާ ސުވާލުކުރިއެވެ. ” އާތިފް މިހާރު ވަޒީފާއެއް ލިބޭ ގޮތް ވެއްޖެތަ؟ އައިޝް ނޫންގޮތަކަށް އަހާލިއެވެ. ” އާނ އަންގާގާ އައިލެންޑް ރިސޯޓުން ވަޒީފާ ހަމަޖެހިފައިވާ ކަމަށް ބުނި. އަހަރެން އެޕްލައި ކުރި ރޫމްބޯއީގެ ވަޒީފާއާއި އަޝްރަފް އެޕްލައިކުރި ވޭޓަރުކަމުގެ ވަޒީފާ ހަމަޖެހިފައިވާ ކަމަށްބުނީ. އަދި ދެތިން ދުވަހުގެ ތެރޭ ފުރަންވީ ދުވަހެއް އަންގާނެ ވާހަކަވެސް ބުނި” އިރާދަކުރެއްވިއްޔާ ދެން ނުވާނެ މިވީހާ ދުވަހެއް . “

”އައިޝް މިއަދު މަންމަ ބުނި ދަތުރެއްދާވާހަކަ. އަނެއްކާ ކޮންކަހަލަ މަޖާގަނޑެއް ތިރާވަނީ. އަހަރެން ފުރުމުގެ ކުރިން ދެވޭގޮތެއް ނުވާނެ ދޯ.” އާތިފް ކުރި ސުވާލަށް ޖަވާބުދެމުން އައިޝްބުންޏެވެ. “އާނ ހަފްތާ ބަންދަކު ނޫނީ އަހަރެންނަކަށް ނުދެވޭނެ. ވަރަށް މަސައްކަތުން މިފަހަރު ވަޒީފާ ލިބިފައި މިއޮތީ. އެހެން ނޫނަސް އެއްގޮތަކަށްވެސް ވަޒީފާއަށް ބުރޫއަރާގޮތަކަށް މަށެއް ތަނަކަށް ނުދާނަން. އެވަގުތު އަޝްރަފް އައިސް ކޮޓަރިއަށްވަދެ ވަރަށް ލަސްވެއްޖެދޯ އޭ ބުނުމުން އާތިފްވެސް އާއެކޭ ބުނެ ނިދަން އޮށޯތެވެ.

ކޮންމެ ހަފްތާ ބަންދަކީ ގޭ އެންމެން އެކުގައި ލިބޭ ދުވަސްތައް ކަމަށްވާތީ، އެކުގައި ސައިބޮއި، ކައި ހެދުމަކީ އައިޝްމެން ގޭގެ އާދައެވެ. އައިޝްގެ ބައްޕަ އެއަށްވުރެ އުފާ ވާ ކަމެއް ނޯންނާނެއެވެ. ފަތިސް ނަމާދުން ފައިބައިގެން ފަހަރަކު ކުއްޖެއްގެ ކޮޓަރީގައި ޓަކިޖަހާ ހުރިހާ ކުދިންނަށް ގޮވާނެއެވެ. އައިޝްމެން ނިދާ ކޮޓަރީގައި ޓަކިޖެހުމުން އައިޝް ދޮރުހުޅުވާލިއެވެ. ބައްޕަ ފެނުމުން އައިޝް އުފަލާއެކު ސުވާލުކޮށްލިއެވެ. ބައްޕާ މިއަދު ސަޔަށް ހަދަންވީ ކޯންޗެއް. ފަތުމަސްހުންޏާ ހުނިރޮށިދޯ. އައިޝްއަށް ބައްޕައަށް އެންމެ މީރީ މަސްހުންޏާ ރޮށިކަން އިނގޭތީ އަހާލިއެވެ.

ބައްޕަ ހުންނާނެ އިއްޔެ ބާޒާރުން ކުއްޅަ ފިލާފަތް ގެނެސްފަ. ބައްޕައަށް ވަރަށް މީރު ދަރިފުޅު ހިކިމަސް އަޅާއިގެން އެ މޮޑޭ މަސްހުނި. “މަންމަ ތެދުވެއްޖެތަ.” އައިޝް ސުވާލުކޮށްލިއެވެ. އިރުއަރާއިރު ހުންނާނީ ބަދިގޭގަ އަބަދުވެސް. މިއަދުވެސް އެހެންދޯ. ބައްޕާ މިދަނީ ވަރަށް އަވަސް ކޮށްލައިގެން މަވެސް ބަދިގެއަށް. ރީތި ވެލުމަށްފަހު އައިޝް ބަދިގެއަށް ދިއައެވެ. އޭރު ބަދިގޭގައި މަންމަ އާއި، ދޮންތި އަދި ކުޑަބެ އަންހެނުން ފަރޫ އުޅެއެވެ. ނިކަން އަވަދި ނެތިއެވެ. މަންމަ ހުރީ ހުނިގާނާށެވެ. ދޮންތި ރޮށިފިހުމަށްޓަކައި ފުއްގަނޑު މޮޑެން ހުއްޓެވެ. ފަރޫއަށް އައިޝް ފެނުމާއެކު ލިޔެލިޔެހުރި މަސްގަނޑު ތަށީގައި ބޭއްވުމަށްފަހު އައިޝްއަށް ކޮފީއެއް ގިރާދެއްތޯ ސުވާލުކުރިއެވެ. އެވަގު މަރީ ފަހަތުން ބަދިގެއަށް ވަންނަމުން ފަރޫ މަށަށްވެސް ކޮފީއެއް ބޭނުން.” މިހެން ބުނެ ފަރޫ ގިރާ ކޮފީ ސުޕާރބް ވާނެ ކަމަށް ބުންޏެވެ.

ހެނދުނު ނާސްތާއަށް ފަހު މެންދުރަށް ކާއްކާ ހެދުމަށްފަހު ބަދިގޭގެ މަސައްކަތް އެކީއެކައްޗަކަށް ނިންމާލިއެވެ. ޖެހިގެން އަންނަ ދުވަހަކީ އޮފީސް ހަފްތާ ފެށޭ ދުވަސްކަމަށްވާތީ، އައިޝް އަވަސް ވެގަތީ ދޮވެފައި ހުރި އެއްޗެތި އިސްތިރިކުރުމަށެވެ. ޔޫސުފްވެސް ނިދާފައި އޮތް ވަގުތަކަށްވާތީއެވެ. ދަރިފުޅު ހޭލާ ހުންނަ ގަޑިތަކުގައި އޭނާ ބަލަމުން ގޭގެ މަސައްކަތް ނުކުރެވޭތީ ބައެއް ފަހަރު މަންމަ އާ ޙަވާލުކުރަން ޖެހެއެވެ. އަނެއް ބައި ފަހަރު ކޮންމެވެސް އެއް ދައްތައެއްގެ ކޮޓަރިއަށް ގެންގޮސް އަވަސް އަވަހަށް މަސައްކަތް ނިންމާލަނީއެވެ.

އެއްބަނޑުގައި ތިބި 10 ކުދިންގެ ތެރޭން ގޭގައި ދިރި އުޅެނީ 8 ކުދިންނެވެ. ފަރޫ، މަރީ އަދި ދޮންތި ވެސް އެމީހުންގެ ދަރިން ގޮވައިގެން އުޅެންޖެހޭތީ ޔޫސުފް ބަލާލަދޭނެ ވަގުތެއް ނުވެއެވެ. މަންމަ ބަލިކޮށް އުޅޭތީ ޔޫސުފް ބަލަން މަންމައާ ޙަވާލުކުރަން ކިތަންމެ އުނދަގޫވިޔަސް އައިޝް ވަޒީފާއަށް ދާންޖެހޭތީ ހަވާލުނުކޮށް ފަރުޖެހޭކަށް ނޯވެއެވެ.

ބިންވަޅު ނެގުނު ފިޔަވަޅު 5 ވަނަ ބައި
ބިންވަޅު ނެގުނު ފިޔަވަޅު 4 ވަނަ ބައި

ބިންވަޅު ނެގުނު ފިޔަވަޅު(3 ވަނަ ބައި)

ބިންވަޅު ނެގުނު ފިޔަވަޅު(2 ވަނަ ބައި)

ބިންވަޅު ނެގުނު ފިޔަވަޅު)1 ވަނަ ބައި)

 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އައްޝައިޚް އަބޫބަކުރު އިބްރާހިމް (ބަކުރުބެ) ނިޔާވެއްޖެ (إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ)

Next Article

އެތީސްޓުން އީމާންވުމަށް އޮތް އެންމެ ފަސޭހަ މަގު

Related Posts