ކިޔަވައި ދިނުމުގެ ބޭނުމަކީ ނޭންގޭ ބަޔަކަށް އެއްޗެއް އޮޅުން ފިލުވާދިނުމެވެ. އެހެންކަމުން ހަމައެކަނި މުދައްރިސަކު ކްލާހަށް އައިސް ލެކްޗަރ ދިނުމަކުން ކުދިންނަށް އެއްޗެއް އެނގުނު ކަމަކަށްނުވާނެއެވެ. އަދި މުދައްރިސަކު ހުސްގަޑި ފުރާލުމަށް ކްލާހަށް އައިސް ކިޔަވައި ދިނަކަސް ކިޔަވައިދިނުމުގެ މަގްސަދު ހާސިލްވީ ކަމަކަށް ނުވާނެއެވެ.
ކިޔަވައި ދިނުމުގެ މަގްސަދު ހާސިލްވާނީ ކިޔަވައިދެވޭ އެއްޗެއް ދަރިވަރުންނަށް ފަހުމް ވުމުންނެވެ. ކިޔަވައިދޭ އެއްޗެއްގެ ބޭނުން ކުރަން ދަރިވަރުންނަށް އެނގިގެންނެވެ. މިގޮތުން ދަރިވަރުންނަށް ކިޔަވައި ދޭ އެއްޗެއް ފަހުމްވާނީ އެ ފިލާވަޅަކަށް ދަރިވަރުންގެ ސަމާލުވެ ޝައުގުވެރި ކުރެވިގެންނެވެ. ފިލާވަޅަށް ކުދިން ޝައުގުވެރިވާނެ ފަދަ އުކުޅުތައް މުދައްރިސަށް އެނގިފައި ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކިޔަވައި ދިނުމުގެ ތަފާތު ޓެކްނިކްސްތަކާއި ތަފާތު ސްޓްރެޓެޖީތައް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ކުދިން އެފިލާވަޅަކަށް އަހައްމިއްޔަތުކަންދޭނެ ކަމެކެވެ. ގިނަކުދިންނަކީ ކަންކަން އަމިއްލަޔަށް ތަޖުރިބާކުރަން ބޭޏުންވާނެ ކުދިންނަށް ވާއިރު ކުދިން ލައްވާ ފިލާވަޅާގުޅޭ މަސައްކަތްތައް ކުރުވައިގެން ފިލާވަޅު ކުރިއަށް ގެންދިއުން ވަރަށް މުހިއްމެވެ. އާއްމުކޮށް ހަރަކާތްތެރިވެ އުޅެން ބޭނުންވާ ކުދިން ގިނަ ކްލާހެއްގައިނަމަ ގިނަ އެކްޓިވިޓީތައް ހަވާލުކޮށްގެން ކިޔވައި ދިނުން ވަރަށް މުހިއްމެވެ. ސްޓްރެޓެޖީއެއް ކަނޑައަޅާއިރުވެސް ކްލާހުގެ ކުދިންނަށް އެކަށީގެންވާ ރަނގަޅު ސްޓްރެޓެޖީއެއް ބޭނުން ކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ.
ކިޔަވައިދިނުމުގައި ތަފާތު ޓެކްނިކްސްތައް ބޭނުން ކުރުމަކީ ގިނަކުދިން އެ ފިލާވަޅަކަށް ގަޔާވާނެކަމެކެވެ. މިސާލަކަށް އެ ފިލާވަޅަކާ ގުޅޭ ގޮތުން ވީޑިޔޯއެއް ދައްކާލުން ނުވަތަ އޯޑިޔޯއެއް އަޑު އިއްވާލުމަކީ ކުދިންގެ ޝައުގުވެރިކަން އަންނާނެ ކަމަކެވެ.
ހަމައެހެންމެ މުދައްރިސް ކުލާހަށްވަދެ ކިޔަވައިދެން ފެއްޓުމުގެ ކުރިން ފިލާވަޅުގެ މައުޟޫއު ނުބުނެ ފިލާވަޅާގުޅޭ ވާހަކައެއް ކިޔައިދެވިދާނެއެވެ. ހަމައެހެންމެ ކިޔަވައިދެމުންދާއިރު ފިލާވަޅުގެ އެކި ހިސާބުން ސުވާލުކޮށްލާ ހެދިދާނެއެވެ. ފިލާވަޅު ނިންމުމަށްފަހު ކުދިން ގްރޫޕު ގުރޫޕަށް ބެހުމަށްފަހު ކުދިން ލައްވާ މަސައްކަތެއް ހަވާލު ކުރުން ވަރަށް މުހިއްމެވެ. އޭރަށް ކުދިންނަށް އެފިލާވަޅުގައި ތަޖުރިބާކޮށްލަން ލިބުމުން އެފިލާވަޅެއް ސިކުނޑީގައި ހަރުލާފައި ހުންނާނެއެވެ. ހަމައެހެންމެ ކުދިންނަށް ފިލާވަޅުން ދަސްވި މިންވަރެއް ބެލުމަށްޓަކައިވެސް ފަހަރަކު ކުއްޖަކާ ސުވާލުކޮށްލުން ވަރަށް މުހިއްމެވެ. މިގޮތަށް ސުވާލު ކުރުމުގައިވެސް ފަހަރަކު ކުއްޖަކު އަތް ހިއްލާލާފައި ޖަވާބުދިނުމަށް، ސުވާލުކުރުމަށް ފަހު މުދައްރިސް ކުދިންނަށް ބުނެދިނުން ވަރަށް މުހިއްމެވެ.
މިފަދަ ޓެކްނިކްސްތަކާއި ސްޓްރެޓެޖީ ބޭނުން ކުރާނަމަ އެ މުދައްރިސެއްގެ ކިބައިން އުނގެނޭ ދަރިވަރުންނަކީ ކާމިޔާބު ދަރިވަރުންނަށް ވާނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.