ޚިދުމަތަކީ ކޮބައިތޯއެވެ؟ ދިވެހި ބަހުގެ ރަދީފުގައި މާނަ ކޮށްފައިވާ ގޮތުން އެއީ މީހަކަށް ނުވަތަ ބަޔަކަށް ކަމެއް ކޮށްދިނުމެވެ. މާތްﷲ ސުބުހާނަހޫ ވަތަޢާލާ އަށް ޓަކައި އެހެން މީހަކަށް ޚިދްމަތްކޮށްފި އަޅަކު އަމިއްލަ އެދުމުން އެއްކިބާކޮށް ނަފްސް ޠާހިރުކޮށް ހިތްހަމަޖެހުން ލިބިގެންފިއެވެ.
ތަފާތު ގިނަގުނަ ދިރާސާ ހޯދުން ތަކުން ޔަޤީންކޮށްދެނީ އެހެން މީހުންނަށް ޚިދްމަތް ކުރުމަކީ ދިރިއުޅުމުގެ އުފާވެރިކަމުގެ ތަޅުދަނޑިކަމެވެ. ނަމަވެސް އެއީ އުރެދުމަކަށް އަރައި ނުގަނެ ހަލާލް ގޮތުގައި ޚިދްމަތް ކޮށްފި މީހާއެވެ. އޭނާގެ ހިތްހަމަ ޖެހުމަކީ ހަމައެކަނި މިދުނިޔޭގެ އުފާވެރިކަމެއް ނޫނެވެ. އެއިގެ ކާމިޔާބީ އަކީ ޚިދުމަތް ކުރުމުގައި އެމީހެއްގެ ހުރި ކުޅަދާނަ ކަމަކާއި ހުޝިޔާރުކަމަކުން ދެ ދުނިޔޭގެ ހަޔާތް ބާއްޖަވެރިވެގެން ދާނޭ ކަމެކެވެ.
އެމީހަކަށް ޚިދްމަތް ކުރާ މީހެއް ދެކެ އެއްވެސް މީހަކު ނުރުހުންތެރި ނުވާނެކަން ކަށަވަރެވެ. އަޅުގަނޑުމެންގެ ވެރިން ގެ ދަށުން ވާ މީހުން ވެރިންގެ ކިބައިން އަބަދުވެސް އުއްމީދު ކުރަނީ ގިނަ ޚިދްމަތްތަކެއް ލިބިގަތުމަށެވެ. ނަމަވެސް ދަންނާށެވެ. ތިބާ އަކީ ތެދުވެރިކަމާއި އަމާނާތްތެރި ކަމުގައިވާ މީހެއް ކަމުގައި އަބަދުވެސް ވާށެވެ.
ކޮންމެ މީހަކީ ވެސް ކޮންމެ ވެސް ސިފައެއްގައި ޚިދްމަތެއް ކޮށް ދެވިދާނެ މީހެކެވެ. މަގުމަތި ކުނި ކަހާ މީހާއިން ފައްޓައިގެން ޤައުމުގެ ރައީސް ނުވަތަ ނާއިބު ރައީސާއި ހަމައަށް ވިޔަސްއެވެ. މުސްކުޅިއަކު ކަމުގައި ވިޔަސްއެވެ. ކޮންމެ ހާލަތެއްގައި އެމީހާ ވި ކަމުގައި ވިޔަސް ކޮންމެ މީހަކީ ވެސް ހަމަ ކޮންމެ ވެސް ކަހަލަ ޚިދުމަތެއް ކޮށް ދެވިދާނެމީހެކެވެ. ބަލަންވީ ގިނަ ބަޔަކަށް ތިމާގެ ފަރާތުން ޚިދުމަތެއް ކޮށްދެވޭނެ ގޮތެކެވެ. އެއީ ތިމާ އަދާ ކުރާ ވަޒީފާގެ ގޮތުން ކަމުގައިވިޔަސް މެއެވެ.
އަބަދުވެސް އެހެން މީހުންނަށް ކަން ކަމުގައި ލުއި ފަސޭހަކޮށްދެވޭނެ މަގެއް ހޯދައި އެގޮތުން އެހެން މީހުންނަށް އެހީތެރިވާށެވެ. ބަޔަކަށް އެ ކޮށްދެވެނީ ވަރަށް ބޮޑު ޚިދުމަތެކެވެ. ތިބާގެ ޚިދުމަތުގައި ތެދުވެރި ވެއްޖެ ނަމަ އެތައް ބައެއްގެ ހެޔޮ ދުޢާ ތިބާއަށް ވާނެ ކަން ކަށަވަރެވެ.
ގިނަ ކަސްޓަމަރުންނަށް ޚިދްމަތްދޭ ކަހަލަ ވަޒީފާއެއްގައި ނަމަ އަންނަ ކަސްޓަމަރުންނަށް އެންމެ ރަގަޅު ޚިދްމަތެއް ފޯރުކޮށްދެވޭނެ މަގު ހޯދައި ބަލާށެވެ. ތިބާގެ މަސައްކަތުގައި ތެދުވެރި ވެއްޖެނަމަ ކުރާ މަސައްކަތުގެ އަގު އެ މީހުން ވަޒަންކޮށް ބަލައިގަންނާނެއެވެ. ތިބާއަށް މިކޮށްދެވެނީ ވަރަށް ބޮޑު ޚިދަމަތެއްކަން ޤަބޫލްކުރާށެވެ. އެހެނީ އެމީހުންގެ ފަރާތުން ތިބާ އަށް ހެޔޮ ދުޢާ އަބަދުވެސް ވާނެކަން ކަށަވަރެވެ.
ތިބާގެ ކިބައިގައި ހުރި ހުނަރެއް ގެ ބޭނުން އެހެން މީހުންނަށް ހިފޭނެ މަގު ތަނަވަސްކޮށް ދޭށެވެ. އެއީ ކިޔަވައި ދިނުމުގެ ޚިދްމަތުން ކަމުގައިވިޔަސްމެއެވެ. ދަންނާށެވެ. މިކަމުން ވެސް ތިބާއަށް އެތައް ބައެއްގެ ހެޔޮ ދުޢާ ވާނެއެވެ.
ތިބާއަށް މާތްﷲ ދެއްވާ ފައިވާ ނިޢުމަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ. ތިބާ މި ދުނިޔެ ދޫކޮށް ދާ ދުވަހުވެސް އެހެން ބަޔަކަށް ތިބާގެ ފަރާތުން މަންފާ ކުރާނެ ގޮތަކަށް ތިބާގެ ޢަމަލު ބަހައްޓާށެވެ. އެހެން މީހުން އުއްމީދުނުކުރާ މިންވަރަށް ތިބާ އެ މީހަކަށް ޚިދުމަތް ކުރުމަށް ބޭނުންވާށެވެ.
ވަޒީފާގެ މާހައުލުގައި ތިބާގެ ދަށުން ވަޒީފާ އަދާކުރާމީހުންނަށް އެ މީހުންގެ ހުނަރު ނެރެ ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދޭށެވެ. އަމިއްލަ އަށް ކަންކަމުގައި އިސްނަގާށެވެ. އެހެން މީހުންނަށް ހިތްވަރުދީ ޚިދްމަތް ކުރެވޭނެ މަގު ފަހިކޮށްދޭށެވެ. އެހެން މީހުންނާއި ވީހާވެސް ގުޅިގެން މަސައްކަތް ކޮށް މުޖުތަމަޢު ގެ ކުރިއެރުމާއި ލާބަޔަށް މަސައްކަތްކުރާށެވެ. އަމިއްލަ އެދުން އެއްކިބާކޮށް ތިބާގެ މަސައްކަތުގައި ތެދުވެރި ވެއްޖެ މީހަކަށް އޮތީ ދެ ދުނިޔޭގެ ހިތްހަމަޖެހުމެވެ.