އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތައް

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
އަންހެނުންނަކީ އިންސާނީ މުޖްތަމަޢުގެ އެއްބައެވެ. ދުނިޔެމަތީގައި އިންސާނުންގެ ދިރިއުޅުން ބިނާވެފައި ވަނީ ދުނިޔެ އާރާސްތު ކުރުމުގައި އަންހެނުންނާއި ފިރިހެނުން ހިއްސާވާގޮތުގެ މަތިންނެވެ. އެކަމަށްޓަކައިމާތް ﷲ ވަނީ ދެ ޖިންސުގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވުމާއި ލޯތްބާއި ކުލުނު ލައްވާފައެވެ. وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنفُسِكُمْ أَزْوَاجاً لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لآيَاتٍ لِقَوْمٍ يَتَفَكَّرُونَ (21) (سورة الروم 21)
މާނައީ: ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންނަށްޓަކައި އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އެއީ އެބައިމީހުންގެ ގާތުން ތިޔަބައިމީހުން ހިތްހަމަޖެހުން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަމުގައި އެކަލާނގެ އެއްކައުވަންތަވެ ވޮޑިގެންވާކަމުގައްޔާއިކުޅަދުންވަންތަ ކަމުގެ ހެކިތައްވެއެވެ.މާތްވެގެންވާ އިސްލާމްދީން ފާޅުވުމުގެ ކުރިން އަޚްލާޤީގޮތުން ވަރަށްވެސް ދަށް ފެންވަރަކަށް އިންސާނުން ވެއްޓިފައިވިއެވެ. ޖާހިލީ ޒަމާނުގައި އަންހެނުންނާ މެދު ވަރަށްވެސް އިހާނަތްތެރި ގޮތްތަށް މުޢާމަލާރުކުރެވިފައިވެއެވެ. އެބައިމީހުންގެ ހުރިހާ ޙައްޤުތައް ނިގުޅައިގަނެވިފައިވިއެވެ. ޢަރަބީންގެ ތެރެގައިވެސް އަދި އެ ނޫންވެސް މުޖްތަމަޢުތަކުގައިވެސް މިކަން ވަރަށް ދަށް ފެންވަރަކަށް ވެއްޓިފައިވިއެވެ.

އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތައް ނިގުޅައިގަނެވިފައިވާ ކަމަށް ބުނެ މިދުވަސްވަރުގައި ކުރެވޭ ދަޢުވާ އަކީ ބާޠިލް ދަޢުވާއެކެވެ. އެހެނި އަންހެނުންގެ ގެއްލިފައިވާ ޙައްޤުތައް އެބައިމީހުންނަށް އެންމެ ފުރަތަމަ ހޯދައިދިނީ އިސްލާމްދީނެވެ. އިސްލާމްދީން ވަނީ އެންމެހާ މީސްތަކުން އުފައްދަވާފައިވަނީ، އަންހެނަކާއި ފިރހެނަކުގެ ދެމެދުންކަން، ހާމަކޮށްދީފައެވެ.

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنثَى (سورة الحجرات 13) މާނައީ: އޭއީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަން ﷲ އަންހެނަކާއި ފިރިހެނެއްގެ ދެމެދުން ތިޔަބައިމީހުން އުފެއްދެވީމެވެ.

އަންހެން ކުއްޖަކު އުފަންވެއްޖެނަމަ އެކުއްޖާއާމެދު ޖާހިލީ ޒަމާނުގައި އަމަލު ކުރެވެމުން އައި ގޮތާއި މިކަމުގެ ހުރި ނުބައިކަން ހާމަކުރައްވާ މާތްﷲ ވަޙި ކުރައްވާފައިވެއެވެ.
وَإِذَا بُشِّرَ أَحَدُهُمْ بِالأُنثَى ظَلَّ وَجْهُهُ مُسْوَدّاً وَهُوَ كَظِيمٌ (58) يَتَوَارَى مِنْ الْقَوْمِ مِنْ سُوءِ مَا بُشِّرَ بِهِ أَيُمْسِكُهُ عَلَى هُونٍ أَمْ يَدُسُّهُ فِي التُّرَابِ أَلا سَاءَ مَا يَحْكُمُونَ (59) (سورة النحل 58,59) މާނައީ: އެއިން މީހަކަށް އަންހެން ދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ އެކަމާ ދެރަވެ ހިތާމަކުރާ ޙާލު އެމީހެއްގެ މޫނު އަނދިރިވެގެން ދެއެވެ. އަދި މި ލިބުނު ހަބަރަކީ ތިމާއަށް ހުރި ނުބައި ކަމެއްގެ ޚަބަރެއް ކަމުގައި ބަލާމީސްތަކުންނާ އެކަހެރިވެގަނެއެވެ. ދެންއެކުއްޖާ ނިކަމެތި ކޮށްފައި ބަހައްޓާފާނެއެވެ. ނޫންނަމަ ދިރިހުއްޓާ ވަޅުލައި މަރާލާފާނެއެވެ. ދަންނާށެވެ. އެބައިމީހުންގެ މި ނިންމުން ހާދަހާވާ ނުބައި ވެގެންވެއެވެ.

އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާއިމެދު އަމަލު ކުރެވެމުން އައިސްފައިވަނީ މި ފަދަ ގޮތަކަށެވެ. އަންހެންކުއްޖަކު ލިބިއްޖެނަމަ އެބައިމީހުން ދެކެނީ އެއީ ތިމާއަށް ލިބުނު ހުތުރު ކަމެއްކަމުގައެވެ. އެހެންވެ މީސްތަކުންގެ ކުރިމައްޗަށް ނުކުންނަންވެސް ލަދުން ދިރިހުއްޓާ އެކުއްޖާ ވަޅުލާ މަރާލަނީއެވެ. ނޫންނަމަ މަރާނުލައީ އެހެން ނަމަވެސް އިހާނަތްތެރި ކޮށްފައި ބަހައްޓައެވެ. ހަމަ އެފަދައިން ޖާހިލީ ޒަމާނުގައި މީހަކު މަރުވެއްޖެނަމަ އޭނާގެ ހުވަފަތް އަނބިމީހާ މުދާ ވާރުތަވާހެން ވާރުތަވެއެވެ. ފިރިމީހާގެ ގާތްތިމާގެ މީހުން، އަނބިމީހާގެ މައްޗަށް ގަދަވެގަނެއެވެ.

މިކަން ޙަރާމް ކުރައްވަމުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لا يَحِلُّ لَكُمْ أَنْ تَرِثُوا النِّسَاءَ كَرْهاً (سورة النساء 19) މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަ ބައިމީހުންގެ ތެރެއިން މީހަކު މަރުވުމުން އޭނާގެ ހުވަފަތް އަންހެނުންގެ މައްޗަށް ވާރުތަ މުދަލަށް ވެރިވާ ފަދައިން ވެރިވެގަތުމުން ވެރިވެގަތުން ތިޔަބައިމިހުންނަށް ހުއްދަވެގެން ނުވެއެވެ.

އިސްލާމްދީން ވަނީ މި ހުރިހާ އާދަކާދަތައް ނައްތާލާފައެވެ. އަންހެނުންނަށް ލިބެން ޖެހޭ ހުރިހާ ޙައްޤުތަކެއް ފުރިހަމައަށް ހޯދާދީފައެވެ. މީހަކު މަރުވިޔަސް އޭނާގެ ހުވަފަތްވެފައިވާ އަނބިމީހާ4 މަހާއި 10 ދުވަސް ވަންދެން ފިރިމީހާގެ ގޭގައި ޢިއްދަ ހަމަކުރުމަށް އަންގަވާފައިވެއެވެ. އޭގެ ފަހުގައި އެހެން މީހަކާއި ކައިވެނި ކުރަން ބޭނުން ވެއްޖެނަމަ އެކަން ކުރުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ. ފިރިމީހާގެ އާއިލާގެ މީހުންނަށް އޭނާގެ މައްޗަށް އެއްވެސް ބާރެއް ފޯރުވޭކަށް ނޯންނާނެކަންވެސް ވަނީ އަންގަވާފައެވެ. ހަމައެފަދައިން އެބައިމީހުންގެ މެދުގައި ތަރިކަ މުދަލުގައިވެސް އަންހެނުންނަށް އެއްވެސް ޙައްޤެއް ނޯވެއެވެ. އެބައިމީހުން ދެކެމުން އައިސްފައިވަނީ ތަރިކަ މުދާ ލިބޭނީ ހަނގުރާމަކުރާ ވެރި ފަހުލަވާނުންނަށް އެކަނި ކަމަށެވެ.

ނަމަވެސް ތަރިކަ މުދަލުންވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަސް ޙިއްސާ ލިބިގެންވާކަން އިސްލާމްދީން އަންގަވާފައިވެއެވެ. މިކަން ބަޔާން ކުރައްވާ ﷲ ވަޙީ ކުރައްވާފައިވެއެވެ. يُوصِيكُمْ اللَّهُ فِي أَوْلادِكُمْ لِلذَّكَرِ مِثْلُ حَظِّ الأُنثَيَيْنِ (سورة النساء 11 ) މާނައީ: ތަރިކަ މުދަލުން ތިޔަބައިމީހުންގެ ދަރިންނަށް އަންހެންދަރިއަކަށް ލިބޭ އެއްޗެއްގެ ދެގުނަ ފިރިހެން ދަރިއަކަށް ދިނުމަށް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ.

ތަރިކަ މުދަލުން އަންހެނުންނަށް ލިބޭ ވަރަށްވުރެ ދެގުނަ ފިރިހެނަކަށް ދީފައިވުމަކީ އެއްވެސް ޙާލެއްގައި އިސްލާމީ ޝަރީއަތުގައި އަންހެނުންނަށް ބޭއިންސާފުވެފައިވަނީ އެއްނޫނެވެ. މާތް ﷲ އެއްވެސް މީހަކަށް އަނިޔާވެރިވެ ވޮޑިނުގަންނަވައެވެ. އަދި އެއްވެސް ޙާލެއްގައި ބޭއިންސާފު ޙުކުމެއް ކުރައްވާފައި ނުވެއެވެ. إِنَّ اللَّهَ لا يَظْلِمُ مِثْقَالَ ذَرَّةٍ (سورة النساء 40) މާނައީ: ހަމަކަށަވަރުން ޒައްރެއްގެ މިންވަރުވެސް ﷲ އަނިޔާވެރިވެ ވޮޑިނުގަންނަވައެވެ. وَأَنَّ اللَّهَ لَيْسَ بِظَلاَّمٍ لِلْعَبِيدِ (سورة الأنفال 51) މާނައީ: ހަމަކަށަވަރުން ﷲ އެކަލާނގެ އަޅުންނަށް އަނިޔާވެރިވެ ވޮޑި ނުގަންނަވައެވެ.

ތަރިކަ މުދާ ބެހުމުގައި އިސްލާމްދީނުގައި އަންހެނަކަށް ލިބޭ ވަރުގެ ދެގުނަ ފިރިހެނުންނަށް ދީފައިވަނީ ސަބަބެއް ނެތިއެއްނޫނެވެ. ކީރިތި ޤުރުއާންގައި އެކަން ބަޔާން ކުރައްވާފައިވެއެވެ. الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ (سورة النساء 34)
މާނައީ: ފިރިހެނުން ނަކީ އަންހެނުން ބަލައި ތަރުބިއްޔަތު ކުރުމުގެ ޙައްޤާއި ބާރު ލިބިގެންވާބައެކެވެ. އެދެބައިމީހުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ﷲ މާތް ކުރައްވާ އިތުރު ކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި ފިރިހެނުން އެބައިމީހުންގެ މުދަލުން ހޭދަކުރާކަމަށްޓަކައެވެ.
އަންހެނުންގެ މައްޗަށް ފިރިހެނުންނަށް ލިބިގެންވާ ބާރަކީ އެއްވެސް ޙާލެއްގައި އަންހެނުން އަޅުވެތި ކުރުމުގެ ބާރެއް ނޫނެވެ. އެއީ ތިމާގެ ބެލުމުގެ ދަށުގައިވާ އަންހެނުން ރަގަޅުގޮތުގައި ބަލާ ތަރުބިއްޔަތުކޮށް އެބައިމީހުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދީ ބެލެހެއްޓުމުގެ ބާރެވެ. އަދި އަނބިމީހާއަށް ކުރަން ޖެހޭ އެންމެހާ ޚަރަދުތަކެއްކޮށް ބެލެހެއްޓުމުގެ ބާރުވެސްމެއެވެ.

وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ މިފަދައިން ވަޙީކުރައްވާފައި އެވަނީ މިކަމަށް އިޝާރާތް ކުރައްވަމުންނެވެ. ދެމަފިރިންކުރެ، ފިރިމީހާއަށްވުރެ އަންހެންމީހާގެ ތަނަވަސްކަން ބޮޑު ނަމަވެސް ފިރިމީހާއަށާއި ދަރިންނަށް ޚަރަދުކުރުން އަންހެންމީހާގެ މައްޗަށް ވާޖިބުވެގެންނެއް ނުވެއެވެ. ގޭގައި ކުރަންޖެހޭ ޚަރަދު ކުރުމުގައި ހެޔޮހިތުން އަންހެންމީހާ ޙިއްސާވުމަކީ އެއީ ވަކި ކަމެކެވެ. ނަމަވެސް އެޚަރަދުތައް ކުރުމީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބުކަމެކެވެ.

އެހެންކަމުން އިސްލާމީ ނަޒަރަކުން ބަލާއިރު ކޮންމެފަދަ ޙާލެއްގައިވިޔަސް ކޮންމެ އަންހެނަކުވެސް ވާންޖެހެނީ ކޮންމެވެސް ފިރިހެނެއްގެ ބަލަދުވެރިކަމުގައި ހުންނަ މީހަކަށެވެ. އެހެނީ ކޮންމެ އަންހެނަކީވެސް ކޮންވެސް ފިރިހެނެއްގެ އަންބެކެވެ. ނޫންނަމަ ދަރިއެކެވެ. ނޫންނަމަ ކޮއްކޮއެއް ނުވަތަ ދައްތައެކެވެ. ނޫންނަމަ މަންމައެކެވެ. މިއިން ކޮންމެ ޙާލެއްގައިވިޔަސް ފިރިމީހާ ނުވަތަ ބައްޕަ ނުވަތަ ބޭބެގެ ނުވަތަ ދަރިފުޅުގެ މައްޗަށް އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ އަންހެންމީހާއަށް ޚަރަދުކޮށް ބެލެހެއްޓުން ވާޖިބު ވެގެންވެއެވެ. ތަރިކަ މުދަލުން އަންހެނުންނަށް ވުރެ ދެގުނަ ފިރިހެނުންނަށް އިސްލާމް ދީނުގައި ދީފައިވަނީ މި ސަބަބުތަކަށް ޓަކައެވެ.

އާދޭހެވެ. އޭގެ ސަބަބަކީ އެއްވެސް ޙާލެއްގައި އާމްދަނީ ހޯދުމުގައި އަންހެނުންގެ ޙިއްސާ ނުވާތީއެއްނޫނެވެ. ތަރިކަ މުދަލުގައި ދެޖިންސް ހަމަހަމަ ނުވަނީ އެޒަމާނުގައި އަންހެނުން އާމްދަނީ ހޯދަން އަންހެނުން މަސައްކަތް ނުކުރާތީއޭ ބުނެވޭނީ އެހެން ނަމަތާއެވެ. މިޒަމާނުގައި އާމްދަނި ހޯދަން އަންހެނުން މަސައްކަތް ކުރާ ފަދައިން އެދުވަސްވަރުގައިވެސް އަންހެނުންގެ ތެރޭގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރި މީހުންވެސް އުޅެއެވެ.

އާދޭހެވެ. އަންހެނުނަކީ އުފެދުމުގައިވެސް ފިޠުރީގޮތުންވެސް ފިރިހެނުންނާ ތަފާތު ގޮތްތަކެއް އެބައިމީހުންގެ ކިބައިގައި ލައްވާފައިވަ ބަޔަކަށް ވީތީވެ އިސްލާމްދީނުގައި މިކަންކަމަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށްފައިވެއެވެ. މިގޮތުން ބަލާއިރު ދީނީގޮތުން އަދާކުރަންޖެހޭ ބައެއް ވާޖިބުތައް އަންހެނުންނަށް ލުއިކޮށްދީފައިވެއެވެ. އަދި ކީއްތޯއެވެ. އަންހެނުންނާ މެދު އޯގާތެރިކޮށް ހިތުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ގޮވާލާފައިވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިއެވެ. وَعَاشِرُوهُنَّ بِالْمَعْرُوفِ (سورة النساء 19) މާނައީ: “ތިޔަބައިމީހުން ތިޔަބައިމީހުންގެ އަބީންނަށް އޯގާތެރިވެ ހެޔޮކޮށް ހިތާށެވެ”. މި މާނަ އިތުރަށް ކަށަވަރު ކޮށްދެއްވަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ‏ ‏”إِنَّ أَكْمَلَ المؤمِنينَ إيمانًا أَحْسَنُهُم خُلقًا وَأَلطَفُهُم بأِهلِه ِ‏” (مسند أحمد) މާނައީ: މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވާ ބަޔަކުކަން ކަށަވަރީ، އެބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަގަޅު އަދި އެބައެއްގެ އަނބިންނަށް އެންމެ އޯގާތެރި ބައެކެވެ. އެހެން ޙަދީޘެއްގައި ވެއެވެ. عن أم المؤمنين عائشة -رضي الله تعالى عنها- قالت: قال رسول الله صلى الله عليه وسلم: “خَيْرُكُمْ خَيْرُكُمْ لِأَهْلِهِ وَأَنَا خَيْرُكُمْ لِأَهْلِي” (الترمذي) މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ”.
އާދޭހެވެ. ފިޠުރީގޮތުން އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ތަފާތުތަކެއް ލައްވާފައިވީ ނަމަވެސް ހެޔޮ ޢަމަލު ކުރުމުގެ މައިދާނުގައި ދެ ޖިންސްގެ ދެމެދުގައި އެއްވެސް ތަފާތެއް ލައްވާފައި ނުވެއެވެ. فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لا أُضِيعُ عَمَلَ عَامِلٍ مِنْكُمْ مِنْ ذَكَرٍ أَوْ أُنْثَى بَعْضُكُمْ مِنْ بَعْضٍ (سورة آل عمران 195) މާނައީ: ފަހެ އެބައިމީހުންގެ ވެރި ރަސްކަލާނގެ އެބައިމީހުންގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު ވިޔަސް އަންހެނަކު ވިޔަސް އެމީހަކު ކުރާ ހެޔޮކަމެއް ތިމަން ﷲ އެއަށް ޘަވާބު ނުދެއްވައި ދޫކޮށެއް ނުލައްވާހުށިކަމެވެ. އަންހެނުންވިޔަސް ފިރިހެނުންވިޔަސް ތިޔަބައިމިހުން އެންމެންނީ ދީނުގައި އަޚުވަންތަ ބައެކެވެ.

ހަމަ އެފަދައިން ޢުޤޫބާތް ދިނުމުގައިވެސް ފިރހެނުންނެކޭ އެއްފަދައިން އަންހެނުންނަށް އުޤޫބާތް ދެވެއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا (سورة المائدة 38) މާނައީ: “ވައްކަންކުރާ ފިރިހެނާއި ވައްކަންކުރާ އަންހެނާގެ އަތް ކަނޑާށެވެ.” އަދިވެސް ވަޙީ ކުރައްވައެވެ. الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ (سورة النــور2) މާނައީ: ޒިނޭކުރާ އަންހެނާއާއި ޒިނޭކުރާ ފިރިހެނާގެ ގައިގައި ސަތޭކަ އެތިފަހަރުން ހައްދު ޖަހާށެވެ.

އިސްވެދިޔަ އާޔަތުން އަޅުގަނޑުމެންނަށް އެގެނީ ހުރިހާ ކަމަކުން ދެ ޖިންސު އެއްވެސް ޙާލެއްގައި ހަމަހަމަވެގެންނުވާކަމެވެ. އިންސާނުން އުފެދުމުގައިވެސް މާތް ﷲ ވަނީ ދެޖިންސްގެ މެދުގައި ތަފާތު ކަމެއް ލައްވަވާފައެވެ. ބަލިވެ އިނުމާއި ވިހެއުމާއި މިކަންކަމީ އަންހެން ޖިންސުގައި ލައްވާފައިވަ ކަންތައްތަކެވެ. ހަމައެފަދައިން ދަރިން ގެންގުޅެ ބޮޑުކުރުމުގެ މަސްއޫލިއްޔަތުގެ ބޮޑުބައެއް އަދާކުރަނީ އަންހެނުން ކަމުން އެކަނބަލުންގެ ހިތުގައި ޙާއްޞަ އޯގާތެރިކަމާއި ހަމްދަރުދީވުން ލައްވާފައިވެއެވެ. އަދި ދަރިން ގެންގުޅެ ބޮޑުކުރުމުގައި ކުރިމަތިލާން ޖެހޭ ދަތިތަކާއި ވޭންތަކަކީވެސް ތިމާއަށް ލިބޭ އުފަލަކާއި ހިތްހަމަ ޖެހުމެއްކަމަށް ބަލައިގަތުމުގެ ޝުޢޫރުވެސް އަންހެނުންގެ ނަފްސުގައި މާތްﷲ ވަނީ ލައްވަވާފައެވެ.

އެހެންވެ އިސްލާމްދީނުގައި އަންހެނުންގެ މައިގަނޑު ވަޒީފާއެއްކަމަށް ކަނޑައަޅުއްވާފައިވަނީވެސް ފިރިމީހާގެ ގޭގެތެރެ ކަންތައްތައް ރާވާ ހިންގާ އިންތިޒާމްކޮށް ބެލެހެއްޓުމެވެ. މިއަށް އިޝާރާތް ކުރައްވަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “والمرأة راعية في بيت زوجها, ومسؤولة عن رعيتها” (متفق عليه) މާނައީ: “އަދި އަންހެނާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތައްބަލަހައްޓާ މީހާއެވެ. އަދި އޭނާގެ މިމަސްއޫލިއްޔަތާމެދު އޭނާއާ ސުވާލު ކުރެވޭނެއެވެ”. ވީމާ، ތިމާގެ އަޞްލު ވަޒީފާއާމެދު ފަރުވާ ކުޑަކޮށްލާ އެހެން ދިމާލަކަށް ހިނގައްޖެނަމަ އޮންނާނީ ތިމާ އަދާކުރަންޖެހޭ އަޞްލު މަސްއޫލިއްޔަތު ބޮއްސުން ލައިގެން ގޮސްފައެވެ. އަންހެނުން ވަޒީފާ އަދާކުރުމަކީ ނެތް ކަމެކޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް އެހެން ވަޒީފާއަކަށް ނުކުތުމުން ތިމާ އަދާ ކުރަންޖެހޭ އަޞްލު ވަޒީފާއަސް ފަރުވާކުޑަ ކޮށްލެވޭނަމަ އެއީ އެއާމެދު ސުވާލު ކުރެވޭނެ ކަމެކެވެ.

ދެޖިންސްގެ ހަމަހަމަ ކަމަށް ގޮވާލާ 2005 ވަނަ އަހަރު އެމެރިކާގައި އަންހެނަކު އިމާމްވެ ހުކުރު ނަމާދު ކުރި ވާހަކައަށް މިދަނޑިވަޅުގައި އިޝާރާތް ކޮށްލާހިތްވެއެވެ. މިކަމުގައި ދަންނަވާލަން ބޭނުންވަނީ ނަމާދަކީ އަޅުކަމެއްކަމާއި އަޅުކަން ކުރަންވީ ގޮތް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާކަމެވެ. އެއީ އެއްވެސް މީހަކަށް ހިތު ހުރިހާ ގޮތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިސާލަކށް ޘަވާބު އިތުރުކުރާށޭ ކިޔާފައި މީހަކު މަޣްރިބު ނަމާދުގައި ހަތަރު ރަކްޢަތް ކޮށްފިނަމަ އެމީހެއްގެ ނަމާދު ޞައްޙަވާނެތޯއެވެ؟ ޢިބާދާތުގެ ކަންތައްތަކަކީ ނުވަތަ އަޅުކަމުގެ ކަންތައްތަކަކީ ތަވްޤީފީކަންތައްތަކެވެ. އޭގެ މާނައަކީ ޝަރުޢުގައި އަކަން ކުރަން ކަނޑައަޅުއްވާފައިވާގޮތަށް މެނުވީ ކުރުން ހުއްދަވެގެންނުވާ ކަންތައްތަކެވެ.

ވީމާ އަންހެނެއްގެ ފަހަތުގައި ފިރިހެނުން މައުމޫމްވެ ހުރެ ނަމާދުކޮށްފިނަމަ އެ ފިރިހެނުންގެ ނަމާދު ޞައްޙައެއް ނުވާނެއެވެ.

ހުޅަނގުގެ ދުނިޔޭގައި ދެޖިންސުގެ ހަމަހަމަކަމަށް ގޮވާލާ ގޮވާލުމަކަށް އަޅުގަނޑުމެން މުސްލިމުން ބަލާކަށް ނުޖެހެއެވެ. ހުޅަނގުގައި އަންހެނުންގެ ޙައްޤުތައް ގެއްލިފައިވީ ނަމަވެސް އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތަކެއް ގެއްލިފައެއްނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކަށުނަމާދަށް ފަސްނުޖެހެމާތޯ!

Next Article

އަމިއްލަ ނަފްސާއެކު މަޑުކޮށްލުން ކީއްތޯއެވެ؟

Related Posts