ދިވެހިރާއްޖެ އެއިޑްސްގެ ނުރައްކަލުގެ ތެރޭގައި

އިންސާނީ ދަރިފަސްކޮޅަށް މިވަޤުތު ކުރިމަތިވެފައިވާ ޞިއްޚީ އެންމެ ބޮޑު ނުރައްކަލަކީ އެއިޑްސް ބައްޔެވެ. ފަރުވާއެއް ހޯދިފައިނުވާ މި ބަލި މުޅިދުނިޔޭގައި ސާލެއްހެން މިހާރު ދަނީ ފެތުރެމުންނެވެ. އެތައް މިލިޔަން ބަޔަކު މަރުވެ ހިނގައްޖެއެވެ. އަދި އެބަލީގެ ނުރައްކާތެރިކަމުގެ ނުރައްކާތެރި އިންޒާރުގެ އަޑުވެސް ދަނީ ގަދަވަމުންނެވެ.
2007 ވަނައަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 33.2 މިލިޔަން މީހުންނަށް ދުނިޔޭގައި އެއިޑްސް ބަލި ޖެހިފައިވެއެވެ. އޭގެ ތެރެއިން 15.4 މިލިޔަން މީހުން ނަކީ އާދެ ފަންސާސް އިންސައްތަ އަކީ އަންހެނުންނެވެ.އެއިޑްސް އެންމެ ހަލުއިކޮށް ފެތުރެމުންދަނީ އޭޝިޔާގެ ޤައުމުތަކުގައެވެ. 2003 ވަނައަހަރު ނިމުނު އިރު މިސަރަޙައްދުގައި އެޗްއައިވީ ޖެހިފައިތިބީ ހަމިލިޔަން މީހުންނެވެ. އަދި މުޅިދުނިޔޭގައި އެ އަހަރު ނިމުނު އިރު 40 މިލިޔަން މީހުންނަށް އެއިޑްސްބަލި ޖެހިފައިވެއެވެ.ދިވެހިރާއްޖެއާއި އެއިޑްސް
ދިވެއްސެއްގެ ހަށިގަނޑުން އެޗްއައިވީ ފެނުނުކަން ރަސްމީކޮށް ފުރަތަމަ އިޢުލާނުކުރީ 18 ނޮވެމްބަރ 1991 ގައެވެ.
މިހާތަނަށް ރާއްޖެއިން އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވަނީ 14 މީހުންކަމަށް ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކައެވެ. މީގެ ތެރެއިން މިހާތަނަށް ދުނިޔޭގައި ތިބީ ހަތަރު މީހުންކަމަށްވެއެވެ. އަދި އެއިޑްސް ޖެހުނު މީހުންގެ ތެރެއިން 8 މީހުންނަކީ ބޯޓްދަތުރުކުރާ މީހުން ކަމަށްވެސް ވެއެވެ.

ދުނިޔޭގެ އެންމެން އެ ވަބާއަކަށް ބިރުވެތިވާ އަދި އެއިން މިންޖުވުމަށް އެންމެ ގަދައަޅާ މަސައްކަތްކުރާ ވަބާ އެއިޑްސް ޖެހިފައިވާ ދިވެއްސަކު ފުރަތަމަ ފެނުނު ދުވަހުން ފެށިގެން މިހާތަނަށް ފާއިތުވެގެން ގޮސްފައިވާ މުއްދަތާއި ރާއްޖޭގެ އަވަށްޓެރި ޤައުމުތަކުގެ އެއިޑްސް ފެތުރެމުންދާ ހަލުއި މިނަށް ވިސްނާއިރު ރައްޖޭގައި މިވަޤުތު މިވަބާ ޖެހިފައިތިބި ދިވެހީން ކަމަށް ބުނާ ޢަދަދަކީ މުޢުޖިޒާތެއް ފަދަ މަދު ޢަދަދެކެވެ.

ދުނިޔޭގައި އެއިޑްސް ފެތުރެމުންދާ ގޮތާ ބެހޭގޮތުން އދ އިން 2006 ވަނައަހަރު ނެރުނު ރިޕޯރޓްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގައި އެންމެ ހަލުއިކަމާއެކު އެއިޑްސް ފެތުރެމުންދަނީ ދެކުނު އޭޝިޔާގައެވެ. މިހާރުވެސް މުޅި އޭޝިޔާގައި އެއިޑްސް ޖެހިފައިވާ މީހުންގެ ތިންބައިކުޅަ ދެބައި ތިބީ ދެކުނު އޭޝިޔާގައެވެ. ދެކުނު އޭޝިޔާއަށް ނިސްބަތްވާ ހަތް ޤައުމުގެ ތެރެއިން އެއިޑްސްގެ މައްސަލަ އެންމެ ބޮޑު ޤައުމަކީ އިންޑީޔާއެވެ. މިވަޤުތު ދުނިޔޭގައި އެއިޑްސް ޖެހިފައިވާ ކަމަށް ސާބިތުވެފައިވާ މީހުން އެންމެ ގިނައިން ދިރިއުޅެނީވެސް އިންޑިޔާގައެވެ.

އިންޑިޔާއަކީ ދެކުނު އޭޝިޔާގެ އެންމެ މުހިއްމު ޤައުމުކަމަށް ވެފައި ހުރިހާ ގޮތަކުންވެސް ދިވެހި ރާއްޖެއާ ގުޅި ލާމެހިފައިވާ ޤައުމަކަށް ވުމާއެކު އިންޑިޔާގެ ކިބައިން ދިވެހިރާއްޖޭގައި އެއިޑްސް ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ސަރުކާރުގެ ލަފާކުރުން ދައްކާ ޢަދަދަށްވުރެ ދިވެހިރާއްޖޭގައި އެއިޑްސް ޖެހިފައިތިބި މީހުންގެ ޢަދަދު މާ މަތިވެދާނެއެވެ. މިހާތަނަށް އެއިޑްސް ޖެހިގެން ނުވަ ދިވެހީން މަރުވެފައިވާ ކަމަށް ވާއިރު ދުނިޔޭގައި މިހާރު ތިބިކަމަށްވަނީ ޢުމުރުން 20 އަހަރާ 40 އަހަރާ ދެމެދުގެ ހަތަރު މީހުންނެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެކެވެ.

ޑަބްލިޔު އެޗްއޯއިން އަންދާޒާ ކުރާގޮތުގައި އެޗްއައިވީ އެއިޑްސް ހުރެގެން ފެންނަ ކޮންމެ މީހަކަށް 10 މީހުން ފާހަގަނުކުރެވި ހިނގައިދާނެއެވެ.

ޔުނައިޓެޑް ނޭޝަންސް ޕްރޮގްރާމް އޮން އެޗްއައިވީ އެއިޑްސް (ޔޫ.އެން.އޭ.އައި.ޑީ.އެސް) އިން ލަފާކުރާ ގޮތުގައި މިހާރު ރާއްޖޭގައި އޭޑްސް ބަލިޖެހިފައިވާ މަދުވެގެން 200 އެއްހާ މީހުން އެބަތިއްބެވެ. އަދި މިޢަދަދު މަދުވުމަށްވުރެ ގާތްކަންބޮޑީ މިޢަދަދު އެތައް ގުނައެއް އިތުރުވުމެވެ.

ރާއްޖޭގައި އެއިޑްސް ފެތުރެނީ ކިހިނެއް؟
ރާއްޖޭގައި އޭޑްސްބަލި ޖެހޭ ސަބަބުތައްކަމަށް އދ ގެ އެއިޑްސްއާ ބެހޭ ގޮފިން ފާހަގަކޮށްފައިވަނީ :

1- ތަޢުލީމު އުނގެނުމަށާއި ސިއްޚީ ފަރުވާއަށް އަދި ވަޒީފާއަށްޓަކައި ރާއްޖޭން ބޭރަށް ދާ ރާއްޖޭގެ ރައްޔިތުން އެދާ ޤައުމުތަކުގައި އޭޑްސްއަށް މަގުފަހިވާ ފަދަ ޢަމަލުތައް ކުރުން. އަދި މީގެ އިތުރުން ދިވެހީންގެ ގައިގޯޅިވުންވެސް ހުރީ ވަރަށް މަތީގައެވެ. އަބަދާ އަބަދު ބަނޑު ބޮޑު ވެދޭނެ ކަމުގެ ބިރުގައި އެތައް އަންހެން ކުދީންނެއް ތިބޭކަމީ ޙަޤީޤަތެކެވެ.

2- ވަރީގެ ނިސްބަތް ވަރަށް މަތީގައި ވުން. ކައިވެނި ނުކޮށް ތިބެ އެތައް މީހުންނާއެކު ޒިނޭކުރުން. ވަރިކޮށްފައި ތިބޭ މީހުން ފައިސާއަށް ޓަކައި ޒިނޭކުރުން. އަދި ރާއްޖޭގައި އުޅޭ ބިދޭސީން ދިވެހިންނާއެކު ޒިނޭކުރުން. ވަޒީފާއަށް އަންނަ ވަރަށް ގިނަ ބިދޭސީންގެ ހަށިގަނޑުން އެޗްއައިވީ ފެންނަމުންދާކަމުގައި ޑީޕީއެޗް އިން 2005 ވަނަ އަހަރު ވިދާޅުވެފައިވެއެވެ. އެގޮތުން އެ އަހަރާ ހަމައަށް 156 މީހެއްގެ ހަށިގަނޑުން އެޗްއައިވީ ފެނިފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

3- ޑްރަގް ބޭނުން ކުރުން – ސިރިންޖު ބޭނުން ކުރުމާއި ޑްރަގް ގަތުމަށްޓަކައި ހަށިވިއްކުން ޢާއްމު ވެފައި ވުން: ޑްރަގް ބޭނުންކުރާ މީހުންގެ ތެރެއިން 3 ބައިކުޅަ އެއްބައި މީހުންނަކީ ސިރިންޖު ޚިއްޞާކުރާ މީހުންނެވެ. ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ޢަމަލުތައް، ޚާއްޞަކޮށް އެޗެއައިވީއަށް މަގުފަހިވާ ޢަމަލުތައް ހުރިތޯ ބެލުމަށް ހެލްތު މިނިސްޓްރީން ކުރި ސާރވޭއިން ދައްކާގޮތުގައި ސާރވޭ ކުރެވެނު މީހުންގެ ތެރެއިން 44 އިންސައްތަ މީހުންނަކީ ކޮންމެވެސް ގޮތަކުން ފައިސާއަށް ޓަކައި ޒިނޭކުރާ މީހުންނެވެ. އާދެ ހަށިވިއްކާ މީހުންނެވެ. އަދި ދިރާސާ ކުރެވުނު މީހުންގެ ތެރެއިން 49 އިންސައްތަ މީހުންނަކީ އެ ޚިދުމަތް ގަންނަ މީހުންނެވެ. ޑްރަގާއި އެއިޑްސް އަކީ އެކު އެކީގައި ކުރިއަށް ދާ ދެ އެއްޗެވެ. ނާރުތަކަށް ޑްރަގް އިންޖެކްޓް ކުރަން ބޭނުންކުރާ ސިރިންޖުގެ ސަބަބުންނާއި ފައިސާ ހޯދުމަށްޓަކައި ހަށިވިއްކުމުގެ ސަބަބުން އެކަންކަމަށް މަގުފަހިވެއެވެ.

4- ރާއްޖެ އަންނަ ޓުއަރިސްޓުންގެ ފަރާތުން ރިސޯރޓްތަކުގައި އުޅޭ މީހުންނަށް. ދިވެހިރާއްޖޭގައި މިހާރު ފެނިފައިވާ އޭޑްސް ކޭސްތަކުގެ ތެރެއިން 21 އިންސައްތަ މީހުންނަށް އެއިޑްސް ޖެހިފައިވަނީ ރިސޯރޓް ތަކުންނެވެ. ސަރވޭއިން ފެނިގެންދިޔަ އަނެއް ޙަޤީޤަތަކީ ދިވެހިރާއްޖޭގެ ރިސޯރޓްތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 88 އިންސައްތަ މީހުންނަކީ ބައިވަރު މީހުންނާއެކު ޒިނޭކުރާ މީހުންނެވެ.

ސަރވޭތަކުގެ ލަދުވެތި ނަތީޖާ
ރާއްޖޭގައި އެއިޑްސް، ޑްރަގް އަދި ޒުވާނުންގެ ޙާލަތު ދިރާސާކުރުމަށް ރާއްޖޭގެ ކަމާބެހޭ ވުޒާރާއަކުން ނުވަތަ ޖަމްޢިއްޔާއަކުން ނުވަތަ ބޭރުގެ ކަމާބެހޭ މުއައްސަސާއަކުން ސަރވޭއެއް ކުރާ ކޮންމެ ފަހަރަކު ހާމަވެގެންދާނީ މި ފަޚްރުވެރި މުސްލިމް ދިވެހިރާއްޖެ ލަދުގަންނަންޖެހޭ ތަފާސްހިސާބުތަކެކެވެ.

ރާއްޖެއިން އެޗްއައިވީ ޕޮޒިޓިވް މީހަކު ފެނިފައިނުވާތާ ނުވަ އަހަރަށް ފަހު އެޗްއައިވީ ޕޮޒިޓިވް މީހަކު ރާއްޖެއިން ފެނުނީ މިދިޔަ އަހަރުއެވެ. ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ޢަމަލުތައް، ޚާއްޞަކޮށް އެޗެއައިވީއަށް މަގުފަހިވާ ޢަމަލުތައް ހުރިތޯ ބެލުމަށް ހެލްތު މިނިސްޓްރީން ކުރި ސާރވޭގެ ތެރެއިންނެވެ.

ރާއްޖޭގައި އެޗްއައިވީ ޖެހުމަށް މަގުފަހިވާ ޢަމަލުތައް ސަމާލުވާންވީ މިންވަރަށް ހުރިކަން މިސާވޭއިން ދައްކާފައިވާ ކަމަށެވެ.

ސާވޭގައި ސުވާލުކޮށްފައިވާ މީހުންގެ ތެރޭގައި ރިސޯރޓްތަކާއި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އިންޖެކްޓް ކޮށްގެން ޑްރަގް ބޭނުންކުރާ މީހުންގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހުން ހިމެނެއެވެ.

ސަރވޭ ގައި ބުނެފައިވާ ގޮތުގައި ޒިނޭކުރުމަކީ ދިވެހިރާއްޖޭގައި މިހާރު ވަރަށް ޢާއްމު ވެފައިވާ ކަމެކެވެ. ސަރވޭއިން ފާހަގަކުރެވުނު ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާ ސިފިލިސް އަކީ ރިސޯރޓްތަކުގައި މަސައްކަތްކުރާ ޒުވާނުންގެ މެދުގައި ވަރަށް ޢާއްމު ބައްޔެކެވެ. އަދި ފިރިހެނުން ފިރިހެނުންނާ ޖިންސީ ގުޅުން ހިންގުންވެސް ރާއްޖޭގައި ކޮންމެވެސް ވަރަކަށް އެބައޮތް ކަމަށް ސަރވޭއިން ހާމަވެފައިވެއެވެ. އެގޮތުން މިފަދަ މީހުންނާއި ބޯޓްދަތުރުކުރާ މީހުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ މީހުންގެ ކިބައިން ހެޕަޓައިޓިސް ބީ ފެނިފައިވެއެވެ.

ޑްރަގް އިންޖެކްޓް ކުރާ މީހުންގެ ތެރެއިން ހެޕަޓައިޓިސް ބީ ފެނިފައިވެއެވެ. އަދި މީގެ އިތުރުން އެޗްއައިވީއަށް މަގުފަހިވާ ޢަމަލުތައް ހުރިކަން ސަރވޭއިން ދައްކާފައިވެއެވެ.

ޒިނޭކުރުން ޙައްދުފަހަނައަޅާފައި
ސާސްކަފުގެ ލަނޑުދަނޑިތައް ހިމެނޭ ރިޕޯރޓެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޒުވާނުންގެ ތެރެއިން 62 އިންސައްތަ މީހުން ޢުމުރުން 18 އަހަރު ނުފުރެނީސް ޒިނޭކުރާ ކަމަށާއި (ޖިންސީ ގުޅުން ހިންގާ ކަމަށާއި) އޭގެތެރެއިން 45 އިންސައްތަ ކުދިންނަށް އެއިޑްސް ޖެހުމުގެ ބިރު ވަރަށް ބޮޑެވެ.

މިއަހަރު ފެމިލީ ޕްރޮޓެކްޝަން ޔުނިޓްގެ ޚިދުމަތް ހޯދާފައިވާ ކުދިންގެ ތެރެއިން 20 އިންސައްތައަށްވުރެ ގިނަ ކުދިންނަކީ ޒިނޭކޮށްގެން ބަލިވެ އިނދެފައިވާ އުމުރުން 18 އަހަރަށްވުރެ ދަށްކުދިން ކަމުގައި އެޔުނިޓުން ރާއްޖޭގެ މީޑިޔާއަށް ހާމަކޮށްފައިވެއެވެ.

18 އަހަރުން ދަށުގެ އެހާބޮޑު ނިސްބަތެއް ޒިނޭކުރާކަމަށް (ކައިވެނިން ބޭރުގައި ޖިންސީގުޅުން ހިންގާކަމަށް) އަމިއްލައަށް އިޢުތިރާފުވުމަކީ ދިވެހި އިސްލާމީ އުންމަތުގެ މިސްރާބު މިހާރު އޮތް ނުރަނގަޅު ދެރަގޮތް ހާމަކޮށްދޭ ވަރަށް ބޮޑު ހެއްކެކެވެ.

2007 ވަނައަހަރު ކުރި އެހެން ދިރާސާއަކުން ދައްކާގޮތުގައި ރާއްޖޭގެ 18 އަހަރުން ދަށުގެ 29 ޕަސެންޓް ކުދިން ޒިނޭކުރެއެވެ. (ކައިވެނި ނުކޮށް ޖިންސީ ގުޅުން ހިންގައެވެ.)

އިޞްލާޙްކުރަން ތިބި އިންސާނުންގެ ޙާލަތު
ރާއްޖޭގައި އެއިޑްސް ބަލީގެ ކަންތައްތަކާ ބެހެނީ މިނިސްޓްރީ އޮފް ހެލްތުންނެވެ. ހެލްތު މިނިސްޓްރީގެ އިސްވެރިން އެކި އެކި މުނާސަބަތުތަކުގައި ރާއްޖޭގައި އެއިޑްސްބަލީގެ ޙާލަތާބެހޭގޮތުން މަޢުލޫމާތު ދެއްވަމުން މުސްލިމުންގެ ވިސްނުމުން ބޭރުވެ، ހުޅަނގުގެ “ހުޅުވާލެވިފައިވާ ޖިންސީ ވިސްނުމުގެ” ވާހަކަތައް ނޫސްވެރިންނާ ބައްދަލުކުރަމުން ބުނެފައިވެއެވެ.

އެގޮތުން ހެލްތު މިނިސްޓްރީގެ އިސްވެރިޔަކު މިފަދަ ބައްދަލުވުމެއްގައި ބުނެފައިވެއެވެ. “ބައެއް މީހުން ޤަބޫލެއް ނުކުރާނެ މިހާވަރަށް މިކަންތައް އަހަރެމެންގެ މުޖްތަމަޢުގައި އޮތް ކަމަކަށް. މިހާރު އަހަރެމެން ސާބިތުކޮށްދީފިން މި ސަރވޭއިން މިފަދަ މީހުންވެސް އެބަ އުޅޭކަން”

ދޭތެރެދުރުކުރާ ވަޞީލަތްތައް ބޭނުން ނުކުރާ ކަމަށް ބުނަމުން އޭނާ ބުނެފައިވަނީ “ޖިންސީ ގުޅުން ހިންގާއިރު ފުރަގަސްފަރާތް ބޭނުންކުރުމުގައި ހުރަސް ދުވަހަކުވެސް (ދިވެހީން) ބޭނުން ނުކުރާކަމަށް. މިއީ ވަރަށް ނުރައްކާތެރި ކަމެއް” އޭނާ ބުނެފައިވެއެވެ.

“އަހަރެމެން އެބަޖެހޭ މީހުން ހުރަސް ބޭނުން ކުރަން އެމީހުން ހޭލުންތެރިކުރަން. ޖިންސީގުޅުން ހިންގުމުން އެމީހުން ދުރެއް ނުކުރެވޭނެ އަހަރެމެންނަކަށް. އެކަމަކު އަހަރެމެންނަށް ކިޔައިދެވިދާނެ އެކަން ރައްކާތެރިގޮތުގައި ކުރަން” އޭނާ ބުނެފައިވެއެވެ.

މިފަދަ އިސްވެރިން މުސްލިމަކަށް ވެ ހުންނަވައި ދައްކާފައިވާ މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކާމެދު ހައިރާންވެ އަންތަރީސް ވާވަރު ވެއެވެ. ދިވެހި ޒުވާނުން ޖިންސީ ގުޅުން ހިންގަނީ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް (ހުރަސް ފަދަ އެއްޗެއް ބޭނުން ނުކޮށް) ކަމަށާއި އަދި ފުރަގަސް ފަރާތްވެސް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގާ ކަމުގައި ބުނުމުން ދޭހަވަނީ އެކުދީން ޒިނޭކުރާތީ މިމީހުން ކަންބޮޑު ނުވާކަމުގައެވެ. އޭގެ ބަދަލުގައި އޭނާ ކަންބޮޑުވަނީ އެކުދީން ޒިނޭކުރާއިރު ރައްކާތެރިކަމުގެ ވަޞީލަތެއް ބޭނުން ނުކުރާތީއެވެ. ވިސްނާލައްވާށެވެ. ފާޅުގައި ސީދާގޮތުން ޒިނޭކުރުމަށް ހިތްވަރު ދެނީއެވެ. އަޅުގަނޑުމެންގެ އިސްލާމީ މުޖްތަމަޢު ހަލާކުވާ މައިގަނޑު އެއްސަބަބަކީ އެއީއެވެ. ހުޅަނގުގެ ޕްރޮޕެގެންޑާގެ ދަށުން މިފަދަ ޙަރާމްކަންތައްތައް “ރައްކާތެރި ގޮތުގައި” ކުރުމަށް ދަޢުވަތު ދޭތީއެވެ. ﷲ އަށް ޓަކައި ބިރުވެތިވެ ތިޔަފަދަ ވާހަކަތައް ނުދެއްކުމަށް ގޮވާލަމެވެ. ޒިނޭކުރާ އިރު ހުރަސް ބޭނުންކުރަން ބުނުމުގެ ބަދަލުގައި އެއީ ދީނުގައި ޙަރާމްކަމެއް ކަމަށް ބުނެ އެކަމުން ދުރުހެލިވުމަށް ނަޞީޙަތްތެރިވި ނަމަ މާ ރަނގަޅުވާނެއެވެ.

ދެރަކަމެއް
އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިފައި އޮތުމަކީ ވަރަށް ދެރަ ވާންޖެހޭ ކަމެކެވެ. ރާއްޖޭގެ އެންމެންވެސް އެދީނަކަށް ތަބާވެގެން މިތިބި އިސްލާމްދީނުގައި އެންމެ ބޮޑަށް ޙަރާމްކުރައްވާފައިވާ އެއްފާފަކަމުގައިވާ ޒިނޭއަށް ދިވެހި ޒުވާނުން މިހާ މަތީދަރަޖައަކަށް ގާތްވަމުން ދިޔުމަކީ ވަރަށް ދެރަ ކަމެކެވެ.

މާދަމާގެ މައިންބަފައިންނަށް ވާންތިބި މިއަދުގެ ޒުވާނުން މި ފާފައަށް މިހާ މަތީ ދަރަޖައަކަށް އަރައިގަތުމަކީ ހީނުކުރާފަދަ ގެއްލުމެއް މިޤައުމަށް ލިބޭނެކަމެކެވެ. މިފަދަ ކަންކަން ހުއްޓުވޭނީ އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އަދަބު ދީގެންނެވެ.

ޙައްލަކީ ކޮބާ؟
މިއީ މިއަދު މިޤައުމަށް ކުރިމަތިވެފައިވާ ބޮޑު މުޞީބާތެކެވެ. ޑިމޮކްރަސީގެ ފޮނިކަން ދިވެހިންނަށް ހޯދާދިން އިރު ޤައުމުގެ އަޚްލާޤީ ކިއްލާގައި ރެނދުއަޅައި އަޚްލާޤީ ކިއްލާ މިހިރަދަނީ ފުނޑުފުނޑުވަމުންނެވެ. މިއީ ރަނގަޅު ތަރުބިއްޔަތަކާ ހަރުދަނާ އަޤީދާއެއް ނެތީމާ ވާގޮތެވެ. ޤައުމުގެ ތަޢުލީމީ ނަވުގެ ހުންގާނުވެސް މިވަނީ ހުޅަނގުން ބޭނުންވާ މިސްރާބަށް ދީލާލާފައެވެ.

ޒިނޭކުރުމުގެ ރީތި ގޮތަކީ ކައިވެނިން ބޭރުގައި ޖިންސީ ގުޅުން ހިންގުން ކަމުގައި ހަދައި ބޮޑެތި ފާފަތައްވެސް ބަސްކޮށާރުގެ އަވާގައިޖައްސައި ތިލަކޮށް އެއީ ކުދިކުދި ކަންތައްތަކެއް ކަމުގައި ދިވެހި މީޑިޔާއިންވެސް ދެކެން ފަށައި އެކަމުގެ އަސަރު ޢާއްމު ރައްޔިތުންގެ ސިކުނޑިތަކަށް ފޯރުވައި އެބައިމީހުންގެ ވިސްނުންވެސް ބަދަލުކުރަން ފަށައިފިއެވެ. ހުޅަނގުގެ ފިކުރީ ހަނގުރާމައިގެ އޮއިވަރުގެ ހަމަ ރަނގަޅަށްވެސް ދިވެހިރާއްޖެ ޖެހިއްޖެއެވެ.

ޒިނޭކުރުމާއި އެއްޖިއްސުން ޖިންސީގުޅުން ހިންގުމާއި ރޭޕުކުރުމާއި ކުޑަކުދިންނަށް ޖިންސީގޯނާކުރުންފަދަ ބޮޑެތި ފާފަތަކާއި މުންކަރާތްތަކަކީ ދިވެހީންގެ ޙަޔާތުގެ “ރަދީފު” ގައި ޒަމާނުގެ ތަރައްޤީއާއެކު ކޮންމެހެންވެސް އަންނަންޖެހޭ ކަންތައްތަކެއް ކަމުގައި ދިވެހި ސިކުނޑިތަކަށް ވިސްނައިދީ އެގޮތަށް މާނަކުރަން ފަށައިފިއެވެ. މިފަދަ ތަރައްޤީ އަޅުގަނޑުމެންނަށް ނުފެނުނު ނަމަ މާ ރަނގަޅު ވީހެވެ. މިއީ އިންސާނީ ތަރައްޤީއެއް ނޫނެވެ. ވަލު ޖަނަވާރުންނަށްވެސް އެ އެއްޗެއްސަށް ފައިދާ ހުރި ގޮތާއި އެ އެއްޗެއްސަށް ގެއްލުން ހުރި ގޮތް އެނގޭނެއެވެ. މިފަދަ ކަންތައްތައް ކުރިން އިންސާނުންގެ ތެރޭގައި ވާކަންތައްތައް އަހަރެމެން އަޑުއަހަނީ ސިޔަރަތުން މެއަ. އަދި ކިޔެއްތަ އެއީ އިސްލާމްދީން ފައުޅުވުމުގެ ކުރިމެއަ. އަދިވެސް ޖާހިލުކަމުން ހޭލައްވަން ކަށިގަނޑެއް ފުމެންޖެހިފައި ނުވޭބާ؟

ފުންކޮށް ވިސްނާލާއިރު މިކަމުގެ ޙައްލުއޮތީ ހަމައެކަނި އިސްލާމްދީނުގައެވެ. މައިން ބަފައިންނާއި މުދައްރިސުން ބެލެނިވެރިން، އަޅުގަނޑުމެންގެ ޅަ ޖީލު ހަލާކު ނުވަނީސް މިކަންތައްތަކުގެ ޙަރާމްކަން އެކުދީންނަށް ވިސްނައިދީ މަރުވުމަށްފަހުގައިވެސް އަދި ޙަޔާތެއް އޮތްކަމާއި ނަރަކައަކީ އެފަދަ ހުތުރު ޢަމަލުތައް ކުރާ މީހުންނަށް ޢަޛާބުދެއްވުމަށްޓަކައި ވާތަނެއްކަން އެކުދީންނަށް ވިސްނައިދީ، އެކުދީންގެ ދީނީ ޢަޤީދާ ހަރުދަނާކޮށް، އެކުދީން ލައްވައި ނަމާދުކުރުވައި، ދީނުގެ ޙުކުމްތައް އޮޅުންފިލުވައިދީ، ޙަރާމް ޙަލާލް ބަޔާންކޮށްދީ، އިސްލާމްދީނުގެ މަތިވެރި އަޚްލާޤުގެ ފޭރާމުން އެކުދީން ޒީނަތްތެރިކުރުވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އެކުދީން އަނބުރައި ސުންނަތުގެ މަތީގައި ފައިތިލަ ސާބިތުކުރުމަށް މަޖްބޫރުކުރުވައިގެން ނޫނީ ޤައުމު ވެއްޓެމުން މިދާ އަޚްލާޤީ ފުން ވަޅުގަނޑުތަކުން ސަލާމަތްވެވޭނެ އެހެން އެއްވެސް ގޮތެއް ނެތެވެ. ފަރުވާއެއްގެ ގޮތުގައި ރޫޙާނީ ފަރުވާ ބޭނުންވާ ބަޔަކަށް އަދި އެކަމުގައި އިޞްލާޙުވުމުގެ މަސްލަޙަތު އޮއްވައި ހުޅަނޑުގެ ނަޖިސް ސިކުނޑިތަކުން ރާވާ މަކަރުވެރި ރޭވުންތަކާއި ޖަހާ ކެހިވެރި މަޅިތަކާއި ދޭ އެކި އެކި “ކޮންސަލްޓެންސީ” ތަކަކީ ހާކަނޑުގައި ތަޅާ ލަބަރިތަކެއް ނޫން ދެން ކޮންއެއްޗެއް ހެއްޔެވެ؟ އެއީ ހަމަ ފޫނެއް ފާޔަށް ފެންފުރުން ކަހަލަކަމެކެވެ. އެއްވެސް ނަތީޖާއެއް ނެތް ބޭކާރު ކަމެކެވެ.

ހުޅަނގުގެ މީހުންނަށް އެނގޭނީ މައްސަލަ އުފައްދާށެވެ. މައްސަލަ ޙައްލުކުރާކަށް ނޭނގޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ނަމާދުގައި ކިޔާތަކެތި މާނައާއެކު -ކުޑަކުދިންނަށް

Next Article

ކުޑަ ވަގުތުކޮޅެއްތެރޭގައި ރޯމަނުންގެ ކުރިއަރާފައިވާރަށް ހަލާކުވިގޮތް

Related Posts