މައްކާގެ މާތްވެގެންވާ ޙަރަމްފުޅުގައި ކަޢުބަތުﷲ ގެފުޅުގެ ކައިރީގައި ޠަވާފުކުރަމުންދިޔަ މީހެކެވެ. އޭނާ ﷲސުބުޙާނަހޫ ވަތަޢާލާއަށް ދުޢާ ކުރަމުން ދިޔައެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާގެ ފާފަ ފުއްސަވައި މިއަޅާއަށް ހެޔޮރަޙުމަތް ލައްވާށިއެވެ. މިފަދައިން ދުޢާކުރަމުން ޠަވާފުކުރަމުން ދަނިކޮށް އަވިގަދަކަމުން މިބޭބެ އަނބުރައިގަނެއްޖެއެވެ.
ދެން މިބޭބެ ވާތްފަރާތަށް ނަޒަރު ހިންގާލިއެވެ. ކޮޓަރީގެ ދޮރުފޮތި ތަކާއި މިބޭބެ އޮތް އެނދުގެ ބެޑްޝީޓުތަކާއި އަދި އެނދުވެސްވަނީ މުޅިން ހުދުކުލައިންނެވެ. މިބޭބެ ހައިރާންވެ އަންތަރީސްވެއްޖެއެވެ. އަދި ދުވަމުން ދިޔަ ވަސްވެސް މިބޭބެއަށް ވީ ވަރަށް މީރުވަހަކަށެވެ. ތަވާފުކުރަން ހުއްޓާ ހޭ ނެތުމަށްފަހު ދެން މިހޭލެވުނީ ހުދުކުލައިގެ ބޮޑު ގަނޑުވަރެއްގައި އޮއްވައެވެ.
މިބޭބެ ހީކުރީ މިއޮވެވުނީ ސުވަރުގޭގައި ކަމަށެވެ. މިބޭބެއަށް ވީ އުފަލުން ބުނާނެ ބަހެއްވެސް ނޭންގުނެވެ.
މިބޭބެ ގޮވަން ފެށިއެވެ. ” ﷲ އަކުބަރު. ﷲ ގެ ވަޢުދުފުޅަކީ ހައްޤު ބަސްފުޅުކަމަށް އަހަރެން ހެކިވަން.. އަލްޖަންނަތް، އަލްޖަންނަތް”
ދެން މިބޭބެ ކަނާތް ފަރާތަށް ބަލައިލިއިރު ޕިލިޕީންސުގެ ފަސް ނަރުހުން ތިއްބެވެ. މިހުރިހާ ނަރުހުންވެސް ތިބީ ހުދުކުލައިގެ ހެދުން ލައިގެންނެވެ. މިބޭބެއަށް ދޮންބަޔަކު ހުދުކުލައިގެ ހެދުންލައިގެން ތިބިތަން ފެނުމުން ހީކުރީ މިއީ ޙޫރުލްޢީނުން ކަމަށެވެ.
ދެން މިބޭބެ އަނެއްކާ ގޮވަން ފެށިއެވެ. ” ﷲ އަކުބަރު. ޙޫރުލް އީނުން. ޙޫރުލް ޢީނުން. މިތިބީ ޙޫރުލް ޢީނުން.”
ނަރުހުންނަށް މިބޭބެ ކިޔާ އެއްޗެއް ނޭންގުމުން ނަރުހުން ހީކުރީ މިބޭބެ މޮޔަވެފައި ހުރީ ކަމަށެވެ.
ދެން މިބޭބެ ގައިގެ މަތީގައި އޮތް ބެޑްޝީޓު ނެގުމަށްފަހު ނަރުހުންނާއި ދިމާއަށް ދާން އުޅެން ފެށުމުން ނަރުހުންތައް މިބޭބެ މައިތިރިކުރަން ގާތްވަމުން ދިޔައެވެ.
އެވަގުތު މިބޭބެ ބުނަމުން ދިޔައެވެ. ” ފަހަރަކު މީހަކު. ފަހަރަކު މީހަކު”
މިބޭބެ ހީކުރީ ސުވަރުގޭގެ ޙޫރުލް އީނުންތައް މިބޭބެގާތައް އަންނަން ފެށީ ކަމަށެވެ.
ނިމުނީ