މައެއްގެ ދުލުން، ޙަޔާތުން ޞަފްޙާއެއް…

އަހަރެން ދިރިއުޅެމުން ދިޔައީ ނިކަމެތި ޙާލުގައެވެ. އަހަރެންގެ ފިރިމީހާގެ މަސައްކަތުން ބަނޑުފުރާނަ މުއްތިކޮށްލެވޭ ވަރުވެއެވެ. މާގިނަ ދުވަސްތަކެއްނުވެ އަހަރެންގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިނީމެވެ. އަހަރެންނަށް ލިބުނު ފުރަތަމަ ދަރިފުޅު، ހަސްނާ ބަލާ ބޮޑުކުރީ ލޯބިންނެވެ. އަހަރެންގެ ހިނިތުންވުމަކީ އެދަރިފުޅެވެ. އަހަރެންގެ ލޮލުގެ ފިނިކަމަކީ އެރީތި ދޮންދޮން ލޯބިވާ ދަރިފުޅެވެ. ހަސްނާ ބޮޑުވަމުން އައީ ނިކަމެތި ފަޤީރު ޙާލުގައިކަމެއް އޭނާއަށް އިޙްސާސެއް ނުކުރެވޭނެއެވެ. އޭނާއަށް އަހަރެމެން ދެމަފިރިންގެ ލޯބިދިނީމެވެ. މައިވަންތަކަމުގެ ލޯބި ދިނީމެވެ. ބަފައިވަންތަކަމުގެ ލޯބިދިނެވެ.
ޙަސްނާގެ އުމުރުގެ ދުވަސްތައް މާޒީއާއެކުވެގެންދެއެވެ. ގްރޭޑް 1 އަށް ވެއްދުމަށްޓަކައި ފޯރމްފުރި ދުވަހު އޭނާއާމެދު އަހަރެންގެ އުއްމީދުތައް އާވެ އާލާވިއެވެ. މަގޭ ލޯބިވާ ދަރިފުޅުކިޔަވާ މޮޅުވެގެން އަހަރެންގެ ޙަޔާތަށް ދިރުން ގެނެސް ދޭނެއެވެ. ޢާއިލާއަށް ރޯޝަންކަން ގެނެސްދޭނެއެވެ. ދަރިފުޅުގެ ތޫނުފިލަކަމާއި ދަރިފުޅުގެ ހިތްވަރުން ކޮންމެ ޓާރމެއްގައިވެސް ކޮމެންޑެޑް ރިޕޯޓް ހޯދައެވެ. ދުވަހެއް ދުވަހަކަށް ނަންވިދާ ދަރިވަރަކަށް ހަސްނާ ވަމުން ދިޔައެވެ. ރަންވަނަތައް ހޯދަމުން ދިޔައެވެ. މުދައްރިސުންގެ އެންމެ ލޯބިވާ ދަރިވަރަކީ މަގޭ ހަސްނާއެވެ.
ރަށު ސްކޫލުން ކިޔެވެން އޮތް އެންމެ މަތީ ހަރުފަތް ހަސްނާ ކަޑައްތުކޮށްފިއެވެ. ޖީސީއީ އޯލެވެލް އިމްތިޙާނުގައި އިށީދެ ހޯދި ފަޚްރުވެރި ކާމިޔާބީ އެޑިޔުކޭޝަނުންވެސް ފާހަގަކުރިއެވެ. ގަދަ 10ގެ ތިންވަނައިގައި އަޅައިގަތެވެ. އަހަރެން އުފަލުން ފޮޅުނެވެ. ފަޤީރަކަސް މުއްސަންޖަކަސް ކަޅަކަސް ދޮނަކަސް މޮޅުވާނީ ކިޔެވީމައެވެ.
ދަރިފުޅުގެ ޢުމުރުން 17 އަހަރުގައި، 11،12 ކިޔެވުމަށް މާލެ ފޮނުވީމެވެ. އަހަރެންގެ ފިރިިމީހާ ޢަބްދުއްރަޙްމާން މާލެ ފޭބިއެވެ. އެދަރިފުޅަށް ކިޔަވައި ދިނުމަށްޓަކައެވެ. އެދަރިފުޅާ މެދު ކުރެވޭ އުއްމީދުގެ ވޮއްކޮޅުގެ އަލިކަން އިތުރުވަމުން ދިޔައެވެ. ޒަމާނީ ތަޢުލީމީ ކުއްޖަކަށް އެދަރިފުޅު ހަދާނެކަމުގެ އުއްމީދު އިތުރުވަމުން ދިޔައެވެ. ޚުލްޤުހެޔޮ ދަރިއަކަށް ހެދުމުގެ ޢަޒުމު ވަރުގަދަވެގެން ދިޔައެވެ. ނަމަވެސް އެދަރިފުޅާ ދުރުގައި ހުންނަންޖެހުމުން ކަރުނަ އަޅާ ރޮވެއެވެ. އިންތިހާއަށް އެދަރިފުޅު މަތިން ހަނދާންވެއެވެ. ނަމަވެސް އަތްމަތި ދަތިކަމާހުރެ މާލެ ދާނެފަދައެއް ނެތެވެ. އަހަރެން ކެތްކުރީމެވެ. އެދަރިފުޅަށްޓަކައި ހެޔޮ ދުޢާކުރީމެވެ. ޢަބަދުއްރަޙްމާނުގެ މަސައްކަތުން ހަސްނާއަކީ ތަޢުލީމީ މޮޅު ކުއްޖަކަށްވިއެވެ.
ހަސްނާގެ ދިރިއުޅުމުގައި އާ ހަރުފަތެއް ގިރާކުރިއެވެ. މާލޭ މީހަކާ ކައިވެނީގެ ގޮތުން ގުޅުނެވެ. ކިޔެވުމުގެ އިތުރު އުސްމިނަކަށް ދިޔުމުގެ ބަދަލުގައި ހަސްނާ އާ ޙަޔާތެއް އާރާސްތުކުރިއެވެ. އޭނާގެ ފިރިމީހާއަކީ ހިތްހެޔޮ މިޒާޖެއްގެ ޚުލުޤްހެޔޮ ރަގަޅު މީހެކެވެ. ހަސްނާ ސަރުކާރުގެ ރަގަޅު ވަޒީފާއެއް ހޯދިއެވެ. ދުވަސްތަކެއްނުވެ ޙަސްނާ ބަލިވެއިންކަމުގެ އުފާވެރި ޚަބަރު އަހަރެންނަށް ލިބުނެވެ.
ފޮށިތަންމަތި ބަނދެ ދަރިފުޅު ވިހޭ ގެއަށް ދިޔުމަށް މާލެ ދާންފުރީމެވެ. އަހަރެންގެ ފަސް ދަރިން ރަށުގައި ބައިތިއްބާފައެވެ. ހަސްނާއަށް ލިބުނު ދަރިފުޅަކީ ލޭއަޅާ ބަލިކުއްޖެކެވެ. މަހުންމަހަށް ޤަވަޢިދުން ލޭއަޅަންޖެހެއެވެ. ހަސްނާގެ ވަޒީފާއަށް ނިކުތުމަށްޓަކައި އަހަރެން މާލޭގައި މަޑުކުރުމަށް ހަސްނާ އެދުނެވެ. ހަސްނާއަށް ވަޒީފާއަށް ދެވޭނީ މާލޭގައި އަހަރެން މަޑުކޮށްގެން ކަމުގައި ބުންޏެވެ. އަދި ކޮއްކޮމެން މާލެގެނެސް ކިޔަވައިދޭނެކަމުގައި ހަސްނާ ބުންޏެވެ. ޢަބްދުއްރަޙްމާނު ދަރިންނަށް ކިޔަވައިދިނުމުގައި ޚަރަދު ބަރަދު ބެލެހެއްޓިއެވެ. ލިބޭ މުސާރަ ގޭތެރޭގެ ކަންކަމަށް ހޭދަކުރިއެވެ. ހަސްނާގެ އެހީތެރިކަން ދޮޅު އަހަރެއްހާ ދުވަހު ލިބުނެވެ. އޭނާގެ ފިރިމީހާވެސް އެހާމެ ރަގަޅެވެ.
މާލޭގެ ދިރިއުޅުން ރާއްޖެތެރެއާ ތަފާތެވެ. ޚަރަދު ބަރަދު ބޮޑެވެ. ގޭތެރޭގެ ތާށިކަން ވަރަށްވެސް ބޮޑެވެ. ކަރަންޓް ބިލް، ފެންބިލް، ގޭގެ ކުލި ދެއްކުމަށް ކުރަންޖެހޭ ހޭދަ އެހާމެ ބޮޑެވެ. ނަތީޖާއަކަށްވީ ހަސްނާ އަހަރެންގެ ފަސްކުދިންނާ ދޭތެރޭ ދެކޭގޮތް ބަދަލުވުމެވެ. ޚަރަދު ބޮޑުވާތީ ކުރާ ޝަކުވާ އިތުރުވުމެވެ. ގޭތެރޭގައި އެކުދިންނަށް އެއްވެސް މިނިވަންކަމެއް ނެތެވެ. ފޮތްކިޔާލަން ހޮޅިބުރި ދިއްލާލެވޭނެ ގޮތެއް ނެތެވެ. ނިއްވާލަނީއެވެ. ހޫނުއެރިއަސް ފަންކާ ޖައްސާލެވޭކަށް ނެތެވެ. ކަނޑާލަނީއެވެ. ޚަރަދުބޮޑުވާތީ ފެންވަރާލެވޭނެގޮތެއް ނެތެވެ. ޝަކުވާ އާއި ނުރުހުމުގެ މާހައުލެއް ގޭތެރޭގައި އުފެދިއްޖެއެވެ. އަހަރެންގެ ހިތަށް ފުން އަސަރުތަކެއް ކުރަންފެށިއެވެ. އިންތިހާއަށް ގިސްލާ ރޮވުނެވެ. މައްސަލައިން މައްސަލަ ވިހަން ފަށައިފިއެވެ. އެންމެފަހުން ގެއިން ނުކުތުމަށް ހަސްނާ އަހަރެންނަށް މަޖްބޫރުކުރިއެވެ. އަހަރެންގެ ދަރިންނާއެކު އަހަރެން ދާނީ ކޮންތާކަށް ހެއްޔެވެ؟ މިއީ މާލޭއެވެ. ވަންނާނެ ގެއެއް ގެދޮރެއް ނެތެވެ. އެހެނަސް އަހެރެންގެ ހިތަށް އެރިއެވެ. މާތްﷲ ގެ އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ.
މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އިރާދަކުރެއްވުމުގެ މައްޗަށް ބާރު ފޯރުވޭނީ ކާކަށް ހެއްޔެވެ؟ އަބްދުއްރަޙްމާނު ވަޒީފާއަދާކުރާ ކުންފުނީގެ ބޮޑު މީހާއަށް އަހަރެމެންގެ ޙާލު އެނގުމުން އޭނާގެ ގޭގައި އަހަރެންގެ ޢާއިލާ ދުވަސްކޮޅަކަށް ބޭތިއްބިއެވެ. ދުވަސްތަކެއްނުވެ އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅަށް ހުޅުލޭ އެއާރޕޯޓުން އެލިބުނީ އެތަނުގެ އެންމެ މަތީ ހަރުފަތުގެ މަޤާމެކެވެ. އަހަރެންގެ ފިރިމީހާ ވަޒީފާގައި ދެމިހުރެ ގިނަދުވަސްތަކެއްވުމުން ކުންފުނިން ޕްރޮމޯޝަން ދީފިއެވެ. ޖެހިގެން އައިމަހު އަހަރެންނަށް ސަރުކާރު މަސައްކަތު މީހެއްގެ ވަޒީފާ ލިބުނެވެ. ދިރިއުޅުމަށް އާ ދޮރެއް ހުޅުވިއްޖެއެވެ. ދަރިންނާއެކު އަލުން އާ ދަތުރަކަށް ފަށައިފީމެވެ. ދުނިޔެ ހިނގަމުން ދަނީ ތޮޅަލި ދުޅައަށްކަން މިއަދު އަހަންނަށް ޔަޤީންވެއްޖެއެވެ.
ދުވަސްތައް މާޒީއާއެކުވެގެން ދެއެވެ. ކުއްލިއަކަށް މީހަކު އައިސް ގޭ ދޮރުގައި ޓަކި ދީފިއެވެ. ދޮރުހުޅުވާލުމާއެކު ހަސްނާ ގޭތެރެއަށް ވަނެވެ. އޭނާގެ އުރުގައި އޭނާގެ ތިން އަހަރުގެ ކުއްޖާއިނެވެ. އަހަރެންނަށް އަހާލެވުނެވެ. ”ތިހުރީ ކިހިނެތް ވެފައިތަ؟“ ހޯސްކިޔާފައި ހަސްނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ބަޑިފަޅައިގެން ގޮސް އޭނާ ރޯންފެށިއެވެ. އަދި ބުންޏެވެ. ”މަންމާ! އަހަރެން ވަރިކޮށްފި، އަހަރެން މިއަދު އެކަނިވެއްޖެ. އަހަރެން ބިކަވެއްޖެ. މަންމާ! އަހަރެންނަށް އެހީވެދީ!“ ހަސްނާ އަހަރެންނާ ދޭތެރޭ ކަންތައް ކުރީ ރަގަޅަކަށް ނޫނެވެ. އެހެނަސް އެއީ ހަމަ އަހަރެންގެ ދަރިއެކެވެ. އޭނާގެ މައްޗަށް އަހަރެންގެ އެއްވެސް ހިތް ބުރަކަމެއް ނެތެވެ. އެފަދަ ޙާލަތެއްގައި މައެއްގެ ލަގޮނޑިއަށް ކެތްވާނޭ ހެއްޔެވެ؟
ހަސްނާ އޭނާގެ ފިރިމީހާގެ ޙައްޤުތަކަށް އިހްމާލުވުމުން ވަރިކުރީއެވެ. ހަސްނާއަށް ދިން ތަރުބިއްޔަތުގެ ފައިދާއެއްނެތެވެ. ތަޢުލީމު ހޯދައިދިނުމަށް ކުރި ބުރަ މަސައްކަތުގެ އަގެއް ނެތެވެ. އެއިން ހަސްނާގެ ދިރިއުޅުން އާރާސްތެއް ނުކުރިއެވެ. އަހަރެން ހަސްނާއަށް ވިސްނައިދިނީމެވެ. ދިރިއުޅުމަކީ އިމްތިޙާނެކެވެ. މައިންބަފައިންގެ ޙައްޤުތަކެއްވެއެވެ. ދަރިން އެއާމެދު އިހްމާލުވެގެންނުވާނެއެވެ. ފިރިމީހާގެ ޙައްޤުތަކެއްވެއެވެ. އަނބިމީހާ އެއާމެދު ރައްކާތެރިވާންވާނެއެވެ. ޢިލްމެއް ލިބިއްޖެނަމަ، ޙިލްމުން ތާޒާކަން ހޯދަންޖެހެއެވެ. ތަރުބިއްޔަތެއްދެވިއްޖެނަމަ، ރިވެތި ޚުލުޤުން ޒީނަތްތެރިވާން ޖެހެއެވެ. އިސްލާޙްގެ ފެންއާރުން ދިރުން ހޯދައި ދަރިފުޅުގެ ޙައްޤުގައި ވަރިކުރި ފިރިމީހާއާއެކު އުޅެވޭނެ މަގެއް ހޯދުމަށްވެސް ވިސްނައި ދިނީމެވެ. އެމަގު އޭނާގެ ޙަޔާތަށްޓަކައި ކޮށައިދިނީމެވެ. އޭނާ ވަރިކުރި ފިރިމީހާ ކައިވެނި ރުޖޫޢަކޮށްފިއެވެ. ހަސްނާ އިސްލާޙުވިއެވެ. ރަގަޅު ގޮތުގައި ދިރިއުޅުން އާރޯކުރިއެވެ. އޭނާގެ ޙަޔާތުގައި މާމެލާމެލީގެ މީރުވަސް ފެތުރެން ފެށިއެވެ.
_______________________________

Leave a Reply

Your email address will not be published. Required fields are marked *

Previous Article

މާ ފައްކާއެތި

Next Article

ބުލޫ ރިންގް އޮކްޓޮޕަސް

Related Posts