ސީރިޔާގެ ބިމުން ފައުޅުވި ޙަޤީޤަތެއް

މިއީ ޙަޤީޤީ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. ޝައިޚް ޢަލީ ތަންޠާވީގެ ދޫފުޅުން ވާޞިލްވެފައިވާ ވާހަކައެކެވެ. ޝައިޚް ވިދާޅުވިއެވެ.

އަހަރެން ސީރިޔާގެ އަލެއްޕޯ ސިޓީގެ މިސްކިތަކަށް ދިޔައީމެވެ. އަހަރެންނަށް ޒުވާނަކު މިސްކިތުގައި ނަމާދުކުރަމުން ދިޔަ މަންޒަރު ފެނުނެވެ. އެހިނދު އަހަރެންނަށް ބުނެލެވުނެވެ. ” ސުބްޙާނަﷲ” އެޒުވާނާއަކީ  ކުށްތަކަށް އަރައިގަންނަ، މަސްތުވާ ތަކެތީގެ އަވާގައި ޖެހިފައިވާ، ރިބާގެ މުޢާމަލާތްކުރާ، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ގެއިން ނެރެލާފައިވާ ޒުވާނެކެވެ. އޭނާ މިސްކިތަށް އަރައި ނަމާދުކުރުމުގައި ޝާމިލުވެފައި އެހުރީ ކީއްވެ ބާވައޭ  އަހަރެންގެ ހިތަށް އެރިއެވެ. އަދި އޭނާއާއި ސުވާލު ކޮށްލީމެވެ. “ތިޔައީ ‘ހައުސަމް’ ތަ؟ އެޒުވާނާ ބުންޏެވެ. “ލައްބަ!”.  ހުރި އުފަލެއްގެ ބޮޑުކަމާއެެވެ. އަދި އޭނާ ﷲ ގެ މަގަށް ރުޖޫޢަވީ ކިހިނެތްތޯ އެހީމެވެ. އެޒުވާނާގެ ވާހަކަތައް ކިޔައިދިނެވެ.

އަހަރެންގެ ގެއާ އިންވެގެން ހުރި މިސްކިތުގެ އިމާމަކީ ގައިބާރު ދެރަވެފައިވާ މުސްކުޅިއެކެވެ. އެޝައިޚް އެއްދުވަހަކު ނަމާދު ކުރަންތިބި މީހުންނާ ދިމާއަށް ބަލާލާފައި ވިދާޅުވިއެވެ. ” ހިސާބުގަނޑު އެންމެން ކޮބައިހެއްޔެވެ؟ ނޫކަށިފުރައިގެ ޒުވާނުން ކޮބައިހެއްޔެވެ؟ އެމީހުން މިސްކިތަށް ނާންނަނީ ހެއްޔެވެ؟ ބައެއް މީހުން ޖަވާބު ދިނެވެ. “އެމީހުން، އެޒުވާނުން ވަގުތު ހޭދަކުރަނީ ‘ކެބަރެޓް’ ގައި.” ޝައިޙް ސުވާލުކުރިއެވެ. ” ކެބަރެޓަކީ ކޮންތަނެއްތަ؟”  އެތަނުން އެކަކު ޖަވާބުދިނެވެ. ” އެއީ މުނިފޫހިފިލުވުމުގެ މައިދާނެއް. ޅަފުރައިގެ ޒުވާން އަންހެންކުދިންގެ ނެށުމާއި އެޖިންސުއްލަޠީފުންގެ ބުރުސޫރައިގެ ދެއްކުންތައް އެތަނުގައި އޮވޭ.” ޝައިޚް ހައިރާންވެވަޑައިގެން އެއްސެވިއެވެ. “އެތަނަށް ޖަމާވަނީ މުސްލިމުންތަ؟ އެމަންޒަރު ބަލަންދަނީ މުސްލިމުންތަ؟ އެމަޖާގަނޑުތެރޭގައި އެއުޅެނީ މުސްލިމުންތަ؟” ހިތާމައިން ފުރިގެންވާ އަޑަކުން އެކަކު ބުންޏެވެ. “ލައްބަ!” ޝައިޚް ވިދާޅުވިއެވެ.”ލާޙައުލަވަލާ ޤުއްވަތަ އިއްލާބިއްލާހް. އެތަނަށް ދަމާ ހިނގާ! ހެޔޮ ނަސޭޙަތްދީގެން އެމީހުންގެ ވިސްނުން ބަދަލުކުރަންޖެހޭނެ.” މިސްކިތުގައި ތިބި މީހުން އެއް އަޑަކުން ބުންޏެވެ. “ޝައިޚް! ނޫން ނޫން. އެތަނަށް ވަޑައިގަތުން އެހާ ރަގަޅެއް ނުވާނެ. ޝައިޚްގެ ނަފްސަށް އެތަނުން ގެއްލުން ލިބިދާނެ. ހަށިކޮޅަށް ގެއްލުން ދޭކަށްވެސް އެމީހުން ފަހަކަށް ނުޖެހޭނެ.” އަޑުފުޅަށް ބާރުލައްވައި ޝައިޚް ވިދާޅުވިއެވެ. “އާނ! ދާނަން. އެތަނަށް ދާނަން. އެތަން ހަމަ މަގަށް އަޅުވާނަން.” ނަމަވެސް މިސްކިތުގައި ތިބި އަހުލުވެރިން އެމީހުންގެ ކަންބޮޑުވުން ފާޅުކުރިއެވެ. ޝައިޚަށް ވިސްނައިދެވޭތޯ ބެލިއެވެ.

ޝައިޚް މިސްކިތުގައި ތިބި އަހުލުވެރިންނާއެކު ކެބަރެޓަށް ވަޑައިގަތެވެ.  އެތަނަށް ދިޔުމާއެކު އެތަނުގެ ވެރިޔާ ބުންޏެވެ. “ބޭނުމަކީ ކޮބައިތަ؟” ޝައިޚް ޖަވާބުދެއްވިއެވެ. “މިތަނުގެ އަހުލުވެރިންނަށް ނަސޭޙަތް ދޭން ބޭނުންވަނީ. މިކަމުގެ ސުންޕާކަން ހާމަކޮށްދީ މުސްލިމު އަޚުންނާއި އުޚުތުން ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ބޭނުންވަނީ.” މިކަމާ ކެބަރެޓްގެ ވެރިޔާ ކޯފާވެ އެތެރެއަށް ވަނުމަށް އިންކާރުކުރިއެވެ.

ޝައިޚްގެ ވިސްނުންފުޅު ޙިކުމަތްތެރި ކުރައްވައި އެތަނަށް ވަނުމަށްޓަކައި އެހެން ގޮތެއް އިޚްތިޔާރުކުރައްވައި ކެބަރެޓްގެ ވެރިޔާއަށް ހުށައެޅުމެއް ހުށައެޅުއްވިއެވެ. އެއީ އެއްދުވަހަށް އެތަނަށް ލިބޭ އާމުދަނީއާ އެއްވަރަށް ފައިސާ ދައްކައި އަނެއް ދުވަހު ކެބްރެޓަށް ވަދެވޭނެގޮތް ހަދައިދިނުމެވެ. މިކަމަށް ވެރިޔާ އެއްބަސްވިއެވެ.

އަނެއްދުވަހު ޝައިޚްގެ އަހްލުވެރިންނާއެކު ކެބަރެޓަށް ވަދެވަޑައިގަތެވެ. ޒުވާން ޖިންސުއްލަޠީފުންގެ ވަންނިތަކާއި ‘ޑާންސް’ ތަކާއެކު ފަރުދާކަހާލެވުނެވެ. ޝައިޚް އޯޑިއަންސްގައި އިންނަވައި ބިސްމި ވިދާޅުވެ ނަޞޭޙަތްދެއްވަން ފެއްޓެވިއެވެ. މިކަމާ ޙާޟިރީން ޙައިރާންވެ އެމީހުންގެ ނަޒަރު ޝައިޚަށް އަމާޒުވިއެވެ. ބައެއް މީހުން ބުނަމުން ގެންދިޔައީ އެއީ ‘ކޮމެޑީ’އެއް ކަމަށެވެ. އަނެއް ބަޔަކު ޝޭޚަށް މަލާމަތްކޮށް ޖެއްސުން ކުރަން ފެށިއެވެ. އަނެއް ބަޔަކު އަޅޭއްލަވައި ހަޑިހުތުރު ބަސްތައް ބޭނުންކުރަމުން ދިޔައެވެ. ޝައިޚް ޘާބިތުކަމާއެކު ހުންނަވައި ނަސޭޙަތްކުރިއަށް ގެންދެވިއެވެ. އޯޑިއަންސްގައި އިންމީހަކު ބުނެލިއެވެ. ” ކަލޭމެން އަޑުމަޑުކޮށް ޝައިޚުގެ ވާހަކަތައް ކަނުލާ އަޑު އަހާ! ކަލޭމެން ބިރުވެރިވޭ!” އެއާއެކު ތަނުގައި ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. އަދި ޝައިޚްގެ ނަސޭޙަތް އަޑުއަަހަން ފެށިއެވެ.

ޝައިޚްގެ ނަސޭޙަތުގައި އެބައިމީހުންގެ ކަންފަތަށް ދުވަހަކުވެސް އިވިފައި ނުވާ އެތައްކަމެއް ހިމެނިގެން ދިޔައެވެ. ޤުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި ޝައިޚްގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. އަދި ރަގަޅު މީހުންގެ ޢިބްރަތްތެރި ވާހަކަތައް ވިދާޅުވިއެވެ. އަދި ﷲގެ ކުޅަދުންވަންތަކަމާއި ﷲ އަށް ބޯލެނބުގެ މުހިއްމުކަން އަންގައިދީ އާޚިރަތްދުވަހުގެެ ވާހަކަތައް ބަޔާންކޮށްދެއްވިއެވެ. އަސަރުން ފުރިގެންވާ ޙިކުމަތްތެރި ފިލާވަޅުތައް ފޯރުކޮށްދެއްވިއެވެ.

ނަތީޖާއަކަށް ވެގެންދިޔައީ ޙާޟިރީންގެ ލޯތަކުން ކަރުނަ ހިލިގެން ދިޔުމެވެ. ކަމުގެ ޙަޤީޤަތް ޤަބޫލުކުރުމެވެ. ވެރިޔާވެސް އެކަމުގެ ނުބައިކަން ޤަބޫލުކުރުމެވެ.

ހައުސަމްގެ ވާހަކަތައް މިހާހިސާބުން ނިންމާލިއެވެ. ހައުސަމް ތެދުމަގު އިޚްތިޔާރުކުރި ސަބަބު ހާމަވެގެން ދިޔައެވެ.

____________________________

Leave a Reply

Your email address will not be published. Required fields are marked *

Previous Article

މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭނީ ކޮންގެއްލުމެއް ހެއްޔެވެ؟

Next Article

ޒަމްޒަމް، އިލާހީ ޤުދްރަތްތެރިކަމުގެ އަލިގަދަ ހެއްކެއް

Related Posts