ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ނ. ކުރެދިވަރު ކުކުރު މިސްކިތް

ނ. ކުރެދިވަރުގެ ހުކުރު މިސްކިތް ބިނާކުރެވުނީ އަލްއުސްތާޛް މުޒައްފަރު މުޙައްމަދު އިމާދުއްދީންގެ ރަސްކަމުގައި 1121ހ، (1709މ.) ވަނަ އަހަރުގައެވެ. މިރަށް ގިރަމުންގޮސް  ކުކުރު މިސްކިތާއި އެމިސްކިތުގެ ގަބުރުސްތާނުން ބޮޑުބައެއް ގިރައިގެން ދިއުމާއި ރަށުގެ ފެން ލޮނުވުމުން، 27 ޖޫން 1943މ. އެރަށު މީހުން ނ. އަތޮޅު ބޮމަސްދުއަށް ބަދަލުކުރެވުނެވެ. ބޮމަސްދޫވެސް ގިރަންފެށުމާއި ށ. ފަރުކޮޅު ފުނަދޫ އާބާދުކުރުމުގެ ގޮތުން 26 ސެޕްޓެމްބަރ 1970މ. ގައި، ބޮމަސްދޫގައި ތިބި ކުރެދިވަރު މީހުންފަރުކޮޅުފުނަދޫއަށް ވަނީ ބަދަލުކުރައްވާފައެވެ.

ބުނެވޭ ގޮތުގައި ކުރެދިވަރު ފަޅުވީ އެރަށުގައި އުފެދުނުބޮޑު ފިތުނަވެރިކަމެއްގައި، އެފިތުނައިގެ ދެފަރާތުގައި ތިބި ވާދަވެރިން ސިހުރުހާހޫރައިގެ ތަކެތި ރަށުގެ އެތަންމިތަނުގައި ވަޅުލައި ހެދުމުން އެތަކެތި ހުރިތަންތަން ގިރައި“ކަނޑަށް“ ވެގެންނެވެ. ކުރިން ކުރެދިވަރުގައި ތިބީ ނ. އަތޮޅު އެކުޅިވަރުގައި ތިބި މީހުންނެވެ. ބުނެވޭގޮތުގައި އެކުޅިވަރު މީހުންދާ ކޮންމެރަށަކުން މީހުން ފައިބަން ޖެހެނީ ”ރައްގިރާތީ“ އެވެ. ކުރެދިވަރު ގިރަމުންދިޔަ ވެލިގަނޑުން ރަށުގެ ދެކުނުކޮޅުގައި ފިނޮޅުއަޅައި، ރަށާއެކުވޮޑި، މިހާރުއަސްލު ކުރެދިވާރާއެއްވަރު ރަށެއްއުފެދި، ރުއްގަސް ހެދިފައި ވެއެވެ. އަސްލު ކުރެދިވަރުން ނުގިރައި އޮތީ ވަރަށް ކުޑަތަންކޮޅެކެވެ.

ކުރެދިވަރަކީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ އަނބިކަނބަލުންގެ ރަށެވެ. ނަމަވެސް މި އަނބިކަނބަލުންގެ ނަންފުޅު އަދިވަނީ ނޭނގުމުގެ ތެރޭގައެވެ. ތާޖުއްދީނުގެ ކާފަދަރިކަލުން އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ނިޔައުވެ ވަޅުލެވިފައިވަނީ އެރަށުގައެވެ. މަހާނަގަލުގައި އޮތީ“… ނިޔައުވީ 1182ހ. ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 4 ވީ ބުރާސްފަތި ވިލާރޭ“ އެވެ.

މިއީ “ ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން“ މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ނ. މިލަދޫ ރެދިންގެ ގައުފުނި އަދި އުސްގަނޑު

Next Article

މަސްތުވާތަކެތީގެ ނުރައްކަލާމެދު ދަރިފުޅު ހޭލުންތެރިކުރުވާނީ ބެލެނިވެރިޔާތަ

Related Posts