މުސްލިމް ޤައުމެއްގައި ޣައިރު މުސްލިމުންގެ ކައިވެނި ކުރެވިދާނެބާ؟

މިދޭތެރޭގައި ރާއްޖޭގައި ދިމާވި ޙާދިޘާއަކީ ދުނިޔޭގެ ވަރަށް ގިނަ މީޑިޔާތަކުގައި ރަތް ސުރުޚީއަކުން ފަވާލެވުނު ކަމަކަށް ވެގެން ހިތާމަވެރި ޙާދިޘާއެކެވެ. ރެސޯޓެއްގައި ބޭރުބައެއްގެ ރަމްޒީ ކައިވެނި ކޮށްދިނުމުގައި ބަދްއަޚްލާޤީ ބަސްތަކެއް ދިވެހިބަހުން ބޭނުންކޮށްގެން، ހިންގާފައި އޮތް މުޢާމަލާއެއް ކަމުގައި ވެއެވެ.

މިއީ އިންތިހާއަށް ހިތާމަކުރަންޖެހޭ، އެއްވެސް ބަޔަކު ހިންގައިގެން ވާނޭ ކަމެއް ނޫނެވެ. ޚާއްޞަކޮށް މުސްލިމުންގެ ފަރާތުން މިކަހަލަ ބަދްއަޚްލާޤީ ޢަމަލެއް އެއްވެސް ބަޔަކާމެދު ކޮންގެނެއް ނުވާނެއެވެ.

 ރަމްޒީ ކައިވެނި:

ރިސޯޓުތަކުގައި ހިންގަމުންދާ މިފަދަ ސެރޮމަނީއަށް ކިޔައިއުޅެނީ ރަމްޒީ ކައިވެންޏެވެ. މުސްލިމުންތަކެއް އިސްވެ ތިބެގެން ޣައިރު މުސްލިމުންތަކަކަށް ކޮށްދެނީ ސަގާފީ ކައިވެންޏެއް ސިފަކުރެވޭ ގޮތަށެވެ. އެއްވެސް ރަސްމީ ފަރާތެއްގައި މިފަދަ ކައިވެންޏެއް ރަޖިސްޓްރީއެއް ނުކުރެވެއެވެ. ހަމައެކަނި ޓުވަރިސްޓުން ޙަފްލާއެއްގެ ގޮތުގައި ހަނދާނީ ފޮޓޯތަކެއް ނަގާލުމުގެ ނިޔަތުގައި ބާއްވާ ޙަފްލާއަކަށް ބުނެވެއެވެ.

 ރަމްޒީ ކައިވެންޏާބެހޭ ޤަވާޢިދު:

 މިއަދު މިއޮތީ ސަރުކާރުން ރަސްމީކޮށް ރަމްޒީ ކައިވެނި ކުރާނެ ޤަވާޢިދެއް ހައްދަވައި، ޓުވަރިޒަމް މިނިސްޓްރީން ޤަބޫލުކުރަށްވާ އުޞޫލުތައް ކަނޑައަޅައި، އޭގެ ދަށުން އެޙަފްލާތައް ބޭއްވިދާނެކަމަށް ރިސޯޓުތަކަށް އަންގަވައި އެކަމުގެ ރަސްމީ ހުއްދަ ދެއްވާފައެވެ. ޒަމާނުއްސުރެން މިއަދާ ހަމައަށް ރިސޯޓުތަކުން އެކަން ކުރަމުން އައީ ވަކި ޤަވާޢިދެއްނެތި އެބަޔަކު އެބަޔަކަށް ފެންނަ ގޮތަކަށެވެ.

 މިކަމާމެދު ސުވާލުތަކެއް ރައްޔިތުންގެ ހިތްތަކުގައި ވަނީ އުފެދިފައެވެ. ތަފާތު މީސްމީހުންނާ ސުވާލުކުރެވެމުން އެބަދެއެވެ. އެކިއެކި ޝައިޚުންގެ އަރިހުން ފަތުވާތައް އެބަ ލިބިގަނެއެވެ. މިކަމުގައި އެކި ޝައިޚުން އެކި ފަތުވާ ދެއްވަމުންދާ އަޑުވެސް އެބަ އިވެއެވެ. ކޮންމެ ބަޔަކުވެސް އެބަޔަކަށް ފެންނަ ޚިޔާލާއި ރައުޔު ފައުޅުކުރަމުން މީޑިޔާއާއި ސައިޓުތައް މުއްސަނދި ކޮށްދެމުން އެބަދެއެވެ.

 ދިވެހި ރައްޔިތުން އިސްލާމް ދީންދެކެ ލޯބިވާލެއް ބޮޑުކަން:

މިފަދަ މައްސަލައެއްގައި އެންމެ އުފާކުރަންޖެހޭ ކަމަކީ ދިވެހި ރައްޔިތުން އެމީހުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއް އިސްލާމް ދީނުގެ އަލީގައި ހައްލުކަރަން ބޭނުންވެ، އެދީނުގެ ތަރަހައިގައި އެކަމެއް ގެންދިއުމަށް އެދެމުންދާތީއެވެ. މިމައްސަލާގައިވެސް ދެކެވޭ ހުރިހާ ވާހަކައެއް އެނބުރެމުން، ދައުރުކުރަމުންދަނީ މިބުނެވުނު ދާއިރާގެ ތެރެއިންނެވެ. ޓުވަރިޒަމް މިނިސްޓްރީން ހައްދަވާފައިވާ ޤަވާޢިދަށް ބެލިކަމުގައި ވިއަސް އޭގައި ވެސް ވަނީ މިދެންނެވި އުޞޫލަށް ރިޢާޔަތް ކުރަށްވާފައެވެ. އެޤަވާޢިދުގެ ނަންބަރު 4 ގެ (ރ) އާއި (ބ) އިން މިކަން ބަޔާންކޮށްދެއެވެ.

 ޣައިރު މުސްލިމުންގެ ރަމްޒީ ކައިވެނި ކުރެވިދާނެބާ؟

ދެން އުފެދޭ ސުވާލަކީ، މުސްލިމުންތަކަށް ޣައިރު މުސްލިމުންގެ މިފަދަ ރަމްޒީ ކައިވެންޏެއް އިންތިޒާމުކޮށް ހިންގިދާނެބާއެވެ! މިއީ ދީނީގޮތުން އެކަމަށް ތާއީދުކޮށްދޭ ނުވަތަ ދީން މަނާކޮށްފާނެ ކަމެއްބާއެވެ؟

 މިރަމްޒީ ކައިވެނީގެ ޙަފްލާތަކަކީ ޒަމާނުއްސުރެން ރާއްޖޭގައި ކުރެވެމުންދާ ޙަފްލާތަކަށް ވާއިރު، މިއަކީ ކައިވެނީގެ އުޞޫލުން ސަރުކާރުގައި ރަޖިސްޓްރީ ކުރެވިގެން ހިންގޭ ކަމެއްނޫނެވެ. އަދި ޓުވަރިސްޓުން އެމީހުންގެ ރަށުގައިވެސް މިއީ ކައިވެންޏެއް ކަމަށް ބަލައި ރަޖިސްޓަރީ ނުއެއް ކުރުވައެވެ. އެހެންނާ ކައިވެންޏަކަށް ވާނީ އެތަނެއްގައި އޮންނަ ސަރުކާރެއް ޤަބޫލުކުރާ އުޞޫލަކުން ރަޖިސްޓްރީކުރެވި މުޖްތަމަޢު ޤަބޫލުކުރަމުންދާ ކަމަކެވެ. އެނޫން ގޮތަކަށް ކައިވެންޏެއް ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކުރެވޭ ކަމަކަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ޢާއްމުގޮތެއްގައި ރަސްމީކޮށް ކައިވެނި ކުރެވެނީ ޤާޟީން ނުވަތަ ހުއްދަ ލިބިގެންވާ މައުޒޫނުންގެ ކުރިމަތީގައެވެ. މިއީ ހުރިހާ ޤައުމަކުން މިކަމާމެދު ޢަމަލުކުރަމުންދާ ގޮތެވެ. އެހެންކަމަށްވާނަމަ ވާހަކަ މިދެކެވޭ ރަމްޒީ ކައިވެންޏަކީ މިބުނެވިދިޔަ އުޞޫލުން އެއްވެސް ސަރުކާރެއް ކައިވެންޏެއްގެ ގޮތުގައި ޤަބޫލުކުރާ ކަމެއްނޫނެވެ. މިއިން ދޭހަވަނީ އެމީހުން ކުރަމުންދާ މިކައިވެންޏަކީ ހަމަ ތަމްސީލީ ކައިވެންޏެއް ކަމެވެ. އެއީ ސްޓޭޖް ތަކުގައްޔާއި ފިލްމުތަކުގައި އެކުރާ ކަހަލަ ރަމްޒީ ކައިވެންޏެކެވެ. ނުވަތަ ފޮޓޯ ނަގާލަން ކޮށްލާ ކަމަކޭ ބުނެވިދާނެއެވެ. ފިލްމުތަކުގައި މިއަށްވުރެންވެސް އުދާސްވާންޖެހޭ ކަހަލަ ކަންތައް ފިލްމު ކުޅުމުގެ ގޮތުން ކުރަމުން އެބަދެއެވެ. ހާމާނާއި ފިރްޢައުނާއި ނަމްރޫދާއި އަބްރަހާއާއި އަބޫޖަހްލާއި މިފަދަ މީސްމީހުންގެ ރޯލް އަދާކުރުމާއި އެމީހުންގެ އަޑުން ވާހަކަ ދެއްކުމާއި މިފަދަ އެތައް ކަމެއް ފިލްމީ ދުނިޔޭގައި މުސްލިމުންވެސް ކުރަމުން އެބަދެއެވެ.

 މުސްލިމުން ޣައިރުމުސްލިމުންގެ ކައިވެނިކޮށްދިނުން:

ދެން އުފެދޭ ސުވާލަކީ މިއީ ކައިވެންޏެއް ބާއެވެ! އަދި މިއީ ކައިވެންޏެއްނަމަ ޣައިރު މުސްލިމުންގެ ކައިވެނި ކޮށްދިނުމަކީ މުސްލިމުންނަށް ހުއްދަވެގެންވާނޭ ކަމެއްބާއެވެ! މިފަދަ ސުވާލުތަކެއް ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި އުފެދިއްޖެނަމަ އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުންވެސް އަދި ރައްޔިތުންވެސް އެންމެ ފުރަތަމައިން މިސުވާލު ކުރިމަތިކޮށް ޖަވާބު ހޯދަންޖެހެނީ ކަމާބެހޭގޮތުން ރާއްޖޭގައި އުފެދިފައިއޮތް އިސްލާމީ ފިޤުހު އެކަޑަމީއިންނެވެ. އެތަނުން ބުނަނީ ކީކޭތޯ ބަލައިލުމުގެ ކުރިން، ޢާއްމު މީސްމީހުންވެސް، އަދި ޢިލްމުވެރިންވެސް އަމިއްލަ އަމިއްލައަށް ފަތުވާ ދެއްވައި ޙައްލުކުރަށްވަން މަސައްކަތް ކުރަށްވައިފި ކަމުގައި ވާނަމަ ނޭދެވޭ ނަތީޖާއެއް ނިކުތުމީ ގާތްކަމަކަށް ވެދާނެއެވެ. އެއީ އެކަޑަމީއަކުން ނިކުންނައިރު ނިކުންނާނީ ގިނަބައެއްގެ ރައުޔާއި، ޢާއްމު މަޞްލަޙަތު ތަންދޭގޮތަށް، ސަލަފުގެ ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔާއި ޒަމާނުގެ ތަފާތު ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކަށްވެސް ރިޢާޔަތް ކުރާ ޙާލުގައެވެ. އަމިއްލަ މީހަކު ބުނާއެއްޗެއްގައި މިފަދަ ދިރާސާއެއް ނުކުރެވި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އަމިއްލަ މީހަކު ބުނާނަމަވެސް ބުނަންޖެހޭނީ ވަރަށް ދިރާސާކޮށް ތަޙްޤީޤުކޮށްފައެވެ. މިއަދު މިކަހަލަ މައްސައެއް ތަޙްޤީޤު ކޮށްލުމަކީވެސް މާބު އުނދަގޫކަމެއް ނޫނެވެ. ވަސީލަތްތައް އެހާމެ ފަސޭހައެވެ.

 އަޅުގަނޑުމެން ކޮންމެ މީހަކު ވިސްނައިލި ކަމުގައި ވިއަސް މިކަމާމެދު ވަރަށް ޞަރީޙަކޮށް އެނގޭކަމެއް އެބަ އޮވެއެވެ. އެއީ ކައިވެންޏަކީ ދީނުގެ މުޢާމަލާތުގެ ބައިތަކުގެ ތެރެއިން ބައެކެވެ. އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ވިޔާފާރިއާއި ދޭދޭފަރުދުންގެ މެދުގައި ކުރެވޭ އެގްރީމަންޓުތައް ފަދަ ޢަޤްދެކެވެ. ތެދެކެވެ! މިއިން ކޮންމެ ކަމެއްގައިވެސް އިސްލާމް ދީން އެކަމަކާމެދު ކަނޑައަޅާފައިއޮތް ޝަރުޠުތަކާއި ވާޖިބުތައް ފުރިހަމަ ނުކުރާހާ ހިނދަކު އެކަމެއް ދީނީ ނަޒަރަކުން ޞައްޙައެއް ނުވާނެއެވެ. އެހެންކަމުން ޒިނޭއާއި ބަލިބަލިތަކާއި ފާޙިޝު ޢަމަލުތަކާއި ނަހަލާލު ދަރިން އުފެދުމުގެ ވަބާއިން މުޖްތަމަޢު ސަލާމަތްކޮށް ނަސްލު ޠާހިރު ކުރުމަށްޓަކައި އޮތް ޙައްލަކީ ކައިވެނިކުރުން ކަމަށްވާއިރު އިސްލާމް ދީން މިކަމުގައި ޝަރުޠުކުރާ އުޞޫލުތައް ފުރިހަމަވެގެންނޫނީ އެއީ ކައިވެންޏެއް ކަމުގައި އިސްލާމް ދީން ނުދެކޭނެއެވެ.

 އިސްލާމީ ނަޒަރަކުން ކައިވެނީގެ އުޞޫލުތައް:

މިމައްސަލާގައި ހަމަ ގައިމު އިސްލާމީ އުޞޫލުން ނެރެފައިވާ ޙުކުމްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް އުޞޫލުތަކަކީ:

1- މުސްލިމު ފިރިހެނަކު ޣައިރު މުސްލިމް އަންހެނުންގެ ތެރެއިން ފޮތުގެ އަހުލުވެރިންގެ އަންހެނަކާއި ކައިވެނި ކުރުމީ ހުއްދަ ކަމެއްކަން. މިކަން ސާބިތުވަނީ ޤުރުއާނާއި ސުއްނަތާއި ދަންނަބޭކަލުންގެ އިޖްމާޢުންނެވެ.

2- ޣައިރު މުސްލިމް ދެމަފިރިންގެ ތެރެއިން މީހަކު އިސްލާމް ވެއްޖެ ނަމަ އެދެމީހުން ވަރިވާނެކަން. އަދި މުސްލިމް ދެމަފިރިންގެ ތެރެއިން މީހަކު މުރުތައްދު ވެއްޖެނަމަވެސް އެދެމީހުން ވަރިވާނެކަމާއި ، އިއްދައިގެ ތެރޭގައި އަލުން ދީނަށް ވަދެފިނަމަ ކައިވެނި ރުޖޫޢަވާނެކަން. މިކަން ސާބިތުވަނީ ސުއްނަތުންނާއި އިޖްމާޢުންނެވެ.

3- ޣައިރު މުސްލިމް ދެމަފިރިއަކު އެކުއެކީ އިސްލާމް ވެއްޖެނަމަ އެދެމީހުންގެ ކައިވެނި ނުރޫޅޭނެކަން. އެހެންކަމުން އަލުން ކައިވެނި އިޢާދަ ކުރާކަށް ނުވަތަ އާކުރާކަށް ވެސް ނުޖެހޭނެއެވެ. މިއީ ޢިލްމުރިންގެ އިޖްތިހާދުން ނެރުއްވާފައިވާ ޙުކުމެކެވެ. އަދި ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔެވެ. ބައެއް ބޭކަލުން މިއީ އިޖްމާޢެއް ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

4- ހުރިހާ ދީންތަކާއި މުޖުތަމަޢުތަކުގައި މިކުރެވެމުންދާ ކައިވެންޏަކީ އިސްލާމް ދީން އެބައެއްގެ މެދުގައި ޤަބޫލުކުރާ ކައިވެނިކަން. މުސްލިމުން ކައިވެނި ކުރުމުން ދަމެފިރިންގެ ގޮތުގައި ޤަބޫލުވެވޭ ފަދައިން ޣައިމުސްލިމް ބަޔަކު ކައިވެނި ކުރިކަމުގައި ވިއަސް އެކައިވެންޏެއް އިސްލާމް ދީން ޤަބޫލުކުރެއެވެ. އަދި އެކައިވެނީގެ ދަށުން މިއެންމެނަށް ލިބޭ ދަރިންނަކީ ޙަލާލު ދަރިންނެވެ.

5- ހުރިހާ ދީނެއް ދެކޭގޮތުގައިވެސް މިއީ ސީދާ ދީނީ އަޅުކަމެއް ނޫނެވެ. އެހެންކަމުން މީގައި ދީނީ ވަކި ޚާއްޞަކަމެއް ކުރުމަށް މަޖްބޫރު ކޮށްފައި ނޯވެއެވެ. އެމުޖްތަމަޢެއްގެ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން، އެދީނަކުން ކަނޑައަޅާ ޝަރުޠުތަކަކާއި ވާޖިބުތަކެއް އެބައޮވެއެވެ. އެޝަރުޠުތަކާއި ވާޖިބުތައް ހަމަވުމުން ކައިވެނި ކުރެވުނީއެވެ. އަދި މިއީ އެއްވެސް ދީނެއްގައި މިސްކިތާއި ފައްޅިއާއި ޗާޗުފަދަ އެއްވެސް ދީނީ އަޅުކަންކުރާ ގެއެއްގައި ކުރުމަށް ޝަރުޠުކޮށް އެތަންތާގައި ކުރުމަށް އަންގަވާފައިވާ ކަމެއްވެސް ނޫނެވެ. އަދި އެއިންތަނެއްގައި ކުރަމީ މައްސަލައެއް އޮތްކަމެއްވެސް ނޫންމެއެވެ.

6- އިސްލާމް ދީނުގައި ކައިވެނީގައި ޝަރުޠުތަކެއް ނުވަތަ ވާޖިބުތަކެއް އެބައޮވެއެވެ. އަދި މިޝަރުޠުތަކުގައިވެސް ކޮންމެވެސް ވަރެއްގެ ރައުޔުގެ ތަފާތުވުމެއް ޢިލްމުވެރިންގެ މެދުގައި އޮންނަކަން ދަންނަން އެބަޖެހެއެވެ. ކަމެއްގައި ޢިލްމުވެރިންގެ ރައުޔު ތަފާތުވުމީ އެކަމުގައި ޒަމާނަށާއި ތަނަށް އަންނަ ބަދަލަކާ ގުޅިގެން އެއިރަކާ ގުޅޭގޮތަކަށް ފަތުވާ ދެވިދާނެ ކަމެއްކަމުގައި އަދުގެ މުޙައްޤިޤުން ވަނީ ވިދާޅުވެފައެވެ. އަދި ކުރީގައި ބުނެވުނު ޝަރުޠުގެ ތެރެއިންވެސް ކައިވެނި ޞައްޙަވުމަށްޓަކައި އޮންނަނީ މައިގަނޑު ތިން ޝަރުޠެކެވެ. އެއީ: ކައިވެނި ކުރާ ދެފަރާތުން ރުހިޤަބޫލުވުމާއި ހެކިން ބެއިތިއްބުމާއި ވަލީވެރިޔާ ވަލީދީން ޢަޤްދުކޮށްދިނުމެވެ.

7- މިބުނެވުނު ކައިވެނީގެ ޝަރުޠުތަކުގެ ތެރެއިން މުހިއްމު ބައެއް ޝަރުޠުތަކަކީ: ވަލީވެރިޔާ ވަލީދިނުން، ކައިވެނިކުރުމަށް ފިރިހެނަކާއި އަންހެނަކު ހުރުން، ރަންކިއުން، ދެފަރާތުން ރުހުމުގެ ބަސްބުނުން، ދެމީހުންގެ ދެމެދުގައި ކުފޫ ހަމަވުން. މިއެވެ.

8- އަދި މިބުނެވުނު ޝަރުޠުތަކުގެ ތެރެއިން:

(ހ) ވަލީދިނުމާ މެދު ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައި ވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ސުއްނަތެއް ކަމަށެވެ. އަނެއް ބައި ބޭކަލުން ވިދާޅުވަނީ އެއީ ޝަރުޠެއް ކަމަށެވެ. މިގޮތަށް ވަލީވެރިޔާ ވަލީދިނުމުގައި މީހަކާ އިނދެފައި އިން އަންހެނެއްގެ މައްޗަކަށް ވަލީ ލާޒިމު ނޫންކަމަށާއި އޭނާ އަމިއްލައަށް ވަލީވެރިއެއްގެ އިޛްނައަކާ ނުލައި ކައިވެނި ކުރެވިދާނެ ކަމަށް ދީނުގެ ހުރިހާ ޢިލްމުވެރިން ވަނީ އިއްތިފާޤު ވެފައެވެ.

(ށ) ހަމަ އެހެންމެ ރަންދިނުމާ ބެހޭގޮތުން ވެސް އެބޭކަލުންގެ މެދުގައި ރައުޔުވަނީ ތަފާތު ވެފައެވެ. ބައެއް ބޭކަލުން އެއީ ޝަރުޠެއް ކަމުގައި ވިދާޅުވާއިރު އަނެއް ބައި ބޭކަލުން ވިދާޅުވަނީ އެއީ، ފަރުޟެއް ކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވާޖިބެކޭވެސް ވިދާޅުވެފައި ވެއެވެ.

(ނ) ދެފަރާތް ޤަބޫލުވާ ކަމުގެ ބަސް ބުނުމުގައި ބައެއް ބޭކަލުން ވިދާޅުވަނީ ދެމީހުންގެ ރުހުމުގެ ބަސް ބުނަންޖެހޭނެ ކަމަށެވެ. އަނެއް ބައި ބޭކަލުން ވިދާޅުވަނީ އަންހެނާ ރަންކިއުމުން ބަސް ބުނެވުނީ ކަމަށާއި ދެން ރުހުމުގެ ބަސް ބުނަންޖެހޭނީ ހަމައެކަނި ފިރިހެން މީހާ ކަމަށެވެ. ގިނަ ޢިލްމުވެރިންގެ ރައުޔަކީ ވަލީވެރިޔާ ވަލީދީ ތިމަންނަ ކައިވެނި ކޮށްދީފީމޭ ބުނަންޖެހޭނެ ކަމަށެވެ.

(ރ) ކުފޫ ހަމަވުމުގެ މާނައެއް ކަމުގައި ޢިލްމުވެރިން ވިދާޅުވަނީ އެއީ މައިގަނޑު ދެކަމެއް ކަމަށެވެ. ފުރަތަމަ ކަމަކީ ދީން އެއްގޮތްވުމެވެ. ދެވަނަ ކަމަކީ ޢިއްފަތްތެރިވުމެވެ. އެބަހީ ޒިނޭއިން ސަލާމަތް ވެފައިހުރި މީހަކަށް ވުމެވެ.

(ބ) މިތާގައި ދީން އެއްގޮތްވުމުގެ މާނައަކީ ދެމެފިރިންވެސް އެއްދީނެއްގެ އަހުލުވެރިން ކަމުގައި ވުމެވެ. މިވާހަކަ ޙަނަފީ މަޛްހަބުގެ މަޝްހޫރު އިމާމެއް ކަމުގައިވާ އަލްއިމާމު ޝަމްސުއްދީން ސަރަޚްސީ އެކަލޭގެފާނުންގެ ފޮތް، އަލްމަބްސޫޠުގެ بَابُ نِكَاحِ أَهْلِ الذِّمَّةِ (މުސްލިމު ޤައުމެއްގައި މުވާޠިނުންގެ ގޮތުގައި ދިރިއުޅޭ ޣައިރު މުސްލިމުން ކައިވެނި ކުރުމުގެ ބާބު) މިބާބުގައި ވަރަށް ތަފްޞީލުކޮށް ލިއުއްވާފައި ވެއެވެ.

އެއްތަނެއްގައި އެކަލޭގެފާނު މިފަދައިން ލިއުއްވާފައި ވެއެވެ. اِعْلَمْ أَنَّ كُلَّ نِكَاحٍ يَجُوزُ فِيمَا بَيْنَ الْمُسْلِمِينَ فَهُوَ جَائِزٌ فِيمَا بَيْنَ أَهْلِ الذِّمَّةِ ِلأَنَّهُمْ يَعْتَقِدُونَ جَوَازَهُ وَنَحْنُ نَعْتَقِدُ ذَلِكَ فِي حَقِّهِمْ أَيْضًا فَإِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ بُعِثْتُ إِلَى اْلأَحْمَرَ وَاْلأَسْوَدَ وَخِطَابُ الْوَاحِدِ خِطَابُ الْجَمَاعَةِ فَمَا تَوَافَقْنَا فِي إِعْتِقَادِهِ يَكُونَ ثَابِتًا فِي حَقِّهِمْ މާނައީ: ދަންނާށެވެ! މުސްލިމުންގެ މެދުގައި ހުއްދަގޮތުގައި ކުރެވޭ ކޮންމެ ކައިވެންޏަކީ ޣައިރު މުސްލިމުން ކުރުމުންވެސް ހުއްދަކަމުގައި ބެލެވޭނެ ކައިވެންޏެވެ. އެހެނީ އެއުރެން ވެސް މިކުރެވޭ ކައިވެނި ހުއްދަކަމެއް ކަމުގައި ދެކޭ ފަދައިން އަހަރެމެންވެސް މިއީ ހުއްދަކަމެއް ކަމުގައި އެބަ ދެކެމެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. މާތް ﷲ ތިމަން ރަސޫލާ ފޮނުއްވާފައިވަނީ ދޮންމީހާއާއި ކަޅުމީހާއާއި ދެމީހުންގެ ގާތަށެވެ. މިތާގައި މުފްރަދްކޮށް މިއޮތް އޮތުމުން މުރާދުކޮށްދެނީ ހަމައެކަނި މިވެނި މީހަކަށް ނޫންކަމެވެ. މުޅި ޖަމާޢަތަށްކަމެވެ. އެހެންކަމުން އެމީހުންގެ އިޢުތިޤާދު އެއީ ޞައްޙަކަމެއްކަމަށް ބެލެވޭ ކޮންމެ ކަމެއް އަހަރެމެންގެ އުޞޫލާ އެއްގޮތްވާހައި ހިނދަކު އަހަރެމެން ދެކެންޖެހޭނީ އެމީހުންގެ ޙައްޤުގައި އެއީ ސާބިތު ގޮތެއް ކަމުގައެވެ. މިއެވެ.

 އަދިވެސް އިމާމު ސަރަޚްސީ އެކަލޭގެފާނުންގެ ފޮތުގައި އިމާމު ޝާފިޢީގެ މަޝްހޫރު ދަރިވަރެއް ކަމުގައިވާ އަދި އެމަޛްހަބުގެ އެންމެ އިސް އެއްތަނބު ކަމުގައިވާ އިމާމު ޒުފަރުގެ ބަސްފުޅު މިފަދައިން ނަގުލު ކުރަށްވާފައި ވެއެވެ. وَقَالَ زُفَرُ رَحِمَهُ اللَّهُ تَعَالَى لاَ يَتَعَرَّضُ لَهُمْ فِي ذَلِكَ إِلاَّ أَنْ يُسْلِمُوا أَوْ يَتَرَافَعُوا إِلَيْنَا فَحِينَئِذٍ يُفَرِّقُ الْقَاضِى بَيْنَهُمْ لِقَوْلِهِ تَعَالَى وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلاَ تَتَّبِعْ أَهْوَاءَهُمْ ، وَِلأَنَّهُمْ بِعَقْدِ الذِّمَّةِ صَارُوا مِنَّا دَارًا وَالْتَزَمُوا أَحْكَامَ اْلإِسْلاَمِ فِيمَا يَرْجِعُ

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ދައްޔޫޘުންގެ މައްޗަށް ސުވަރުގެ ވަނީ ހަރާމްކުރައްވާފައި

Next Article

ޖާހިލު ކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަ ބައްޔަށް ބޭސްކުރާންވެސް ޖެހިދާ ކަމެކޭ

Related Posts