މިހާރަކަށް އައިސް ފޭސްބުކްފަދަ ދިވެހިން ބޭނުންކުރާ ސޯސިއަލް ނެޓްވާރކްތަކުގައި ހޯމްބޭސްޑް ބިސްނަސް އިންޓަރނެޓް ޑިއުޓީ.ކޮމް ގެ ނަމުގައި އަންނަނީ ވަރަށް ގިނަ ބަޔަކު އިސްތިހާރުކުރަމުންނެވެ. ސައިޓް ބަލާ ލާ މީހަކަށް އެއީ ގޭގެ އިނދެގެން ފައިސާ ހޯދާނެ ރަނގަޅު މަގެއްގެ ގޮތުގައި ހީވެދާނެއެވެ. އެހެންނަމަވެސް އިންޓަރނެޓް ބޭނުންކޮށްގެން ފޭރުމާއި ވައްކަންކުރުމާއި ނުބައި ޖަރީމާތައް ހިންގަމުން އަންނަ މި ޒަމާނުގައި މިފަދަ އެއްޗެއް އަންނައިރަށް ގަބޫލްކުރުމުގެ ބަދަލުގައި އިތުބާރުހުރި ސެކިއުރިޓީ ރަނގަޅު ސައިޓެއް ތޯ ބަލަން ޖެހެއެވެ. ހަމަ އެހެންމެ އެ ސައިޓަކީ ކޮން ގައުމެއްގެ، ކޮން ނަމެއް ކިޔާ ކުންފުޏެއްގެ ތެރެއިން ހިނގާ ވިޔަފާރިއެއްތޯ، ރެޖިސްޓާރޑް ބައެއްތޯވެސް ބަލަން ޖެހެއެވެ.
އިންޓަރނެޓްޑިއުޓީގެ ނަމުގައި މިހާރު އާންމުވެގެން އުޅޭ ވެބްސައިޓްގެ ހަގީގަތް އެކި ގޮތްގޮތުން އިންޓަނެޓްގައި ސާރޗޗްކޮށް ހޯދުނު މައުލޫމާތުން މި ސައިޓަކީ ފޭކް ވެބްސައިޓްއެއް ކަން ޔަގީންވުމާއި އެކު ފޭސްބުކްގައި ހޭލުންތެރި ކުރަން މަސައްކަތް ކުރީމެވެ. އިންޓަރނެޓް އިން މި ސައިޓާއި ބެހޭގޮތުން ސެކިއުރިޓީ ރަނގަޅު އިތުބާރު ހިފޭ ސައިޓް ތަކުގައިވާ މައުލޫމާތު ތަކުން މީ ސްކޭމް އެއްކަން ޔަގީންވެއެވެ. އަދި internetduty.com ރަނގަޅަށް ބަލާއިރު އެ ސައިޓުން އެއީ ކޮން ބައެއްގެ ސައިޓެއް ކަމެއް، ކުންފުނީގެ މައުލޫމާތެއް ރެޖިސްޓާރ ނަންބާރ ވެސް ފެންނާކަށް ނެތެވެ. މީ ވެސް ސްކޭމް ވެބްސައިޓްތަކުގެ ސިފައެކެވެ.
ސްކޭމްއެޑްވައިސާރ އަދި https://www.mywot.com ގައި ވެސް އިންޓަރނެޓް ޑިއުޓީއަކީ އިތުބާރު ހިފޭ ސައިޓެއްތޯ ބެލުމަށް ސްކޭންކުރެވުނެވެ. އަދި މި ސްކޭންތަކުން ހައި ރިސްކް ސައިޓެއްގެ ގޮތުގައި ދަށްކާ ކަމީވެސް މީ ފޭކްސައިޓެއް ކަމުގެ ހެއްކެކެވެ. އަދި މި ސައިޓާއި ބެހޭގޮތުން ޔާހޫ، އަދި އެހެނިހެން ފޯރަމްތަކުގައިވެސް މި ސްކޭމް ތަޖްރިބާ ކުރި ފަރާތްތަކުން ސްކޭމްއިން ސަލާމަތްވުމަށް ގޮވާލާ ނަސޭހަތްތެރިވެފައިވެއެވެ.
އިންޓަރނެޓް ޑިއުޓީ ސްކޭމްގައި ޖެހިފައިވާ ފަރާތްތަކުން ބުނާގޮތުން 300 ޑޮލާރ ލިބުމުން ޕޭމަންޓް ލިބޭނެ ކަމަށް ބުނެފައިވާނަމަވެސް 300 އަށް އެރުމުން ޕޭމަންޓް ފޮނުވަން ވަކި ފޯރމް އެއް ފުރަން ޖެހެއެވެ. އަދި އެ ފޯރމް ޑައުންލޯޑް ކުރަން އެހެން ސައިޓަކަށް ދާންޖެހި އެތައް ދުވަހަކު ކުރި މަސައްކަތް ބޭކާރުވެދެއެވެ. އަދި ތަފާތު ނަންނަމުގައި ސްކޭމް ސާރވޭތައް ކުރަން އާދެއެވެ. މި ދެންނެވި ސާރވޭތަކުގެ ޙަގީގީ ބޭނުމަކީ ސްކޭމާ އިންޓަރނެޓްގައި ހިންގަން ބޭނުންވާ ޖަރީމާތަކަށް މީހުންގެ ޕާރސަނަލް މައުލޫމާތު ހޯދުމެވެ. އަދި މި ދެންނެވިފަދަ ޕާރސަނަލް މައުލުމާތު ބޭނުންކޮށްގެން މައުލޫމާތުގައި ވާ މީހާގެ ނަމުގައި އެބައި މީހުން އަންނަނީ ތަފާތު ނޭދެވޭ އަމަލުތައް ހިންގަމުންނެވެ.
އިންޓަރނެޓް ޑިއުޓީގެ ނަމުގައި މި ސްކޭމް ވެބްސައިޓް ފޭސްބުކްގައި ދިވެހިން ވަރަށް ބާރު ސްޕީޑެއްގައި ފަތުރަމުންދާއިރު ދިވެހިންގެ އިތުބާރު ލިބިފައިވާ އައިބޭ ސައިޓްގައިވެސް ޖޮބް ކެޓަގަރީގައި މަހަކު މަދުވެގެން 20000 ލިބޭ މަސައްކަތެއްގެ ގޮތުގައި އިސްތިހާރުކުރުން ވަނީ އާންމުވެފައެވެ. އަދި މިކަމާ ގުޅިގެން އައިބޭއަށް ރިޕޯރޓްކުރުމުންވެސް މިކަމާއި މެދު ފިޔަވަޅެއް އަލާފައި ނުވާއިރު އައިބޭއިން ފޯނުވެސް ނުނަގާކަން ފާހަގަކުރެވެއެވެ. ހަމަ އެހެންމެ ދިފާއީ ބާރުތަކުގެ މީހުންވެސް މި ސްކޭމް ޕުރޮމޯޓްކުރަން މަސައްކަތްކުރާ ކަމީވެސް ހިތާމަހުރި ކަމެކެވެ. އަދި ރަށްޔިތުން މިފަދަ ކަންކަމުން ސަލާމަތްކުރަން ތިއްބެވި ފަރާތްތަކުގެ ހޭލުންތެރިކަން ކުޑަވެ އާންމު ރަށްޔިތުންނާއި އެއްވަރުވުމަކީ ވަރަށް ދެރަ އަދި ބަލައި ގަންނަން އުނދަގޫ ކަމެކެވެ.