ޒަމްޒަމް، އިލާހީ ޤުދްރަތްތެރިކަމުގެ އަލިގަދަ ހެއްކެއް

ޒަމްޒަމްވަޅަކީ،  މާތްވެގެންވާ ކަޢުބާއާ 21 މީޓަރު ދުރުގައިވާ ވަޅެކެވެ. އެވަޅުވަނީ ކަޢުބާ ވަށައިގެން ، ހިޔާނުކޮށް އޮންނަ ސަރަޙައްދުގައެވެ. މީގެ އަހަރުތަކެއް ކުރިން ވަޅާ ދިމާލަށް ކަޅުކުލައިގެ ހިލައިން ކަނޑާ ނަގާފައި ”بِئْرُ زَمْزَمْ“ ލިޔެފައިއޮވެއެވެ. ނަމަވެސް ގިނަ ބަޔަކު އެތާމަތީގައި ނަމާދުކުރަން އުޅުމުގެސަބަބުން ޠަވާފުކުރާމީހުންގެ ޙަރަކާތަށް ބުރޫއަރާތީވެ، މިހާރު އެއީ ކޮންތަނެއްކަން އެނގޭކަށް ނުހުރެއެވެ.

ގާތްގަޑަކަށް ތިންހާސް އަހަރުވެފައިވާ މިވަޅުގެ ފެންގަނޑު ހިނދެން ކީއްކުރަންތޯ، ފެނުގެ މިންވަރަކަށްވެސް އެއްވެސް އުނިކަމެއް އައިސްފައެއް ނުވެއެވެ. ޒަމްޒަމަކީ، އިބްރާހީމްގެ ފާނުގެ ދަރިކަލުން އިސްމާޢީލުގެ ފާނަށްޓަކައި  ﷲގެ އަމުރުފުޅަށް އެތަނުން ނެރުއްވި ފެނެކެވެ.

ދާދިފަހުން، ސަޢޫދީ ސަރުކާރުން،ޒަމްޒަމްވަޅުގެ އަޑީގައި މަސައްކަތެއް ކުރަންވެގެން، ވަޅުގެ ފެން ހިއްކޭތޯ،  ބޮޑެތި މޯޓަރުތަކެއް ބޭނުން ކޮށްގެން ކުރި މަސައްކަތް ވަނީ މުޅިން ނާކާމިޔާބު ވެފައެވެ. ފެން ނަގަމުން ދިޔަވަރަކަށް އަޑިން އުތުރިއަރަމުން އައި ފެންގަޑު، ގަދަ ކަނޑެއްގެ ރާޅުބާނިތަކެއް ފަދައެވެ.

އެމެރިކާގެ ވޮޝިންޓަން ޔުނިވަރސިޓީގައި، ތިމާވެށީގެ ރޮނގުން ޕީ.އެޗް.ޑީ ހައްދަވާފައިވާ އިންޖިނިޔަރ ޑރ. ޔަޙްޔާ ކައުޝަކާއެކު ދިރާސާކުރެއްވި ޓީމަށް،  ޒަމްޒަމް ވަޅަށް ފެން އަންނަ  މައިގަނޑު މަސްދަރު ”ސޯސް“ ހުރީ ސީދާ އަލްޙަޖަރުލްއަސްވަދާ ދިމާލަށް އަޑީގައިކަން ފާހަގަކުރެވިފައި ވެއެވެ. އެއީ ދިގުމިނުގައި 45 ސެންޓިމީޓަރު، އަދި އުސްމިނުގައި 30 ސެންޓިމީޓަރު ހުރި ފެންފޮނުވައިދޭ ތަންކޮޅެކެވެ. މީގެ އިތުރުން އަބޫ ޤުބައިސް ފަރުބަދައާއި ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައާ ދިމާލުން ވެސް މިވަޅަށް ފެންއަންނަ ތަންތަން ފެނިފައިވެއެވެ.

މިއީ ވިސްނާ ފިކުރު ކުރާ މީހަކު ޢަޖާޢިބުވާ ފަދަ އާދަޔާ ޚިލާފު ވަޅެކެވެ. ޙައްޖަށާއި ޢުމުރާޔަށް އަންނަހާ މީހުންނާއި، މެދުނުކެޑި، ތާއަބަދު ޙަރަމްފުޅަށް ޒިޔާރަތް ކުރާ މީހުންނާއި ނަމާދުކުރަން އަންނަހާ ބަޔަކު ބޯންބޭނުންވާހާ ފެނެއް ނަގަނީ މިވަޅުންނެވެ. މީގެ އިތުރުން މަދީނާގެ ޙަރަމްފުޅަށް ވެސް ފެންގެންދަނީ މިވަޅުންނެވެ. އަދި އެތަކެއް މިލިޔަން މީހުން،   މައްކާއިން އެނބުރި ރަށަށް ދާއިރުވެސް އެމީހަކަށް ގެންދެވުނު ވަރަކަށް ޒަމްޒަމް ފެން ގެންދެއެވެ. އެކަމަކުވެސް ވަޅުގެ ފެނަކަށް އެއްވެސް  އުނިވުމެއް އަދި ތަޣައްޔަރު ކަމެއްވެސް ނާންނަކަމީ ހަމަ ޙައިރާންކުރުވަނިވިކަމެކެވެ.

ޒަމްޒަމް ވަޅަށް ފެން އަންނަގޮތް ހޯދަން، ޖިއޮލަޖިސްޓުން ދިރާސާތަކެއް ކޮށްފައިވެއެވެ. ނަމަވެސް އޭގެ ސިއްރު ހޯދިފައެއް ނުވެއެވެ. ޒަމްޒަމް ވަޅުގެ ފެނަށް ލިބިގެންވާ ޚާއްޞަ ސިފަތަކީ، ދެކެވޭ ތޯތޯ ވާހަކަތަކެއް ނޫނެވެ. މިކަމާބެހޭ ގޮތުން ކުރެވިފައިވާ އެތަކެއް ދިރާސާތަކަކުން ދައްކާ ގޮތުގައި، ޒަމްޒަމްފެނަށްވުރެ ސާފުކަން ބޮޑު އެއްވެސް ފެނެއް މިއަދާ ހަމައަށް ދުނިޔެމަތިން ފެނިފައެއް ނުވެއެވެ. އެއްވެސް ބާވަތެއްގެ ޖަރާސީމެއް މިވަޅުގެ ފެނުގައި އެކުލެވިގެނެއް ނުވެއެވެ. މިދިރާސާ ކުރެވުނުއިރު، މައްކާގައި ޒަމްޒަމް ވަޅާ އެންމެ ކައިރީގައިހުރި ވަޅުތަކުގެ ފެންވެސް ދިރާސާ ކުރެވިފައިވެއެވެ. އެހެނަސް ޒަމްޒަމްފެނުގައިވާ ޚާއްސަ ސިފަތަކެއް އެއިން އެއްވެސް ވަޅެއްގެ ފެނަކުން ފެނިފައެއް ނުވެއެވެ. އެހެންކަމުން، މީގެ އަހަރުތަކެއް ކުރިން ޖިއްދާގައި ޒަމްޒަމް ވަޅުގެ ފެނުން އިންސާނެއްގެ ހިތް ނަގައި، ދޮވެފައިވާކަން ފާހަގަކޮށްލެއެވެ.

ރަސޫލުﷲ ތުއްޕުޅު އިރު މައްކާގެ ކުދިބަޔަކާއެކު، ކުޅެން އުޅުއްވަނިކޮށް މަލާއިކަތް ބޭކަލުންނާއެކު ޖިބްރީލުގެފާނު ވަޑައިގެން އެކަލޭގެފާނު ގެންދަވައި، އެކަލޭގެފާނުގެ މޭފަޅުއްވައި ހިތްޕުޅު ނަންގަވައި ޒަމްޒަމް ފެނުން ދޮންނެވުމަށް ފަހު އަލުން ހިތްޕުޅު ހަށިގަނޑަށް ލެއްވި ޙަޤީޤީ ޙާދިސާގެވާހަކަ، ސީރަތުން އަޅުގަނޑުމެން ވާނީ ކިޔާ ނުވަތަ އަޑު އަހާފައެވެ.

ޒަމްޒަމް ވަޅުގައިވާ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ވަރުގަދަ ހެކި ފާޅުގަދަ ގޮތެއްގައި ފެންނަން ހުއްޓައިވެސް، 1971 ވަނަ އަހަރު ޔޫރަޕުގެ ޕްރެސްއަކަށް ހުޅަގުގެ ޑޮކްޓަރަކު ފޮނުވި ލިޔުމެއްގައި، ޒަމްޒަމް ފެނަކީ އިންސާނުން ބޯން ކަމުދާ ފެނެއްނޫންކަމަށް ލިޔެފައިވެއެވެ.

ކިންގް ފައިޞަލްއަށް މިޚަބަރު އިވިވަޑައިގަތް ހިނދު، މިކަމާ ވަރަށްބޮޑަށް ކޯފާވެ، ހަމަވަގުތުން، ޒަމްޒަމްފެނުގެ ސާމްޕަލް ޔޫރަޕަށް ފޮނުވައިގެން ތަޙްލީލު ކުރެއްވުމަށް، ސަޢޫދީގެ ވޯޓަރ އެންޑް އެގްރިކަލްޗަރ މިނިސްޓްރީއަށް އެންގެވިއެވެ.

މިގޮތުން ހޯދިހޯދުންތަކަށްބަލާއިރު،އެގޭ ޙަޤީޤަތަކީ، ކެލްސިޔަމްއާއި މެގްނީޒިޔަމް އެކުލެވިގެންވާ މިންވަރު ޒަމްޒަމް ފެނުގައި މަތިކަމެވެ. އަދި ފްލޮރައިޑް އެކުލެވިގެންވާތީވެ، އެއްވެސް ބާވަތެއްގެ ޖަރާސީމެއް  މިފެނުގައި ނުހުންނަކަމެވެ.ވީމާ ހުޅަގުގެ ޑޮކްޓަރު ދެއްކި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަން، ޢިލްމީ ހެކިތަކުގެ އަލީގައިވެސް ވަނީ ސާބިތުވެފައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ. ދުނިޔޭގައިވާ އެންމެ ރަނގަޅު ފެނަކީ ޒަމްޒަމް ފެނެވެ. ބަނޑުހައިވެފައިވާ މީހަކަށް ކެއުމަކަށް އެފެން ފުދޭނެއެވެ. އަދި އެއީ ބައްޔަށް ހުރި ޝިފާއެކެވެ. އެފެން ބުއިމުން ބަނޑުހައި ހޫނުކަން ފިލައިދެއެވެ. ބަލިތަކަށްވާ ޝިފާއެކެވެ. އަދި ބޮޑެތި ބަލިތަކާއި ކުދިބަލިތައް ފިލުވައިދެއެވެ.

 މި ލިއުމަކީ ޑރ އަބްދުލް މަޖީދު އަބުދުލް ބާރީ އަމިއްލަ ސައިޓްގައި ލިޔެފައިވާ ލިއުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ސީރިޔާގެ ބިމުން ފައުޅުވި ޙަޤީޤަތެއް

Next Article

ފަސޭހަކަމާއި އެކު މޮބައިލް ފޯނުތަކުން ދިވެހި ސައިޓްތައް ބަލާނެ ގޮތް

Related Posts