ޖާހިލު ކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަ ބައްޔަށް ބޭސްކުރާންވެސް ޖެހިދާ ކަމެކޭ

ފުވައްމުލަކު ފާމުދޭރި ކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީ ފެންފުށީ ގަނޑުވަރު ޢަލިދީދީ ވާހަކަ ކިޔައިދެއްވިޔޭ. ބަނބުކޭލަކީ މާއިހަކު މިރާއްޖޭގައި ހުންނަ އެއްޗެއްނޫނޭ. ބަނބުކެޔޮ ގަސް އިންޑިޔާއިން މިރާއްޖެއަށް ފުރަތަމަ ގެންނެވީ، ތިމަންގެ ކާފައި ކަލޭގެފާނުންގެ ބަފައިކަލުންނަށަވި (ކާފަގެ ބައްޕަ) އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ރަދުންނެވެ. މިރަދުން ބަނބުކެޔޮ ގަސް ގެންނަވައިގެން އެއިގެތެރެއިން ގަހެއް މިރަށު (ޔަޢުނީ ފުވައްމުލަކު) ދޫޑިގަމު އެދުރު މަނިކުފާނަށް ފޮނުއްވައިފިއެވެ. ގަސްގެނައި މީހާ އެދުރު މަނިކުފާނުގެ އަރިހު ދެންނެވި ބަހަކީ ރަދުން ވިދާޅުވިޔޭ. މިއީ ވަރަށް ރަނގަޅު އެއްޗެކޭ. ރަނގަޅު ކާނާއަކަށްވެސް ފުދޭނެޔޭ.
ދެން އެދުރު މަނިކުފާނު މިގަސް ދޫޑިގަމު އެދުރުގޯތީން ބޭރު އިރުމަތީ ފަރާތުގައި އިންދަވައިގެން ރަނގަޅަށް ހެދެމުން އަންނަނިކޮށް އެދުރުމަނިކުފާނަށް ދުޅަބަލީގެ އާލާސްކަންފުޅު ޖެހިއްޖެއެވެ. މިރަށު މީހުންނަކީ އެބަލިދެކެ މާބިރުގަންނަ ބަޔެކެވެ. އެބަލި ޖެހިއްޖެ މީހަކު ލައިއުޅެނީވެސް ވަލަށެވެ. އެކަމަކު އެދުރު މަނިކުފާނުގެ ޖާހު ބޮޑުކަމާއި މީހުންނަށް އެމަނިކުފާނުގެ ބޭނުން ބޮޑުކަމުން ވަލަށްލާން ނުކެރި ގޯތީގެ އިރުމަތީފުޅަފު ކައިރީގައި ކުޑަ ގެޔެއް އަޅައިފައި އެގެޔަށް ލައިގެން އެދުރު މަނިކުފާނުގެ ދަރިވަރުން ދަންފަޅި ބަހައިގެން އެމަނިކުފާނުންގެ އަރިހުގައި އެބައުޅެތޭ. މިދުވަސްވަރު އެއްކަލަ ގަހުން ދިގު އެއްޗެހިތަކެއް ނުކުންނާން ފަށައިފިޔޭ. މިވާހަކަ އެދުރު މަނިކުފާނުންގެ އަރިހުގައި އެބައިމީހުން ދެންނެވީމާ ވިދާޅުވިޔޭ. ކޮބާ ނިކަން ތިޔަ ގެނެސްބަލާށޭ. ދެން އެދުރު މަނިކުފާނުން މިތަކެތި ބައްލަވާފައި މިތަނުން ދެތިން ހަތަރު ތޮޅިއެއް ވަށްފޮއްޗަށް ކޮށައި ފެނު ކައްކައިގެން ކާން އުޅެއުޅެ މިބައިމީހުންގެ އަރުން އެތެރެޔަކަށް މިޔެއް ނުދިޔައެވެ. ދެން އެދުރު މަނިކުފާނު ވިދާޅުވިޔޭ. ތިޔަތަކެތި ދެން އުކާލާށޭ. ކޮންމެއަކަސް ތިޔައަކީ ފަސޭހަގޮތަކުން ކެވޭ އެއްޗަކަށް ނުވީތާޔޭ.ދެން މިބައިމީހުން މިތަކެތި އުކާލާފާ ތިއްބާ ކުޑަދުވަސްކޮޅަކުން ގަހުގައި މާފަލަ ޒާތުގެ ހަޔެއްކަ އެތި ނުކުމެގެން އެބަހަރަ ބޮޑުވެއެވެ. މިވާހަކަ ދެންނެވީމާ އެދުރު މަނިކުފާނުން ވިދާޅުވިޔޭ އާނއާނ! ތިޔައިގެ މޮޅު އެއްޗަކީ ތިޔަ ނުކުންނަނީ ތޯއްޗެކެވެ. ދޮން ވެގެން ވެއްޓޭންދެން ތިބޭށޭ. މިހެންވެފައި އޮއްވައި އެއްރެޔަކު ދަންވަރު މިގަސްދަށުން ބަންކިޔާފައި އަޑެއް އިވިއްޖެއެވެ. މިތާ ތިބި ދެތިންކުދިން ގަތްބިރުން އެކަކު އަނެކަކަށް އަނގައިންވެސް ނުބުނެ އިރު އަރާންދެން ތިބެއްޖައޫއެވެ. އިރުއެރިފަހުން ގޮސްބެލިއިރު މިއިވުނު އަޑަކީ މިގަހުގަ އިން ބޮޑު އެއްޗެއް ވެއްޓިގެން އައިސް ބިންމަތީގައި ޖެހުނު އަޑުކަމުގައި ވެއްޖެއެވެ. ދެން މިބައިމީހުން މިނަގައިގެން އައިސް އެދުރު މަނިކުފާނަށް ދެއްކީމާ ވިދާޅުވިޔޭ. ވަޅިޔަކުން ފަޅާލަބަލާށޭ. ފަޅާލީމާ ކަރުގަނޑު ދައްކަވާފައި ވިދާޅުވިޔޭ. ކާންވީ އެއްޗަކީ މިއޮތީ ކަމަށޭ ވާނީ ކޮންމެ އެއްޗެއްގެވެސް އެންމެމޮޅުވާނީ އެންމެ އެތެރޭގައި އޮންނަތަނެއް ވިއްޔާއޭ.ދެން މިކަރުގަނޑު ނަގައިގެން ކުދިކުދިކޮށް ކޮށައިގެން ރާފޮނި އަޅައިގެން ކައްކައިފޫއެވެ. އެދުރު މަނިކުފާނުން މިފަރިއްކުޅުވައިފޫއެވެ. އެރޭ އެދުރުމަނިކުފާނަށް ވީ ގޮތަކީ ނުލާހިކުވަރަށް ބޭރަށްހިންގަވައި ވަޑައިގަތުމެއް އަތުވެއްޖެޔޭ. ދެތިން ދުވަހު ބޭރަށްހިންގާފައި އެދުރު މަނިކުފާނުގެ އާލާސްކަންފުޅު ފަސޭހަވާން ފަށައިފިއެވެ. މިބައިމީހުން އެންމެން ބުނެފޫއޭ. ތިޔަ އެއްޗަކީ ވަރަށްމޮޅު އެއްޗެކޭ. ތިޔައީ ދުޅަބަލީގެ ބޭހެވެ. ދެންމިކަން މިހެން ހިނގިފަހުން އެގަހުގައި އަޅާ އެއްޗަކާ މީހުންނަކު އަޅައެއް ނުލަތެވެ. މިހެން އެތައް ދުވަހެއްވީފަހުން ރަށުގާ ފެންބޮޑުވެ ރަށް ތަދުވެގެން އުޅުނު ދުވަސްވަރެއްގައި މީހުން އެދުރު މަނިކުފާނުގެ އަރިހުގައި ދަންނަވައިފޫއެވެ. މިގަހުން ވެރޭތަކެތި މިތާކު އުޅޭ މުސްކުޅި ދައިތަޔަކު ގެންގޮސްގެން އެގޮތް މިގޮތް ހަދައިގެން ކައިއެބައުޅެޔޭ. އެދައިތާގެ ގޭތެރެ ވަރަށްވެސް ތިޔާގެއެވެ. ދެން އެދުރުމަނިކުފާނު އެދައިތާ ގެންނަވައިގެން އެއްސެވީމާ ދެންނެވިޔޭ. އަޅުގަނޑު އެއްރެޔަކު ފަތިހު ހީކަރުވައިގަނެގެން މިތަންގަނޑެއްގައި އަލިފާންގަނޑެއް ޖަހައިގެން އުޅެނިކޮށް މާމީރު ކާއެއްޗެއްގެ ވަސްދުވާންފެށީމާ ބެލިއިރު އެއީ މިގަހުން ވެއްޓިފައި އޮތް އެއްޗެއް ފިހެވެނީއޭ. އަޅުގަނޑު އޭގެ ރަހަބެލިއިރު ވީ ވަރަށް މީރު ކާއެއްޗަކަށެވެ. ދެން އަޅުގަނޑު އެއްޗެހިތައް ގޭދޮށަށް ގެންގޮސްގެން ފިހެގެން ފެނު ކައްކައިގެން އެގޮތް މިގޮތަށް ކައިއުޅޭތާ ކިތަންމެ ދުވަހެކެވެ.

ދެން އެދައިތާގެ ކިބައިން އެދުރު މަނިކުފާނު ބަނބުކެޔޮ ކެއުމުގެ ގޮތްތައް އައްސަވައި ދަސްފުޅު ކުރައްވައިފިއެވެ. ދެން އެތައް މިތާގައި ބަނބުކެޔޮ ގަސްތައް ހެދި ގިނަވެއްޖެއެވެ. މިހެންވެޔޭ މިބުނީ ޖާހިލުކަމަކީ ބަނބުކެޔޮ ކަރުން ދުޅަބައްޔަށް ބޭސްވެސް ކުރެވޭ ކަމެކެވެ.

ހުސައިން ސަލާހުއްދީން
Leave a Reply

Your email address will not be published. Required fields are marked *

Previous Article

މުސްލިމް ޤައުމެއްގައި ޣައިރު މުސްލިމުންގެ ކައިވެނި ކުރެވިދާނެބާ؟

Next Article

ފުރަތަމަ ފެންނަ އިރު ދޭ މެސެޖް

Related Posts