Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ( 2 ވަނަ ބައި) – heyobas

ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ( 2 ވަނަ ބައި)

އިސްލާމީ ޝަރީޢަތުގައި ވަރި ހުއްދަވުން

ވަރި ހުއްދަވެފައިވާކަން އެނގެނީ އަންނަނިވި އާޔަތުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނައަކީ: “ވަރި ކުޅައުންވަނީ ދެފަހަރުއެވެ. ދެން އެކަނބަލުން ހެޔޮ ރަނގަޅު ގޮތުގައި، ބައިތިއްބާށެވެ! ނުވަތަ، ހެޔޮ ރަނގަޅު ގޮތުގައި ދިޔަދޭށެވެ.” މިއާޔަތުން ވަރިއަކީ ޝަރުޢުކުރަށްވާފައިވާ އެއްޗެއްކަމަށާއި އަދިވަރި ކުރަންވީ ގޮތް ބަޔާންވެގެން ހިނގައްޖެއެވެ. ވަރިކުރަންވީ ހެޔޮރަނގަޅު ގޮތުގައެވެ. އެއްވެސް ހާލެއްގައި އޭގެ ސަބަބުން ގެއްލުންވާ ގޮތަކަށް ނޫނެވެ. އާއިލާއާބެހޭ ޤާނޫނުގައި ވަރިކުރުމުގެ އިޙްތިޔާރު ހަނިކުރެވިފައިވަނީ، ވަރި ހުއްދަކުރެވިފައިވާގޮތާއި ޚިލާފަށް ވަރި ކުރަމުންދާތީއެވެ. އަދި މުޅި މުޖުތަމައުގެ މަސްލަޙަތާއި އާއިލާގެ މަސްލަހަތާއި އަމިއްލަފަރުދުންގެ މަސްލަޙަތު ރައްކާތެރިކުރުމަށެވެ. ރަސޫލާ صلى الله عليه وسلم މިމަތިވެރި ޙަޤީޤަތް ހާމަކުރައްވާ ޙަދީޘްކުރައްވާފައިވެއެވެ. لا يفرك مؤمن مؤمنة إن كره منها خلقا رضي منها آخر[1] މާނައަކީ: “މުއުމިނު ފިރިހެނަކު މުއުމިން އަންހެނަކާ މެދު ނުރުހުންތެރި ނުވާހުށިކަމެވެ!(އެބަހީ: ފިރިއަކު އަތްބަކަށް ނުރުހުންތެރި ނުވާހުށިކަމެވެ.) އެކަނބުލޭގެ ކިބައިން ފެނުނުކަމަކަށް އޭނާ ނުރުހުންވިޔަސް އޭނާ ރުހޭ އެހެންކަމެއް އެކަނބުލޭގެ ކިބައިން އޭނާ ދެކޭހުއްޓެވެ!”

ވަރިއަކީ ސުންނަތުންވެސް ސާބިތުވާކަމެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (أبغض الحلال إلى الله تعالى الطلاق)[2] މާނައީ “ހުއްދަ ކަންތައްތަކުގެ ތެރެއިން ﷲ އެންމެބޮޑަށް ރުހިވޮޑިނުގަންނަވާ ކަމަކީ، ވަރިކުރުމެވެ.” ވަރީގައި ހުރި ނުރަނގަޅުކަމާއި ސީރިއަސްކަން މިޙަދީޘުން އެނގިގެންދެއެވެ. ހަމައެއްވެސް ކަމަކާނުލާ ކުޅިވަރުވަރަށް ކަންތައްތައް ކުރާއުސޫލުން ވަރިނުކުރެވޭނެކަން މިޙަދީޘުން ދަލީލުކޮށްދެއެވެ.

އެހެންކަމުން އިސްލާމްދީނުގައި ދެމަފިރިއަކު ވަރިވުމާއި ހަމައަށް ދިޔުމުގެ ކުރިން ކުރުމަށް ކަޑެއެޅިފައިހުރި ކަންތައްތަކެއްވެއެވެ. އެގޮތުން ދެމަފިރީންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމުގެ ބައެއްގޮތްތަށް އިސްލާމްދީނުގައި އެކަށް އަޅުއްވާފައިވެއެވެ. އެއީ ނަޞޭޙަތްތެރިވުމާއި، ހެވާއި ނުބައި ވިސްނައި ދިނުމާއި، އިޞްލާޙް ކުރުމުގެ ނިޔަތުގައި، އަދި ޢިބްރަތް ލިބިދިނުމުގެ ބޭނުގައި ދެމީހުން ދުރުގައި ތިބެލުމުން އެކަކު އަނެކެއްގެ ބޭނުން ތެރިކަމުގެ މުހިންމުކަން ތަޖުރިބާކޮށްލުމުގެ ގޮތުން ދެމީހުން ދެތަންމަތީގައި ނިދާލުމާއި، ދެފަރާތުގެ ޢާއިލާގެ މީހުން އެދެމެދަށްވަދެ ޞުލްޙަކުރުމުގެ ގޮތުން ދެމަފިރީންނަށް ނަޞޭޙަތްތެރިވުމާއި، ދެމަފިރީންގެ ފަރާތުން ކަޑައެޅޭ ދެ ނިޔާވެރީންގެ އެހީތެރިކަން ހޯދުންފަދަ ކަންތައްތައް ހިމެނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވާ އާޔަތުގެ މާނައީ:

 “ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަނުދައްކާ ހުރެދާނެކަމަށް އަންހެނަކަށް ބިރުހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާ މެދު، އެދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެ ގާތުން ކުރަންޖެހޭ ހޭދަޔަކާ މެދު، އަދި ތިމާއަށް ލިބެންވީ ލިބުމާ މެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި ތިޔަބައިމީހުން އިޙްސާންތެރިވެ އަދި ތަޤްވާވެރިވާނަމަ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ކަންތައްކުރާ ގޮތް މޮޅަށް ދެނެވޯޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.”

ވަރި ޝަރުޢު ކުރެއްވުމުގެ ޙިކުމަތް

ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ގާތްގުޅުމާއި، އެކަކު އަނެކަކަށް އޮންނަންޖެހޭ ލޯތްބާއި އެކަކު އަނެކެއްގެ ޙައްޤުތަކަށް ރައްކާތެރިވުމާއި، މިކަންކަން ކުރަންޖެހޭގޮތަށް ނުކުރެވި، ދެމަފިރިންގެމެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދި، އެކަންކަން އިސްލާޙު ކުރުމަށް މަސައްކަތް ކުރުމުންވެސް އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ، ދެމަފިރިންނަށްވެސް ލިބިދާނެ ގެއްލުންތަކުގެ ބޮޑުކަމުން، އެކަމުން ސަލާމަތް ކޮށްދެއްވުމުގެ ގޮތުން ވަރި ހުއްދަކުރެއްވީއެވެ.(6)

ދިވެހިރާއްޖޭގެ ޤާނޫނުގައި ވަރިހުއްދަވުން

އާއިލާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ ގައި ވަރަށް ޞަރީޙަކޮށް ކައިވެނި ރޫޅާލަންވީގޮތް ބަޔާންކޮށްފައިވެއެވެ. މިޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ވަނީ “ފިރިމީހާ، އަނބިމީހާ ވަރިކުރަން ބޭނުންވެއްޖެނަމަ، ވަރިކުރަންވާނީ، މިޤާނޫނުގެ ދަށުންހަދާ ޤަވާޢިދުގައި ބުނެފައިވާ މަޢުލޫމާތާއެކު ކަމާބެހޭ ކޯޓަށް އެކަން ހުށަހަޅާ، ޤާޟީ ހުއްދަ ދެއްވުމުންނެވެ.” އަދި މި މާއްދާގެ (ށ) ގައިވަނީ ” މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކުރަން ބޭނުންކަމަށް ކޯޓަށް ހުށަހެޅުމުން، އެދެމަފިރިން ކޯޓަށް ހާޒިރުކޮށް، ވަރިކުރުމާމެދު އަނބިމީހާގެ އިޢުތިރާޟެއް ނެތްކަމަށް ބުނެފިނަމަ، ޤާޟީގެ ހުއްދަޔާއެކު، ކޯޓުގައި ފިރިމީހާއަށް އަނބިމީހާ ވަރި ކުރެވިދާނެއެވެ.” އަދި ކޯޓުންބޭރުގައި އަމިއްލަ އަމިއްލއެމާއްދާގައިވަނީ “މިޤާނޫނާ ޚިލާފަށް ވަރިކުރުމަކީ ކުށެކެވެ. މިކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ،-/5000 ރުފިޔާއަށްވުރެ ބޮޑުނޫންއަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ ހަމަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.”

ދިވެހިރާއްޖެއާއި ވަރި

ދިވެހިރާއްޖެއަކީ ވަރިގިނަކަމަށް މަޝްހޫރު ޤައުމެކެވެ. މިއަދު މި ކުޑަކުޑަ މުޖުތަމަޢުގައި ވަރި މިވަނީ ފެޝަނަކަށް ވެފައެވެ. ރާއްޖޭގެ މީޑިޔާތަކުން ފޮނުވާ ޕްރޮގްރާމްތަކުންވެސް މިކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. އޭގެތެރެއިން ޓީވީ އިޝްތިހާރަކާމެދު ވިސްނާލަމާ ހިނގާށެވެ. ފާޚާނާ ދޮންނަން ގެނެވިފައިވާ “ފޭކު” ބްރޭންޑެއްގެ ފުޅިއެއްގެ ސަބަބުން އަނބިމީހާ ފިރިމީހާއާއި ދިމާއަށް ބުނެލަނީ “މި ވީއްޔާ މިއެވެ. މަވިއްޔާ މަށެވެ. “މާނައަކީ މިފުޅީގެ ބަދަލުގައި މީގެ އޮރިޖިނަލް ފުޅިއެއް ހަމަ މިހާރު ގަނެދޭށެވެ. ނުވަތަ އަހަރެން ވަރިކުރާށެވެ. އަދިވެސް އެހެން އިޝްތިހާރެކެވެ. ކުއްލިއަކަށް ވިއްސާރަވެ ވައިގަދަ ކޮށްލުމުގެ ސަބަބުން ބޯކޮށްލި ކެރިގަނޑާއެކު ގޭފުރާޅުން ވާރެ ވެހެން ފަށުމުން އަންހެނުން ވަގުތުން ”ރަތަށް އަރައިފި” އެވެ. ދަރިފުޅު ކިހިލިޖަހައިގެން ގޮސް ފިރިމީހާ ހުރިތަނަކުން ހޯދައި ވަގުތުން އިންޒާރު ދިނެވެ. “ގޭފުރާޅު ޓިނުތައް، އެހެން ނޫނީ އަހަރެން……” މާނައަކީ ހަމަ މިހާރު ގޭފުރާޅު ޓިނު ބަދަލުކުރާށެވެ. ނޫނީ އަހަރެން ވަރި ކުރާށެވެ. އަދިވެސް އިތުރު ކޮށްލާނަމެވެ. ފިރިމީހާ ހުންނަނީ އަބަދު ރުޅިއައިސް އައްޑިހައަށް އަރާފަ އެވެ. މިކަމާ ކުރާނެކަމެއް ހަދާނެގޮތެއް ނޭނގިގެން އަނބިމީހާ ފަންޑިތަ ހަދާ މީހެއްގެ ގާތަށް ދެ އެވެ. އޭނާ އިސްތިރިއެއް ހަދާލި އެވެ. މި ފަހަރު މި އޮތީ އިދިކޮޅެވެ. ވަރިފަށަށް އަރާފައިވާ ދެމަފިރިން މޮޅު ބްރޭންޑެއްގެ ކަރަންޓު އިސްތިރިއަކުން ހަމައަކަށް އަޅުވާލީ އެވެ. ހަގީގަތުގައި މައްސަލަ މި ޖެހެނީ ފިރިމީހާގެ ގަމީސް އިސްތިރި ކުރެވޭގޮތަކުންނެވެ.

މިއީ ދިވެހިރާއްޖެއާއި ވަރިއާއި ދެމެދުގައި އޮންނަ ގާތް ގުޅުމެވެ. އެއްބަފާވަންތަ ކަމެވެ. އެހެން ކަމުން ރާއްޖެއަކީ ވަރި ގިނަ ޤައުމަކަށް ނުވާންވީ އެއްވެސް ސަބަބަބެއް ނެތެވެ. ރަސްމީކޮށް ރާއްޖެއަކީ އެންމެވަރިގިނަ ޤައުމުގެ ގޮތުގައި ދުނިޔޭގެ ރިކޯޑު ފޮތަށް ނޭރިކަމުގައި ވީނަމަވަސް މުޅި ދުނިޔޭގައިވެސް ރާއްޖެ ދަންނަ ބަޔަކު ނަމަ ދަންނަ ބޮޑު ހަޤީޤަތަކީ ރާއްޖެއަކީ ވަރިގިނަ ޤައުމެއްކަމެވެ. ވަރި ގިނަ ޤަޢުމުތަކަށް ބަލާލާއިރު ރާއްޖޭގެ ޙާލަތަކީ 75.0 .ދެން މިލިސްޓުގައި ހިމެނޭ ކެނެޑާގެ ޙާލަތަކީ 38.3 އެވެ. ދެން އަނެއް ޤަޢުމަކަމުގައިވާ ގްރީސްގެ ޙާލަތަކީ 12.0 އެވެ. ދެން އޮތް ޤަޢުމަކަމަށްވާ ސްރީލަންކާގެ ޙާލަތަކީ 25.6 އެވެ މިފަދަ އެތަކެއް ޤައުމުތަކެއް ވާއިރު ހިތާމައަކީ މިކަމުގައި އެންމެ ކުރީގައި ދިވެހިރާއްޖެ ވާކަމެވެ.

ނުނިމޭ


[1]  رواه البخاري (މައުލޫމާތު: އައްޒުހައިލީ: އަލްފިޤްހުލް އިސްލާމީ..، ވ:7، ޞ:359.)

[2] رواه أبو داود وابن ماجه

(6)  الفقه المنهجي علي مذهب الإمام الشافعي رحمه الله تعالى، الجزء الرابعالأحوال الشخصية  (أحكام الأسرةص:120

 

 

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޒިނޭކުރުން ގިނަވެފައިވަނިކޮށް އައި ބިންހެލުން

Next Article

ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދޭ

Related Posts